Friday, January 20, 2023

ލޮލުރޯގާ

 

 

 

 


ޢަބްދުﷲ ސަޢީދު 

 

ލޮލުރޯގާ (Conjunctivitis) އަށް އިނގިރޭސިބަހުން އާންމު ނަމެއްގެ ގޮތުގައި "ޕިންކް އައި" ވެސް ކިޔައެވެ. ލޮލުރޯގާ ކިޔަނީ  ވައިރަސްއަކުން ނުވަތަ ބެކްޓީރިޔާއެއްގެ ސަބަބުން ނުވަތަ އެލާޖީއެއްގެ ސަބަބުން ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލި ދުޅަވެ ރަތްވުމަށެވެ. އާންމުކޮށް ލޮލުރޯގާ ޖެހެނީ ވައިރަސް ނުވަތަ ބެކްޓީރިޔާ ނުވަތަ އެލާޖީގެ ސަބަބުންނެވެ. އާންމު ރޯގާއެއްގެ ގޮތުގައި ފެތުރެނީ ވައިރަސް ނުވަތަ ބެކްޓީރިޔާއިން ޖެހޭ ލޮލުރޯގާއެވެ. އެހެން ލޮލުރޯގާތައް ގައިންގަޔަކަށް ނާރައެވެ.  

 

 

ބައެއް ދުވަސްވަރަށް އާންމު ރޯގާއެއްގެ ގޮތުގައި ލޮލުރޯގާ މުޖުތަމަޢުގެ ތެރޭގައި ފެތުރެއެވެ. ވައިރަސްއާއި ބެކްޓީރިޔާއިން ލޮލުރޯގާ ޖެހެނީ އެތަކެއްޗަށް ލޮލަށް ވާސިލުވުމަށް ފުރުސަތު ލިބިގެންނެވެ. ގިނަ ފަހަރަށް އެ ފުރުސަތު ފަހިވަނީ އެ މީހެއްގެ އަމިއްލަ އަތުންނެވެ. އެހެންކަމުން ލޮލުރޯގާއިން ސަލާމަތްވުމަށް ގިނަގިނައިން އަތް ދޮވެ އަތްތިލަ ސާފުކުރުމަކީ ކުރެވިދާނެ ކަމެކެވެ.  ލޮލުރޯގާ ޖެހިފައިވާ މީހާގެ ކިބައިން އެހެން މީހުންނަށް އެ ބަލި ފެތުރެނީ އޭނާގެ ލޮލުން ބޭރުވާ ދިޔައާއި ފެނާއި މަޑާއި ކެއްސާ ކިނބިހިއަޅާއިރު ބޭރުވާ ތެއްކަމުންނެވެ. އަދި ބަލި ޖެހިފައިވާ މީހާ ބޭނުންކުރާ ރުމާލާއި ތުވާއްޔާއި ޓިޝޫފަދަ ތަކެތީންނެވެ. ލޮލުރޯގާއަކީ އަމިއްލަ ސަލާމަތާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅެވިއްޖެނަމަ ފަސޭހައިން ކޮންޓްރޯލް ކުރެވޭނެ ބައްޔެކެވެ.

 

ލޮލުރޯގާ ޖެހުމުން އެންމެ ބޮޑުވަރު ވަނީ ގިނަ ފަހަރަށް ތިން ދުވަހާއި ފަސް ދުވަހާ ދެމެދުގައެވެ. މި ބައްޔަކީ އެއްވެސް ފަރުވާއެއް ނުކުރިއަސް އެއް ހަފުތާއާއި ދެ ހަފުތާގެ ތެރޭގައި ރަނގަޅުވާ ބައްޔެކެވެ. ނަމަވެސް ބައެއް ފަހަރު ބައެއް މީހުންނަށް ބަލިން ރަނގަޅުވާން ނަގާ މުއްދަތު ތިން ހަފުތާއަށް ވެސް ދެމިގެންދެއެވެ.

 

ވައިރަސްއިން ޖެހޭ ލޮލުރޯގާއާއި ބެކްޓީރިޔާއިން ޖެހޭ ލޮލުރޯގާ އަމިއްލައަށް ދެނެގަނެވޭ އާންމު ގޮތެއް އޮވެއެވެ. އެއީ  ވައިރަސްއިން ޖެހޭ ލޮލުރޯގާ ޖެހުމުން ލޮލުން އާންމުކޮށް ފެން އައުމާއި، ބެކްޓީރިޔާއިން ޖެހޭ ލޮލުރޯގާ ޖެހުމުން ލޮލުގައި މަޑުލުމާއި ލޮލުގެ އެސްފިޔަތައް ތަތްވުމެވެ. އެލާޖީގެ ސަބަބުން ލޮލުރޯގާ ޖެހެނީ ގިނަ ފަހަރަށް އެހެން ކަހަލަ އެލާޖީ ވެސް ހުންނަ މީހުންނަށެވެ. އެލާޖީގެ ސަބަބުން ޖެހޭ ލޮލުރޯގާ އަކީ މޫސުމަށް އަންނަ ބަދަލުތަކުންނާއި ބޭނުންކުރާ ރީތިވާ އެއްޗެހިންނާއި މާހައުލުގައި ހުންނަ އެ މީހަކާ ނުގުޅޭ މާއްދާތަކުން ޖެހޭ ރޯގާއެކެވެ. އެލާޖީގެ ސަބަބުން ޖެހޭ ލޮލުރޯގާއަކީ ގައިންގަޔަށް އަރައިގެން ފެތުރޭ ލޮލުރޯގާއެއް ނޫނެވެ.

 

އެކި މީހުންނަށް ލޮލުރޯގާ ޖެހުމުން އުފުލަންޖެހޭ ތަދާއި އުނދަގޫތައް ތަފާތެވެ. ލޮލުރޯގާ ޖެހުމުން ބައެއް މީހުންނަށް ވަރަށް ބޮޑަށް ލޯކަހައި ހިރުވާ އަދި ދިލަނަގާގޮތް ވެއެވެ. ލޯ ރަތްވެ، ލޮލުން ފެންއާދެއެވެ. އަދި ލޮލުގައި މަޑުލައި އެސްފިޔަތައް ތަތްވެއެވެ. ބައެއް ފަހަރު ހުންފާޑުވެ، ކަރުގައި ގޮށްލައެވެ. ލޮލުގެ ބޮޑި ދުޅަވެއެވެ. ލޮލުގެ ފެނުން ނުސާފުވެއެވެ. ލޮލުގެ ތެއްކަން ނުވަތަ ލޮލުން މަޑު ނަގައިގެން ޓެސްޓްކޮށްގެން އެ ލޮލުރޯގާއަކީ ކޮން ކަހަލަ ލޮލުރޯގާއެއްކަން ދެނެގަނެވެއެވެ.

 

ލޮލުރޯގާޖެހުމުން ބަލި މީހާ ދެކަމަކަށް ސަމާލުކަން ދިނުން މުހިންމުވެއެވެ. އެއް ކަމަކީ އޭނާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމެވެ. އަނެއް ކަމަކީ ފަރުވާކުޑަނުކޮށް ލޮލަށް ރައްކާތެރިވުމެވެ. ޑޮކްޓަރެއްގެ ލަފާގެމަތިން ނޫނީ އެއްވެސް ކަހަލަ ބޭހެއް ބޭނުންނުކުރުމެވެ. ލޯކަހައި ހިރުވާގޮތްވުމުން މާބޮޑަށް ލޯ އުނގުޅައި ހެދުމުން ލޯފާރުވެ ލޮލަށް ބޮޑެތި ގެއްލުންތަން ލިބޭނެތީ އެކަމުން ދުރުވާންޖެހެއެވެ.  

 

ލޮލުރޯގާ ޖެހި، ބޮޑުވަރު ވާނަމަ ޑޮކްޓަރުން ފަރުވާ ކުރަނީ އެއީ ކޮން ގޮތަކަށް ޖެހުނު ލޮލުރޯގާއެއްކަން ދެނެގަތުމަށްފަހުގައެވެ. ނުރައްކާތެރި ވައިރަސްއަކުން ބަލި ޖެހިފައިވާނަމަ އެންޓިވައިރަލް ބޭހެއް ޑޮކްޓަރުން ދެއެވެ. ބެކްޓީރިޔާއިން ޖެހޭ ވައްތަރުގެ ލޮލުރޯގާ ޖެހި، ބޮޑުވަރުވެއްޖެނަމަ އެންޓިބަޔޮޓިކް ދެއެވެ. މިގޮތުން ލޮލަށް ތިކި ޖައްސާގޮތަށް އަޅާ ބޭހާއި އުނގުޅާ ބޭސް ދެއެވެ. އެންޓިބަޔޮޓިކް ބޭނުންކުރުމަކީ ބަލީގައި ހޭދަވާ މުއްދަތު ކުރުކޮށްދޭ ކަމެކެވެ. ލޮލުރޯގާ ޖެހުމުގެ ސަބަބުން ލޯމަތި ދުޅަވުމުން ކޯލްޑް ޕެކް ބޭނުންކުރެއެވެ. އަދި ލޯ ހިކުމުން އާޓިފިޝަލް (މަސްނޫއީ) ކަރުނަ ލޮލަށް އަޅަން ބޭނުންކުރެއެވެ. އާންމު ގޮތެއްގައި އެއްވެސް ފަރުވާއެއް ނުކުރި ނަމަވެސް ހަފުތާހާ ދުވަހުގެ ތެރޭގައި ގިނަ މީހުން މި ބަލިން ރަނގަޅުވެއެވެ.

 

މަޢުލޫމާތު:

https://www.aao.org/eye-health/diseases/pink-eye-conjunctivitis

 

No comments: