Friday, April 21, 2017

ޖިހާދު




ޢަބްދުﷲ ސަޢީދު
ދިވެހި ބަހުގައި ޖިހާދުގެ މާނައަކީ ދީނާއި ޤައުމު ހިމާޔަތް ކުރުމަށް ކުރާ ހަނގުރާމައެވެ. ޖިހާދު ކުރުމަކީ ދީނާއި ޤައުމު ހިމާޔަތް ކުރުމަށްޓަކައި ހަނގުރާމަ ކުރުމެވެ. ޢަރަބި ބަހުގައި ޖިހާދުގެ ލަފުޒީ މާނައަކީ ބުރަމަސައްކަތާއި ހަކަތަ ހޭދަކޮށް އުނދަގޫތައް އުފުލައި ﷲގެ މަގުގައި ހަނގުރާމަކުރުމެވެ. ކަމަކާއި މެދު އެމީހަކަށް ކުރެވެން އޮތް އެންމެ މަތީ މިންވަރަށް މަސައްކަތް ކުރުމެވެ. 

އިސްލާމްދީނުގައި ނުވަތަ ޝަރީޢަތުގެ އިސްތިލާހުގައި ޖިހާދުކުރުމުގެ މާނައަކީ މާތްﷲގެ މަގުގައި އެކަލާނގެ ދީނަށާއި އެކަލާނގެ ފޮނުއްވި ރަސޫލާ އެންގެވި މަގުން އިސްލާމީ ދިދައިގެ ދަށުގައި އިސްލާމް ދީނުގައި އަންގަވާފައިވާގޮތަށް ހަނގުރާމަ ކުރުމުވެ. މީހެއްގެ ވަރުގަދަކަމާއި ކުޅަދާނަކަން ޙައްޤުގޮތް ކުރިއެރުވުމުގައި (ﷲ ގެ ކަލިމަފުޅު މަތިވެރި ކުރުމުގައި) ހޭދަކުރުމެވެ. ޙަޤީޤީ މާނައިގައި ޖިހާދު ކުރުމަކީ އިސްލާމްދީނަށް ނަޞްރު ދިނުމެވެ. އެއްކައުވަންތަ ﷲގެ ވެރިކަން ޤާއިމްކުރުމެވެ. އިސްލާމްދީނުގައި ޖިހާދުގެ ޙުކުމުގެ ދެޙާލަތެއް ވެއެވެ. އެއީ ކިފާޔަތުގެ ފަރުޟެއްގެ ޙާލަތާއި ޖިހާދު ވާޖިބު (ޢައިނީ ފަރުޟް) އަކަށްވާ ޙާލަތެވެ.
އިސްލާމްދީނުގައި ޖިހާދުގެ ދަރަޖަތަކަކާއި ވައްތަރުތަކެއް ވެއެވެ. އޭގެތެރޭގައި އަމިއްލަ ނަފްސާ ކުރާ ޖިހާދާއި ޝައިތާނާއާ ދެކޮޅަށްކުރާ ޖިހާދާއި އަނިޔާ އާއި ފަސާދަ އާއި މުންކަރާތްތަކާ ދެކޮޅަށްކުރާ ޖިހާދާއި ކާފިރުންނާއި މުނާފިގުންނާ ދެކޮޅަށްކުރާ ޖިހާދު ހިމެނެއެވެ. ޖިހާދު ކުރެވޭ ގޮތްތަކުގެ ތެރޭގައި އަތުންނާއި ދުލުންނާއި ހިތުންނާއި މުދަލުންވެސް ޖިހާދު ކުރެވެ އެވެ.
ގެ މަގުގައި ކުރާޖިހާދު ފުރިހަމަވެ ނަޞްރާއި ކާމިޔާބު ހޯދޭނީ ޖިހާދުކުރުމުގެ އަދަބު ތަކުގައި ހިފަހައްޓައިގެންނެވެ. ހަނގުރާމައިގެ މައިދާން އިޚްތިޔާރުކޮށް، ލަޝްކަރުގެ ސަފުތައް ރުކުރުވާލަން ޖެހެއެވެ. އަދި ދުޝްމަނުންނަށް ޙަމަލާދިނުމުގެ ވަގުތު ކޮމާންޑަރުގެ މަޝްވަރާގެ މަތިން ކަނޑައަޅަންޖެހެއެވެ. ލަޝްކަރުގެ ސިއްރުތައް ހިފަހައްޓައި، ޢަދުއްވުންނަށް ޙަމަލާ ދިނުމުގެކުރިން ދީނަށްގޮވާލާ ނުވަތަ އަމާން ދިނުމަށް ގޮވާލާ އިޖާބަ ނުދިނުމުންނޫނީ ޙަމަލާނުދިނުމެއް ނުވެއެވެ. ހަނގުރާމަ ފެށުމަށްފަހު ފަހަތަށްޖެހި ފިލައިގެން ދިއުންވަނީ މަނާ ކުރައްވާފައެވެ. ދުޝްމިނުންގެ ތެރެއިން ހަނގުރާމައިގައި ބައިވެރިނުވާ ކުޑަކުދިންނާއި، އަންހެނުންނާއި މުސްކުޅިން ނުމެރުމަށާއި، މަރުވެފައިވާ މީހުންގެ މަސްގަނޑަށް އިހާނެތިކޮން ނުހިތުމަށް އިސްލާމްދީނުގައި ވަނީ އަންގަވާފައެވެ.  މަޖްބޫރީ ޙާލަތުގައިނޫނީ ޢަދުއްވުންގެ މުދަލާއި ތަންތައް ރޯކޮށް ނުއެންދުމަށާއި، ޣަނީމާ މުދަލުން ވައްކަން ނުކުރުމަށް ވަނީ އަމުރު ކުރައްވާފައެވެ. އަދި މުސްލިމުންނަށް ޚިޔާނާތްތެރި ނުވުމަށާއި، އިސްލާމުންނަށް ނަޞްރު ދެއްވުމަށް އެދި ﷲގެ ޙަޟްރަތަށް ދުޢާ ދެންނެވުމުގައި ދެމިހުރުމަކީވެސް ޖިހާދުކުރުމުގެ އަދަބަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ﷲގެ މަގުގައި ޖިހާދު ކޮށް ޝަހީދުވާ މީހުންނަކީ މަރުވެފައިވީ ބަޔެކޭ ހީނުކުރުމަށާއި ، އަދިއެމީހުންނަކީ ﷲގެ ޙަޟްރަތުގައި ރިޒްޤް ލިބޭ ޙާލު ދިރިތިބި ބަޔެއްކަމުގެ އުފާވެރި ޚަބަރު ﷲވަނީ ދެއްވާފައެވެ. ޖިހާދުކޮށް ޝަހީދުވުމަކީ އެމީހާ އަމިއްލަ އަށް ހޯދައިގަންނަ ދަރަޖައެއް ނޫނެވެ. އެއީ ﷲގެ މަގުގައި ކާފަރުންނާ ހަނގުރާމަކޮށް އިސްލާމް ދީނާއި އިސްލާމީ ދައުލަތް ދިފާއުކުރުމުގައި ދެމިހުއްޓައި، ﷲގެ މިންވަރުފުޅާ އެކުގައި މިންވަރު ކުރެއްވި ފަރާތަކަށް ދެއްވާ ދަރަޖައެކެވެ.

No comments: