Sunday, January 1, 2017

ޙުއްބުލްވަޠަން ނުވަތަ ޕެޓްރިއޮޓިޒަމް





ޢަބްދުﷲ ސަޢީދު
ޙުއްބުލްވަޠަން ނުވަތަ ޕެޓްރިއޮޓިޒަމް އަކީ ޤައުމީލޯތްބެވެ. ޤައުމު ދެކެ  ލޯބިވުމެވެ. އެއީ ޤައުމު، ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރުމެވެ. ޤައުމުގެ ފަސްގަނޑާއި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކޮށް ރައްކާތެރިކޮށް ދިފާޢުކުރުމެވެ. ޤައުމުގެ ސިޔާދަތަށް ކުޑަނަމަވެސް ލޮޅުމެއް އެރިޔަ ނުދިނުމެވެ. ޤައުމު ތަރައްޤީކުރުމަށް މަސައްކަތްކުރުމެވެ. ޤައުމުގެ ދަރިއަކަށްވީތީ ފަޚުރުވެރިވެ، ޤައުމުގެ ރައްޔިތުން ދެކެ ހިތުގެ އަޑީން ލޯބިވުމެވެ. އެ ޤައުމެއް ނިސްބަތްވާ ދައުލަތަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް، ގެއްލުމެއް އަދި ހުތުރެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރުމެވެ. ޤައުމުގެ ޙާލަތު އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުކުރުމަށް ފަރުދީ ޒިންމާ އުފުލުމެވެ. ޤައުމީލޯތްބަކީ ޝުއޫރެކެވެ. އެއީ ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައިވެސް ބިންވަޅު ނެގިފައި އޮންނަ އަބަދާއި އަބަދު ހިނގަހިނގާ ހުންނަންޖެހޭ ޝުއޫރެކެވެ. އެ ޝުއޫރު ބަހާއި ޢަމަލުން ފާޅުކޮށް ދައްކައިދޭން ޖެހެއެވެ. 

ކޮންމެ ޤައުމެއްގައިވެސް ޤައުމީލޯބި ބިނާވަނީ އެއީ ކޮންބައެއްކަން އަންގައިދޭ ސިފަތަކާއި، އެބައެއްގެ ހިތްވަރާއި ޢަޒުމުގެ އިތުރުން ސިޔާދަތުގެ މައްޗަށެވެ. މީލާދީން ފަސްވަނަ ޤަރުުނުގެ ތެރޭގައިވެސް ޤައުމީ ލޯތްބާބެހޭ ލިޔުންތައް ދުނިޔޭގައި ލިޔެވިފައިވެއެވެ. އެހެންނަމަވެސް ވަކި ފިކުރެއްގެ ގޮތުގައި ޕެޓްރިއޮޓިޒަމް އުފަންވެގެންއައީ މީލާދީން 18 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. ޢިލްމުވެރިން ސިފަ ކުރައްވަނީ ޕެޓްރިއޮޓިޒަމަކީ ނެޝަނަލިޒަމްގެ ބައެއްގެ ގޮތުގައެވެ. ދިވެހިރާއްޖެއަށް "ޙުއްބުލްވަޠަން"ގެ ނަމުގައި ޤައުމީލޯބި ތަޢާރަފުކޮށްދެއްވީ 20 ވަނަ ޤަރުނުގެ މެދުތެރޭގައި ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.
ޤައުމެއްގެ ދަރިންގެ މެދުގައި ޤައުމީލޯބި ހުރި، ނެތް މިންވަރު އެނގޭނީ އެބައެއްގެ ތާރީޚާއި ސަޤާފަތުގެ މައްޗަށް އެބަޔަކު އަހުމިއްޔަތުކަންދޭ މިންވަރަކުންނެވެ. އެ ޤައުމަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށް އިޙްތިރާމުކުރާ މިންވަރަކުންނެވެ. އޭގެތެރޭގައި ޤައުމުގައި އަދުލުވެރިކަމާއެކު ވެރިކަން ކުރައްވާފައިވާ ބޭފުޅުންނާއި، ޤައުމަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ ސިޔާސީ ލީޑަރުންނާއި، ޤައުމީ ބަޠަލުން ހިމެނޭ ގޮތުންނެވެ. އަދި އެކިއެކި ފަންނުތަކުން  ޤައުމަށް ފަޚުރާއި ޝަރަފު ހޯއްދަވައިދެއްވައި، ޤައުމު ފަޚުރުވެރިވާފަދަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންވެސް ހިމެނޭ ގޮތުންނެވެ.
ޤައުމީލޯތްބަކީ މީހެއްގެ ހަޔާތުގެ އެއްބައިން މިން އެޅޭނެ އެއްޗެއް ނޫނެވެ. އެއީ އެހާ ކުރު އެއްޗަކަށް ނުވާތީއެވެ. ޤައުމީ ލޯބި ބިނާވާނީ އެމީހެއްގެ މުޅި ހަޔާތުގައި ޖަޒުބާތުތަކާއި އަމިއްލަ މަސްލަހަތަށް ބާރުފޯރުވަމުން، ކޮށްފައިވާ ޚިދުމަތްތަކާއި އޭނާގެ އިޚްލާޞްތެރިކަމުގެ މައްޗަށެވެ. ޤައުމީލޯބީގެ އެންމެ މަތީ ހަރުފަތުގައި ފައިތިލަ ސާބިތުކޮށްފައިވާ ބޭފުޅުން ޤައުމީ ލޯބީގެ ކުރިމަތީގައި އެހެން ހުރިހާ އުފާތަކެއްވަނީ ޤުރުބާން ކުރައްވާފައެވެ. ޤައުމަށްޓަކައި އެބޭފުޅުންވަނީ ފުރާނައިން ޤުރުބާންވެފައެވެ. ޤައުމުގެ މިނިވަންކަން ލިބޭނީ ނުވަތަ ޤައުމު މިނިވަންކަމުގައި ދެމެހެއްޓޭނީ ލެއިން ޤުރުބާންވެގެންކަން އެބޭފުޅުންވަނީ ޤަބޫލުކުރައްވާފައެވެ. އެބޭފުޅުންނަށްޓަކައި އެ ޤައުމެއް ދާއިމަށް ފަޚުރުވެރިވާނެއެވެ.
ޤައުމީ ލޯތްބާބެހޭ ގޮތުން ތަފާތު ބޭފުޅުން ވާހަކަ ދައްކަވާފައިވާއިރު އެންމެ މަޝްހޫރު އެއް ވާހަކަފުޅަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯންއެފް ކެނެޑީ ވިދާޅުވެފައިވާ ބަސްފުޅެކެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ "ޤައުމު ތިމާއަށް ކޮށްދޭނީ ކޮން ކަމެއްތޯ ނާހާށެވެ. ގައުމަށްޓަކައި ތިމާއަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ސުވާލުކުރާށެވެ." ޙަޤީޤީ ޤައުމީ ލޯތްބަކީ ހުރިހާ އިރަކުވެސް އިޚްލާޞްތެރިކަމާއެކު ޤައުމަށް ޚިދުމަތް ކޮށްދިނުމެވެ. އެމީހެއްގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ ފެންވަރެއްގައި ޤައުމުގެ ގޮވާލުންތަކަށް އިޖާބަ ދިނުމެވެ. ޤައުމިއްޔަތުގެ ރުކުންތަކަށް އިޙްތިރާމުކޮށް، އެކަންކަން ނަގަހައްޓާ ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ. ޤައުމަށްޓަކައި ފަޚުރުވެރިވެ، އަމިއްލަ މަސްލަހަތުގެ ކުރިއަށް ޤައުމު އިސްކުރުމެވެ.

No comments: