Thursday, March 9, 2017

ސުނާމީ ކާރިސާއާގުޅިގެން ސިފައިން އަދާކުރި މުހިންމު ދައުރު




ދިވެހިރާއްޖޭގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު ގުދުރަތީ ކާރިސާއަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއެވެ. މި ކާރިސާގައި 82 ދިވެހިން މަރުވެ، 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ސުނާމީއާ ގުޅިގެން ރާއްޖޭގެ 13 ރަށަކުން މީހުން ފޭބިއިރު، 8162 މީހުން ގޯތި ގެދޮރުނެތި ހާލުގައި ޖެހުނެވެ. އަދި 3997 ގޯތި ގެދޮރު މުޅިން ހަލާކުވެފައިވެއެވެ. އިންޑޮނޭޝިޔާގެ ސުމަޓްރާ ކައިރިން ކަނޑުގެ އަޑިޔަށް އައި ބާރުގަދަ  ބިންހެލުމާގުޅިގެން އުފެދުނު ސުނާމީ  ރާއްޖެއަށް އެރީ 2004 ޑިސެންބަރު 26 ވަނަ ދުވަހުގެ  9 ގަޑި 23 މިނެޓުގައެވެ. މިބޮޑު ޤުދުރަތީ ކާރިސާގައި މުޅި ރާއްޖެ، ކަނޑުގެ ތެރެއަށް ގެނބިގެންދިޔަ ހިތްދަތި އަދި އަސަރުގަދަ ވަގުތަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ފެނިގެންދިޔަ ވަގުތެވެ. މި ހިތާމަވެރި ހިތްދަތި ވަގުތު  ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދިނުމުގެ މަތިވެރި އަޒުމުގައި، ހިތްވަރު ގަދަ ކެރޭ މުރާލި ސިފައިން ނުކުތީ ޤައުމީ ރޫޙުގެ ލާމަސީލު ނަމޫނާއެއް ދައްކައިދެމުންނެވެ. ސުނާމީ ކާރިސާއާއި ގުޅިގެން ދިވެހި ސިފައިން ޤައުމީ ޚިދުމަތުގައި ވެފައިވާ މަތިވެރި ޤުރުބާނީއަށް ތަޢުރީފާއި ޝުކުރު ޙައްޤެވެ.


ސުނާމީ ކާރިސާއާގުޅިގެން ގިނަ ދުވަސްތަކަކަށް ސިފައިން ހިންގި ބުރަ އަދި ފުޅާ އޮޕަރޭޝަނަކީ ވަރަށް ކާމިޔާބު އޮޕަރޭޝަނެކެވެ. ސުނާމީގެ ބިރުވެރި ހާދިސާއާ ގުޅިގެން ވަގުތުން ދިވެހި ސިފައިން ކުއްލި ހާލަތަށް ގެނެސް، ރައްޔިތުންގެ ޚިދުމަތުގައި އަވަސްކަމާއެކު ޙަރަކާތްތެރިވާންފެށިއެވެ. މާލެއާއި އަތޮޅުތަކުގައި ތިބި ސިފައިން ޤައުމީ ޚިދުމަތުގެ އެންމެ ކުރީ ސަފަށް ވަގުތުން ނުކުތެވެ. މިކަމަކީ ޤައުމީ ވާޖިބެއްކަމަށް ދެކި ރަސްމީ ސިފައެއްގައި މުޅި އޮޕަރޭޝަންގެ އެންމެ މުހިއްމު އަދި އެންމެ ބުރަ ޒިންމާތައް ސިފައިން އުފުލަން ފެށިއެވެ. ރައްޔިތުންނަށް ބޭނުންވާ ބޯފެނާއި، ބޭހާއި، ކާބޯތަކެއްޗާއި، އަންނައުނު ހިފައިންގެ ރާއްޖޭގެ ކަންކޮޅުތަކަށް ވަގުތުން ދަތުރުކުރަންފެށިއެވެ. ޑޮކްޓަރުންނާއި ނަރުހުން ގޮވައިގެން އެންމެބޮޑަށް ހާލުގައި ޖެހިފައިވާ ރަށްރަށަށްގޮސް އަނިޔާ ލިބިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނެވެ. މަރުވެފައިވާ މީހުން ވަޅުލެވޭނެގޮތެއް ނެތިފައިވާ ރަށްރަށަށް ކަފުނާއި ސަންދޯއް ހިފައިގެންގޮސް ކަށުކަމާކެމީގެ ކަންތައްތައް ހަމަޖައްސައިދެމުންދިޔައެވެ. ހާލުގައި ޖެހިފައިތިބި މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްދީ، ގޯތިގެދޮރާއި މަގުތައް ސާފުކޮށްދީ ބޭނުންވާ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވަގުތުން ފެށިއެވެ. ރިލީފް ކޭމްޕްތައް ޤާއިމުކޮށް އޯގާތެރި ކަމާއެކު ހާލުގައިޖެހިފައިވާ ފަރާތްތަކަށް އަޅާލަމުންދިޔައެވެ. މާލެ އަތޮޅުން ހާލުގައި ޖެހުނު ރަށްރަށުގެ މީހުން މާލެ ގެނެސް މަޖީދިއްޔާ ސްކޫލާއި ކަލާފާނު ސްކޫލުގައި ހެދި ރިލީފް ކޭމްޕްގައި ބައިތިއްބައިގެން ޚިދުމަތް ދިނެވެ.

މާލެއާއި އަތޮޅުތަކުގައި ޙަރަކާތްތެރިވަމުންދިޔަ ސިފައިންގެ ފައުޖުތައް ސުނާމީ ކާރިސާއާ ގުޅިގެން މަސައްކަތްކުރީ ކިޔަމަންތެރި އަދި އިޚްލާސްތެރި ގޮތަކީ ޤައުމީ ޖޯޝާއި ޤައުމީ ލޯބީގެ ލާމަސީލު މިސާލެކެވެ. ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްރަށަށް ނިސްބަތްވާ ބޭކަލުންނާއި މިކާރިސާގައި ނިޔާވި އާއިލާތަކުގެ މެންބަރުންވެސް ސިފައިންގެ ސަފުތަކުގެ ތެރޭގައި ހިމެނުނެވެ. އެހެން ނަމަވެސް އެ އިޙްސާސްތަކަށްވުރެ ކުރިއަށް އެދުވަހު އެބޭކަލުންގެ ނެރެފައިވަނީ ޤައުމާ ރައްޔިތުންނެވެ.

ސުނާމީ ކާރިސާއާއި ގުޅިގެން ރާއްޖޭގެ ހަތް ސަރަޙައްދެއްގައި ފޯވަޑް ކޯޑިނޭޝަން ސެންޓަރ (އެފްސީސީ) ޤާއިމުކޮށް ސިފައިން ޚިދުމަތް ދިނެވެ. ބޯފެނާއި ކާބޯތަކެއްޗާއި އަންނައުނާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ސާމާނު ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދީ އާންމު ދިރިއުޅުމަކަށް ރައްޔިތުން ގެނައުމަށްޓަކައި އެފްސީސީތައް ޤާއިމު ކުރެވުނީ ސުނާމީގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންލިބުނު އަތޮޅުތަކުގައެވެ. މި ސެންޓަރުތައް ޤާއިމު ކުރެވުނު ރަށްތަކަކީ ހއ.ހަނިމާދޫ، ރ.އުނގޫފާރު، މ.މުލަކު، ދ.ކުޑަހުވަދޫ، ތ.ވޭމަންޑޫ، ލ.ކައްދޫ އަދި ގދ.ކާޑެއްދޫ އެވެ. މި ސެންޓަރުތައް ޤާއިމްކުރެވުމުން ސީދާ މާލެއިން ރަށްރަށަށް ތަކެތި ފޮނުވައިގެން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދިމާވަމުންދިޔަ ދަތިތަކަށް ހައްލެއް ލިބިގެން ދިޔައެވެ. ސުނާމީ ކާރިސާގައި ފުޑުފުޑުވެފައިވާ ރަށްރަށް ސާފުކޮށްދީ އެރަށްރަށުގެ ރައްޔިތުން ޢާއްމު ހާލަތައް ގެނެސްދިނުމަށް ބާރަކަށް ވެގެންދިޔައެވެ. އަދި ދިރިއުޅުމުގެ މަސައްކަތާއިގެން ކުރިއަށް ދިއުމަށް ހިތްވަރުދީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް އެބައި މީހުންގެ ނަފްސާނީ ހާލަތަށް ތަސައްލީއެއް ހޯދައިދެވުނެވެ.

ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް ފުރަތަމަ ޖެހުނު ފޭލިގެތައް ޖެހުމުގަޔާއި، ހެދިގެން ދިޔަ ވަގުތީ ހިޔާތައް ހެދުމުގައި ޢަމަލީ ގޮތުން ސިފައިން ހަރަކާތްތެރިވިއެވެ. ވަގުތީ ހިޔާތަކަކީ ދަގަނޑު ހޮޅި ޖަހައިގެން ޓިނުން ހިޔާކޮށް، ފިލައިން ބައިބައިކޮށްގެން އާއިލާތަކަށް ދިރިއުޅެވޭނެ ގޮތަށް ވަރަށް އާދައިގެ ގޮތަކަށް ހެދިގެންދިޔަ ތަންތަނެވެ. ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ދާއިމީ ހިޔާވަހިކަން ފޯރުކޮށްދެއްވުމަށް ސަރުކާރުން ފެށްޓެވި މަޝްރޫޢަށް 9 އަހަރު ފާއިތުވެގެން ދިޔައިރުވެސް ދާއިމީ ހިޔާވަހިކަން ނުލިބިތިބި ރައްޔިތުން ތިއްބެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރިޔާސަތާ ހަވާލުވެެވެޑައިގެން ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ޢާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދީ ނިންމެވުމަށް ފެށްޓެވި ޚާއްޞަ މަޝްރޫޢުގެ ދަށުން ގއ. މާމެންދޫގައި ހަދަމުންދިޔަ ގެތަކުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމުގެ މަސައްކަތް އެންމެފަހުން ކުރީ ސިފައިންނެވެ. އެގޮތުން އެރަށުގައި ޢިމާރާތްކޮށްފައިވާ 84 ގެއެއް ނިންމުމުގެ މަސައްކަތުގައި ސިފައިންގެ ޔުނިޓްތަކުން ގިނަ ޢަދަދެއްގެ ސިފައިން ވަނީ ރެއާއި ދުވާލު ވަރަށް ބުރަކޮށް އެރަށުގައި މަސައްކަތް ކޮށްފައެވެ. މީގެތެރޭގައި ސިފައިންގެ ހުރިހާ ޔުނިޓެއް ޝާމިލްވާ ގޮތުން، ފަންނުވެރިންނާއި މަސައްކަތްތެރި ހުނަރުވެރިން ހިމެނެއެވެ. ގއ. މާމެންދޫގައި ސިފައިން ހިންގި "އޮޕަރޭޝަން ހިޔާވަހި 2014"ގައި މާމެންދޫގެ 34 ގެއެއް އެއްކޮށް ނިންމާ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރާ ހަވާލު ކުރިއެވެ. ސިފައިން ކުރި މި ބުރަ އަދި ބަރު މަސައްކަތުގެ ސަބަބުން އޭރު ވަގުތީ ހިޔަލުގައި ދިރިއުޅެމުންދިޔަ މާމެންދޫގެ 14 އާއިލާއަކަށް ދާއިމީ ހިޔާވަހިކަން ލިބުމާއެކު، ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު އެންމެންނަށް ދާއިމީ ހިޔާވަހިކަން ލިބިގެންދިޔައެވެ.

ސުނާމީ ކާރިސާއަށްފަހު ސިފައިންގެ ޚިދުމަތަށް ވަނީ އިސްތިރާޖީ ބަދަލުތަކެއް ގެނެވިފައެވެ. މި ބަދަލުތަކުގެ އަމާޒަކީ ރައްޔިތުންނާ ގާތުން ސިފައިންގެ ޚިދުމަތް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމެވެ. ދިމާވާ ހާދިސާތަކާއި ކާރިސާތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގައި ސިފައިންގެ ހިއްސާ ވަނީ ބޮޑުކޮށްފައެވެ. ޤައުމަށް ކުރިމަތިވެދާނެ ކޮންމެ ޢުދުވާނަކަށާއި ނުރައްކަލަކަށް އަބަދުވެސް ތައްޔާރަށް ތިބޭ ޕްރޮފެޝަނަލް، ޤާބިލް ލަޝްކަރެއްގެ ގޮތުގައި ތަޢުލީމާއި ތަމްރީނުދީ، އިންސާނީ ވަސީލަތް ބިނާކޮށް، ޚިދުމަތަށް ބޭނުންވާނެ އާލާތްތައް ހޯދައި އިކްއިޕްކުރުމުގެ މަސައްކަތަށްވަނީ ސުނާމީ ކާރިސާއަށްފަހު ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި ހަރަކާތްތެރިވުމަށްޓަކައި ސިފައިންގެ ސަފުތައް އަބަދުވެސްވަނީ ރުކުރުވާލެވިފައެވެ. އަސަރުގަދަ ސުނާމީ ކާރިސާއަށްފަހު ސިފައިންގެ ޤައުމީ ޚިދުމަތަށް ގެނެވިފައިވާ ބަދަލުތަކަކީ ދިވެހިރައްޔިތެއްގެ ހިތްތަކަށް ހިތްހަމަޖެހުން ލިބިގެންދާނެކަމެއްކަން ކަށަވަރެވެ.

No comments: