Thursday, September 17, 2015

ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރަކީ ސިފައިންގެ ބޭފުޅެއް

ދިވެހިރާއްޖެއަށް އިނގިރޭސިންގެ ހިމާޔަތުގެ ދަށުން 1965 ޖުލައި 26 ވަނަ ދުވަހު ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވި އޭރުގެ ވަޒީރުލް އަޢުޡަމް އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނަކީ ސިފައިންގޭގައި ސިފައިންގެ މީހެއްގެ ގޮތުގައި ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ސިފައިންގެ އޮފިސަރުކަމާއި ސިފައިންގެ ވެރިޔާގެ މަޤާމުވެސް އެމަނިކުފާނުވަނީ ފުރުއްވިއެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުހޫރިއްޔާގެ މަޤާމާ 1968 ނޮވެމްބަރު 11 ވަނަ ދުވަހު ޙަވާލުވެވަޑައިގެންނެވުމާއެކު ސިފައިންގެ އެންމެމަތީވެރިޔާގެ މަޤާމު ލިބިވަޑައިގެންނެވިއެވެ. 


ސިފައިންގެ ރަޖިސްޓްރީގައިވާ ގޮތުން ވެލާނާގޭ އިބްރާހީމް ނާޞިރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 30 ޖެނުއަރީ  1949  (30 ރަބީޢުލްއައްވަލް 1368) ވީ އާދިއްތަ ދުވަހުއެވެ. ސިފައިންގެއަށް ވެންނެވީ ކޮން މަޤާމެއްގައިކަމެއް އަދި މަޤާމުގެ ކުރިއެރުން ލިބިވަޑައިގެންނެވީ ކޮން ދުވަހަކުކަމެއް އަދި މިހާތަނަށް އަޅުގަނޑަކަށް ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް ސަރުކާރުގެ އެކިއެކި ކަންކަން ހިގާގޮތް ލިޔާފޮތުގައި ވާގޮތުން 25 ޑިސެމްބަރު 1949 (05 ރަބީޢުލްއައްވަލް 1369) އާދިއްތަ ދުވަހު ހުންނެވީ ސިފައިންގެ އޮފިސަރެއްގެ ގޮތުގައިކަން އެނގެއެވެ. އެ ފޮތުގައި މި ވާހަކަ އޮންނަނީ ތިރީގައިވާ އިބާތުންނެވެ. "ސިފައިންގެ އޮފިސަރަކުކަމުގައި ހުންނެވި، އިބްރާހީމް ނާޞިރު ޞިއްޙަތު އޮފީހުގެ މީހަކު ކަމަށާއި ވައިރްލެސް އޮފީހުގެ މީހަކު ކަމުގައި ލެއްވިއެވެ."

ތާރީޚުގެ ފަތްފުށްތައް ބަލައި ދިރާސާކުރާ ފަރާތްތަކަށް ސިފައިންގެ އޮފިސަރެއްގެ ހައިސިއްޔަތުން އިބްރާހީމް ނާޞިރު 1954 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިކަން ފެނިވަޑައިގަންނަވާނެއެވެ. 28 އޮކްޓޯބަރު 1954 (01 ރަބީޢުލްއައްވަލް 1374) ވީ އަންގާރަ ދުވަހު ފާހަގަކުރި ރާއްޖޭގެ ޤައުމީ ދުވަހުގެ ހަރަކާތްތައް ބައްލަވާލައްވަން ކީރިތި މަހާރަދުން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް ހެންވޭރު ރަސްމީ ބޯޅަ ދަނޑަށް ވަޑައިގެންނެވިއިރު އަރިހުގައި ސިފައިންގެ އޮފިސަރެއްގެ ގޮތުން ވަޑައިގެންނެވިއެވެ. މާލެއަތޮޅު ދޫނިދޫގައި 1955 ވަނަ އަހަރު ބޭއްވި ސިފައިންގެ ބަޑިމުބާރާތުގައި ސިފައިންގެ ވެރިއެއްގެ ގޮތުން އިބްރާހީމް ނާޞިރު ބައިވެރިވެވަޑައިގެންނެވިއެވެ. އެކިކަންކަން ހިނގާގޮތް ލިޔާފޮތުގައި ވާގޮތުން އެ ބަޑިމުބާރާތް ބޭއްވީ 22 އެޕްރީލް 1955 (28 ޝައުބާން 1374) ވީ ހުކުރު ދުވަހުއެވެ. ސިފައިންގެވެރިޔާ ކަމުގެ ފަތްކޮޅު އިބްރާހީމް ނާޞިރަށް ދެއްވީ އޭރުގެ ކީރިތި މަހާރަދުން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް އެވެ. މަތިގޭގައި އޮތް ރަސްމިއްޔާތެއްގައި ރަދުންގެ އަތްޕުޅުން މި ފަތްކޮޅު ހަވާލު ކުރެއްވީ 27 މާރިޗު 1956 (14 ޝައުބާން 1375 ) ވީ އަންގާރަ ދުވަހުއެވެ. 

މަޙްކަމަތުލް އަމަންޢާންމުގެ ވެރިކަން ނުވަތަ މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމަށް އިބްރާހީމް ނާޞިރު އައްޔަން ކުރެއްވީ 29 ޖޫން 1956 (20 ޛުލްޣައިދާ 1375) ވީ ހުކުރު ދުވަހުއެވެ. އޭގެފަހުން 19 އޯގަސްޓް 1957 (22 މުޙައްރަމް 1377) ވީ ހޯމަ ދުވަހު ވަޒީލް ދާޚިލިއްޔާ މިހާރުގެ ގޮތުންނަމަ މިނިސްޓަރ އޮފް ހޯމްއެފެއާޒުގެ މަޤާމަށް އިސް ކުރެއްވިއެވެ. ވަޒީރުލް އަޢުޡަމްގެ މަޤާމު ނުވަތަ ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވީ 12 ޑިސެމްބަރު 1957 (20 ޖުމާދިލްއައްވަލް 1377) ވީ ބުރާސްފަތި ދުވަހުއެވެ. ބޮޑުވަޒީރުގެ މަޤާމާއެކު އެމަނިކުފާނަށް ވަޒީރުލް ދާޚިލިއްޔާ (ހޯމް މިނިސްޓަރ)، ވަޒީރުލް މާލިއްޔާ (ފިނޭންސް މިނިސްޓަރ)، ވަޒީރުލް ޚާރިޖިއްޔާ (ފޮރިން މިނިސްޓަރ)، މަޙްކަމަތުލް އަމަންއާންމުގެ ވެރިޔާ (ޑިފެންސް މިނިސްޓަރ) ކަން ލިބިވަޑައިގެންނެވިއެވެ. ސިފައިންގެ ވެރިޔާގެ މަޤާމުގެ ހައިސިއްޔަތުން އެދުވަސްވަރު ބައިވެރިވެވަޑައިގެންނެވި އެއް ރަސްމިއްޔާތަކީ ސިފައިންގެއަށް އަލަށްވެއްދުމަށް ހަމަޖެއްސެވި 47 ބޭކަލަކު ސިފައިންގެ ވެރިޔާގެ ކުރިފުޅުމަތީގައި ހުވާ ކުރުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތު ބޭއްވުނީ އެކިކަންކަން ހިނގާގޮތް ލިޔާފޮތުގައިވާގޮތުން 26 އޯގަސްޓް 1960 (03 ރަބީޢުލްއައްވަލް 1380) ވީ ހުކުރު ދުވަހުއެވެ.

ސިފައިންގެ ވެރިކަމުގައި ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ހުންނެވި ދުވަސްވަރު ސިފައިންގެއަށް އަގުހުރި ޚިދުމަތްތަކެއް އެމަނިކުފާނު ކޮށްދެއްވިއެވެ. މިގޮތުން ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި ސިފައިންގެ ހެޑްކްއޯޓާރޒްގެ ސަރަޙައްދު ފުޅާކުރެއްވުމާއި، ސިފައިންގޭގައި ކެއިންބުއިމުގެ ކަންތައްތައް ސިފައިންނަށް ހަމަޖައްސަވައިދެއްވަން ފެއްޓެވުމާއި، ސިފައިންނަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭނެގޮތް ހަމަޖެއްސެވުމާއި، ސިފައިންގޭގައި ސިފައިންނަށް ޔުނީފޯމް ދޮވެ އިސްތިރިކުރުމުގެ ޚިދުމަތް ދެއްވަން ފެއްޓެވުމާއި، ސިފައިންގެ ރޭންކްތަކުގެ އިންސިގްނިއަރ (ނިޝާންތައް) ކަނޑައަޅުއްވައި ބޭނުންކުރައްވަން ފެއްޓެވުމާއި، ކާކީ (ސިފައިންގެ އެކުވެރި ކުންފުނީ)ގެ ޚިދުމަތް ފެއްޓެވުމާއި، ސިފައިންގެއަށް ވެހިކަލް ގެންނަވަން ފެއްޓެވުމާއި، ބޭންޑް މާސްޓަރުންނާއި އަސްކަރީ ތަމްރީނު ދެއްވުމަށް އިންސްޓްރެކްޓަރުން ރާއްޖެއިން ބޭރުން ގެންނަވައި މީހުން ތަމްރީނު ކުރެއްވުން ހިމެނެއެވެ. މީގެއިތުރުން ސިފައިންނަށް މާލެއިން ގޯތި ދޫކުރައްވަން ފެއްޓެވުން ހިމެނެއެވެ. އަދި ސިފައިންގޭގައި ކޮމިޔުނިކޭޝަންގެ ޚިދުމަތާއި ފުލުހުންގެ ޚިދުމަތާއި ކަނޑުގެ ޚިދުމަތާއި ވައިގެ ޚިދުމަތް ފެއްޓެވުންވެސް ހިމެނެއެވެ. މާލެ ފިޔަވައި ރާއްޖޭގެ އެކި ރަށްރަށުގައި ސިފައިން ޑިޕްލޮއި ކުރައްވައިގެން ޚިދުމަތް ދެއްވަން ފެއްޓެވީވެސް އިބްރާހީމް ނާޞިރުގެ ސިފައިންގެ ވެރިކަމުގައެވެ. 

 ބޮޑުވަޒީރު އިބްރާހިމް ނާޞީރު ސިފައިންގެ ވެރިޔާގެ މަޤާމުގައި ހުންނަވައިގެން ސިފައިންނާއެކު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި އެންމެ ޚާއްޞަ އޮޕަރޭޝަނަކީ އައްޑޫ-ހުވަދޫ ބަޣާވާތުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ހަދާފައިއޮތް ހަވަރު ތިނަދޫ (މިހާރުގެ ގދ. ތިނަދޫ) ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެންނެވުމަށް ހިންގެވި އޮޕަރޭޝަނެވެ. ފުރަތަމަ ފަހަރު މޯލްޑިވްސްޓަރގައި 1959 ވަނަ އަހަރު ވަޑައިގެން ސުލުހަވެރިކަމާއެކު ތިނަދޫ ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެންނެވިއެވެ. އޭގެފަހުން ދެވަނަ ފަހަރަށް އެރަށުގައި ބަޣާވާތްކޮށް، އެރަށުގައި ތިބި ސިފައިންނަށް ބޮޑެތި އަނިޔާތަކެއްކޮށް، ރޯނުން ބަނދެގެން އައްޑޫއަށް ގެންދިއުމާގުޅިގެން ބޮޑުވަޒީރު  ސިފައިންނާއެކު ތިނަދޫއަށް ވަޑައިގެންނެވީ ސިލްވަރކްރެސްގައި 1962 ވަނަ އަހަރު އެވެ. އެ ދަތުރުގައި ހިންގެވި އޮޕަރޭޝަނަށްފަހު އެރަށުން މީހުން ބާލުއްވައި އެއީ ފަޅުރަށެއްކަމުގައި އިޢުލާން ކުރެއްވިއެވެ.

No comments: