Monday, November 13, 2023

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އުތުރުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި، ނ. މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު (ނޮވެންބަރު 1986




10 ނޮވެންބަރު 1986، ރިފަރެންސް: SA/RMAG/1986/24

بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العالمـين. والصّـلاة والسّـلام على أشرف المرسلين. سيّدنا محـمّد، وَعلـى آلـه وصحبـه أجمـعـين.

އާދެ، މަނަދުއަށް ޒިޔާރަތްކޮށް މަނަދޫގެ އަހުލުވެރިންނާ ބައްދަލުކޮށްލުމަށް މި ލިބޭ ފުރުޞަތަކީ ވަރަށްވެސް އުފާވެރި ފުރުޞަތެއް. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، މީގެ ކުރިން ދެ ފަހަރަކު މި ރަށަށް އައުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. ފުރަތަމަ ފަހަރު އައީ 1979 ވަނަ އަހަރު މާރިޗު މަހުގެ އެއްވަނަ ދުވަހު. އެދުވަހު އަޅުގަނޑު މިރަށަށް އައިސް، އޭރުގެގޮތުން ނ. އަތޮޅުގެ އަތޮޅު މަދަރުސާ، އެދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި މި ރަށުގައި ހުޅުވައިދިނިން. އޭގެފަހުގައި 1981 ވަނަ އަހަރު އަޅުގަނޑު މި އަތޮޅަށް ކުރި ދަތުރުގައި، އެ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އަޅުގަނޑު މި ރަށަށް އައިން.

 

އާދެ، މިފަހަރު ދަތުރު ހަމަޖައްސާފައި އޮތްގޮތުންވެސް އޮތީ މަނަދުއަށް ޒިޔާރަތްކުރާގޮތަށް. ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން، އެ ވިދާޅުވި ފަދައިން، އެންމެ ފުރަތަމަ ރޭވިފައި އޮތީ. އަޅުގަނޑު މާލެއިން ފުރާ ދުވަހު ނުވަތަ ފުރި ދުވަހު، އެއީ އިއްޔެނޫން އިހަށްދުވަސް. އިރުއޮއްސޭއިރަށް މި ރަށަށް އަންނަގޮތަށް. އެހެންނަމަވެސް، ކަންތައް ދިމާވިގޮތުން އެދުވަހު ނާދެވުނީ. އެންމެ ފުރަތަމަ މާލެއިން ފުރުންވެސް ލަސްކޮށްލަން ޖެހުނީ. ފުރުމަށްފަހުގައިވެސް މޫސުން ހުރިގޮތުން ދަތުރުކޮށްފައި، މި ރަށަށް އާދެވޭގޮތް ނުވީ. އަޅުގަނޑަށް ފަހުން އެނގުނު ގޮތުގައި މި އަތޮޅުގެ އަތޮޅުވެރިޔާއާއި، ރަށްރަށުގެ ވެރިންނާއި އަދި މަނަދޫގެ ރައްޔިތުން އަޅުގަނޑުގެ އިންތިޒާރުގައި ތިއްބެވި. އެހެންވީމާ، އެކަމަށްޓަކައި އެދުވަހު ނާދެވުނުކަމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް ހިތާމަކުރިން. މިރޭ އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން އެދުނީވެސް އެކަން އެގޮތަށް ހިނގާފައިވުމާއެކު، އެހެން ދިމާވިކަމަށްޓަކައި އަޅުގަނޑު ހިތާމަކުރާ ވަހާކަ ދަންނަވާލުމަށްޓަކައި.

އާދެ، ކޮންމެއަކަސް ނަސީބު ދިމާކުރީ ވަރަށް ރަނގަޅުގޮތަކަށް. އެދުވަހު ނާދެވުނު. އެހެންނަމަވެސް މިއަދު އަޅުގަނޑަށް މި ރަށަށް ޒިޔާރަތް ކުރުމުގެ އުފާ ލިބިއްޖެ. މިއަދުވެސް ކަންތައް ދިމާވީ ހަމަ ކުރީ ދުވަހުވެސް ދިމާވިކަހަލަ ގޮތަކަށް. ޕްރޮގްރާމްގައި އޮތްގޮތަކަށް ނޫން ދަތުރު ދިޔައީކީ. މިއަދު ތިޔަބޭފުޅުންވެސް އައްސަވާފައިވާނޭ ފަދައިން، މިއަދުގެ ހެނދުނު އުތީމުގައި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ހުޅުވިއްޖެ. އެ ޖަލްސާގައި ބައިވެރިވުމަށް އަޅުގަނޑު އެރަށަށް އިއްޔެ ދިޔައީ. އުތީމުން ފުރައިގެން ފުރަތަމަ ހަމަޖެހިފައި އޮތް ގޮތުގައިވިއްޔާ، ދާން އޮތީ ރ. އަތޮޅަށް. މިރޭ އަޅުގަނޑު މަޑުކޮށްލަން ހަމަޖެހިފައި އޮތީ، ރ. އަތޮޅު އުނގޫފާރުގައި. އެހެންނަމަވެސް، މިއަދުވެސް ކަންތައް ދިމާވިގޮތުން، ރ. އަތޮޅަށް ނުދެވި، މިއަދު މި އާދެވުނީ ތިޔަބޭފުޅުންގެ މަނަދުއަށް.

އާދެ، ކޮންމެއަކަސް އަޅުގަނޑު ހިތާމަކުރާކަމެއް، އަޅުގަނޑު ވަކި ރަށަކަށް ދާކަން އެ ރަށުގެ ރައްޔިތުންނަށް އަދި އެތާނގެ ވެރިންނަށް އެނގިވަޑައިގެންފައި އޮތުމާއެކު، އެ ރަށަކަށް ނުދެވޭގޮތް ދިމާވުން އެއީ. އެހެންނަމަވެސް، ހައްތާވެސް ދިވެހިރާއްޖޭގެ ރަށްތައް. މަނަދުއާއި އުނގޫފާރަކީ، އަޅުގަނޑުގެ ނަޒަރުގައި ނުވަތަ އަޅުގަނޑުގެ ހިތުގައި ތަފާތެއް ނެތް، ދެ ރަށް. އެހެންވުމާއެކު، މިއަދު އުނގޫފާރަށް ނުދެވުނީތީ އަޅުގަނޑު ހިތާމަކުރި ކަމުގައިވިޔަސް، މަނަދުއަށް އައުމަށް މި ލިބުނު ފުރުޞަތަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް އުފާކުރަން.

އާދެ، މި ރަށަކީ ވަރަށް ޚާއްޞަ ރަށެއް، މި އަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށް. އަދި މި ރަށަކީ އެކިގޮތްގޮތުން ތަރައްޤީކުރުމަށް ސަރުކާރަށް ފެނިގެން އިސްކަންދޭ ރަށްތަކުގެ ތެރޭގައިވެސް ހިމެނިފައިވާ ރަށެއް. މިހާރު މި ރަށުގައި ހުޅުވިފައިވާ އަތޮޅު މަދަރުސާ، މި ދެންނެވި ބަހުގެ ހެތްކެއް ކަމުގައި ފުދޭ. އޭގެ އިތުރުން، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މި ރަށުގައި ބައެއް ކަންތައްތައް ކޮށްދެވިފައިވޭ. އަތޮޅުއޮފީހެއް، މި ރަށުގައި އަލަށް ޢިމާރާތް ކުރެވިފައި އެބަހުރި. މި ރަށުގެ މީހުންނަށް އެކަށީގެންވާ މިސްކިތެއް "مسجد الرِّضوان" މިހާރު ޢިމާރާތް ކުރެވި ހުޅުވިފައިވޭ. މި ރަށުގެ ރައްޔިތުންނަކީ ހީވާގި މަސައްކަތްތެރި ބައެއް ކަމުގައި އަޅުގަނޑު ފާހަގަކުރަން. އަދި މިރޭ މި ރަށަށް އައިސް، މި ރަށުގެ މަދަރުސާއިން ނެރުއްވާ ނޫސް ބަލައިލުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނު. ނޫހެއްގައި އޮތް ޚަބަރަކުން އަޅުގަނޑު ވަރަށްބޮޑަށް އުފާވި. އެ ވާހަކަ ދަންނަވާލަންވެސް ބޭނުންވޭ.

އާދެ، އެ ޚަބަރުގައި އޮތީ، މީގެކުރީގެ ހުކުރު ދުވަހެއްގައި ރަށުގެ ތަރައްޤީގެ މަސައްކަތްތަކުގައި މި ރަށުގެ އެންމެން ބައިވެރިވާ ވާހަކަ. އެއްބައިމީހުން މަސައްކަތް ކުރުމުން ގެންދިޔައީ ތޮށިލުމުގެ މަސައްކަތުގައި. އަނެއްބައިމީހުން މަސައްކަތް ކުރީ ޤަބުރުސްތާނު ނޮޅައި ސާފުކުރުމުގެ ކަންތަކުގައި. އަނެއްބަޔަކު، އަޅުގަނޑު ހަނދާންވާގޮތުގައި މަދަރުސާ ދަރިވަރުން، ފަޅު ފުންކުރުމުގެ މަސައްކަތުގައި. ފިރިހެނުން އެ ހުރިހާ މަސައްކަތުގައި އުޅޭތަން ފެނިފައި، އަންހެނުންނަށްވެސް ގޭގައި ތިބެން އެމީހުންގެ ހިތްހަމަނުޖެހިގެން، އަންހެނުންވެސް ނުކުމެ، ފަޅުފުންކުރުމުގެ މަސައްކަތުގައި ބައިވެރިވިކަމަށް އެ ނޫހުގައި އޮތް. އެ ޚަބަރު ފެނިފައި، އަޅުގަނޑު ވަރަށްބޮޑަށް އުފާވި. އެއީ އަޅުގަނޑު އަބަދުވެސް ރާއްޖެތެރޭގެ ރައްޔިތުންނަށް އިލްތިމާސް ކުރަމުން މި ގެންދަނީ، ރަށުގެ ކަންތައްތައް ކުރެއްވުމުގައި، ރައްޔިތުންގެ ހުރިހާ އެންމެން އެއްބާރުލައިގެން މަސައްކަތް ކުރަމުން ގެންދިޔުމަށް. ޖަމާޢަތުގެ މަސައްކަތް، ޖަމާޢަތުގެ އަފްރާދުން ކޮށްގެން، އެ މަސައްކަތްތައް އެދެވޭގޮތެއްގައި ކުރިއަށް ގެންދެވޭނީ. ސަރުކާރުން އެކިއެކި މަޝްރޫޢު ރޭވިކަމުގައިވިޔަސް، ނުވަތަ ރަށްރަށުގައި އެކި ކަންތައްތައް ކުރުމަށް، ޚަރަދު ކުރުމަށް ފައިސާ ދިންކަމުގައިވިޔަސް، އެކަންތަކުން އެދެވޭ ފައިދާއެއް ނުކުންނާނީ، ރަށުގެ ރައްޔިތުން އެ މަސައްކަތްތައް ކުރިއަށް ގެންދަވައިގެން. އެހެންވީމާ، އެގޮތުގެމަތިން މި ރަށުގެ ރައްޔިތުން އެހާ މުރާލިކަމާއި، ހިވާގިކަމާއެކު އިސްނަންގަވައިގެން އެފަދަ މަސައްކަތްތައް ކުރައްވާކަން އެނގިފައި އަޅުގަނޑު ވަރަށްބޮޑަށް އުފާކުރިން. އަޅުގަނޑުގެ ނަޞޭޙަތަކީ، އަދި އިލްތިމާސަކީ، ކުރިއަށް އޮތްތާނގައިވެސް އެގޮތުގެމަތިން މަސައްކަތް ކުރައްވަމުން ގެންދެވުން.

އާދެ، މި ރަށުގެ ރައްޔިތުންނަކީ، ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވާ ބައެއްކަން، މި ދެންނެވި ނޫހުން އަޅުގަނޑަށް ސާފުވި. އެ ނޫހުގެ އެއް ޞަފްޙާއެއްގައި އޮންނަނީ، ރަށުގައި ހިނގަމުންދާ މަސައްކަތްތަކުގެ ވާހަކަ. އެހެންވީމާ، އަޅުގަނޑު އިތުރު ބާރެއްލާފައި ދަންނަވަން ބޭނުންވަނީ، އެ މަސައްކަތްތައްވެސް ކުރިއަށް ގެންދަވާށޭ. ރަށުގެ ތަރައްޤީއަށްޓަކައި، އަދި ރަށުގެ ރައްޔިތުންގެ ތަނަވަސްކަމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން އެއީ ރައްޔިތުންގެ ވާޖިބެއްކަމުގައި ދެކެވަޑައިގަންނަވަންވާނެއޭ.

އާދެ، މި ވާހަކަވާނީ މީގެކުރިންވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާފައި. ރާއްޖެތެރެއަށް އަޅުގަނޑު ކުރަމުންދިޔަ ދަތުރު، އެ ދަތުރު މިހާރު މުޅިން ނިމިފައިވި ކަމުގައިވިޔަސް، އެ ދަތުރުގައި އަޅުގަނޑު ދާ ކޮންމެ ރަށެއްގައި އެ ވާހަކަވާނީ، ވަރަށް ތަފްޞީލުކޮށް ދައްކާފައި. އެހެންވީމާ، އެ ވާހަކަ އަލުން އިޢާދަކުރާކަށް އަޅުގަނޑު ނެތިން. އެހެންނަމަވެސް، އަބަދުވެސް ހަނދާން ކުރައްވަންވާނެ، ތިމާމެންގެ މަޢީޝަތު ތަނަވަސްވާނީ، ތިމާމެންގެ ދިރިއުޅުން ތަނަވަސްވާނީ، ތިމާމެން އެކަމަށްޓަކައި ކުރާ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުންކަން. އެހެންވީމާ، އަބަދުވެސް ކޮންމެ ރަށެއްގެ ރައްޔިތުންވެސް، އެ ރަށެއްގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި، އެ ރަށުގެ ތަޢުލީމު، އެ ރަށުގެ ޞިއްޙަތުގެ ކަންތައް، ރަށުތެރެ ސާފުކުރުން، ތަރައްޤީގެ އެކިއެކި މަސައްކަތްތައް. މި ހުރިހާ ކަމެއްގައި ރަށުގެ ރައްޔިތުން އެއްބާރުލައްވަން ޖެހޭނެ. ވެރިންނާއި ރައްޔިތުންނާ ގުޅިގެން، އެ ކަންތައްތައް އެކަށީގެންވާ ގޮތެއްގައި ކުރައްވައިފިއްޔާ، ޝައްކެއްނެތްގޮތުގައި ރަށުގެ ތަރައްޤީ ދާނީ ހަލުވިކަމާއެކު ކުރިއަށް.

އާދެ، މިރޭ އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މި ރަށުގެ ރައްޔިތުންނަށް ޝުކުރު ދަންނަވަމުން. އެއީ އަޅުގަނޑު އައުމުން، ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނު ހޫނު މަރުޙަބާއަށްޓަކައި. ހަމައެއާއެކު، މި އަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުއްރަޙްމާން މުޙައްމަދަށްވެސް ޝުކުރު ދަންނަވަން. ހަމައެއާއެކުގައި، މި އަތޮޅުގެ އެހެން ރަށްރަށުގެ ވެރިން، އަޅުގަނޑު މި ރަށަށް އަންނާނޭކަމުގެ އުއްމީދުގައި ނުވަތަ އިންތިޒާރުގައި މި ރަށަށް ވަޑައިގެން ތިއްބެވިކަން އެނގި އަދި އެ ބޭފުޅުންނާ ބައްދަލުކުރުމުގެ ފުރުޞަތުވެސް އަޅުގަނޑަށް ލިބުމާއެކު، އެ ހުރިހާ ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވަން. ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ހިދާޔަތު ދެއްވުން. އަދި އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގުގައި އަޅުގަނޑުމެންގެ ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު ދެއްވުން. އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުކުރުމަށާއި އަދި ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރާ އެކިއެކި މަސައްކަތްތަކުގައި އެކަލާނގެ ތައުފީޤު ލެއްވުން.

والسّــلام عليكم ورحمـة اللّـه وبركاته.

No comments: