Thursday, September 17, 2015

ކޮމާންޑަރ ކަރޯ ޅަތުއްތު – ސިފައިންގެ ސަރުދާރުގެ މަޤާމު އެންމެފަހުން ފުރުއްވި ބޭފުޅާ


ކޮންމެ ދުވަހަކު ފަތިހު ފަސްގަޑި ބައިހާއިރު ސައިކަލުގައި ގެއިން ނިކުންނަވައިގެން ވަޑައިގަންނަވަނީ ހެންވޭރު ލޮނުޒިޔާރަތް ކޮޅަށެވެ. ސައިކަލް ބަހައްޓަވައި ކަސްރަތަށް ހިންގެވުމަކީ އާދައެކެވެ. އުމުރުން 80 އަހަރު ވެފައިވާ އެ ދުވަސްވީ މީހާއަކީ ކާކުކަމެއް މިއަދުގެ ޒުވާން ސިފައިންނަކަށް ނޭގެއެވެ. މިދިޔަ މޭމަހުގެ 14 ވަނަ ދުވަހު އަޅުގަނޑު ހެންވޭރު އޮއެސިސްވިއުއަށް ދިއުމުން މަރުޙަބާ ވިދާޅުވެ ފުރަތަމަ ސަލާމް ކޮށްލި ގޮތުންވެސް "މިއީ އާދައިގެ ބޭފުޅެއްނޫނޭ" އަޅުގަނޑުގެ ހިތަށް އެރިއެވެ. އެއީ ސިފައިންގެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައި ސިފައިންގެ ސަރުދާރުގެ މަޤާމު (މިހާރުގެ ގޮތުންނަމަ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމް) 1963 ން 1969 އަށް ފުރުއްވާފައިވާ ސިފައިންގެ ކޮމާންޑަރ ކަރޯ ޅަތުއްތުއެވެ. ކޮމާންޑަރ ކަރޯ ޅަތުއްތުގެ ފުރިހަމަ ނަންފުޅަކީ މުޙައްމަދު އިބްރާހީމެވެ.
 
ކަރޯ ޅަތުއްތުގެ ބައްޕާފުޅަކީ ސިފައިންގެ ދެ ނަންބަރު ސަރުދާރުކަން ކުރެއްވި ކަރޯ އިބްރާހީމްފުޅެވެ. މަންމާފުޅަކީ އުސްހަކުރު ދޮންދީދީއެވެ. ކަރޯ ޅަތުއްތު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ ހިޖުރައިން 6 ރަބީޢުލް އައްވަލު 1372 (24 ނޮވެމްބަރު 1952) ގައެވެ. ކަރޯ ޅަތުއްތުއަކީ ވަރަށް ކުޅަދާނަ ޕެރޭޑް ކޮމާންޑަރެކެވެ. އެކަން ފޮޓޯތަކުންވެސް އެގެއެވެ. ރައްކާކުރައްވާފައިވާ ކަޅާހުދުގެ ފޮޓޯތަކުގައި ތިއްބެވި ބޭފުޅުން ވަކިވަކިން ވިދާޅުވެ ދެއްވަމުން ގެންދެވިއެވެ. އެ ފޮޓޯ އަލްބަމުތަކުގެ ތެރޭގައި ވަރަށް ތާރީޚީ ފޮޓޯތައް އެބަހުއްޓެވެ.
އަޅުގަނޑަށް މިއީ ރަނުގެ ފުރުސަތެކެވެ. ސުވާލަކަށްފަހު ސުވާލެއް ކުރަމުން ގެންދިޔައީމެވެ. އެ ސުވާލުތަކަށް ލަސްލަހުން ޖަވާބު ދެއްވަމުން ގެންދެވިއެވެ. އައްޑޫ ހުވަދޫ ބަޣާވާތުގެ ދުވަސްވަރުގެ ވާހަކަތަކެވެ. އެލިޒިބަތު ބޯޔާގައި ފުވައްމުލަކު ފަތަޙަ ކުރަން ހަތިޔާރާއެކު ސިފައިން ދިޔަ ދަތުރުގައި ވަޑައިގެންނެވި ވާހަކައެވެ. އެ ދަތުރަށްފަހު ސިފައިންގެ ވެރިޔާގެ ނައިބު ދައްޕަރު މޫސާމަނިކު އިސްތިޢުފާ ދެއްވަން ޖެހިވަޑައިގެންނެވި ވާހަކައެވެ. އެދުވަސްވަރު ސިފައިންގެ ހިންގުމަށް އައި ބަދަލުތަކެވެ. ހަވަރު ތިނަދޫ ސަރުކާރުގެ ބާރުގެ ދަށަށް ގެންނެވުމަށް ވަޒީރުލް އަޢުޡަމް އިބްރާހީމް ނާޞިރުގެ އަރިހުގައި މޯލްޑިވްސްޓަރގައި ކުރެއްވި ދަތުރުފުޅެވެ. އެއަށްފަހު ދެވަނަ ފަހަރަށް ތިނަދޫގައި ބަޣާވާތް ކުރުމާގުޅިގެން ވަޒީރުލް އަޢުޡަމް ސިލްވަރ ކްރެސްޓްގައި ކުރެއްވި "ސިއްރު" ދަތުރުފުޅާގުޅޭ ވާހަކަތަކެވެ.  
"އެ ދަތުރުފުޅުގައި ގެންދެވި ހަތިޔާރުތައް ސިފައިންގެއިން ވެލާނާގެއަށް ގެންދިޔައީ ނާޞިރު ވިދާޅުވެގެން ސީދާ އަޅުގަނޑު. އޭރު އަޅުގަނޑަކަށްވެސް ނޭނގެ އެ ހަތިޔާރުތައް ވެލާނާގެއަށް ގެންދެވީ ކީއްކުރައްވަން ކަމެއް. އެތަކެތި ބަންދުކޮށްގެން ސިލްވަރކްރެސްޓަށް އެރުވީ ވެލާނާގެއިން. އެހެންވީމާ އެއްވެސް މީހަކަށް އަދި ސިފައިންގެ މީހަކަށްވެސް ނޭނގޭނެ ސިލްވަރކްރެސްޓަށް ހަތިޔާރު އެރުވިކަމެއް. އެ ހަތިޔާރުތައް އެރުވީ އަނބުފޮށިގަނޑު ތަކެއްގެ ގޮތުގައި." ކޮމާންޑަރ ކަރޯ ޅަތުއްތު ވިދާޅުވިއެވެ. އެ ދަތުރަށް މާލެއިން ސިލްވަރކްރެސްޓް ފުރީ 28 ޖެނުއަރީ 1962 ގައެވެ.
ވާހަކައިގެ ވަކި ހިސާބަކުން ގޭތެރެއަށް ވަޑައިގެން ފޮޓޯ އަލްބަމެއް ގެންނެވިއެވެ. ފުރަތަމަ ހުޅުވާލެއްވި އަލްބަމުގެ ތެރެއިން 1959 ވަނަ އަހަރު ސިފައިންނަށް "ސިފަކަން" ދަސްކޮށްދިނުމަށް ސްރީލަންކާއިން ގެންނެވި މޭޖަރ (ރިޓަޔަރޑް) ޑީ.އެފް ފޮސްޓަރގެ ފޮޓޯއެއް އަޅުގަނޑަށް ފެނުނެވެ. "މިއީ ފޮސްޓަރ ދެއްތޯ؟" ފޮޓޯ ފެނުމާއެކު އަޅުގަނޑަށް އަހާލެވުނެވެ. "އާ ކިހިނެއް ފޮސްޓަރ ދަންނަނީ" ކަރޯ ޅަތުއްތުވެސް ކުރެއްވީ ސުވާލެކެވެ. އެހިސާބުން ފެށުނީ އޭރުގެ ޕެރޭޑްގެ ވާހަކައެވެ. ކަރޯ ޅަތުއްތު ޕެރޭޑްގެ ކޮމާންޑަރެއްގެ ގޮތުގައި ތަމްރީނުވީ ފޮސްޓަރގެ އަރިހުންނެވެ. "ސިފައިންގެ މީހުންގެ އަޚްލާޤު ދެމެހެއްޓޭނީ ޕެރޭޑްކޮށްގެން. ސިފައިންގެ ގޮތް ސިފައިންނަށް ދަސްކޮށްދެވޭނީ ކޮމާންޑަރުން ނުކުމެ ސިފައިންނަށް ކޮމާންޑްކޮށްގެން. މިއީ އަޅުގަނޑުގެ ތަޖްރިބާއަކީ" ކޮމާންޑަރ ކަރޯ ޅަހުއްތު ވިދާޅުވިއެވެ. މާލޭގެ މަގުތަކުގައި ބޭއްވި ގިނަ އަދަދެއްގެ ޝަރަފުގެ ހިނގާލުންތަކެއްގަޔާއި ބޭރުގެ ޢިއްޒަތްތެރިންނާއި ކީރިތި މަހާރަދުންގެ ޝަރަފުގައި ސިފައިން އެރުވި ޝަރަފު ގާޑުތަކުގައި ކަރޯ ޅަތުއްތުވަނީ ކޮމާންޑް ކުރައްވާފައެވެ. ސިފައިންގެ ޕެރޭޑް ޔުނީފޯމް ކުރު ސޯޓްބުރިން ދިގު ފަޓްލޫނަށް ބަދަލު ވެގެންދިޔައީ އެގޮތަށް ކޮމާންޑް ކުރައްވަމުން ވަޑައިގަންނަވަނިކޮށެވެ.
      ކޮމާންޑަރ ކަރޯ ޅަހުއްތު ސިފައިންގެތެރޭގައި ކުރެއްވި މަސައްކަތްތަކަކީ ކޮބާ ހެއްޔެވެ؟ "އަޅުގަނޑު ފޯރީގެ ކަންތައްތައް (ފޯރިމޭޒު) ބެލެހެއްޓިން. ފޯރި މޭޒުގައި ޑިއުޓީ ސަރުދާރެއްގެ ގޮތުން މަސައްކަތް ކުރިން.  ސިފައިންގެ އޮފީސް ހިންގިން. ޕެރޭޑުގެ ކަންތައްތައް ބެލެހެއްޓިން. ސިފައިންގެ ބޭންޑްގައި މަސައްކަތްކުރިން. ދެކުނު ބަޣާވާތުގެ ކަންތައް ހަމަޖެއްސެވުމަށް އެލްޒަބަތު ބޯޔާގައި ފުވައްމުލަކަށް ދިޔައިން. މޯލްޑިވްސްޓަރުގެ ހުވަދޫ ދަތުރުގައި ސިފައިންގެ އިސް މީހަކަށްހުރީ އަޅުގަނޑު. މާލޭ ޖަލާއި ވިލިނގިލީ ޖަލު ބެލެހެއްޓުމުގައި އުޅުނިން. ރާއްޖޭގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ވަދެ އުޅުނު އެތައް ބޯޓެއް ހިފުމުގައި ބައިވެރިވިން. ހުޅުލޭ އެއަރޕޯޓް ހެދުމުގައި ސިފައިން ގޮވައިގެންގޮސް އެތަނުގައި ވަރަށް ބުރަކޮށް މަސައްކަތްކުރިން" ކޮމާންޑަރ ކަރޯ ޅަތުއްތު ހަނދާންތައް އާކުރައްވަމުން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ސިފައިންގެ ބޭންޑުގައި ކުޅުއްވި އިންސްޓްރޫމަންޓަކީ ކޯނެޓެވެ.
މަޤާމުގެ ކުރިއެރުންތަކަށް ބަލާއިރު ސިފައިންގެ 2 ނަންބަރު ސަރުދާރުކަމުން ސިފައިންގެ 1 ނަންބަރު ސަރުދާރުކަމަށް ބަދަލު ކުރެއްވީ 27 އޯގަސްޓް 1960 ގައެވެ. އެ ދުވަސްވަރު ސިފައިންގެ 1 ނަންބަރު ސަރުދާރުކަމަކީ ސިފައިންގެ ކޮމާންޑަރާ ޖެހިގެން އޮތްނަ އެންމެ ސީނިއަރ މަޤާމެވެ. އެއީ މިހާރުގެ ގޮތުންނަމަ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމެވެ. ކޮމާންޑަރ ކަރޯ ޅަތުއްތުއަށް ސިފައިންގެ ކޮމާންޑަރުކަން ދެއްވީ ސިފައިންގެ ސަރުދާރުކަމުގެ މަޤާމުގައި ހުންނެވި ޢަބްދުލް ޙަންނާން ޙަލީމް ސިފައިންގެ ވެރިޔާގެ ނާއިބުކަމުގެ މަޤާމަށް ބަދަލު ކުރައްވައި، 29 ޖޫން 1963 ގައެވެ. އެދުވަހު ސިފައިންގެ ސަރުދާރުގެ މަޤާމުގެ އިތުރުން ސިފައިންގެ ބޭންޑް ޕާޓީގެ ސަރުދާރުކަންވެސް ދެއްވިއެވެ. މި މަޤާމުތަކުގައި ހުންނަވަނިކޮށް ސިފައިންގެ ޚިދުމަތުން ވަކިކުރައްވައި، ޑިޕާޓްމަންޓް އޮފް ހޯމް އެފެއާރޒް ޕަބްލިކް މެއިންޓަނަންސް ޑިވިޜަން (ށ) ގެ ވަކީލުކަމަށް ބަދަލު ކުރެއްވީ 4 ނޮވެމްބަރު 1969 ގައެވެ.
ސިފައިންގެ ޚިދުމަތުން ކޮމާންޑަރ ކަރޯ ޅަހުއްތު ވަކިވެވަޑައި ގަންނަވަން ޖެހިވަޑައިގެންނެވީ ކުއްލި އަކަށެވެ. އެދުވަހު، އޭރުގެ ސިފައިންގެ 1 ނަންބަރު ސަރުދާރުގެ މަޤާމުގައި ހުންނެވި މޮޓަރ ޙަސަން މަނިކުވެސް އެ މަޤާމުން އެމްޖީބީއެސްގެ މެނޭޖަރުކަމަށް ބަދަލު ކުރެއްވިއެވެ. އަދި ކޮމާންޑަރ ކަރޯ ޅަހުއްތުގެ ބައްޕަ ސިފައިންގެ 2 ނަންބަރު ސަރުދާރު ކަރޯ އިބްރާހީމްފުޅުވެސް ވަޒީފާއިން ވަކިކުރެއްވިއެވެ. އޭނާ ވަޒީފާއިން ވަކިކުރެއްވި ޗިޓްގައި ލިޔުއްވާފައިވަނީ "ވަކި ކުރެއްވީ މިވަގުތު ބޭނުންނެތިގެން މިގޮތަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައި ގަންނަވައިގެން" ކަމަށެވެ. އޭގެ އެއްދުވަސްކުރިން (3 ނޮވެމްބަރު 1969ގައި) ކޮމާންޑަރ ކަރޯ ޅަތުއްތުގެ ކޮއްކޮ، ސިފައިންގެ 4 ނަންބަރު ސަރުދާރު ކަރޯ ޢައްބާސް އިބްރާހީމް "ވިލިގިލީ ޖަލުގައި ބަންދުކޮށްފައިހުރި މީހަކާ ޤަވާޢިދާ ޚިލާފަށް ގުޅުން ބަހައްޓައިގެން" ސިފައިންގެ ވަޒީފާއިން ވަކި ކުރެއްވިއެވެ. ޖަލުގައި ބަންދުކޮށްފައި ހުއްޓާ ގުޅުން ބެހެއްޓެވި ކަމަށް ވިދާޅުވާ ބޭފުޅަކީ 12 އަހަރަށް ޖަލަށް ނިޔާ ކަނޑައަޅުއްވާފައި އޭރު ހުންނެވި މ. ކޮލިގޭ ޙަސަން އަޙްމަދު މަނިކުކަން އަޅުގަނޑަށްވަނީ އެނގިފައެވެ. 

"ރައީސް އިބްރާހީމް ނާޞިރު ވަޑައިގެން ހުންނެވީ ކިޑްނީގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައި. އެއްދުވަހަކު މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީ ޢަބްދުލް ޙަންނާން ޙަލީމް ފޯނުން ގުޅުއްވައި ސިފައިންގެ އެއްވެސް ކަމަކާ ނުބެހޭގޮތަށް ޗުއްޓީއެއް ދެއްވިކަން އެންގެވި. އެގޮތަށް އަޅުގަނޑުހުރީ.. ނާޞިރު އަޅުގަނޑަށް ވަރަށް އިތުބާރު ކުރައްވާނެ. ސިފައިންގެ ކަންކަމުގައި ސީދާ އަޅުގަނޑުގެ މަޝްވަރާ ހޯއްދަވާ ކަންތައްތައް އަޅުގަނޑާ ހަވާލުކުރައްވާތީ ހިތްހަމަ ނުޖެހުންތަކެއް ހުރީ. ނާޞިރު އެނބުރި ވަޑައިގެން ރައީސް އޮފީހަށް އަޅުގަނޑު ގެންދަވައި ޕީއެމްޑީ ށ. އުފައްދަވައި ވަކީލުކަން ދެއްވީ" ސަރުކާރުގައި އަލުން ޚިދުމަތް ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވިގޮތް ކޮމާންޑަރ ކަރޯ ޅަހުއްތު ވިދާޅުވެ ދެއްވިއެވެ. އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތު 1972 ވަނަ އަހަރު މާލެވަޑައިގެން ދަތުރުފުޅާ ގުޅިގެން ރަސްމީ ފާލަން ތައްޔާރުކޮށް، މުޅި މާލޭގައި ދިދަޖަހައި ޒީނަތްތެރިކުރީ ކަރޯ ޅަތުއްތުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. ޕީއެމްޑީގެ ވަކީލުގެ މަޤާމުގެ ފަހުން  ސަރުކާރުން ހަވާލު ކުރެއްވީ ގދ. އަތޮޅުގެ އަތޮޅުވެރިކަމެވެ. "ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ރާއްޖެތެރެއާބެހޭ ވުޒާރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރިން. އެދުވަސްވަރު ރާއްޖޭގެ އެއްވެސް އަތޮޅެއް ނޯންނާނެ އަޅުގަނޑު އަތޮޅު އޮފީސް ހިންގުމާ ހަވާލުވެގެން މަސައްކަތް ކޮށްފައިނުވާ. އެންމެ ފަހުން ހުރީ ސަރުކާރުގެ މަޤާމަކީ މާލޭ މުނިސިޕްލްޓީގެ ރައީސްގެ ނާއިބުގެ މަޤާމު" ސިވިލް ސާރވިސްގެ ޤާނޫނުގެ ދަށުން ރިޓަޔަރ ކުރައްވާފައިވާ ކަރޯ ޅަތުއްތު ވިދާޅުވިއެވެ. ކޮމާންޑަރ ކަރޯ ޅަތުއްތު މިއަދުގެ ޒުވާން ސިފައިންނަށް ނޭނގުނަސް އަތޮޅުތަކުގައި އެދުވަސްވަރު ވެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެއީ ފަރިތަ ނަމެކެވެ. ކަންތައްތައް ވަކި އިންތިޒާމެއްގެ މަތިން ކުރެއްވުމުގައި އާދަޔާޚިލާފު ހަރުދަނާ ޝަޚްސިއްޔަތެކެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދާން ދޫކޮށް ނުލައްވާ ހިތްވަރުފުޅު ގަދަ ޖެހިލުންކުޑަ ބޭފުޅެކެވެ. ސިފައިންގެ ހެޑްކްއޯޓާރޒް ބަނޑޭރިގޭގައި އެންމެ ފަހުން ޢިމާރާތްކުރެވުނު 9 ބުރި ޢިމާރާތް ރަސްމީގޮތުން ހުޅުވައިދެއްވީ ސިފައިންގެ ކޮމާންޑަރ ކަރޯ ޅަތުއްތުއެވެ. "އެއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. އަދި ވަރަށް ބޮޑު އުފަލެއް. އެތައް ދުވަހަކަށްފަހު ސިފައިންގެ ތެރެއަށް ވަދެގެން ދިޔައިރު ވީގޮތް ބަޔާންކޮށްދޭކަށްވެސް ނޭނގެ" ސިފައިންގެ ސަރުދާރުގެ މަޤާމު އެންމެފަހުން އަދާކުރެއްވި ކޮމާންޑަރ ކަރޯ ޅަތުއްތު ވިދާޅުވިއެވެ.
     

No comments: