Friday, June 6, 2008

މަނަދޫގައި ވޯޓްލުން

މަނަދޫގައި ވޯޓްލުމުގެ ސަގާފަތް އޮތީ ރާއްޖެގެ އެހެން ރަށްރަށުގައި އޮންނަ ކަމަށް ބުނާ ގޮތަކަށް ނޫނެވެ. އެއްވެސް ދުވަސްވަރެއްގައި ވޯޓުލުމުގައި ރަށުގެ ވެރިންނާއި އަދި އެހެން ބަޔަކުވެސް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވާ ކަމެއް އަޅުގަނޑަށް އެގިފައެއްނެތެވެ. އެހެން ނަމަވެސް ރާއްޖޭގެ ރަށްރަށުން ސަތޭކަ ޕަސެންޓް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ދިނުމުގެ ރޫހެއް ގެންގުޅުނުއިރު އެފަދަ އަޑުތައް މަނަދޫންވެސް އިވިފައިވެއެވެ. ރަށުގެ މުސްތަޤުބަލް ރަނގަޅުވާނީ އަދި ތަރައްޤީގެ އަރުތަތައް އިތުރަށް ލިބުމަށް މަގުފަހިވާނީ ސައްތައިން ސައްތަ ވޯޓު ދީގެންކަމަށް ރައްޔިތުންނަށް ހީވެފައިވާ ދުވަސްވަރެއް އަޅުގަނޑުވެސް ދުށީމެވެ. އެއީ އޭރުގެ ރައްޔިތުންގެ ހޭލުންތެރިކަމާއި އޭރު ސަރުކާރުން ގެންގުޅުއްވި ސިޔާސަތާ ގުޅުންހުރި ކަމަކަށް ވެދާނެއެވެ.

މަނަދޫ ރައްޔިތުންގެ ތެރެއިން ވޯޓް ލާ ދުވަސްދުވަހު ވޯޓްލާންދާ ގިނަ މީހުންނަކީ އަންހެނުންކަން ފާހަގަ ކުރެވެއެވެ. މަނަދޫގައި އާންމުކޮށް ރައްޔިތު ފިރިހެނުންނަށް ގޮވައިގެން ބާއްވާ އެއްވުމެއް ނުވަތަ މަސައްކަތަކަށް ފިޔަވާ ގިނަ މިބާވަތުގެ ކަންތައްތަކުގައި އިސްނަގާ ހަރަކާތްތެރިވާތަން ފެންނަނީ އަންހެނުންނެވެ. ބެލެނިވެރިންގެ ގޮތުގައި ސްކޫލުގެ ހަރަކާތްތަކުގަޔާއި އިޖުތިމާޢީ ގޮތުން ކުރެވޭ އާންމު މަސައްކަތްތަކުގައެވެ. މަނަދޫގައި މި ސިފަ ޖެހިގެން އައިސްފައިވަނީ ޒަމާނުއްސުރެ މަނަދޫ ރައްޔިތު އަންހެނުންގެ މެދުގައި އޮތް އިޖުތިމާޢީ ރޫހެއްގެ ސަބަބުންކަމަށް އަޅުގަނޑު ދެކެމެވެ. މަނަދޫއަކީ ވަރަށް ކުރިން ސުރެވެސް ހަފުތާއަކު ކޮންމެވެސް ދެދުވަހަކު އަންހެންވެރިން ނިކުމެ ރަށުތެރެ ކުނިކަހާ ރަށުތެރެ ސާފުކުރަމުން އައިސްފައިވާ ބައެކެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ތެރެއިން އަންހެން ވެރިންގެ އިސްނެގުމާއި އެމީހުންގެ ޓީމްވޯކް ހަރުދަނާ ވެގެން ގޮސްފައިވާ މައިގަނޑު ސަބަބަކީ މިއީއެވެ.

މަނަދޫގައި ވޯޓުލުމުގެ ކަންތައްތަކުގެ ތެރެއަށް ވެރިން ވަދެވަޑައިގެން އެއްވެސް އިންތިޚާބަކަށް ނުފޫޒު ފޯރުވާފައިވާ ކަމުގެ އެއްވެސް އަޑެއް އަޅުގަނޑު ނާހަމެވެ. އަދި އެއްވެސް ސިފައެއްގައި އެއްވެސް ގޮތަކަށް ނުފޫޒާއި ބާރުގެ ބޭނުންކުރިކަމެއް އަދި ކުރަން އުޅުނުކަމުގެ އަޑެއްވެސް ނާހަމެވެ. ކުރީގައި ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއި ފަހުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކޭ ކިޔައިގެންވެސް މި ކަހަލަ އަޑެއް ނާހަމެވެ.

އާންމު އިންތިޚާބުތަކާއި ރިޔާސީ އިންތިޚާބުތަކުގައި މަނަދޫގެ ގިނަ އަދަދެއްގެ ބަޔަކު ވޯޓްލައެވެ. ވޯޓް ލުމުގައި އެއްވެސް ދުވަސްވަރަކު އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިގާފައެއްނުވެއެވެ. އެހެންކަމުން މަނަދޫގައި ވޭތުވެދިޔަ ތަނުގައި ބާއްވާފައިވާ އިންތިޚާބުތަކުގައި ވޯޓްލާފައިވާ ގޮތަށް ބަލާއިރު ނަތީޖާ އިޢުލާން ކުރަންދެން އެއްވެސް މީހަކަށް މަނަދޫގެ ވޯޓް ފޮށިން ނިކުންނާނީ ކޮންކަހަލަ ނަތީޖާއެއްކަމެއް ދަންނަވާކަށް ނޭނގެއެވެ. ރައްޔިތުންގެ މަޖިލިހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާފައިވާ އާންމު އިންތިޚާބު ތަކުގައިވެސް މަނަދޫން ނިކުންނާނީ ކޮން ނަތީޖާއެއްކަމެއް އަންދާޒާކޮށް ބުނަން ނޭނގޭކަމީ މަނަދޫ ރައްޔިތުންނަކީ ޒަމާނުއްސުރެވެސް މިނިވަންކަމާއެކު ވޯޓްލުމުގެ ހައްގު ހެޔޮ ގޮތުގައި ބޭނުންހިފާ ބައެއް ކަން އެގޭކަމެކެވެ.

No comments: