Wednesday, March 23, 2011

ބޮޑުތަކުރުފާނުގެ ގަނޑުވަރުގައި އަޅުގަނޑު

ބޮޑުތަކުރުފާނުގެ ގަނޑުވަރުގައި އަޅުގަނޑު

ފޮތްތަކާއި ލިލިޔުންތަކުން ކިތަންމެވަރަށް ކިޔަސް އަދި ވީޑިއޯތަކާއި ފޮޓޯތަކުން ކިތަންމެ ވަރަކަށް ބެއްޔަސް އުތީމުގަނޑުވަރަށް ޒިއާރަތްކުރުމުން އެލިބުނު ހިތްހަމަޖެހުމާއި އުފަލެއް ނުލިބެއެވެ.

ޢަބްދުﷲ ސަޢީދު

ދިވެހިރާއްޖޭގައި އަޅުގަނޑު އެތަނަކަށް ޒިއާރަތް ކުރުމަށް އެންމެ ބޭނުންވެފައިވާ އެއްތަނަކީ ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ގަނޑުވަރެވެ. އެންމެ ކުޑައިރުއްސުރެވެސް ކުރަމުންއައި އެއުންމީދު ހާސިލުވީ އަޅުގަނޑުގެ އުމުރުން 37 އަހަރު ފާއިތުވިފަހުންނެވެ. 2011 ޖެނުއަރީ 30 ވަނަ ދުވަހަކީ އަޅުގަނޑަށް ފުރަތަމަ އުތީމަށް ދެވުނު ދުވަހެވެ. އުޑުމަތި ސާފު އަވިގަދަ ދުވަހެކެވެ. އުތީމުގެ އަތިރިމަތީގެ ހިމުން ދޮންވެލިގަނޑުގައި ފައިތިލަ ޖެހުމާއެކު ފުރަތަމަވެސް މިސްރާބު ޖެހީ އުތީމު ގަނޑުވަރާ ދިމާލަށެވެ.

އުތީމު ކާނިގަސް

ގަނޑުވަރަށް ދިއުމަށް ދިޔަ މަގުމަތީގައި ބޮޑު ކާނިގަހެއް ހުއްޓެވެ. މިއީ އެގަހަކުން ދަރު ޖައްސައިގެން ކައްކާ ބަތްތަވާ ދުންގަނެކަމަށް ކިޔާ އުތީމުގެ މަޝްހޫރު ކާނިގަހެވެ. މިގަސްކައިރީގައި ބަހައްޓާފައިހުރި ބޯޑުގައި ވާގޮތުން މިގަހަކީ ބޮޑުތަކުރުފާނުގެ ޒުވާން ދުވަސްވަރު ފޭރާން ވިޔުއްވުމަށް ހަރުޖެއްސެވި އެއްކަޑަ ރޯވެގެން ހެދިފައިވާ ގަހެއްކަމަށް ބުނެވެއެވެ. އެހެންކަމުން މިގަހުގެ އުމުރުން މިހާރު 471 އަހަރުވަރު ވެދާނެއެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު

ކާނިގަސް ފަސްދިންއިރު ބޮޑުތަކުރުފާނުގެ ގަނޑުވަރު އެހެރީ ފެންނާށެވެ. ބޮޑުތަކުރުފާނުގެ ގަނޑުވަރަށް ވަނުމަށްޓަކައި ޓިކެޓް ގަންނަންޖެހެނީ ކައިރީގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީމަރުކަޒުންނެވެ. އެތަނުގައި ތާރީޚީ ލައިބްރަރީއެއް ހުއްޓެވެ. އެލައިބްރަރީގައި އާސާރީ ބައެއް ސާމާނުވެސް ބަހައްޓާފައިހުއްޓެވެ. ޓިކެޓް ގަނެގެންގޮސް ދެއްކުމުން ޓިކެޓް ކެނޑުމަށްފަހު ގަނޑުވަރުގެ ގޯތިތެރެއަށް ވައްދައިފިއެވެ. ގަނޑުވަރުގެ ގޯތިތެރެއަށް ވެއްދީ ބޫޓު ބާލުވާ ހުސްފައިގައެވެ. މަގުފާރުން އެތެރެއަށް ވަދެވުމުން ކުރިމަތިން ފެންނަންހުރި ތަންތަން ފުންކޮށް ނަޒަރު ހިންގާލީމެވެ. ކުރިންވެސް ފޮޓޯއާއި ވީޑިއޯ ފެނިފައިވާތީ އެއީ ކޮންތަންތަނެއްކަން ކޮންމެވެސް ވަރަކަށް އެނގުނެވެ. ކަނާތްފަރާތުގައި އަށިގެކޮޅެވެ. އަށިގެކޮޅު ކުރިމަތީގައި ގެއްލިވަޅުކޮޅެވެ. ކުރިމަތިން ފެންނަން އެހެރީ ބޮޑުގެކޮޅާއި މަރިޔާދުގެކޮޅެވެ. އެތަންތަނާބެހޭގޮތުން މަޢުލޫމާތު ދެއްވީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ގައިޑް ޢަލީ ޙާފިޒެވެ. އުތީމު ގަނޑުވަރާބެހޭގޮތުން ޖަވާބު ނުލިބޭ އެންމެ ސުވާލެއްވެސް ނުކުރެވުނެވެ.

ރާއްޖޭގައިހުރި އެންމެ ގިނަދުވަސްވީގެ

ގަނޑުވަރުގެ އެތެރެ ދައްކާލުމުގެ ދަތުރު ފެށުނީ ކުރިމަތިން ވާތްފަރާތުން ފެންނަންހުރި "ބޮޑުގެކޮޅު" ންނެވެ. އެއީ ބޮޑުތަކުރުފާނުގެ ބައްޕާފުޅު ޙުސައިން ޚަތީބު ތަކުރުފާނުންގެ ގެކޮޅެވެ. މިއީ އުތީމު ތިންބެއިންކަމަށްވާ ޢަލީ ތަކުރުފާނާއި، މުޙައްމަދު ތަކުރުފާނާއި، ޙަސަން ތަކުރުފާނުގެ އިތުރުން އެބޭފުޅުންގެ ދައިތާ ކަމަނާ، ފާޠިމާފާނު އުޅުއްވާ ބޮޑުފުޅުވި ގެކޮޅެވެ. މިއީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގެއެވެ. "ގެކޮޅުގެ ފުރާޅު ތިރިކަމަށްޓަކައި ސަމާލުވެ ލައްވާތި. ފަހަރުގައި ބޯޖެހުމަކީ އެކަށީގެންވާކަމެއް. އެއްވެސް އެއްޗެއްގައި އަތްލައްވާ އަދި އެއްވެސް ތަނެއްގައި އިށީންދެވަޑައިގެން ހައްދަވައިގެން ނުވާނެ" އަޅުގަނޑު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. " މިގެކޮޅަކީ މީލާދީ ސަނަތުން 1512 އާއި 1528 އާ ދެމެދު ޢިމާރާތް ކުރެވުނު ގެކޮޅެއްމީ " ޢަލީ ޙާފިޒު ބުނުއްވިއެވެ. ބޮޑުގެކޮޅުގައިހުރި އެއްޗެތީގެ ތެރޭގައި ހަތް ހުޅުކޮޅު ދިއްލޭ ވޮއްކޮޅާއި ބޮޑުތަކުރުފާނު ޖިޒީއައިގެން ވަޑައިގެންނެވިއިރު ގެންދެވި ނާލުފޮށިކޮޅާއި ބޭރުގޭތެރޭ އުނދޯލިދާންކޮޅާއި ކުޑައަށިކޮޅާއި ކޮޅުފިލާގޮޑިކޮޅު ފާހަގަކުރެވުނެވެ.

ޕިންހޯލް ކެމެރާ

ބޮޑުގެކޮޅުގެ އެތެރިގޭތެރޭގައި ހުންނަ އުދޯލިދާންކޮޅާ ހަމައަށް ދެވިއްޖެއެވެ. މިއީ ބޮޑުތަކުރުފާނުގެ ގަނޑުވަރުގައި ހުންނަ އަމިއްލައަށް ހެއްލޭ ކަމަށްބުނާ އުދޯލިދޯންކޮޅެވެ. މިހާރުވެސް ހެއްލޭގޮތަށްހުރި މި އުނދޯލިދާންކޮޅެއް މިހާރަކު އަމިއްލަކަށް ނުހެއްލެއެވެ. " މިއީ ބޮޑުތަކުރުފާނާއި ބާރަށު ބޯށިވަލު ބުޅާފާތުމާގެ ރެހެންދި ( ފަހުން އައިމިނާ ރަނިކިލެފެފާނު) އަށް ލިބިވަޑައިގެންނެވި އިބްރާހިމް ކަލާފާނު ތުއްތުޕުޅުއިރު އަވަހާރަ ލެއްޕެވުމަށާއި މަސަލަސް ކުރެއްވުމަށް ބޭނުންކުރެއްވި އުނދޯލިދާންކޮޅު" އެހެން ބުނެފައި މަތީގައި ހަރުކޮށްފައިހުރި ބޮކި ނިއްވާލިއެވެ. އެވަގުތު އުނދޯލި ދާންކޮޅުގެ ބިއްދޮށްފަރާތުގައި ދަމާފައިހުރި ހުދުކުލައިގެ ފޮތިގަނޑަށް ކުލަ މަންޒަރެއް އެޅިގެން ދިޔައެވެ. އެއީ ބޮޑުތަކުރުފާނުގެ ގަނޑުވަރުގައި މިހާރު އެންމެ މަޝްހޫރު އަދި އެންމެ ގިނަބައެއްގެ ސަމާލުކަން ލިބިފައިވާ ޕިންހޯލް ކެމެރާގެ މަންޒަރެވެ. ގާތްގަޑަކަށް ސާޅިހަކަށް ފޫޓުގެ މަންޒަރު ކަވަރުކުރެއެވެ. މަންޒަރު ފެންނަނީ ކުލަކޮށެވެ. އެހެންނަމަވެސް އެކޮޅު ކޮޅުންނެވެ. އުދޯލިދާންކޮޅުގެ ބިއްކޮށުގެ ލަކުޑި ބިތުގައި ހުރި ލޯވަޅަކުން މަންޒަރު އެތެރެއަށް ވަންނަނީއެވެ. އެލޯވަޅު ހުރިގޮތުން ހީވަނީ އެއީ ލަކުޑިގަނޑުގެ ގޮށެއް ނެއްޓިފައިވާ ތަނެއްހެންނެވެ. މީހަކު ގަނޑުވަރުގެ ދެކުނު ފަރާތުން ބޭރަށް ފޮނުވައިގެން ހިންގުވައިގެން ބެލީމެވެ. ލައިވްކޮށް މަންޒަރު ފެންނަމުންދިޔައެވެ. އެއީ މިޒަމާނުގެ ސީސީޓީވީ ސިސްޓަމާ އެއްގޮތް ނިޒާމެކެވެ. އެލޯވަޅަށް އިނގިލި ލައިގެންވެސް ބެލީމެވެ. "ގަނޑުވަރުގެ އެތެރޭގައި ތިއްބަވައިގެން ގަނޑުވަރުގެ ބޭރުގައި ހިނގާ ކަންތައްތައް ބެލުމަށް ހައްދަވާފައިވާ ގޮތެއްކަމެއް ނޫނީ އިއްތިފާޤުން ވެފައިހުރި ގޮތެއްކަމެއް ނޭނގެ" ޢަލީ ހާފިޒު ބުނުއްވިއެވެ.

ބަދިގެކޮޅު

ބޮޑުތަކުރުފާނުގެ ގަނޑުވަރުގެ ބޮޑުގެކޮޅުން ދެކުނަށް ނިކުމެވުނުއިރު އެތަނުގައިހުރީ އެބޭފުޅުންގެ ކޮށާރުކޮޅުހުރިތަނުގައި ފަހުން ހަދާފައިވާ ގުދަނަކާއި ބަދީގޭގެ ގާފޮޅާއި ފެން ވަޅެކެވެ.

ނުހުޅުވޭ ދޮރުކޮޅު

ގަނޑުވަރުގެ ދެކުނުފަރާތަށް ނިކުންދޮރުން އެނބުރި އެތެރެއަށްވަދެގެން ގޮސް ވަނީ މަރިޔާދުގެކޮޅަށެވެ. މިއީ މެޙްމާނުންނާ ބައްދަލުކުރައްވާ ގެކޮޅެވެ. މިއީ ބޮޑުތަކުރުފާނުގެ ދައިތާކަމަނާ ފާޠިމާފާނަށް އުތީމު ތިންބެއިން އަޅުވައިދެއްވި ގެކޮޅެކެވެ. މިގެކޮޅަކީ "ނުހުޅުވޭ ދޮރުކޮޅު" ހުންނަ ގެކޮޅެވެ. މިދޮރުކޮޅަކީ މަރިޔާދުގޭ ދެކުނު ދޮރުކޮޅެވެ. ރާއްޖެ އިސްލާމްކުރެއްވުމުގެ ޖިހާދަށް ފެއްޓެވުމަށްޓަކައި އާއިލާގެ ބޭފުޅުން ގޮވައިގެން މީލާދީން 1568 އޭޕްރީލް 24 ވަނަދުވަހުގެރޭ މަލިކަން ވަޑައިގަތުމަށް ނިކުމެވަޑައިގަންނަވަމުން ޖެއްސެވިގޮތަށް މިދޮރުކޮޅު އަދިއަދަށްދާންދެންވެސް ހުރީ ނުހުޅުވިއެވެ. އެރޭ އެދޮރުކޮޅު ޖެއްސެވީ ޙަސަން ތަކުރުފާނެވެ. "މި ދޮރުކޮޅު ތާށިވެފައި މިހިރީ ބޮޑުތަކުރުފާނުގެ ތުއްޕުޅު ދަރިކަލުން ކަލާފާނު އުރުވަޑުވައިގެން ނިކުމެވަޑައިގަންނަވާ ޙަސަން ތަކުރުފާނު ޖެއްސެވިގޮތަށް" އެހެން ޢަލީ ޙާފިޒު ބުނުއްވުމުން އަޅުގަނޑު ދޮރުގައި ހިފާ ދަމާލީމެވެ. އެކަމަކު ގުޑާވެސް ނުލިއެވެ. ގަނޑުވަރުގައިހުރި އެފަދަ އެހެން ކެހޭ ދޮރުތައް ވަރަށް ފަސޭހައިން ކަހާލެވޭކަން އަޅުގަނޑު ތަޖުރިބާކުރީމެވެ. މަރިޔާދުގެ ކޮޅުން ނިކުންއިރު ކުރިމަތީގައި ވަޅެއްހުއްޓެވެ. އެއީ މެޙްމާނުން ފައިގައި ފެންލުމަށާއި މަރިޔާދުގޭގެ ބޭނުންތަކަށް ބޭނުންކުރި ފެންވަޅެވެ.


އަށިގެކޮޅު

މިއީ އިއްޒަތްތެރިންނާއި މެޙްމާނުން ނިދުމަށާއި ބޭތިއްބުމަށް ގަނޑުވަރުގެ ގޯތިތެރޭގައި ވަކިން ހަދާފައިހުރި ތަނެކެވެ. "މިއީ ދުވާފަރު ޢަލީ ދަންގަހެލުވެސް ނިދިކުރެއްވިތަން. މިތަނުގައި ކުރިން އޮންނަނީ ދޮޅުފޫޓުގެ އުސްމިނުގައި އެއްކޮށް އަށިއަޅާފަ. އަށި ދޮށުގައި ބޮލި ރޯނުފަދަ ތަކެތި ރައްކާކުރައްވާ. މިތަނުގައި އެޒަމާނުގެ އެއްޗަކަށް ފެންނަން މިހިރީ މި ހަތަރު ތަނބު" އަށިގެކޮޅުގެ މެދުގައި ކޮޅަށް ޖަހާފައިހުރި ހަތަރު ތަނބުނޫނީ ބޮޑުތަކުރުފާނުގެ ޒަމާނުގައި އަށިގެކޮޅުގެ ބައެއް މިހާރު އެތައް ފަހަރަކު މަރާމާތުކޮށްފައިވާ އެއަށިގެކޮޅުން ފެންނާކަށް ނެތެވެ.

ލެއްގިވަޅުކޮޅު

މިއީ އަށިގޭގެ ދޮރުމަތީގައި ހުންނަވަޅެކޮޅެކެވެ. މިވަޅުކޮޅަށް ލެއްގި ވަޅުކޮޅޭ ކިޔަނީ ބުރާރު މުޙައްމަދުފުޅުގެ ބޮޑުތަކުރުފާނު ވާހަކަ ފޮތުގައި މިވަޅުކޮޅަކީ ގެއްލި ވަޅުކޮޅެއްކަމަށް ބުނާތީއެވެ. އެވާހަކައިގައި އޮންނަނީ ބޮޑުތަކުރުފާނުގެ އެދިވަޑައިގެންނެވުމަކަށް ގދ. ވާދޫ ކަންވެރިކަލޭގެ އެވަޅުކޮޅު ދެއްވުމުން ކަޅުއޮށްފުންމިއަށް ލައްވައިގެން އުތީމަށް ގެންނަވަނިކޮށް ކަނޑުގަދަވެ ވިއްސާރަވުމުން "ދެބޭންނަށް ލިބެންހުރި އެއްޗެއް ކަލާނގެ ވާގިފުޅާއެކު ލިބޭނެޔޭ" ވިދާޅުވެ ކަނޑަށް އެއްލާލުމުން މިވަޅުކޮޅު އުތީމަށް ލައްގާފައިވާތީއެވެ. "މިއީ ވާދޫ ދަންނަކަލޭފާނު ހަދިޔާކުރެއްވި ވަޅުކޮޅެއް. މިވަޅުކޮޅަށް އެތައްނަމެއްކިޔާ. އަށިގެދޮރުމަތީވަޅުކޮޅު، ކަދާވަޅުކޮޅު، އެއްހިރިވަޅުކޮޅު، އަދި ލެއްގިވަޅުކޮޅުވެސްކިޔާ" ޢަލީ ޙާފިޒު ބުނުއްވިއެވެ.

އެއްވަޅަކަށް މިހާގިނަނަން ކިޔާތީ ކޮންމެ މީހަކުވެސް ސުވާލު އުފެދޭނެއެވެ. "ކަނދާވަޅުކޮޅު ކިޔަނީ ވަޅުހެދިފައިހުރިގޮތުން. އަށިގެ ދޮރުމަތީވަޅުކޮޅޭ ކިޔަނީ ވަޅުހުރި ތަނުގެގޮތުން. އެއްހިރިވަޅުކޮޅޭ ކިޔަނީ ވަޅު ތިންބުރިއަށްހުރިއިރު ކޮންމެ ބުރިއެއްވެސް އެއް ހިރިއަކުން ހަދާފައިވާތީ. ވަޅުގެ އެންމެ އަޑީބައި ތިލަވަތްގަލާއެކު ހަދާފައިވަނީވެސް އެއް ހިރިއަކުން. ލެއްގިވަޅުކޮޅޭ ކިޔަނީ ބޮޑުތަކުރުފާނުގެ އެންމެ ކުރީގެ ވާހަކައިގައި އެއީ ލެއްގިވަޅުކޮޅެއްކަމަށް ބުނާތީ. މިވަޅުގެ ފެން ވަރަށް މީރުވާނެ" އަޅުގަނޑު ދާނިން ފެންނަގާ ފެންބުއިމެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ.

ކަނދުވަލު މިސްކިތް

ބޮޑުތަކުރުފާނުގެ ގަނޑުވަރާބެހޭގޮތުން މަޢުލޫމާތު ދެއްވި ޢަލީ ޙާފިޒަށް ޝުކުރުއަދާކުރުމަށްފަހު ގަނޑުވަރުން ނިކުމެއްޖައީމެވެ. ދެން މިސްރާބުޖެހީ ކަނދުވަލު މިސްކިތާދިމާލަށެވެ. ކަނދުވަލު މިސްކިތަކީ އުތީމު ތިންބެއިން ޖިހާދަށް ފެއްޓެވުމަށް ޢަޒުމު ކަނޑައެޅުއްވާ ނަޞްރާއި ކާމިޔާބަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވި ތާރީޚީ މިސްކިތެވެ. މިއީ އެބޭފުޅުން ނަމާދުކުރައްވާ އުޅުއްވި މިސްކިތެވެ. އެމިސްކިތުގެ ކައިރީގައި ބަހައްޓާފައިހުރި ބޯޑުން އެމިސްކިތާ ބެހޭ މަޢުލޫމާތު ލިބެން ހުއްޓެވެ. ބޮޑުތަކުރުފާނުގެ ކާފާފުޅާއި ބައްޕާފުޅުގެ މަހާނަހުރީ އެމިސްކިތުގެ ގޯތިތެރޭގައެވެ. ކާފާފުޅު ކަޅުޢަލީޚަތީބު ތަކުރުފާނުގެ މަހާނަފުޅުހުރީ އުތުރުފަރާތުގައި އޮތް ގަބުރުސްތާނުގެ ތެރޭގައެވެ. ބައްޕާފުޅު ޙުސައިން ޚަތީބު ތަކުރުފާނުގެ މަހާނަފުޅު ހުރީ މިސްކިތަށްވަންނަ ދޮރުގެ ވާތްފަރާތުގައެވެ. މި މަހާނައިގައި ޖަހާފައިހުރީ އަންހެން ގަލެކެވެ. ކަނާތްފަރާތުގައިވެސް މަހާނައެއް ހުއްޓެވެ. ފިރިހެން ގަލެއް ޖަހާފައިވާ އެމަހާނައަކީ ކޮންބޭފުޅެއްގެ މަހާނަފުޅެއްކަން އެނގޭކަށް ނެތެވެ.

މިސްކިތުގެ ދޮރުމަތީގައި ހުރި ކުޑަ އެހެންނަމަވެސް ފެންފުން ވަޅުން ވުޟޫކޮށްގެން މިސްކިތަށް އަރައިފީމެވެ. މިސްކިތުގެ ބެރިތައްހުރީ ލާފެންކޮށް ޢަރަބިން ލިޔެފައެވެ. މެންދުރުނަމާދު ޖަމާޢަތުގައި ކުރީ އެމިސްކިތުގައެވެ. މި މިސްކިތުގެ އިރުމަތީ ފަރާތުގައި ސައްޔިދު ޢަލީގެ ޒިއާރަތޭ ކިޔާ ތަނެއް ހުއްޓެވެ.

ދަތުރު ނިންމާލުން

ތިލަދުންމަތީ އުތުރުބުރީ އުތީމަށް އަޅުގަނޑުކުރި ފުރަތަނަ ދަތުރު ނިންމާލީ އެރަށުގައި ގާތްގަޑަކަށް ހަތަރުގަޑިއިރު ހޭދަކޮށްފައެވެ. އަދިވެސް ބޮޑުތަކުރުފާނުގެ ގަނޑުވަރަށް ޒިއާރަތްކުރާހިތުން ހުރެއެވެ. އެއީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޠަމް (އުތީމު ބޮޑުތަކުރުފާނު) އާއި އެތަކުރުފާނުގެ އާއިލާ ދިރިއުޅުވި ގަނޑުވަރެވެ. ދިވެހިންގެ ތެރޭގައި ޚާއްޞަ ޤަދަރަކާއި ލޯތްބެއް ލިބިވަޑައިގެންފައިވާ ދިވެހިރާއްޖޭގެ ޤައުމީ ބަޠަލްގެ ޛިކުރާ އެންމެ ބޮޑަށް އާވެއާލާވެ ދިރިގެންދާނެ ތަންވެސްމެއެވެ. އެއީ 16 ވަނަ ޤަރުނުގައި ރާއްޖެ އަޅުވެތިކުރި ޕޯޗްގީޒުންގެ 15 އަހަރުގެ ކަނދިރި އަނިޔާވެރިކަމުގެ ތެރެއިން މިނިވަން އަމާން ފަތިހަކަށް ދިވެހިން ގެންގޮސްދެވި ހިތްވަރުގަދަ ލީޑަރެވެ. ފޮތްތަކާއި ލިޔުންތަކުން ކިތަންމެވަރަށް ކިޔަސް އަދި ވީޑިއޯތަކާއި ފޮޓޯތަކުން ކިތަންމެ ވަރަށް ބެއްޔަސް އުތީމު ގަނޑުވަރަށް ދިއުމުން އެލިބުނު ހިތްހަމަޖެހުމާއި އުފާ ކުރިއަކުން ނުލިބެއެވެ.

No comments: