Monday, April 4, 2011

އަޅުގަނޑުގެ މާމަ (ފާޠިމަތު މޫސާ)

އަޅުގަނޑުގެ މާމަ (ފާޠިމަތު މޫސާ)

އަޅުގަނޑުގެ މައިފުށުގެ މާމަގެ ނަމަކީ ފާޠިމަތު މޫސާއެވެ. އެއީ ކަތީބު މޫސަބޭގެ ފާތުމައެވެ. މާމަގެ ގެއަކީ ނ. މަނަދޫ ބޮޑުކާށިގެއެވެ. އެގޭގެ ނަން ފަހުން ބަދަލުވީ ކުދިލުނބޯމާގެއަށެވެ. އެގެހުރިތަން މިހާރު އެއީ ހުސްބިމެކެވެ. އެގެއަކީ މާމަ އަޅުގަނޑުގެ ކާފައާ ކައިވެނި ކުރެއްވުމުގެ ކުރިން ކައިވެނި ކުރައްވައިގެން އުޅުއްވި ބޮޑުކާށި ޙަސަން މަނިކުގެ ގެއެކެވެ. އެއީ އަޅުގަނޑު އުފަންވީ ގެވެސްމެއެވެ.

އަޅުގަނޑުގެ މައިފުށުގެ ކާފަ އިބްރާހިމް ޙަސަން ( ކެޔޮޅު އިބްރަބޭ ) މާމައާ ކައިވެނި ކުރެއްވީ މާމަގެ ކުޑަކުޑަ ޔަތީމު ތިން ފިރިހެން ކުދިންނާއެކު ވަރަށް ދަތި ހާލުގައި އުޅެނިކޮށެވެ. މިތިން ކުދިންނަކީ ދޮންބެ ( އަލްމަރުޙޫމް ޙުސައިން ޙަސަންމަނިކު ) ، ތުއްތުބޭ ، އަބޫބެ ( އަބޫބަކުރު ޙަސަންމަނިކު ) ކުޑަބެ ( އިބްރާހީމް ޙަސަންމަނިކު) މާމައާއި ކާފަގެ މަސައްކަތުން ކާމިޔާބު ދިރިއުޅުމެއް އުޅެވޭތޯ މަސައްކަތްފެށިއެވެ. އޭރު ކާފައަކީވެސް އެހެން ކައިވެންޏެއް ކުރެއްވުމަށްފަހު ދަރިއަކު ލިބިފައިވާ މީހެކެވެ. އެ ދަރިއަކީ ޔޫސުންބެ ( ޔޫސުފް އިބްރާހީމް ) އެވެ.

މާމައާއި ކާފައަށް ހަތަރު ކުދިން ލިބުނެވެ. އެއީ 2 ފިރިހެން ކުދިންނާއި 1 އަންހެން ކުއްޖެއެކެވެ. އެއީ ޙަސަންބެ ( ޙަސަން އިބްރާހީމް / ނޫވިލް ) ދުއްލޯބެ ( ޢަބްދުﷲ އިބްރާހީމް ) އަދި އަޅުގަނޑުގެ މަންމަ ޒުލޭޚާ އިބްރާހީމް އެވެ. އެންމެ ދޮށީ ޙަސަންބެއެވެ. ދެން އަޅުގަނޑުގެ މަންމައެވެ. އެންމެ ހަގީ ދުއްލޯބެއެވެ.

ދުނިޔޭގެ ތަދުމަޑު ދުވަސްތަކުގައި ރާއްޖެ ކާޑަށްޖެހި މަނަދޫގައި ތަދުމަޑުކަން އިންތިހާއަށް ގޮސްފައިވީ ދުވަސްތަކުގައިވެސް އަޅުގަނޑުގެ މާމަ އާއި ކާފަ އުޅެމުންއައީ ކެއްތެރި ހިތްވަރުގަދަ ދިރިއުޅުމެކެވެ. މާމަގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ދެ ހާދިސާއަކީ މާމަގެ ދެދަރިން ކަމަށްވާ ތުއްތުބެ އާއި އަބޫބެ ދެ މައްސަލައެއްގައި އަރުވާލުމެވެ. އަބޫބެ އަރުވާލީ ތަދުމަޑުކަން އިންތިހާއަށް ގޮސްފައިއޮތް ދުވަސްވަރު ކާޑުގޭގެ ބަޑަހަގެއިން ވައްކަންކުރިކަމުގެ ތުހުމަތުގައެވެ. ތުއްތުބޭ އަރުވާލީ ކުޑިގޭ ޢަބްދުއްލަތީފް މަނަދޫގައި އަތޮޅުވެރިކަން ކުރެއްވި ދުވަސްވަރު އުފެދުނު ފިތުނަގަނޑުގެތެރޭގައެވެ. ތުއްތުބޭ އަރުވާރީ ވ. ތިނަދޫއަށެވެ. އެރަށުން މީހަކާ އިދެގެން ތުއްތުބޭ އެރަށުގައި ވަޒަންވެރިވިއެވެ. އަބޫބެ އަރުވާލީ ހއ. ކެލައަށެވެ. މާގިނަ ދުވަހެއްނުވެ އަބޫބެ މިނިވަންވެގެން އައެވެ. މާމަގެ ދަރިއެއްގެ ބޮލުގައި ވައްކަމުގެ ތުހުމަތު އަޅުވާ އަރުވާލިޔަސް އެއީ މާމަ ޤަބޫލުކުރާ ގޮތުގައި ނުކުރާ ކުށަކަށް ދެވުނު އަދަބެކެވެ.

މާމައަކީ ވަރަށް ދީންވެރި އަންހެނެކެވެ. ނަމާދު ޖަމާޢަތުގައި ކުރެއްވުމަށް އިސްކަން ދެއްވާ ކޮންމެ ނަމާދަކަށްވެސް މިސްކިތަށް ދިއުމަކީ މާމަގެ އާދައެކެވެ. އަޅުގަނޑުގެ އެންމެ ކުޑައިރުއްސުރެވެސް ނަމާދު ކުރުމަށް ވާހަކަ ދައްކާ ނަސޭހަތްތެރިވެއެވެ. އަޅުގަނޑު ވަރަށް ކުޑައިރު ބައްޕަގެ އާގެއަށް ( މާލްރޯޑް ) އަށް ބަދަލުވެއްޖައީމެވެ. ގެއަށް ބަދަލުވެފައިވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން "މާމަގެ ކުއްޖެއްގެ" ގޮތުގައި މާމަގެ ކައިރީގައި އަޅުގަނޑު އުޅުނީމެވެ. އަތޮޅު އިސްޓޯރަށް މާމައާއެކު އެއްޗެތި ގަންނަން ގޮސްފައި ގެއަށްނުވަދެ ގޭގެ ދޮރުމަތިން ދާންހަނދާންވެއެވެ. އޭރު އަޅުގަނޑު ހުންނަނީ މާމަގެ ލިބާހުގެ ފަސްބައިގައި ހިފައިގެންނެވެ.

މާލްރޯޑަށް ބަދަލުވި ފަހުންވެސް ބަސްނާހާ ހެދުމުން މަންމަ އެއްޗެތި ކިޔާތީ އަޅުގަނޑު މާމަގެ ގެއަށްދަމެވެ. އެގޮތަށް ދިއުމުން އެރެއަކު މާމަގެ ކައިރީގައި ނިންދަވާފައި އަނެއްދުވަހު ގޮވައިގެން ގެއަށް ގެންނާނެއެވެ. މާމަ އަޅުގަނޑުދެކެ ވަރަށް ލޯބިވާކަން އަބަދުވެސް އެނގެއެވެ.

މާމަގެ އޯގާތެރިކަމުގެ ވާހަކަ ލިޔަންވެއްޖެނަމަ ލިޔެ ކޮޅަކުން ނުލާނެއެވެ. އެކަމަކު އެއް ވާހަކައެއް ލިޔެލާނަމެވެ. އަޅުގަނޑުގެ އުމުރުން ދިހަވަރަކަށް އަހަރުވީއިރު މަންމަ އާއި ބައްޕަ އުޅެމުން އައީ މާލޭގައެވެ. އޭރު ބައްޕައާއި މަންމަ ކައިރީގައި ހުރީ ދޮންބެ ( މުޙައްމަދު ސަޢީދު ) އާއި މުބާރިކު ކޮއްކޮ ( ޢަބްދުއްރަޙްމާން މުބާރިކް ) އެވެ. އޭރު މުބާރިކަކީ ތުއްތު ކުއްޖެކެވެ. އެދުވަސްވަރު މާމަ އާއިއެކު އަޅުގަނޑާއި އަޅުގަނޑު ކޮއްކޮ ޢަލީ ( އައްޝައިޚް ޢަލީ ޒާހިރު ) ދިރިއުޅެމުން އައީ މަނަދޫގައި މާމަކައިރީގައި މާލްރޯޑްގައެވެ. އެދުވަސްވަރު ވަރަށް ދަތި ދުވަސްތަކާ ދިމާވެއެވެ. މާމައަކީ ދުފާ މީހެކެވެ. އެކަމަކު ދުފާލާނެ ފޯއްކޮޅެއް ގަންނަންވެސް ނުލިބެއެވެ. ސައިކައްކާނެ ސައިފަތެއް ނުލިބެއެވެ. ދިޔަލު ދޯނީގައި މޫސުން ގޯސްވެ މާލެއާއި ދެމެދު ދަތުރުނުކުރެވި ދުވަސްތައް ދިގުވެގެން ދިއުމުން ރަށް އޮންނަނީ "ބަނޑަށް" ޖެހިފައެވެ. ފަތިހު ފަތިސްނަމާދު ކޮށްގެން ހެނދުނު މާމަ އަތިރިއަށްދާއިރު އަޅުގަނޑުމެން ގެންދާނެއެވެ. އަޅުގަނޑުމެން ތިބެނީ އައްޔަބޭގެއާ ދިމާލުގައި ހުންނަ ފިލިގަހާ ދިމާލުގައެވެ. މާމަ އަތިރިން އަންނަންވާއިރަށް އަޅުގަނޑު ގޮބޮޅި ހޮވަމެވެ. ފޯއް ނުލިބުމުން މާމަ ދުފަން ބޭނުންކުރަނީ ގޮބޮޅީގެ ވިންނަފަތާއި ކުރެދި ތޮއްޓެވެ. ސައިކައްކާއިރު ސައިގައި ކުލަ ޖައްސަން އަޅަނީ ޖަބްރޯލް ފަތެވެ. ހަނޑުކޮޅު މަދުވުމުން ބަނބުކެޔޮ އަޅައިގެން ބަބުކެޔޮބަތް ކައްކައެވެ. އެގޮތަށް އުޅެމުންދިޔައިރު މާމަ އަބަދުވެސް ކައިހަދާނީ އަޅުގަނޑުމެން ދެބެން ކޭމައެވެ.

މާމައަކީ ދީނީ ކަންތައްތަކަށް ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވި ބޭކަނބަލެކެވެ. އެއީ ދަރިން ތަރުބިއްޔަތު ކުރެއްވުމުގައި ކާމިޔާބު މަންމައެކެވެ. ކާމިޔާބު މާމައެއްވެސްމެއެވެ. މާމަގެ ދަރިންގެ ތެރޭގައި ކޮންމެ ކުއްޖަކީވެސް ދީނީގޮތުން ތަންދޮރުދަންނަ މީހެކެވެ. ދިރިއުޅުމަށް ތަފާތު ގިނަ މަސައްކަތް ކުރަން ދަންނަ މީހެކެވެ. ހީވާގި މަސައްކަތްތެރި މުރާލި މީހުންނެވެ. މާމަގެ ފިރިހެން ދަރިންގެ ތެރެއިން އެ ޒަމާނުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއްވެސް ކޮންމެ މީހަކަށްވެސް ކުރަން އެނގެއެވެ. ރާއްޖޭގައި އެންމެ މޮޅަށް ޤައުމީ ދިދަ ފެހުމަށް މަޝްހޫރުވެގެންދިޔަ ދިދަފަހާ ދޮންބެއަކީ މާމަގެ ދޮށީ ފިރިހެން ދަރިފުޅެވެ. އަބޫބެއަކީ ލޮއިވިރުވާ ކަބީލާ އަޅާ، ތިލޭރުކަންކުރި މީހެކެވެ. ތުއްތުބެއަކީ ރޭނުމުގެ މަސައްކަތަށް ވަރަށް ކުޅަދާނަ މީހެކެވެ. ކުޑަބެއަކީ ކަނޑުދަތުރުފަތުރުކުރި މީހެކެވެ. ޖެހުނު ކޮންމެ މަސައްކަތެއް ކުރި މީހެކެވެ. ޙަސަންބެއަކީ މަނަދޫގެ ކުޑަކަތީބުކަމާއި މަނަދޫ އޮފީހުގެ ކާތިބުކަންކޮށްފައިވާ މީހެކެވެ. މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. ދުއްލޯބެއަކީ އިލެކްޓްރިކް އަދި އިލެކްޓްރޯނިކްސް މަސައްކަތް ކުރާ މީހެކެވެ. ދޮންނަ މެޝިނުގެ މޯޓަރ ބޭނުންކޮށްގެން ކަރަންޓް ހުނިގޮޑި އުފެއްދިއެވެ. ޕަމްޕް ބޭނުންކޮށްގެން ކުދި ބޮއްކުރަލުގައި އިންޖީނު އެޅިއެވެ. އިންޖީނުގެ ބުރަފަތި އަމިއްލައަށް ވިރުވާ އެޅިއެވެ. އަޅުގަނޑުގެ މަންމައަކީ އާއިލާގައި ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. އެހެންކަމުން ދިރިއުޅުމަށް އަންހެނުންކުރާ ވަރަށް ގިނަ ކަންތައްތައް މަންމަ ދަނެއެވެ. އަތުން ބާލީހު އުރަބައި ފަހާ މާޖަހާ ތައްޔާރުކުރިއެވެ. ފަންވިދެ ރޯނުވަށައެވެ. ދަރުއުނދުނުން ކެއްކި އިރު ވަރަށް ރީތިކޮށް އަޅިން އުދުން ހަދައެވެ. ކުކުޅު ގެންގުޅޭ ދަނޑުވެރިކަން ކުރިއެވެ. މަންމައަކީ ވަރަށް މުރާލި މީހެކެވެ. ދަރުހޮވާ މަސްކައްކާ ހެދިއެވެ. މާމަގެ ދަރިންގެ ތެރެއިން ބައެއް ދަރިން ޚާއްޞަ ގޮތަކަށް ބައެއް ދާއިރާތަކުން ފާހަގަކުރިއަސް ކޮންމެ ދަރިއަކީވެސް އެތައް މަސައްކަތްތަކެއް ކުރަންދަންނަ ކެރޭ ހީވާގި ދަރިއެކެވެ.

މާމަގެ ދުރު ހަނދާންތަކަށް ބަލާއިރު އެއް ހަނދާނަކީ ރާއްޖޭގެ ފުރަތަމަ ސުކައުޓް ޖަމްބޮރީގައި ބައިވެރިވުމަށް އަޅުގަނޑު މާލެދިޔަ ދަތުރުގެ ހަނދާނެވެ. އަޅުގަނޑު ހުރީ ދޮންބެގެ ގޭގައި މ. ފްލޮރަންސް ގައެވެ. އޭރު މާމައުޅެނީ މާލޭގައެވެ. މާމަގެ ބެލުމުގެ ދަށުގައި އޭރު ތިބިއިރު ދާންޖެހޭ ތަންތަނަށް ފޮނުވައިދިނުމާއި ފަތިހު ގޮވާ ހޭލެއްވުމާއި ގަޑިން ގަޑިއަށް ކާންދީ ހެދުމުގައި މާމަ އެއުޅުނުގޮތް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.

މާމަގެ ދަރިންގެ އިތުރުން މާމަ ދަރިއަކުވެސް މާމަ ބަލާބޮޑުކުރިއެވެ. އެއީ ދޮންބެގެ ޝަހިއްތަ ( ޝަހީދާ ޙުސައިން މަނިކު ) އެވެ. ދޮންބެ މާލެއިން ކުރެއްވި ކައިވެންޏެއް ރޫޅުނުއިރު ޝަހިއްތަވަނީ ލިބިފައެވެ. ވަރަށް ތުއްތުއިރުއްސުރެ ޝަހިއްތަ ބެލީ މާމަ އާއި އަޅުގަނޑުގެ މަންމައެވެ. އެހެންކަމުން ޝަހިއްތަގެ ހިތުގައި މާމަ އާއި އަޅުގަނޑުގެ މަންމަގެ މައްޗަށް އަބަދުވެސް ވަރަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އޮންނަތަން އަޅުގަނޑަށް ފެނެއެވެ.

މާމަ އާއި ކާފައަކީ އެކުގައި ގިނަ ދުވަސްތަކެއް ދިރިއުޅުމުގައި ހޭދަކުރި ހިތްވަރުގަދަ ދެ ފަހުލަވާނުންނަށްވިޔަސް ޤުދުރަތުން ނިޔާކުރީ ދެމަފިރިން ވަކިވުމަށެވެ. ދަރިންގެ ލޯތަކުން ލޭކަރުނަ ހިލުވާލާފައި މާމަ އާއި ކާފަ ވަކިވެއްޖެއެވެ. އޭރު އެދެމަފިރިން އުޅުނީ އަޅުގަނޑުމެންގެ ގޭގައެވެ. ކާފަ އާއި މާމަ ވަކިވުމުން މާމަ ދިޔައީ މާލެއަށެވެ. ކާފަ އެހުރީއެވެ. އޭގެފަހުން ކާފަ އެހެން ކައިވެންޏެއް ކުރިއެވެ. އެއީ މަނަދޫ ބަހާރުގޭ އައިސާމަނިކެ ދައިތަ ( މަނިކެދައިތަ) އާ ކާފަކުރި ކައިވެންޏެކެވެ. ކާފަގެ މަރުދުވަހަށް އެކައިވެނި ދެމިއޮތެވެ. މާމަ އެހެން ކައިވެންޏެއް ނުކުރެއެވެ.

މާމައާއި ކާފަ ވަކިވާންޖެހުނު މައްސަލައަކީ ބެލެވޭގޮތުގައި އެކަމުގައި ކޮންމެވެސް ވަރެއްގެ ފިތުނަވެރިކަމެއް ހިމެނޭ ކަމެކެވެ. ކާފައާމެދު މާމަގެ ހިތުގައި އޮތް އިތުބާރު ގެއްލި ޝަކުވާ ޒުވާބަށް ބަދަލުވެ އެންމެފަހުން ކައިވެނި ރޫޅިގެން ދިއުމުން ގޮތްދޫނުކުރުމުގެ ގޮތުން ކާފަ އައިސާ މަނިކެ ދައިތައާ ކައިވެނިކުރީކަމަށް ބެލެވެއެވެ.

No comments: