Sunday, August 7, 2016

އަޅުގަނޑާބެހޭ ގޮތުން މޭޖަރ މުޙައްމަދު ޖިއާދު ވިދާޅުވި ހެޔޮ ބަސްފުޅު



މިއީ، ސިފައިންގެ ހިތްތަކުގައި އިތުރަށް ޤައުމީ ރޫޙު ދިރުވާ ޤައުމީ ލޯބި އާލާކުރުމަށް  2016 އޯގަސްޓް 7 ވަނަ ދުވަހުގެރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާގައި ސިފައިންނާ މުޚާތަބުކޮށް ބޮޑު ރަސްގެފާނުގެ ޤައުމީ ޚިދުމަތާބެހޭގޮތުން އަޅުގަނޑު ވާހަކަ ދައްކަން ފެށުމުގެކުރިން އަޅުގަނޑާބެހޭ ގޮތުން މޭޖަރ މުޙައްމަދު ޖިއާދު ވިދާޅުވި ހެޔޮ ބަސްފުޅުތަކެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ  1994 ވަނަ އަހަރު. ސިފައިންގެ ޚިދުމަތުގައި 23 އަހަރު ހޭދަކުރައްވާފައިވާއިރު ސިފައިންގެ ޕްރައިވެޓުންގެ މަޖިލިހުގެ ނައިބު ރައީސްކަމާއި، އެން.ސީ.އޯ މަޖިލިހުގެ ހިންގާ ސެކްރެޓަރީގެ އެހީތެރިޔާކަމާއި، އެން.ސީ.އޯ ޑިވެލޮޕްމަންޓް ކޮމެޓީގެ ވައިސް ޗެއަރމަންކަން ކުރައްވާފައިވޭ. އަދި ކޮމާންޑް ސާރޖަންޓް މޭޖަރެއްގެ ގޮތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، އެމްއެންޑީއެފް ކޯސްޓްގާޑް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުގައި ވަނީ ޚިދުމަތް ކުރައްވާފައި.

ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދުގެ އެންމެ ޚާއްޞަ ފަންނަނީ ލިޔުންތެރިކަން. ޢަބްދުﷲ ސަޢީދުގެ ލިޔުންތައް ދުވަހުނޫސް "އާފަތިސް"، "ރަސްއައިން"، "ފުރަދާނަ"، "ފަތްތޫރަ"، "އަށްޑުވަސް"، "އުދަރެސް"، "މަނަސް"ގެ އިތުރުން އޮންލައިން ވަރަށް ގިނަ މަޖައްލާތަކުގައިވެސް ޝާއިޢުކޮށްފައިވޭ. ވިސުއަލް މީޑިއާއަށް ބަލާއިރު ޓެލެވިޜަން މޯލްޑިވްސް އާއި ވީޓީވީ އަށް ޢަބްދުﷲ ސަޢީދު ވަނީ އިޖުތިމާޢީ ރިޕޯޓްތަކާއި ވާހަކަތަކާއި ޙަޤީޤީ ހާދިސާތައް ލިޔެ ދެއްވާފައި.

ޢަބްދުﷲ ސަޢީދުގެ ޚާއްޞަ ޚިދުމަތް ތަކަށް ބަލާއިރު ދިވެހި އަސްކަރީ ތާރީޚުގެ ފުރަތަމަ ވޮލިޔުމް "އަސްކަރީ ނިޒާމުގެ ފެށުން" މިފޮތް ލިޔެ އެކުލަވާލެއްވުމުގެ މަސައްކަތާއި،  2012 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ނެރުނު ނޮވެމްބަރު ތިނެއް މި ފޮތް އެކުލަވާލެއްވުން ހިމެނެ.  ސިފައިންގެ ތާރީޚު ކޮމެޓީގެ މެންބަރެއްގެ ގޮތުގައި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ޢަބްދުﷲ ސަޢީދުވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސް އާއި އެމްއެންޑީއެފް މެރިން ކޯރގެ ޚިދުމަތާބެހޭ ގޮތުން ވަރަށް ފުރިހަމަ 3 ފޮތެއް ލިޔެ ޝާއިޢުކުރައްވާފައި. ތާރީޚު ދިރާސާ ކުރެއްވުމުގެ އިތުރުން ޢަބްދުﷲ ސަޢީދަކީ ހިލޭ ސާބަހަށް ޤައުމީ އެކިއެކި މުނާސަބަތުތަކަށް ލަވަ އާއި ޅެންހެދުމާއި ރައިވަރާއި ބަނދި ހަދައިދެމުންދާ ޝާއިރެއް. ރޭޑިއޯ ޑްރާމާ ލިޔުމާއި އުފެއްދުމަކީ ވެސް ޢަބްދުﷲ ސަޢީދުގެ ޚާއްޞަ ފަންނެއް. މިދާއިރާއިން ފަޚުރުވެރި ވަނަތަކެއްވަނީ ހާސިލުކުރައްވާފައި.

ވާހަކަ ދެއްކުމުގެ ދާއިރާއަށް ބަލާއިރު، ޤައުމީ ފެންވަރުގެ ޖަލްސާތަކުގަޔާއި ސިފައިންގެ ލެވެލްގެ ޖަލްސާގައިތަކުގައިވަނީ ތަޤްރީރު ކުރައްވާފައި. ދިވެހިބަހުގެ އެކެޑެމީގެ ދެ ކޮމެޓީއެއްގައި މިހާރުވެސް މަސައްކަތް ކުރައްވާ ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދަކީ ސިފައިންގޭގައި ނެރެމުންދާ އައްޑަނަ މަޖައްލާއަށް އެންމެ ގިނަ ލިޔުންތައް ލިޔުއްވާފައިވާ، އެ މަޖައްލާގެ ޑެޕިއުޓީ އެޑިޓަރު.


No comments: