Wednesday, February 21, 2018

ޅެންވެރިކަމުގައި އަޅުގަނޑު


ޢަބްދުﷲ ސަޢީދު

އަޅުގަނޑަށް ޅެންވެރިކަމުގެ ތެރެއަށް ވަދެވުނީ އަޅުގަނޑުގެ އުފަން ރަށް ކަމުގައިވާ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާއިން ތަޢުލީމް ހާސިލުކުރި ދުވަސްވަރުއެވެ. ޅެންވެރިކަމަށް ޝައުޤުވެރިވީ އަޅުގަނޑުގެ ދިވެހި ބަހުގެ އުސްތާޒު އަދި އަޅުގަނޑުގެ ލޮބުވެތި ބޮޑުބޭބެ، ނ. އަތޮޅު މަދަރުސާގެ އޭރުގެ ނާޒިރު އަލްފާޟިލް ޢަބްދުލްޢަޒީޒް ޤާސިމުގެ ފަރާތްޕުޅުން ލިބިގެންދިޔަ އެހީތެރިކަމާއި ދެއްވި އިރުޝާދާއެކު 1990 ވަނަ އަހަރުގައެވެ. ސްކޫލް ދައުރަށްފަހު ޅެންވެރިކަމުގެ އެއްވެސް މަސައްކަތެއް ނުކޮށް، 24 އަހަރު މެދުކެނޑިއެއް ދިޔައެވެ. އެހެންނަމަވެސް ޅެންވެރިކަމުގެ ފަންނަން އޮންނަ ޝައުޤުވެރިކަން އޮތެވެ. ކުޅަދާނަ މޮޅެތި ޅެންވެރިންގެ ޅެން ކިޔާ، ޅެމާއި ލަވައާ އަދި ޅެންވެރިކަމާގުޅޭ ގޮތުން ޓީވީންނާއި ރޭޑިއޯއިން ތައްޔާރުކޮށް ފޮނުވާ ޕްރޮގްރާމްތައް ކުރިއެކޭ އެއްގޮތަށް ޝައުޤުވެރިކަމާއެކު ބަލާ އަދި އަހާ ހަދަމުން ދެވުނެވެ. އެގޮތުގައި 24 އަހަރުގެ މެދުކެޑުމަކަށްފަހު އަލުން ޅެންހަދަން ފެށީ 2014 ވަނަ އަހަރުއެވެ. އެ އަަހަރުގެ ތެރޭގައި ބައެއް ޅެންތައް މީސް މީޑިއާގައި އަޅުގަނޑު ޕަބްލިޝިން ކުރަމުން ދާންފެށީމެވެ. އެ ޅެންތަކަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބެންފެށިއެވެ. ބައެއް ޒުވާން ކުދިން ޅެން ހަދަން ދަސްކޮށްދޭން އެދެމުން ދިޔައެވެ. އަޅުގަނޑަށް އެނގިހުރި މިންވަރަކުން ބުނެދީ އޮޅުންފިލުވައިދީ ހަދަމުން ދިޔައީމެވެ. އެ ދުވަސްވަރު އަޅުގަނޑަށް އެންމެ ބޮޑު އެހީތެރިމެއް ދެއްވާ ހިތްވަރު ދެއްވި ބޭފުޅަކީ އަޅުގަނޑުގެ ލޮބުވެތި ބައްޕަ، އަލްފާޟިލް ސަޢީދު ޤާސިމެވެ. އަޅުގަނޑުގެ ބައްޕައަކީ ކުރިން ވަރަށް ގިނަ ޅެންތަކެއް ހައްދަވާފައިވާ ކުޅަދާނަ ޅެންވެރިއެކެވެ. އަޅުގަނޑުގެ ބޮޑު ބޭބެއަކީ ވެސް ޅެންވެރިއެކެވެ. އަޅުގަނޑުގެ މާފައަކީ ވެސް ޅެންވެރިއެކެވެ. އަދި ކުޅަދާނަ ލަވަ ކިޔުންތެރިއެކެވެ.



އަޅުގަނޑު މިއަދު ޅެންވެރިންނާއެކު ފެންނަމުން ދިޔަޔަސް އަދި ބައެއް ބޭފުޅުން އަޅުގަނޑުގެ ޅެންތަކާއި ލަވަތައް ރީތި ކަމަށް ވިދާޅުވަމުން ދިޔަނަމަވެސް އަޅުގަނޑަކީ އަދިވެސް ޅެންވެރިއެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަޅުގަނޑަކީ ޅެންވެރިއެއްގެ ގޮތުގައި ބަޔަކު ބަލައިގަންނަ ނަމަ ނުވަތަ އަޅުގަނޑަށް ބަޔަކު ބަލައިގަންނަ ފަދަ އޮށްޓަރު ހެޔޮ އުފެއްދުންތަކެއް މިއަދު އާންމު ކުރެވޭނަމަ އެކަމުގެ ޝުކުރު ޙައްޤުވާ ރާއްޖޭގެ ވަރަށް ފުންނާބުއުސް ޅެންވެރިންތަކެއް އެބަތިއްބެވެ. އެއީ އަލްފާޟިލް ޢަބްދުﷲ ޢަފީފް (ތިނަދޫ ޢަފީފުބޭ) އާއި، އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަންބެ) އާއި، އަލްފާޟިލް މުޙައްމަދު ޢާމިރު (ފަރެސް އާމިރު) އާއި، އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމެވެ. މި ބޭފުޅުން އަޅުގަނޑަށް ޅެންވެރިކަމުގެ ވަޒަންތަކުން ފެށިގެން ޅެންވެރިކަމުގެ ފަންނާބެހޭ އެތައް ދަރުސްތަކެއް ދެއްވާފައިވެއެވެ. އެތައް ނަސޭހަތެއް ދެއްވާފައިވެއެވެ. ކޮންމެ ވަގުތަކު ދަންނަވާލިޔަސް އެހީތެރިވެ ދެއްވާފައިވެއެވެ. ޅެމުގެ އިތުރުން، ރައިވަރާއި، ބަނދި ހަދާނެގޮތްތައް ދަސްކޮށްދެއްވިއެވެ. މި ބޭފުޅުންނަށް ޙައްޤުވާ ޝުކުރު ފަށްފަށް ކުރަމެވެ.

އަޅުގަނޑު މި ބޭފުޅުންގެ އެހީތެރިކަމާހަމައަށް ގެންގޮސް ދެއްވި ފަރާތަކަށް ޙައްޤުވާ ޝުކުރު އަދި މާ ބޮޑުވާނެ ނޫންތޯއެވެ. އެހެންކަމުން އެ މަގު އަލިވެގެން ދިޔަ ގޮތް ދަންނަވާލުމަކީ އަޅުގަނޑުގެ ޅެންވެރިކަމުގެ ހަޔާތުގެ މުހިންމު ވާހަކައެކެވެ. އަޅުގަނޑު ޅެންވެރިއެއްގެ ގޮތުގައި ނުވަތަ ޅެންވެރިކަމަށް ޝައުޤުވެރިކަން ހުންނަ މީހެއްގެ ގޮތުގައި ބަލައިގަންނަވައި، ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަލްފާޟިލް އަޝްރަފު ޢަލީ ދިވެހި ޅެންވެރިންގެ "ބަހާރު" ކިޔާ ވައިބަރ ގްރޫޕަކަށް އަޅުގަނޑު ލެއްވިއެވެ. އަޅުގަނޑު އެ އޮޅީގައި ޅެންތައް ޝާއިޢުކުރަމުން ދިޔައީމެވެ. އޭރު އަޅުގަނޑުގެ ބައެއް ޅެންތަކުގައި ހުންނަ އިތުރަށް ފުރިހަމަކޮށްލަންޖެހޭ ބައެއް ނުކުތާތައް ފާހަގަ ކުރެއްވިގެން އެކަމުގައި އިސްވެ އެހީތެރިކަން ދެއްވުމަށް އަޝްރަފް ޢަލީ ހުށަހަޅުއްވައި، އަދި އިސްވެ ދެންނެވި ބައެއް ޅެންވެރި އުސްތާޒުންނަށް ދަންނަވައިގެން އަޅުގަނޑަށް އެހީތެރިކަން ހޯއްދަވައިދެއްވިއެވެ. މީގެތެރެއިން ބައެއް ބޭފުޅުންނަށް އަޅުގަނޑު ތަޢާރަފުކޮށް ދެއްވައި ބަދަހި ގުޅުމެއް އުފައްދަވައި ދެއްވީ ޚުދު އަޝްރަފެވެ. އަޅުގަނޑަކީ ތިޔަ ބޭފުޅުން ޅެންވެރިއެއްގެ ގޮތުގައި ބަލައިގަންނަވާނަމަ އެކަމުގެ ޙައްޤު ޝުކުރު ދަންނަވަންޖެހެނީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަލްފާޟިލް އަޝްރަފު ޢަލީއަށާއި އަޅުގަނޑަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވި ޅެންވެރި އުސްތާޒުންނަށެވެ.

ފުރަތަމަ ޅެމެއް ހެދި ތާރީޚު: 21 އެޕްރީލް 2014 (މި ތާރީޚަކީ ޅެމަކަށްވާގޮތަށް ބައިތުތަކެއްގެ މައްޗަށް ޅެމެއް އެކުލަވާލައި ލިޔެ އާންމުކުރި ތާރީޚު. އޭގެކުރިންވެސް ޅެން ހަދާ އުޅުނު ނަމަވެސް އެ ތާރީޚެއް އަދި އެއީ ކޮން ޅެމެއްކަމެއް ހަނދާނެއް ނެތެވެ.)    

 އަދަބީ ޚިދުމަތްތައް: އަޅުގަނޑަކީ ފޮތްލިޔެ އެކުލަވާލާ ލިޔުންތެރިއެކެވެ. މިގޮތުން އެމްއެންޑީއެފުން ނެރުނު "އަސްކަރީ ނިޒާމުގެ ފެށުން" މިފޮތް އެކުލަވާލުމުގެ މަސައްކަތުގައި އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމާއި، އަލްފާޟިލާ ނަސީމާ މުޙައްމަދުގެ އަރިހުގައި މަސައްކަތްކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. 2012 ވަނަ އަހަރު ސިފައިން ނެރުނު "ނޮވެންބަރު ތިނެއް" މިފޮތަކީ އެތައް ބައެއްގެ އަގުހުރި ޚިދުމަތާއެކު އަޅުގަނޑު އެކުލަވާލި ފޮތެކެވެ. މީގެއިތުރުން، ސިފައިންގެ މުހިންމު ޚިދުމަތްތަކުގެ މައްޗަށް އަޅުގަނޑުވާނީ ފޮތްތަކެއް ލިޔެ އެކުލަވާލާފައެވެ. އޭގެތެރެއިން ބައެއް ފޮތްތައް ޗާޕު ޖަހާފައިވެއެވެ. އަޅުގަނޑު ލިޔެ، ފަރުމާކޮށް، އެކުލަވާލި ފޮތްތަކުގެ ތެރޭގައި "އެމްއެންޑީއެފް ކޯސްޓްގާޑް"، " 25 އަހަރުގެ އަގުހުރި ޚިދުމަތް - އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސް" ، "އެމްއެންޑީއެފް މެރިން ކޯރ" ހިމެނެއެވެ. މި ފޮތްތައްވަނީ މޯލްޑިވްސް ކްލެސިފިކޭޝަން އޮތޯރިޓީން ފާސްކޮށްދެއްވާފައެވެ. އެންމެ ބުރަ އަދި އަގުހުރި ޚިދުމަތެއްގެ ގޮތުގައި މިދާއިރާއިން ކުރެވިފައިވާ ޚިދުމަތަކީ ދިވެހި އަސްކަރީ ތާރީޚު ދިރާސާކޮށް ލިޔެ ބެލެހެއްޓުމެވެ. މިގޮތުން އަސްކަރީ ތާރީޚުގެ ތިންވަނަ ވޮލިއުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. "ދިވެހި ސިފައިން އުފެދުމާއި ކުރިއެރުން 1892 އިން 2008 އަށް" މިފޮތް މިހާރުވަނީ ލިޔެ އެކުލަވާލައި ނިމި، ޗާޕު ޖެހުމުގެ މަގުމަތީގައެވެ. މީގެއިތުރުން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ސިފައިންގެ ޚިދުމަތުގައި ހުންނަވަނިކޮށް އަވަހާރަވި މޭޖަރ އަޙްމަދު ޢާޠިފުގެ ހަނދާނުގައި ލިޔުނު "ފަސްލާފޮރުވާލިޔަކަސް.... - އަލްމަރުޙޫމް މޭޖަރ އަޙްމަދު ޢާޠިފުގެ ހަނދާންތައް" މި ފޮތަކީ ވެސް އެެމްއެންޑީއެފުން ޝާއިޢުކުރާ އަޅުގަނޑު ލިޔުނު ފޮތެވެ.

އަޅުގަނޑަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ނެރޭ "އައްޑަނަ" މަޖައްލާގެ ޑެޕިއުޓީ އެޑިޓަރެވެ. އެ މަޖައްލާގައި އެންމެ ގިނަ ލިޔުން ޝާއިޢުކޮށްފައިވާ ލިޔުންތެރިޔާއެވެ. އަޅުގަނޑުގެ ލިޔުންތަކުގެ އިތުރުން ޅެންތައް ވެސް އައްޑަނަ މަޖައްލާގައި ގެންދަނީ ޝާއިޢުކުރަމުންނެވެ.

އަޅުގަނޑަކީ ރޭޑިއޯ ޑްރާމާ އުފައްދާ ޕްރޮޑިއުސަރެކެވެ. އަޅުގަނޑު އުފައްދާފައިވާ 4 ޑްރާމާއެއް ދިވެހިރާއްޖޭގެ އަޑުން ވަނީ ބްރޮޑްކާސްޓް ކުރައްވާފައެވެ. އޭގެތެރެއިން ބައެއް ޑްރާމާތަކަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ. މީގެއިތުރުން އިޖުތިމާޢީ މައްސަލަތަކުގައާއި ދިވެހި އަދަބީ އަދި ދިވެހި ތާރީޚީ ބައެއް ޕްރޮގްރާމުތަކުގައި ބައިވެރިވެ އަޅުގަނޑުގެ ވިސްނުމާއި ފިކުރު ހުށަހެޅުމުގެ ފުރުސަތު ލިބިފައިވެއެވެ. އަދި ތަރުބަވީ ދަރިންތަކެއް ބިނާކުރުމަށް ސްކޫލްތަކުންނާއި މައިންބަފައިން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ، ޤައުމީ ޖޯޝާއި ޤައުމީ ރޫޙު ދަރިވަރުންގެ ހިތްތަކުގައި އުފެއްދުމަށް ހިންގާ ދިވެހި އަދަބާއި ތާރީޚާއި ސަޤާފަތާގުޅޭ ތަފާތު މައުޟޫތަކުގެ މައްޗަށް ވާހަކަ ދައްކައި، އަދި ކްލާސްތައް ނަގައިދެވިފައިވާނެއެވެ.

އަދަބީ ދާއިރާއިން ޅެމާއި ލަވައާއި ރައިވަރާއި ބަނދި ހަދައިދެމުން މިއަދާ ހަމައަށް މިއައީ ހިލޭ ސާބަހަށެވެ. އެއްވެސް އަގެއް އަދި ހަދިޔާއަކާ ނުލައެވެ. މިގޮތުން ކޮންމެ އަހަރެއްގެ ޤައުމީ ދުވަހު ސިފައިން ނެރޭ ޤައުމީ ލަވަ އަލްބަމްތަކުގެ ތެރެއިން ބައެއް އަލްބަމްތަކަށާއި ބައެއް ޚާއްޞަ މުނާސަބަތުތަކަށް އަޅުގަނޑުވާނީ ލަވަ ހަދައިދީފައެވެ. އަދި ބައެއް މަދަނީ ޖަމްޢިއްޔާތަކަށާއި ބައެއް އިޖްތިމާޢީ ކެމްޕޭނުތަކަށާއި އިޖްތިމާޢީ މަޤްޞަދަށްޓަކައި ތައްޔާރުކުރާ ބައެއް ޑެލެޑްރާމާތަކަށް ވެސް ވާނީ ހިލޭ ސާބަހަށް ލަވަ ހަދައިދީފައެވެ. އެމްއެެންޑީއެފް މެރިން ކޯރ ގެ ވޮރިއަރ ސޯންގާއި، އައްޑަނަ ޓީވީގެ ލަވައިގެ އިތުރުން ސްޕެޝަލް ފޯސަސްގެ ލަވައާއި ކޯސްޓްގާޑުގެ ލަވައާއި ޤައުމީ ލަވަ އަލްބަމްތަކަށާއި މިނިވަން 50 ގައި ސަރުކާރުން ނެރުއްވި އަލްބަމަށް ހެދި ލަވަތައް މީގެތެރެއިން ފާހަގަކޮށްލެވެއެވެ.


No comments:

  އަތިރިމަތީގޭ ޙައްވަދައިތައާއެކު ޢަބްދުﷲ ސަޢީދު މަނަދޫ އަތިރިމަތީގެ ދަރިކޮޅު އެނގެން އޮތީ އަތިރިމަތީގޭ މުޙައްމަދުބޭގެ ފަސް ދަރިން ކަމުގައ...