Wednesday, June 4, 2008

މަނަދޫގެ ވާހަކަ ދަނބިދޫ ލޯމާފާނުގައި

ޢަބްދުﷲ ސަޢީދު


ލޯމާފާނަކީ ރަސްމީ ފަތްކޮޅުގެ ގޮތުގައި ކުރީ ޒަމާނުގައި ރަސްރަސްކަލުންގެ ބަސްފުޅުތައް ލިޔުއްވާފައިވާ ލޯފޮތިތަކެކެވެ. މި ހިސާބަށް އައިއިރު އެންމެ އިތުބާރު ކުރެވޭ ރަސްމީ ލިޔުންތަކެއްގެ ގޮތުގައި އޮތް އެންމެ ގަދީމީ ތަރިކައަކީ މި ދެންނެވި ލޯމާފާނުތަކެވެ. ލޯމާފާނަށް "ލޯމާފާނު" ނުވަތަ "މާލޯފާނު" ވެސް ކިޔައެވެ. ދިވެހި ބަސްފޮތުގައި ވާ ގޮތުން ލޯމާފާނަކީ ރަދުންގެ އަމުރުފުޅުތަކާއި ތާރީޚީ ވާހަކަތައް ލިޔުމަށް ލޮއިން ނުވަތަ އެ ނޫން ވެސް ވިރިކެކޭ މައުދަނަކުން ހަދާފައިހުންނަ ހަނިދިގު ފޮތިތަކެކެވެ.

ދަނބިދޫ ލޯމާފާނުގައި ވާ ގޮތުން އެ ލޯމާފާނު ލިޔެވުނީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވި ފަހުން އައި 583ވަނަ އަހަރުގައެވެ. ހިޖުރީ ގޮތުން ބަލާއިރު އެއީ 593ވަނަ އަހަރެވެ. މީލާދީ ތާރީޚުން ބަލާއިރު ދަނބިދޫ ލޯމާފާނު ލިޔެފައިވާ ތާރީޚު ދިމާވަނީ 1196 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 އިން 1197 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހާ ދެމެދުގެ ދުވަސް ވަރަށެވެ. މި ލޯމާފާނުގައިވާ ހާދިސާ ހިނގާފައި ވަނީ ސްރީ ގަޑަނާދީއްތަ ރަދުންގެ ރަސްކަމުގެ 4ވަނަ އަހަރުގެ ތެރޭގައިކަމަށް މި ލޯމާފާނުގައި ލިޔެފައިވެއެވެ.

އެވޭލާ އަކުރުން ލިޔެފައިވާ ދަނބިދޫ ލޯމާފާނުގައި މަނަދޫގެ ވާހަކަ ލިޔެފައި ވަނީ އެ ލޯމާފާނުގެ 11ވަނަ ފޮތީގެ ދެވަނަ ފުށުގައެވެ. އެއީ އެ ލޯމާފާނުގެ 21ވަނަ ޞަފުޙާއެވެ. ދަނބިދޫ ލޯމާފާނަކީ 16 ފޮތީގެ ލޯމާފާނެއްކަމަށް ވިޔަސް އެއް ފޮތި ވަނީ ލޯމާފާނުން ވަކިވެ ގެއްލިފައެވެ. އިހުގެ ދިވެހި ހިސާބު އަކުރުން ނަންބަރު ޖަހާފައިވުމުން ގެއްލިފައިވާ ފޮއްޗަކީ ލޯމާފާނުގެ 14ވަނަ ފޮތިކަން އެނގެއެވެ. ލޯމާފާނުގެ ފުރަތަމަ ފޮތި ފިޔަވާ އެހެން ކޮންމެ ފޮއްޗެއްގެ ދެ ފަރާތުގައި ލިޔެފައި ވާތީ 14ވަނަ ފޮތި މަދުވެފައި ވާތީ ލޯމާފާނުން 2 ޞަފުޙާ ވަނީ ގެއްލިފައެވެ.

އެޗް.ސީ.ޕީ ބެލްގެ މޮނޮގްރާފްގައި ދަނބިދޫ ލޯމާފާނަށް ދީފައިވާ ނަމަކީ "އެތެރެކޮއިލު ލޯމާފާނު" އެވެ. މި ލޯމާފާނުގައި ހުރީ ހައްދުއްމަތީ (ލ. އަތޮޅު) ދަނބިދޫގެ ވާހަކަ ތަކެއް ކަމަށް ވާތީ އެ ލޯމާފާނަށް ފަހުން ދަނބިދޫ ލޯމާފާނުގެ ނަން ދެވިފައި ވަނީއެވެ. މި ލޯމާފާނު ދެފަރާތަކުން ތަރުޖަމާ ކޮށްފައިވެއެވެ. އެއް ފަރާތަކީ ސްރީލަންކާގެ ޕްރޮފެސަރުންގެ ޓީމެކެވެ. ޕްރޮފެސަރު ޖީ.ޑީ ވިޖެވަރްދަނަ އާއި ޕްރޮފެސަރު ޖޭ.ބީ ޑިސެނާޔަކަ ކުރެއްވި ތަރުޖަމާ ޗާޕު ކުރައްވައި ނެރުއްވާފައި ވަނީ 4 ޑިސެންބަރު 1982 ގައެވެ. މި ދެ ޕްރޮފެސަރުން މި މަސައްކަތް ކުރައްވާފައި ވަނީ އަލްމަރުޙޫމް ޙަސަން އަޙްމަދު މަނިކުގެ ބެއްލެވުމުގެ ދަށުން އޭނާގެ އެހީތެރިކަމާއެކުގައެވެ. މި މަސައްކަތުގައި އަހުމަދު ޝަފީޤާއި ޢަލީ ނަޖީބުގެ އެހީތެރިކަން މި ޓީމަށް ލިބިފައި ވެއެވެ. ދަނބިދޫ ލޯމާފާނު ތަރުޖަމާ ކުރެއްވި އަނެއް ފަރާތަކީ ޢަލީ ނަޖީބެވެ. 1966ވަނަ އަހަރު ފެށްޓެވި ކަމަށް ބެލެވޭ މި މަސައްކަތް 17 އަހަރުން ނިންމަވައި ލެއްވުމަށްފަހު އެންމެ ފަހު ޞަފުޙާގައި ޖައްސަވައިފައިވާ ތާރީޚަކީ 22 އޭޕްރީލް 1983 އެވެ.
ދަނބިދޫ ލޯމާފާނުން ހެކިދޭ ގޮތުން މި މުހިންމު ލިޔުމަކީ ތިލަދުންމަތީ ތީފެރިދޫ ދިންސުރިހިރު ނަމަކަށްކިޔާ ފަޑިއަތް ބޭކަލެއް، ގަޑަނާދީއްތަ މަހާރަދުންގެ އަމުރުފުޅަށް ލިޔުއްވި ރަސްމީ ލިޔުމެކެވެ. މި ލިޔުމުގައި ހެކިންގެ ގޮތުގައި ދައުލަތުގެ މަތީ ފެންވަރުގެ ބައެއް ބޭފުޅުންގެ ނަންފުޅުތައް ލިޔެފައިވެއެވެ. ދަނބިދޫ ލޯމާނުގައި ބަޔާން ކޮށްފައި ވަނީ މީލާދީން 1196ވަނަ އަހަރު (ހިޖުރައިން 593 ވަނަ އަހަރު) ގަޑަނާއްދީއްތަ ރަދުންގެ އަމުރުފުޅަށް ދަނބިދޫ އިސްލާމް ކުރެއްވި ހާދިސާއެވެ. ދަނބިދޫ ލޯމާފާނަށްވުރެ އިސްދޫ ލޯމާފާނު އެއް އަހަރު ދުވަސް ދޮށްޓެވެ. އިސްދޫ ލޯމާފާނު ލިޔެވިފައިވަނީ މީލާދީން 1195ވަނަ އަހަރުގައެވެ.

މިލަދުންމަޑުލު ދެކުނު ބުރީ (ނ. އަތޮޅު) މަނަދޫގެ ވާހަކަ ލިޔެފައިވާ ދަނބިދޫ ލޯމާފާނުގެ 11ވަނަ ލޯފޮތީގެ ދެވަނަ ފުށުގައި ފަސް ފޮޅުވަތް ވެއެވެ. މަނަދޫގެ ވާހަކަ ލިޔެފައިވަނީ 4 ވަނަ ފޮޅުވަތުގައެވެ. މަނަދޫގެ ނަން ދަނބިދޫ ލޯމާފަނަށް އައިސްފައިވާ ފޮތިކަމަށްވާ 11ވަނަ ފޮތީގެ 2ވަނަ ފުށުގެ މާނައިގައި ވެއެވެ. "ދަނބިދޫ ވޭރަށް ނެގުނު ވަކަތައް (ވައްތައް، ބައިތައް) އެއްކޮށް ބަލައިގަންނާށެވެ. ދަނބިދޫ ހުޅިޔަންދޫ އާއި، ކަލައިދޫ އޮތް ގާދޫ ކިޔާތަނަށް ވަންނަ އޮންނަ ފަގާއި، ދިޔަދޫ ލާމަސްފަންނަށް ވަންނަ ފަގާއި، ދިޔަދޫ ގައި އޮންނަ ބިން އަދިރިދުވަށް ވަންނަ ފަގާއި، މަނަދޫ މަޑުލެ ކެނދިކޮޅު ކުރެދިމަންދާއި އެކީއޮތް މާތް ދަނބިދޫ ދަނޑަށް ވަންނަ ފަގާއި މި ތަންތަން އެކަނި ރަށްގަނޑު ފަގުން ރަސްގެ " މިފަދައިންނެވެ. 12ވަނަ ފޮތީގެ ފުރަތަމަ ފުށުގައި މި ޖުމުލަ ނިންމާލާފައިވަނީ " ސަރުކާރަށް ވެއްދި ބައިބައި ސަރުކާރުން މިސްކިތުގެ ބޯގައެއް ކަމުގައި ހުއްދަކޮށްދެއްވިއެވެ." މިފަދައިންނެވެ.
އެހެންކަމުން މަނަދޫގެ ވާހަކަ ދަނބިދޫ ލޯމާފާނުގައި އައިސްފައިވަނީ ކެނދިކޮޅު އޮތް އަތޮޅު ބުނެދިނުމަށެވެ. އެހެންކަމުން މަނަދޫއަކީ އެންމެ އެވޭލާ ޒަމާނުގައިވެސް މިލަދުންމަޑުލުގައި މައި ރަށް ނުވަތަ މީހުން ދިރިއުޅޭ ބޮޑު ރަށެއްކަމުގައި ދަންނަވަން ޖެހެއެވެ. ދަނބިދޫ ލޯމާފާނުގައި މަނަދޫގެ ވާހަކަ އައިސް ފައިވާ ފޮޅުވަތުގެ ބަސްތައް ހުރީ "އި ދިޔަދުވު ތިބި ބިއަ ދިރު ދުވެއްވަނަ ފަގާއި މަނަދުވު މަޑުލެ ކެދިކޮޅު ކުރެދިމަންދާއި" މި އިބާރާތުންނެވެ. 

ނ. އަތޮޅަށް މިހާރު މިލަދުންމަޑުލު ކިޔުނަސް ކުރިން އޮންނަނީ "މަނަދުވުމަޑުލެ" އެވެ. ނުވަތަ މަނަދުއްމަޑުލުކަން ގަދީމީ މި ލިޔުމުން ސާބިތުކޮށްދެއެވެ. މިހާރު މި ކިޔާގޮތަށް މިލަދުންމަޑުލު ކިޔުމުގެ ކުރިން އެ އަތޮޅަށް މަނަދުއްމަޑުލު ކިޔާފައިވާކަން ނުވަތަ މިލަދުންމަޑުލަށް މަނަދުއްމަޑުލު ވެސް ކިޔާފައިވާކަން މި ލިޔުމުން ކަށަވަރުވެއެވެ. 

ނ. އަތޮޅަށް ކިޔާ މިލަދުންމަޑުލުގެ ނަން ނެގިފައި އޮތީ ނ. އަތޮޅު މިލަދޫ އިން ކަމަށް ގަބޫލު ކުރަން ޖެހެއެވެ. އަދި މަނަދޫގެ ނަމުން މިލަދުންމަޑުލަށް "މަނަދުވުމަޑުލެ" މިހެން ލިޔުނުއިރު އިބާރާތް ބޭނުންކޮށްފައިވަނީ ނ. އަތޮޅުގެ އުތުރު ބިތުގައި އޮތް މިހާރުގެ ކެނދިކުޅުދޫ އަކީ ކޮން އަތޮޅެއްގެ ރަށެއްކަން ބަޔާންކޮށްދިނުމަށެވެ. ދަނބިދޫ ލޯމާފާނުގައި ވަނީ "މަނަދުވުމަޑުލެ ކެދިކޮޅު" އެވެ. އާދެ! މަނަދޫ އޮތް މަޑުލެ (އަތޮޅު ނުވަތަ ބައި) ގެ ކެނދިކޮޅެވެ. ނ. އަތޮޅު ކެނދިކުޅުދޫ އަކީ ކުރިން ދެ ރަށެއްގެ ގޮތުގައި މީހުން ދިރިއުޅެމުން އައި ރަށެކެވެ. އެއީ ކެނދިކޮޅާއި ކުޅުދޫއެވެ. ފަހުން އިދާރީ ދެ އަވަށް ގޮތުގައި ކަނޑައަޅުއްވިއެވެ. މިހާރު އެއީ ކެނދިކޮޅު މީހުންނާއި ކުޅުދޫ މީހުންނާއި އަދި އެރަށަށް ފަހުން ބަދަލުކުރި ނ. ތޮޅެންދޫ މީހުން ދިރިއުޅެމުން އަންނަ މިލަދުންމަޑުލު ދެކުނު ބުރީ ކެނދިކުޅުދޫއެވެ. 

މިލަދުންމަޑުލަށް މިލަދުވިމަޑުލެ، މިލަދުވުމަޑުލެ، މިލަދުއްމަޑުލު މިގޮތްގޮތަށް ކިޔާފައިވެއެވެ. "މިލަދުވި ނުވަތަ މިލަދުވެ" މި ބަސް ރައްދުވަނީ ނ. އަތޮޅުގައި ވެރިކަންކުރާ "މަނަދުވު" (މަނަދޫ) ގެ ހުޅުނގު އުތުރުގައި އޮންނަ މިލަދޫ އަށެވެ. ކުރީ ޒަމާނުގައި އެ ރަށުގައި ވަރަށް ބޮޑު "ވޭރެއް" ހުއްޓެވެ. އޭގެ އަސަރު މިހާރު ވެސް އެ ރަށުން ފެންނާން އެބަ ހުއްޓެވެ. އެ ރަށަކީ ކުރީ ޒަމާނުގައި ބުޑިސްޓުންގެ ދީނީ މަރުކަޒެއް ހުރި ރަށެއްކަމަށް ބެލެވެއެވެ. އެ ރަށު މީހުން އެ ވޭރު ހުރި ތަނަށް ކިޔަނީ "ރެދިން" ގެ އުސްގަނޑެވެ. ރެދިންނަކީ 11-12ވަނަ ގަރުނުގައި ރާއްޖޭގައި ވަޒަންވެރިވެ އުޅުނު ބުޑިސްޓުން ކަމަށް ދިވެހި ތާރީޚް ލިޔުއްވާ ފައިވާ ބައެއް ބޭފުޅުން ލިޔުއްވާފައިވެއެވެ. މަނަދޫގައި ހުރި ތާރީޚީ އާސާރީ ތަނެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ އެންމެ ތަނެކެވެ. އެއީ މަނަދޫގެ ދެކުނު ފަރާތު ވަލުތެރޭގައި އަތިރިމައްޗާ ކައިރީގައި އޮންނަ "މާމިސްކިތްދޮށް" ކިޔާ ސަރަޙައްދެވެ. މަނަދޫގައި އާސާރީ ތަންތަން ބިމުން މަތީގައި ފެންނަން ނެތަސް، އަދި ކުރީ ޒަމާނުގައި ބުދަށް އަޅުކަންކުރަން އުޅުނު މީހުންގެ ދީނީ މަރުކަޒުތަކުގެ ނިޝާންތައް ފެންނަން ނެތަސް މަނަދޫ އަކީ މުޅި މިލަދުންމަޑުލު އަތޮޅުގައި ވެސް ފާހަގަކުރެވޭ މައި ރަށެއްކަން ދަނބިދޫ ލޯމާފާނުން ކަށަވަރުވެއެވެ. 




ރިފަރެންސް:

ޖީ.ޑީ ވިޖެވަރްދަނަ، ޖޭ.ބީ ޑިސަނާޔަކަ އާއި ޙަސަން އަޙްމަދު މަނިކު (1982). ލޯމާފާނު. ޓްރާންސްލިޓަރޭޝަން، ޓްރާންސްލޭޝަން އެންޑް ނޯޓްސް އޮން ޕެލިއޯގްރަފީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
ނަސީމާ މުޙައްމަދު (ތނ). ދަނބިދޫ ލޯމާފާނު.  ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
ޢަލީ ނަޖީބު (ތނ). ދަނބިދޫ ލޯމާފާނުގެ ތަރުޖަމާ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު



No comments: