Wednesday, February 1, 2017

ޤާނޫނު އަސާސީ





ޢަބްދުﷲ ސަޢީދު
ޤާނޫނު އަސާސީއަކީ މިނިވަން ވެރިކަމުގެ ދައުލަތެއް ހިންގުމަށް ބޭނުންވާ އަސާސްތަކާއި އުސޫލުތައް ބަޔާންކުރާ ލިޔުމެވެ. ޤާނޫނު އަސާސީއަކީ އެ ޤައުމެއްގެ ޤާނޫނީ ބިންގަލެވެ. ރައްޔިތުންގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތައް އަދި ސަރުކާރުގެ ނިޒާމު ހިނގާނެ ގޮތް ހިމެނޭ ޤާނޫނީ އެންމެ އިސް ދުސްތޫރެވެ. އެއީ އެ ޤައުމެއްގެ އެންމެންނާއި އެ ޤައުމެއްގައި ދިރިއުޅޭ އެންމެވެސް އެއަށް ތަބާވާންޖެހޭ، އަދި އެހެނިހެން ފަރާތްތަކުންވެސް އެއަށް އިޙުތިރާމް ކުރަންޖެހޭ ދުސްތޫރެކެވެ. ދިވެހިން އިސްލާމްދީން ޤަބޫލު ކުރުމަށްފަހު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތަސް، ގިނަ ރަސްރަސްކަލުންނާއި ރަނިރަނި ކަނބަލުންނާއި ބޮޑުވަޒީރުންނާއި، ރައީސުން ވެސް ވެރިކަމުގެ ކަންތައްތައް ހިންގަވަމުން ގެންދެވީ އިސްލާމީ އުސޫލުތަކުގެ މަތިން، ރާއްޖޭގެ އާދަކާދައާ އެއްގޮތަށެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީއެއް އެކުލައްވާލެއްވީ އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު (3 ވަނަ) ގެ ރަސްކަމުގައެވެ. މި ޤާނޫނު އަސާސީ ކީރިތި މަހާރަދުން ތަޞްދީޤު ކުރައްވައި، ރާއްޖޭގައި ހިންގަވަން ފެށްޓެވީ، 1351 ވަނަ އަހަރުގެ ޝަޢްބާންމަހުގެ 23 (22 ޑިސެމްބަރ 1932) ވީ ބުރާސްފަތި ދުވަހުއެވެ.
ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން އުފައްދާ ފާސްވަމުން ދިޔަ ބައެއް ގާނޫނުތަކަކީ ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ އެއްޗިއްސަށް ނުވުމުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުން ނުކުމެ، މިކަން ހިނގީ 07 ނޮވެންބަރު 1933ގައި ގާނޫނު އަސާސީގެ ބާރު ކަނޑުވާލިއެވެ. ޤާނޫނު އަސާސީގެ ބާރު ކަނޑިފައި އޮއްވައި، 1934 ވަނަ އަހަރު ދެވަނަ ޤާނޫނު އަސާސީއެއް އެކުލަވާލެވުނެވެ. މި ޤާނޫނު އަސާސީއާ ޚިލާފުވެވަޑައިގެންނެވުމުގެ ސަބަބުން ކީރިތި މަހާރަދުން، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3 ވަނަ) ރަސްކަމުން ދުރުކުރެވުނެވެ. އެއަށްފަހު، އައްސުލްޠާން ޙަސަން ނޫރައްދީން (2 ވަނަ) ގެ ވެރިކަމުގައި 1358 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 20 (22 ޖެނުއަރީ 1940 ) ވީ ހޮނިހިރު ދުވަހު، އެ ޤާނޫނުއަސާސީ އުވާލެވުނެވެ. އެއަށްފަހު، އަލުން ޤާނޫނުއަސާސީއެއް ހަދައި ފާސްކޮށް، އެމައްޗަށް ރާއްޖޭގެ ކަންތައްތައް ހިންގަން ފެށިފައިވަނީ، 1361 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 6 (23 އޭޕްރީލް 1942 ) ވީ ބުރާސްފަތި ދުވަހުއެވެ. 1951 ވަނަ އަހަރު އިސްލާހު ކުރެވުނު ޤާނޫނު އަސާސީގެ ދަށުން ވެރިކަން ކުރަމުން އައިސް އޭރު ދައުލަތް ހިންގެވުމަށް އިސްވެ ހުންނެވި ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ނެންގެވި ވޯޓަކުން، 1372 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 14 (01 ޖެނުއަރީ 1953 ) ވީ ހުކުރު ދުވަހު، ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވިއެވެ. މި ވެރިކަން ޤާއިމުވީ ރާއްޖެ ދުށް ހަތްވަނަ ޤާނޫނު އަސާސީއާ އެކުގައެވެ. މި ޤާނޫނު އަސާސީ އަށް އަމަލުކުރެވުނީ އެންމެ 8 މަސް ދުވަހުއެވެ. ރައީސް މުޙައްމަދު އަމީންގެ ވެރިކަން އިންޤިލާބަކުން 1372 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 11 (21 އޯގަސްޓް 1953 ) ވީ ހުކުރު ދުވަހު ބަދަލުކޮށްލުމާގުޅިގެން، 1373 ވަނަ އަހަރުގެ ރަޖަބު މަހުގެ 1 (07 މާރޗް 1954) ވީ އާދީއްތާ ދުވަހު އަނެއްކާވެސް ރާއްޖޭގައި ރަސްކަމެއް ކުރެވެންފެށިއެވެ. މިފަހަރުވެސް ރާއްޖޭގެ ޤާނޫނުއަސާސީ ބަދަލުވެގެން ދިޔައެވެ. އޭގެފަހުން 1964 ވަނަ އަހަރާއި 1967 ވަނަ އަހަރު ޤާނޫނު އަސާސީ ބަދަލު ވެގެން ދިޔައެވެ. އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލުގެ ރަސްކަމުގެ 14 ވަނަ އަހަރު، 1968 ވަނަ އަހަރުގެ މާރޗް މަހުގެ 15 ވީ ހުކުރު ދުވަހު ނެގުނު ޢާންމު ވޯޓަކުން ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލު ކުރުމަށް ރައްޔިތުން ފާސްކުރިއެވެ. މިވޯޓާ ގުޅިގެން 1968 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 11 (20 ޝަޢުބާން 1388) ވީ ހޯމަ ދުވަހު، ދިވެހިރާއްޖޭގެ ވެރިކަން ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެން ދިޔައީ އާ ޤާނޫނު އަސާސީއަކާ އެކުގައެވެ. މި ޤާނޫނު އަސާސީއަށް 1970، 1972 އަދި 1975 ވަނަ އަހަރު އިސްލާހު ގެނެވިފައެވެ.
މިޤާނޫނުއަސާސީގެ މަތިން ދައުލަތް ހިނގަމުން އައިސް، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ރައީސްކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ( 1978 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު) ރައްޔިތުންގެ މަޖިލިހުން، ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ފާސްކުރެއްވުމާގުޅިގެން،  އެއްކުރެއްވި ރައްޔިތުންގެ ޚާއްޞަ މަޖިލިހުން ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެންނަވަން ފެނިވަޑައިގެންނެވި އިޞްލާޙުތައް ގެންނަވައި، އެމަޖިލީހުން އެކުލަވާލެއްވި ޤާނޫނުއަސާސީ، 1418 ވަނަ އަހަރުގެ ރަޖަބުމަހުގެ 27 (27 ނޮވެމްބަރ 1997) ވީ، ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތަޞްދީޤު ކުރެއްވިއެވެ. މި ޤާނޫނު އަސާސީގައިވާ ގޮތުގެ މަތީން ދައުލަތް ހިނގަމުން އައިސް ދުނިޔޭގެ އެހެނިހެން ޤައުމުތަކެކޭވެސް އެއްފަދައިން ދިވެހިރާއްޖެއަށްވެސް ތިންބާރު ވަކިވެފައިވާ ޒަމާނީ ޑިމޮކްރަސީ ތަޢާރަފު ކުރުމަށާއި ޒަމާނާ ގުޅޭނޭ ގޮތަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގުމަށާއި އެކަންކަން ހަރުދަނާ ކުރުމުގެ ބޭނުމުގައި، ދިވެހިޖުމްހުރިއްޔާގެ ޤާނޫނުއަސާސީ އިޞްލާޙް ކުރަންޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ފެނިވަޑައިގަންނަވައިގެން ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ރައްޔިތުންގެ ޚާއްޞަ މަޖިލިސް 2004 ޖުލައި 19 ވަނަ ދުވަހުއެއްކުރެވުނެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ މެންބަރުން ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކުރުމަށްފަހު، ޤާނޫނުއަސާސީގެ ހުރިހާ މަސައްކަތެއް 26 ޖޫން 2008 ގައި މުޅިން ނިންމަވާ ލެއްވިއެވެ. ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވެމުން މިދާ ޤާނޫނު އަސާސީ، 6 ޝަޢުބާން 1429 (07 އޯގަސްޓް 2008) ވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވުމުން އެވަގުތުން ފެށިގެން އެޤާނޫނުއަސާސީ ބަލައިގަނެ އެމައްޗަށް ޢަމަލު ކުރަންފެށުނެވެ.

No comments: