Monday, December 26, 2016

ޤާނޫނާއި ޤަވާޢިދު



ޢަބްދުﷲ ސަޢީދު 
 
ޤާނޫނަކީ އޭގެތެރޭގައި މުޅި އިންސާނީ ދިރިއުޅުން ޝާމިލުވާ އެއްޗެކެވެ. އެއީ އެންމެހާ އިންސާނުންގެ މަސްލަޙަތައްޓަކައި، އިންސާނުންގެ ޢަމަލުތައް ބަހައްޓައި، ދުރުވަންވީ ކަންކަން ބަޔާންކޮށް އެކަންކަމަށް މީހުން ބޯލެންބުމަށް ޢަދަބުތަކާއެކު ބާރުދީފައިވާ އިންސާނުން ޢަމަލުކުރަންވީ ޙުދޫދެވެ. ޤަވާޢިދަކީ ކަމެއް ކުރަން އޮންނަ ގޮތެވެ. ނުވަތަ ހަމަޖައްސައިފައިވާ އުސޫލުތަކެވެ. މިހާރު އާންމު ގޮތެއްގައި މުޅި ދުނިޔޭގައިވެސް "ޤާނޫނު" ކަމަށް ބުނެވެނީ ޤާނޫނު ހަދާ މަޖިލިހުން ފާސްކޮށް، ދައުލަތުގެ އެންމެ އިސްވެރިޔާ ތަސްދީޤުކުރާ ޤާނޫނުތަކާއި، އެ ޤާނޫނުތަކުން ބާރު ލިބިގެން، އެ ޤާނޫނުތަކުގެ އިމުގެތެރޭގައި ހަދާ ޤަވާޢިދުތަކަށެވެ. 

ޤާނޫނުތަކުގެ ތެރެއިން އެންމެ އިސް ޤާނޫނަކީ އިލާހީ ޤާނޫނެވެ. އެއީ އެއްވެސް ފަރާތަކަށް އެ ޤާނޫނުގެ މައްޗަށް ބާރު ނުފޯރުވޭނެހެން މާތްﷲ ލައްވާފައިވާ ވަރަށް ފުރިހަމަ އަދި އެހާމެ މަތިވެރި ނިޒާމެކެވެ. އިންސާނުން އަމިއްލައަށް ހަދަމުންދާ ވަޟަޢީ ޤާނޫނުތަކަށް އިސްލާހާއި ބަދަލުތައް ގެންނަން ޖެހުނަސް، އިލާހީ ޤާނޫނަކީ އެއަށްވުރެ މާފުރިހަމަ ޤާނޫނެކެވެ. އިންސާނާގެ ބުއްދިއާއި ފިކުރުގެ ތެރެއިން އުފަންވާ ޚިޔާލުގެ ތަފާތުތަކާއި ކަންތައްތައް ކުރަންބޭނުންވާ ގޮތްތައް ތަފާތުވެގެން އަންނައިރު، އެންމެންގެ ތެރޭގައި ހަމަހަމަކަމާއި އަދުލު އިންސާފު ޤާއިމު ކުރުމަށް އިންސާނުން އަމިއްލައަށް އެކުލަވާލާ ޤާނޫނުތަކުގެ ތެރެއިން އިސް ޤާނޫނަކީ ޤާނޫނު އަސާސީއެވެ.  ޤާނޫނުތައް ހެދުމުގައި ކޮންމެ މުޖުތަމަޢެއްގައިވެސް އެންމެ އިސް މަސްދަރަކީ އެ ބައެއްގެ ދީނެވެ. އިންސާނާގެ ފިކުރު ބިނާވަނީ އެ ބަޔެއްގެ އަޤީދާގެ މައްޗަށްކަމަށްވާތީ ދީނަކީ ޤާނޫނެއްގެ ފުރަތަމަ މަސްދަރެވެ.
ޤާނޫނުގެ އަނެއް މަސްދަރަކީ އާދަކާދަ (ކަސްޓަމް) އެވެ. އާދަކާދައަކީ ޒަމާނުއްސުރެ އިންސާނީ މުޖުތަމާޢެއްގެ ތެރޭގައި ކަންތައްތައް ބަލައިގަނެ، އެކަންކަމުގެ މައްޗަށް ޢަމަލުކުރަމުން އައިސްފައިވާ ގޮތްތަކެވެ. އާދަކާދަތަކަކީ ލިޔެވިފައި އޮންނަ އެއްޗެއް ނޫނެވެ. އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއް ލިޔެވިގެން އޭގެ މައްޗަށް ޢަމަލުކުރުމަށް ކަނޑައެޅިއްޖެނަމަ ޤާނޫނަކަށް އެކަމެއް ބަދަލުވެގެން ދެއެވެ. އެޖުޑިކޭޝަން ނުވަތަ ޤަޟަޢީ ޤާނޫނު ނުވަތަ ކޯޓުތަކުގެ ނިންމުންތައް ނުވަތަ ޖުޑިޝަލް ޕްރެސިޑެންޓްތަކަކީވެސް ޤާނޫނު ހެދުމުގައި ވަރަށް މުހިންމު މަސްދަރެކެވެ.
ޤާނޫނު އެކުލަވާލުމުގައި ފިޤުހު ނުވަތަ ސައިންޓިފިކް ކޮމެންޓްރީ ނުވަތަ ބްކްސް އޮފް އޮތޯރިޓީ އަކީވެސް މަސްދަރެކެވެ. ޤާނޫނު ހެދުމުގައި އެންމެ މައިގަނޑު މަސްދަރުތަކުގެ ތެރޭގައި ހިމެނެނީ ޤާނޫނު ހަދާ މަޖިލިސް (ތަޝްރީޢު) އާއި، ކޯޓުތަކުގެ ނިންމުން (ޤާޟަޢީ ޤާނޫނު) އާއި އަދި، ބައިނަލް އަޤުވާމީ ޤާނޫނުތަކެވެ. އާދަކާދައާއި، ފިޤުހު ބިނާވެފައިވަނީ މީގެދަށުން އަންނަ އާންމު މަސްދަރުތަކުގެ ތެރޭގައެވެ.
ޤާނޫނަކީ އެންމެންގެ މެދުގައި ހަމަހަމަކަމާއި އަދުލު އިންސާފު ޤާއިމުކޮށް، ޙައްޤުތައް ކަށަވަރުކޮށް ދިނުމުގައި އެންމެންގެވެސް މަދަދު ގާރެކެވެ. ޤާނޫނު ނޭނގުމަކީ ކުށް ކުރުމަށް އޮންނަ، އަދި ކުށުން ބަރީޢަވުމަށް އޮންނަ ހުއްޖަތެއް ނޫނެވެ. ޤާނޫނުން އިންތަކަކާއި މިންތަކެއް ކޮންމެ ކަމެއްގައިވެސް ކަނޑައެޅިފައި ހުންނަނީ މުޅި މުޖުތަމަޢުގެ މަސްލަހަތަށްޓަކައެވެ. ޤާނޫނަށް ޙުރުމަތްތެރިކޮށް ނުހިތާ މުޖުތަމަޢެއްގައި މިނިވަންކަމާއި އަދުލުވެރިކަމަށް ނޭވާއެއް ނުލެވޭނެއެވެ.

No comments: