Wednesday, January 24, 2018

އަޅުގަނޑުގެ ޝައުޤު ތިޔަރީ

ޢަބްދުﷲ ސަޢީދު 

ޝައުޤަކީ ކަމަކާ ދޭތެރޭގައި އެދުންވެރިވުމެވެ. ޝައުޤުވެރިކުރުމަކީ ކަމަކާދޭތެރޭގައި އެދުންވެރި ކުރުވުމެވެ. ޝައުޤުވެރިކަން ދެމެހެއްޓުމަކީ ކަމަކާދޭތެރޭގައި އެދުންވެރިކަން ދެމެހެއްޓުމެވެ. ކޮންމެ ކަމެއް ހާސިލުކުރުމުގައި ވެސް ޝައުޤުވެރިކަން ވަރަށް މުހިންމެވެ. ވަކި ލަނޑުދަނޑިއެއް ނުވަތަ ގޯލެއް ނުވަތަ މިޝަނެއް ނުވަތަ ޓާސްކެއް ފުރިހަމަ ކުރުމަށް ވެސް ޝައުޤުވެރިކަމަކީ މުހިންމު ކަމެކެވެ. ކަމެއް ހާސިލުކުރުމަށް އަމިއްލައަށް ޢަޒުމު ކަނޑައެޅުމުގައި އަދި އެ ޢަޒުމުގައި ސާބިތުވެ ހުރުމުގައި ޝައުޤުވެރިކަން މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ބަޔަކު ލައްވާ މަސައްކަތެއް ކުރުވި ކަމުގައިވިޔަސް އެ ބަޔަކު އެކަމަކަށް ޝައުޤުވެރިކުރުވާ އަދި އެބައެއްގެ ޝައުޤުވެރިކަން އިތުރުކުުރުމަކީ ނުވަތަ އެބަޔަކު ޝައުޤުވެރިކަމާއެކު ބޭތިއްބުމާއި އެބައެއްގެ މެދުގައި ރޫޙާއި ޖޯޝް އުފެއްދުމަކީ މުހިންމު ކަމެކެވެ.



ދުނިޔޭގައި މޯޓިވޭޝަނާގުޅޭ ވަރަށް ގިނަ ތިޔަރީތައް ބޭނުންކުރެވެއެވެ. ބަޔަކު އަމިއްލަ ޝައުޤުވެރިކަމާއެކު ރޫޙާއި ޖޯޝުގައި ނަތީޖާ ހާސިލުކުރަން ގަދައަޅާ މަސައްކަތްކުރާނީ ކިހިނެއް ކޮންގޮތަކަށް ކަންތައްތައް ފަހިކޮށްދެވިގެންތޯ ކުރެވޭ ސުވާލަށް ޢިލްމުވެރިން ދީފައިވާ ބައިވަރު ޖަވާބުތައް އެބަހުއްޓެވެ. އަދި ކަމެއް ހާސިލުކުރުމަށް ނުވަތަ ކަމެއްގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު މީހަކު ގިނަ ދުވަސްތަކެއް ވަންދެން ދެމިހުރެ، ނަތީޖާ ހާސިލުކުރުމަށް ހިތްހަމަޖެހުމާއެކު މަސައްކަތް ކުރަނީ ކީއްވެގެންތޯ ކުރެވޭ ސުވާލަށް ވެސް އެތައް ޖަވާބެއް ޢިލްމުވެރިން ދީފައިހުރެއެވެ. މޯޓިވޭޝަންގައި މާސްލޯގެ ހައިރާކީ އޮފް ނީޑްސް ތިޔަރީއާއި ހާޒްބާގުގެ ޓޫ ފެކްޓާސް ތިޔަރީއަކީ މިގޮތުން ފާހަގަކޮށްލެވޭ ދެ ތިޔަރީއެވެ.

ޢިލްމުވެރިންގެ ބަސްފުޅުތަކާއި ދިރާސާތަކާއި ތިޔަރީތައް ވަރަށް ބޮޑަށް އެބައެއްގެ ނުވަތަ އެ މުޖުތަމަޢެއްގެ އަޤީދާއާއި އެބައެއްގެ މާހައުލަށް ބަރޯސާ ވެއެވެ. ނޫނީ އެ ބައެއްގެ ޤަބޫލުކުރުންތަކާއި އެބައެއްގެ ސަޤާފަތާއި އާދަކާދަތަކުން ވަރަށް ބޮޑު ނުފޫޒެއް ތިޔާރީތަކަށް މަސައްކަތްކުރުމުގައި ފޯރައެވެ. ހަމަމިއާއެކު އިންސާނަކަށްވީތީ ހުންނަ އެއްގޮތްކަމަކުން ނުވަތަ އެއްގޮތް ސިފަތަކުން ބައެއް ކަންތައްތައް އެންމެންނަށް އެއްގޮތްވާނެކަން ވެސް ޤަބޫލުކުރަންޖެހެއެވެ. ޝައުޤު ތިޔަރީ އުފަންވެގެން އައުމުގައި މިކަންކަމަށް ބެލިފައިވެއެވެ.

މީހެއްގެ ކިބައިގައި ޝައުޤުވެރިކަމެއް އުފެދެނީ ނުވަތަ ޝައުޤުވެރިކަމެއް މީހެއްގެ ނުވަތަ ބައެއްގެ މެދުގައި ދެމެހެއްޓޭނީ ތިން ކަމެއް އެކުވެގެންނެވެ. އެއީ ފުރުސަތާއި، ފައިދާާއާއި، އުންމީދެވެ.

ޝައުޤުވެރިކަން އުފެދުމާއި އުފެއްދުމުގައި ފުރުސަތަކީ މުހިންމު ބަހާއެކެވެ. ކަމެއް، އެއްވެސް ގޮތަކަށް އެއްވެސް މިންވަރަށް ނޭނގި އަދި އެކަމެއްގެ ޚަބަރެއް ނުވަތަ މަޢުލޫމާތެއް އެއްވެސް މިންވަރެއްނެތި އަދި މިއިން ކަމަކަށް ފުރުސަތެއްނެތި ޝައުޤުވެރިކަމެއް ނޫފެދޭނެއެވެ. އެހެންކަމުން ކޮންމެ ކަމަކަށް ޝައުޤުވެރިވަނީ ވެސް އެންމެ ފުރަތަމަ އެ ކަމެއްގެ މަޢުލޫމާތު ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ލިބިގެންނެވެ. އިވިގެން ނުވަތަ ފެނިގެން ނުވަތަ އެނގިގެން ނުވަތަ ގުޅުންހުރި ކޮންމެވެސް ކަމަކާގުޅިގެން ކުރެވޭ ފިކުރަކުން އެހިސާބަށް ވިސްނުން ދަތުރުކޮށްގެންނެވެ. އެ ފުރުސަތު ނުލިބޭ މީހެއްގެ ހިތުގައި އެކަމަކަށް ޝައުޤުވެރިކަމުގެ އޮށް އިންދާ ހެއްދުމަކީ ވެވޭނެކަމެއް ނޫނެވެ.

ޝައުޤުވެރިކަން އުފެއްދުމަށާއި ޝައުޤުވެރިކަން އިތުރުކުރުމަށް ދެން އެންމެ މުހިންމު ކަމަކީ އެކަމެއްގައި އޭނާއަށް އޮތް ފައިދާއާއި ގެއްލުން އޭނާއަށް އެނގުމެވެ. އެކަމެއްގެ ފައިދާ ބޮޑުވިވަރަކަށް އެކަމަކަށް އުފެދޭ ޝައުޤުވެރިކަން ބޮޑުވާނެއެވެ. މިތަނުގައި ފައިދާގެ މާނައަކީ ހަމައެކަނި މާއްދީ ފައިދާއެއް ނޫނެވެ. އަދި ހަމައެކަނި ފައިސާ އެއްވެސް ނޫނެވެ. މާއްދީ އަދި ރޫޙާނީ ފައިދާއެވެ. ހިތްހަމަޖެހުމާއި، ލޯތްބާއި، އެ މީހެއްގެ މިޖާޒާ، ގަޔާވުމުގައި އެ މީހަކު ޤަބޫލުކުރާ އެ މީހަކަށް ރަނގަޅު އަދި ފަސޭހަ ފައިދާހުރި ގޮތްތައް ވެސް އެއީ އެކަމެއްގައި އޭނާއަށް އޮތް ފައިދާއެވެ.

ޝައުޤުވެރިކަން އުފެއްދުމަށާއި ޝައުޤުވެރިކަން އިތުރުކުރުމަށް ތިންވަނައަށް ބޭނުންވަނީ އުންމީދެވެ. "އުންމީދެއް އޮތިއްޔާ ދިރުމެއްވާނެ" ކަމަށް ބުނެވެއެވެ. އެއްވެސް އުންމީދެއްނެތް ކަމެއް ހާސިލުކުރުމަށް ޝައުޤުވެރިކަމެއް އުފެއްދުމަކީ ދަތިކަމެކެވެ. ބައެއް ކަންކަން އަލަށް ހޯދާފައިވާ ހޯދުންތެރިން އެ ނަތީޖާ ހާސިލުކުރީ އެއްވެސް އުންމީދެއްނެތި ކުރި ކަންތައްތަކަކުން ކަމަށް ހީވެދާނެއެވެ. އެކަމަކު އެއީ ޙަޤީޤަތެއް ނޫނެވެ. އެހެންމީހުންނަށް އެ ހޯދުންތެރިޔާ ކުރާ މަސައްކަތުގައި އެއްވެސް އުންމީދެއްނެތްކަމަށް ހީވި ނަމަވެސް ނަތީޖާއަށް ވާސިލުވުމަށް އޭނާގެ ޒަމީރަށް ނުވަތަ އަމިއްލަ ނަފުސަށްވާނީ އުންމީދުތަކެއް ކޮށްފައެވެ. އަދި އުންމީދުތަކެއް އާކޮށްދީފައެވެ. އެތައް ފަހަރަކު ފޭލިވިޔަސް އަދި ނާކާމިޔާބާ ކުރިމަތިލާންޖެހުނަސް އަދި ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އުންމީދުން ހިތްވަރު އާކޮށްދޭނެއެވެ. ހުރަސްތައް ގިރާކުރުމަށް އެހީވެދީ ބާރުއަޅާނެއެވެ. ދަތިތައް ފިލުވައިދޭނެއެވެ. އާޚިރު ނަތީޖާގެ އުންމީދުގައި އެމީހެއްގެ ފުރާނަ ވެސް ޤުރުބާންކޮށްފާނެއެވެ. 

No comments: