Wednesday, January 24, 2018

އަޅުގަނޑުގެ ލަނޑުދަނޑި ތިޔަރީ

ޢަބްދުﷲ ސަޢީދު 

ލަނޑުދަނޑިއަކީ އަމާޒު ފަތްގަނޑެވެ. ލަނޑުދަނޑިއަށް ވާސިލުވުމަކީ އެމީހަކު ގަސްތުކުރި ކަމަކާ ހަމައަށް ދެވުމެވެ. ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހަކަމާއެކު ލަނޑުދަނޑިއެއް ކަނޑައެޅިދާނެއެވެ. އެމީހަކު ހާސިލުކުރަން ބޭނުންވާ ގޯލެއް ނިންމި ދާނެއެވެ. އެކަމަށްޓަކައި އުންމީދުތަކެއް ކުރެވިދާނެއެވެ.  އުންމީދު ކުރަމުން ކުރަމުންގޮސް ޚިޔާލީފޮލާތަކެއް ވެސް ކެއްކިދާނެއެވެ. އެމީހަކާ އެކަށީގެންވާ މިންވަރަށް ވުރެ މައްޗަށް ވެސް ކަންތައްތައް ޚިޔާލުގައި ރޭވިދާނެއެވެ. އެކަމަކު ލަނޑުދަނޑިއެއް ހާސިލުކުރަން ބޭނުންނަމަ ކޮންމެ މީހަކު ވެސް ކަންތައްތަކެއް ކުރަން ޖެހެއެވެ. ކޮންމެ މީހަކަށް ވެސް ކަންތައްތަކެއް އެނގެން ޖެހެއެވެ. ކަންތައްތަކެއް ވާންޖެހެއެވެ. އެ ކަންކަމަށް އަޅުގަނޑު ކިޔަނީ ލަނޑުދަނޑީގެ 3 ތަނބެވެ.



ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލުވުމަށް އެންމެ މުހިންމު ކަމަކީ އެކަމެއްގެ ޝަޢުޤުވެރިކަމެވެ. ޝަޢުޤުވެރިކަމަކީ ހާސިލުކުރަން ބޭނުންވާ ކޮންމެ ލަނޑުދަނޑިއެއް އެ މައްޗަށް ބިނާވާ މައި ތަނބުގެ އިތުރުން ކޮންމެ ލަނޑުދަނޑިއެއް ވެސް އޭގެމަތީގައި ދެމިއޮންނަ ބެރި ނުވަތަ ސަބަބެވެ. ކަމަކާ ދޭތެރޭގައި މީހެއްގެ ކިބައިގައި އެނދުންވެރިވާ ނުވަތަ ޝަޢުޤުވެރިވާ މިންވަރެއް އެ ލަނޑުދަނޑިއަކަށް ވާސިލުވުމުގައި އޮންނަ ދުރުމިން ކައިރިކޮށްދެއެވެ. ޝަޢުޤުވެރިކަން މަތިވި ވަރަކަށް ހުރަސްތައް ގިރާކުރުމަށް ފަސޭހަވެއެވެ. ބަޔަކު ލައްވައި ވަކި ލަނޑުދަނޑިއެއް ހާސިލުކުރަން ބޭނުންވިޔަސް އެންމެ ފުރަތަމަ ކުރަންޖެހޭ އަދި އެންމެ މުހިންމު ކަމަކީ އެބައެއްގެ ހިތުގައި އެކަމެއްގެ ޝަޢުޤުވެރިކަމުގެ އޮށް އިންދުމެވެ. އެބައެއްގެ ހިތްތަކުގައި އެކަމަކަށް ޝަޢުޤުވެރިކަން އުފައްދައި މޯޓިވޭޓް ކުރުމެވެ. ޝަޢުޤުވެރިކަން އިތުރުކޮށްގެން ބުރަ ކަންކަން ލުއިކުރެވެއެވެ. އުނދަގޫ ކަންތައްތައް ތަހަންމަލު ކުރެވެއެވެ. ކުރިން ފާހަގަ ކުރެވިފައިނުވާ ހުނަރުތަކާއި ކުޅަދާނަކަމާއި ޤާބިލުކަން ފާހަގަކުރެވެއެވެ. ކުރިން ނުފެންނަ މަގުތައް ފެނެއެވެ. ކުރިން ނުހުޅުވޭ ދޮރުތައް ހުޅުވެއެވެ. ކުރިން ނެތް ބާރާއި ހިތްވަރު ލިބެއެވެ. ކުރިން ނެތް ފުރުސަތުތައް ތަނަވަސްވެ ފަހިވެއެވެ. ކުރިން ނެތް ތާޢީދާއި ރުހުން ލިބެއެވެ. 
ހާސިލުކުރަން ބޭނުންވާ ދަނޑުދަނޑި ހިފައްޓާ ދެވަނަ ތަނބަކީ އުނގެނުމެވެ. ބޭނުންވާ ކަމެއް ދަސްކުރުމެވެ. އެކަމެއް ރަނގަޅަށް ދޭހަކޮށްގަންނަން އެނގުމެވެ. ޢިލްމަކީ ހުރިހާ ހެޔޮކަމެއްގެ ތަޅުދަނޑިއެވެ. ހެވާއި ނުބައި ވަކިކޮށްދޭ ވަސީލަތަވެ. އިންސާނާގެ މަޤްޞަދާއި އޭނާގެ ހުދޫދު އެނގިގެންދާ އައްޔެވެ. ޢިލްމަކީ ޙަޤީޤަތާއި، މަޢުލޫމާތާއި، ހުނަވެރިވެރިކަމުގެ ތެރެއިން ތަޖުރިބާ ލިބިގެންދާގޮތަށް އުނގެނޭ އުނގެނުމެވެ. އޭގެތެރޭގައި ވަކިވަކި މާއްދާތައް ޢަމަލީ ގޮތުން ނުވަތަ ޢިލްމީ މަސައްކަތުން ފަހުމު ވެގެން ދާދިއުމެވެ. އެހެންކަމުން އުގެނުމާނުލައި ލަނޑުދަނޑިއެއް ހާސިލުކުރާނީ ކިހިނަކުންތޯއެވެ.

ހާސިލުކުރަން ބޭނުންވާ ދަނޑުދަނޑި ހިފައްޓާ ތިންވަނަ ތަނބަކީ ޤުރުބާނީއެވެ. ޤުރުބާނީއަކީ ހަށިގަނޑުން ނުވަތަ މުދަލުން ނުވަތަ ފުރާނައިން ނުވަތަ މިތިންބައިން ކުރާ ހޭދައެވެ. ހަށިގަނޑާއި މުދަލާއި ފުރާނައިގެ ތެރެއިން ފިދާވާ ފިދާވުމެވެ. އެއްވެސް ލަނޑުދަނޑިއެއް އެމީހެއްގެ ޤުރުބާނީއާ ނުލައި ހާސިލެއް ނުކުރެވޭނެއެވެ. އެކަމަށްޓަކައި އެންމެ ކުޑަމިނުން އެ މީހެއްގެ ވަގުތު ޤުރުބާންކުރަންޖެހެއެވެ. އެމީހެއްގެ ހަކަތަ ޤުރުބާންކުރަންޖެއެވެ. ވިސްނުމާ ފިކުރަށް އެމީހެއްގެ ސިކުނޑި ހުޅުވާލަންޖެހެއެވެ. ލަނޑުދަނޑިތައް ހުރަސްކުރުމުގައި ބައެއް ފަހަރު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރިމަތިވާ ހުރަސްތަށް ގިރާކުރަން ޖެހެއެވެ. މިއިން ކޮންމެ ހާލަތެއްގައި އެކަމަކަށް އަގު އަދާކުރަންޖެހޭނީ އެމީހެއްގެ ހަށިގަނޑުންވާ ޤުރުބާނީންނެވެ. ބައެއް ފަހަރު އެ ޤުރުބާނީގެ އަސަރު ދަލާއި ލެއިން ފެނިދާނެއެވެ. އަނެއްބައިފަހަރު ކަރުނައިންނެވެ. މުދަލުންވާ ޤުރުބާނީއަކީ އެ ލަނޑުދަނޑިއެއް ހާސިލުކުރުމަށް މާލީގޮތުން ކުރާ ހޭދައެވެ. ފައިސާއާއި މުދަލުންކުރާ ހޭދައެވެ. އެ ހޭދައަކީ އޭގެ ޒާތަށް ބަލާއިރު އެތައް ކަމަކަށް ހޭދަކުރަން ހުރި ފައިސާއިން ކުރާ ހޭދައަކަށް ވެދާނެއެވެ. އެ ހިނދު އެ ފައިސާ އެ ހޭދަކުރެވެނީ އެހެން ވަރަށް ގިނަ ކަންތައްތަކަކާއި އުފާތަކެއް ޤުރުބާންކޮށްފައެވެ. ލަނޑުދަނޑިއެއް ހާސިލުކުރުމަށް ވެވޭ ޤުރުބާނީގެ އެންމެ އަގުހުރި އަދި އެންމެ މަތިވެރި ޤުރުބާނީއަކީ ﷲގެ މަގުގައި ވެވޭ ޤުރުބާނީއެވެ. ދީނާއި ޤައުމަށްޓަކައި ވެވޭ ފިދާއެވެ. ﷲ ދެއްވި އެންމެ މަތިވެރި އެއް ނިޢުމަތް ކަމުގައިވާ ފުރާނައިން ވެވޭ އެ ފިދާގެ ސަބަބުން އެހެންބައެއްގެ މުސްތަޤްބަލް އާރާސްތުކޮށްދީ، ލަނޑުދަނޑި ހާސިލުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމުގައި އެއީ އެންމެ އުސް ކުރިބޯއްޓެވެ. ޤުރުބާނީއާނުލައި އެއްވެސް ލަނޑުދަނޑިއެއް ހާސިލެއް ނުވާނެއެވެ. 

No comments: