Thursday, March 17, 2011

އިސްލާމިކް ލީޑަރޝިޕް

އިސްލާމިކް ލީޑަރޝިޕް

އިސްލާމިކް ލީޑަރޝިޕްގެ ޙަޤީޤީ ކޮންސެޕްޓަކީ ކޮންމެ މީހަކަށްވެސް ހަރުދަނާ ލީޑަރަކަށް ވެވިދާނެކަމާއި ކޮންމެ މީހަކުވެސް ހަރުދަނާ ލީޑަރަކަށް ހެދިދާނެކަން

ޢަބްދުﷲ ސަޢީދު

އިސްލާމްދީނަކީ އެދީނުގައި އިންސާނާ ދިރިއުޅުމުގެ ހުރިހާ ބައިތަކެއް ހިމެނިފައިވާ ހުރިހާ ޒަމާނަކަށް އަދި ހުރިހާ ތަނަކަށް އެންމެ އެކަށީގެންވާ ދީނެވެ. އެހެންކަމުން އެދީނުގައި ނެތް އާކަމެއް އިންސާނިއްޔަތަކަށް ރަނގަޅަކަށްޓަކައި އީޖާދުކޮށް ހޯދައިގަތުމުގެ ކުޅަދާނަކަށް އިންސާނާއަށް ލިބިގެނެއްނުވެއެވެ. އެގޮތުން އިސްލާމްދީނުގައި ލީޑަރޝިޕްގެ ހުރިހާ ބައިތަކެއްވެސް އެންމެ ފުރިހަމައަށްވަނީ ހިމެނިފައެވެ. އިސްލާމިކް ލީޑަރޝިޕަކީ ތިމާ މީހަކު ނުވަތަ ބަޔަކުލައްވާ ކުރުވަން ބޭނުންވާކަމެއް އެބަޔަކު ކުރަންޖެހޭކަމެއްކަން ހިތުގެ އަޑިން ޤަބޫލުކޮށްގެން އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެކަމެއް ކުރާހިތުން ކުރުވުމުގެ ޤާބިލުކަމެކެވެ. އިސްލާމިކް ލީޑަރޝިޕްގައި ހަވާލުކުރެވޭ މިޝަން ފުރިހަމަ ކުރުމަށްޓަކައި ބަޔަކަށް ކަމުގެ މަޤްޞަދު ބަޔާންކޮށްދިނުމުގައި އެކަމުގައިއޮތް ދީނީ ނަރަޒިއްޔާ ބުނެދެވެންޖެހެއެވެ. އެއަށްފަހު ކުރަން ހަވާލުކުރެވޭ ކަންތައް އަންގައިދީ، މޯޓިވޭޓްކޮށް ކިޔަމަންތެރިކަމާއި، އިތުބާރާއި، އިހްތިރާމާއި، ވަފާތެރިކަމާއި ފުރިހަމަ އެއްބާރުލުން ހޯދުމަށް އެމީހުންނަށް ނުފޫޒު ފޯރުވުމުގެ ޤާބިލުކަން ހުރުމަކީ އިސްލާމިކް ލީޑަރޝިޕެވެ.

އިސްލާމްދީނުގައި ލީޑަރޝިޕް ގުޅިފައިވަނީ އިސްލާމީ ޢަޤީދާއާއެވެ. އިސްލާމިކް ލީޑަރޝިޕް ޤާއިމުވެފައި އޮންނަނީ ދެ ރުކުނެއްގެ މަތީގައެވެ. އެއީ ރޫޙާނިއްޔަތާއި މާއްދިއްޔަތެވެ. އެހެންކަމުން އިސްލާމިކް ލީޑަރޝިޕްގެ ޕްރިންސިޕަލްސްތައް ބިނާވެފައިވަނީ މިދެބައި ހިމެނޭގޮތަށެވެ. އިސްލާމިކް ލީޑަރޝިޕްގެ ޙަޤީޤީ ކޮންސެޕްޓަކީ ކޮންމެ މީހަކަށްވެސް ހަރުދަނާ ލީޑަރަކަށް ވެވިދާނެކަމާއި ކޮންމެ މީހަކުވެސް ހަރުދަނާ ލީޑަރަކަށް ހެދިދާނެކެމެވެ. ބޭނުންވަނީ ޢަޤީދާ ހަރުދަނާކުރުމާއި، ނަފްސު ދެނެގަތުމާއި، ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ހޯދުމާއި ލިއްބައިދިނުމެވެ.

ލީޑަރޝިޕް އާބެހޭގޮތުންނާއި ލީޑަރޝިޕްގެ ތަފާތު ނަޒަރިއްޔާތަކުގެ މައްޗަށް މިއަދުގެ ދުނިޔޭގައި ތަފާތު ގިނަ ފޮތްތައް އެކިބަސްތަކުން ލިޔެވިފައިވިޔަސް މީގެ 1400 އަހަރުކުރިން ބާވާލެއްވި ކީރިތި ޤުރުއާނުގައި ވަރަށް ގިނަ ތަންތަނުގައި ލީޑަރޝިޕަށް އިޝާރާތްކުރައްވާފައިވެއެވެ. އަދި ލީޑަރުންގެ ކިބައިގައި ހުންނަންޖެހޭ މަތިވެރި ސިފަތަކަށްވެސް އިޝާރާތް ކުރައްވާފައިވެއެވެ. ހަމައެގޮތަށް ކީރިތި ރަސޫލާގެ ހަދީސްފުޅު ތަކުންނާއި އެކަލޭގެފާނުން ދެއްކެވި ފުރިހަމަ ނަމޫނާގައި ލީޑަރޝިޕްގެ ގިނަގުނަ ފިލާވަޅުތަކެއް ހިމެނިގެންވެއެވެ. މިއަދު ކީރިތި ޤުރުއާނުގެ ދިވެހިތަރުޖަމާ އާއި ކީރިތި ރަސޫލާގެ ސީރަތު ދިވެހިބަހުން ލިޔެވިފައިވުމުން މިއީ ހޯދާ ދިރާސާކުރަން އުނދަގޫކަމެއް ނޫނެވެ.

މީލާދީން 570 ވަނަ އަހަރު ދުނިޔޭގެ އަލިކަންދެކެވަޑައިގެންނެވި އިސްލާމްދީނުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލު الله صلى الله عليه وسلم ގެ ލީޑަރޝިޕްގެ ރިވެތި ނަމޫނާއަށް ގޮންޖަހާލެވޭނެ ލީޑަރެއް އަދި ލީޑަރޝިޕެއް ނެތްކަމަށް އެހެންދީންތަކުގެ ޢިލުމުވެރިންވެސް އެއްބަސްވެއެވެ. ސަބަބަކީ އިތުރު އެކަލޭގެފާނަކީ ވަރަށް ވަރުގަދަ ފިލޯސަފަރަށްވީކަމެވެ. އެކަލޭގެފާނަކީ ނަމޫނާ ލީޑަރެކެވެ. އަދުލުވެރި ވެރިއެކެވެ. ހަނގުރާމަ ކުރެއްވި މުޖާހިދެކެވެ. ސުލުހަވެރިކަން އާންމު ކުރެއްވި ކެއްތެރި ޙިކުމަތްތެރި ބޭފުޅެއްވެސް މެއެވެ. އެއީ އެއްވެރިކަމެއްގެ ތެރޭގައި ވިއްސަކަށް ދައުލަތް ހިންގެވި ޤާބިލު ޝަހުސިއްޔަތެކެވެ. އެކަލޭގެފާނަކީ އެތައް ލީޑަރުންނެއްގެ މައްޗަށް ކުރި ހޯއްދެވި އަދި މުޖުތަމަޢުގެ ލޯބި ނުވަތަ ފޮލޯވަރުންގެ ކިޔަމަންތެރިކަމާއި ވަފާތެރިކަން އޭގެ ނިހާޔަތަށް މިލުކު ކުރެއްވި ލީޑަރެއްވެސް މެއެވެ.

އިސްލާމީ ލަޝްކަރެއްގައި އޮންނަންޖެހޭނީ އިސްލާމިކް ލީޑަރޝިޕެކެވެ. އިސްލާމިކް ލީޑަރޝީޕާއި ސެކިއުލަރ ލީޑަރޝިޕްގެ އެންމެ ބޮޑު ތަފާތަކީ ސެކިއުލަރ ލީޑަރޝިޕްގެ އަމާޒުފަތްގަނޑަކީ ސެލްފް އެސްޓަބްލިޝްމަންޓަށްވެފައި، އިސްލާމިކް ލިޑަރޝިޕްގެ ޓާގެޓަކީ ޖަންނަތުލް ފިރްދައުސް ނުވަތަ ސުވަރުގޭގެ އެންމެމަތީ ދަރަޖަކަމުގައިވުމެވެ. ސެކިއުލަރ ލީޑަރޝިޕްގައި މަސައްކަތްކުރެވެނީ ހަމައެކަނި އިންސާނުން އެކަކު އަނެކަކަށް އިހްތިރާމް ހޯދުމަށެވެ. އެކަމކު އިސްލާމިކް ލީޑަރޝިޕްގައި މަސައްކަތް ކުރެވެނީ ﷲ ގެ ރުހިވޮޑިގަތުމަށް އެދިއެވެ. އިސްލާމިކް ލީޑަރޝިޕްގެ ރުކުންތައް އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ފުރަނައިން ޤުރުބާންވުމަށް ޤައުމުގެ ދިފާޢީ ލަޝްކަރުގެ އެންމެ ކުރީ ސަފުގައި ތިބޭ ބައެއްގެ ކިބައިގައި ހުރުން ލާޒިމެވެ. އިސްލާމިކް ލީޑަރޝިޕްގެ ކޮންސެޕްޓާ އެއްގޮތަށް ޓްރޭނިންގ ތަކާއި އަސްކަރީ ފަލްސަފާތައް ބައްޓަންކުރަން ޖެހެއެވެ. އިސްލާމިކް ލީޑަރޝިޕްގެ ފުރަތަމަ ރުކުނަކީ އިސްލާމީ ތަރުބިއްޔަތު ލީޑަރުންގެ ކިބައިގައި ހުރުމެވެ. އެލީޑަރަކީ މަދަނީ ނުވަތަ އަސްކަރީ ގޮތުން ޖަމާޢަތުގެ ކަންތައްތައް ރާވާ، ހިންގުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކަށް ހެދުމެވެ. ފަޔަރ ޓީމެއްގެ ލީޑަރުން ފެށިގެން މުޅި އަސްކަރިއްޔާގެ ލީޑަރޝިޕްއާ ހަމައަށް މިކަން އޮންނަންވާނީ މިގޮތަށެވެ.

އިސްލާމްދީނުގައި ބަޔާންވެގެންވަނީ ހަމައެކަނި ލީޑަރުންގެ ކިބައިގައި ހުންނަންވީ ސިފަތައް އެކަންޏެއް ނޫނެވެ. ފޮލޯވަރުންގެ ސިފަތައްވެސް އިސްލާމިކް ލީޑަރޝިޕްގައި ބަޔާންވެގެންވެއެވެ. ލީޑަރުންނަކީ ދިރިއުޅުމުގައި އިސްލާމްދީން ދައްކާފައިވާ މަގު އެނގޭ ބަޔަކަށްވާންޖެހޭއިރު، ފޮލޯވަރުން ވާންޖެހެނީ އެމަޤްޞަދު ހާސިލުކުރުމަށް ލީޑަރަށް އެހީތެރިވާ ބަޔަކަށެވެ. އިސްލާމިކް ލީޑަރޝިޕްގައި ލީޑަރވާންޖެހެނީ ރަނގަޅުގޮތް ބުނެދޭ ނަމޫނާ މިސާލުން މަގުދައްކާ، އެގޮތުގައި ސާބިތުވެ ހުންނަ އެހެން މީހުންނަށް އޭނާގެ ހުނަރުވެރިކަމާއި ކުޅަދާނަކަމުން އެހީތެރިވެދޭ ޤާބިލު މީހަކަށެވެ. ފޮލޯވަރުން ވާންޖެހެނީ ފަސްޖެހުމެއްނެތި ކިޔަމަންތެރިކަން އަދާކުރާ ވަފާތެރި ބަޔަކަށެވެ.

އިސްލާމިކް ލީޑަރޝިޕް ޓްރެއިޓްސް އަކީ ލީޑް ކުރެވޭ ފަރާތްތަކުގެ ކިޔަމަންތެރިކަމާއި އިތުބާރާއި އިޙްތިރާމާއި ވަފާތެރިކަމާއި ފުރިހަމަ އެއްބާރުލުން ހޯދާ މޯޓިވޭޓް ކުރުމަށް ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އަގުހުރި ސިފަތައް ނުވަތަ ކޮލިޓީސް ތަކެވެ. އެގޮތުން ލީޑަރުންގެ ކިބައިގައި އީމާންތެރިކަމާއި އަދުލުވެރިކަމާއި، ޙިކުމަތްތެރިކަމާއި، ސާބިތުކަމާއި، ކެތްތެރިކަމާއި، ހިތްވަރުގަދަކަމާއި، ޢިލުމުވެރިކަން ހުންނަންޖެހެއެވެ. އަދި އިސްނެގުމާއި ޖޯޝާއި ޝަޢުޤުވެރިކަމުގެ ރޫޙުގެ އިތުރުން ވާހަކަ ދެއްކުންތެރިކަމާއި ރިވެތި އަޚްލާޤާއި އިންސާނިއްޔަތުކަމާއި ޖިސްމާނީ ކުޅަދާނަކަން ހުންނަން ޖެހެއެވެ. އިސްލާމިކް ލީޑަރެއް ވާންޖެހޭނީ ޒާތީ ތަޢައްޞުބުން އެއްކިބާވެފައިވާ ވަގުތާއި ޙާލަތަށް ބެލުމަށްފަހު ރަނގަޅު ގޮތް ނިންމާ، ރިވެތި ޝަޚްސިއްޔަތާއި ފުރިހަމަ އަޚްލާޤިއްޔާތު އެތެރެފުށާއި ބޭރުފުށުގައި ހަރުލާފައިވާ މީހަކަށެވެ.

އިސްލާމީ ލީޑަރަކަށް ވެވޭނީ ތެދުވެރި، އިޚްލާޞްތެރި، ހިތްހެޔޮ، އަދި އެއްވެސް ފޮރުވުމެއްނެތް ހިތްސާފު މީހަކަށް ވެވިގެންނެވެ. ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތާއި ވާޖިބު ފުރިހަމަ ކުރުމަށް ގަދައަޅާ މަސައްކަތް ކޮށްގެންނެވެ. އެމީހެއްގެ ވާޖިބު އަދާކުރުމަށް ބޭނުންވާ ހުނަރާއި ޢިލުމް އުނގެނި ދަސްކޮށް ޤާބިލް އަދި ތަޖުރިބާހުރި މީހަކަށް ވެވިގެންނެވެ. އިސްލާމީ ލީޑަރަށްވެވޭނީ ނުރައްކާތެރި އަދި ބިރުވެރި ހާލަތްތަކުގައިވެސް ﷲ ގެ ޙަޟްރަތުން ނަޞްރަށްއެދި ހިތްވަރާއި ސާބިތުކަމާއިއެކު ކެރިގެން ކުރިމަތިލާ މިޝަން ފުރިހަމަކުރުމުގައި ފަސް ނުޖެހޭ މީހަކަށްވެވިގެންނެވެ. އިސްލާމިކް ލީޑަރޝިޕްގައި ޕޮލޯވަރުން ނުވަތަ ޖަމާޢަތުގެ ވާޖިބުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އޮތީ ދެކަމެކެވެ. އެއީ ފަސްނުޖެހި ކިޔަމަންތެރިކަން އަދާކުރުމާއި ރިވެތި ގޮތުގައި ނަސޭހަތްތެރިވުމެވެ.

No comments: