Thursday, September 17, 2015

އައްޔޫބުގެފާނުގެ ވާހަކަ


އައްޔޫބުގެފާނަކީ ކުރިން ވަރަށް މުއްސަދި ދިރިއުޅުއްވުމެއް އުޅުއްވި ރަސޫލު ބޭކަލެކެވެ. އެކަލޭގެފާނުގެ މާތްކަމުގެ ސަބަބުން އިބިލީސް އެކަލޭގެފާނާމެދު ހަސަދަވެރިވިއެވެ. އިބިލާހަށް އެއްގޮތަކަށްވެސް އެކަލޭގެފާނު ހައްލާނުލެވުމުން އެންމެފަހުން އިބިލީސް ﷲ އަށް ދެންނެވިއެވެ. އައްޔޫބުގެފާނު އެހާ ރަނގަޅު ބޭފުޅަކަށްވީ މުއްސަދިވުމުގެ ސަބަބުންނެވެ. އެކަން އެކަލޭގެފާނާ ދުރުކުރައްވަނިކޮށް އެކަލޭގެފާނު ހައްލާލެވިދާނެއެވެ. ﷲ އިބިލީހުގެ ކުރިމަތީގައި އައްޔޫބުގެފާނު އިމްތިޙާނު ކުރެއްވިއެވެ. 


ހިރިނުލެވޭވަރުގެ ބޮޑު ބައްޔެއް އައްޔޫބުގެފާނަށް ﷲ ޖެއްސެވިއެވެ. ޞާލިޙު އެންމެ އަނބިބަލެއް ފިޔަވާ ހުރިހާ އެންމެން އެކަލޭގެފާނު ދޫކޮށް ދިޔައެވެ. މުއްސަދިކަމާއި ދަރިންތައްވެސް ގެއްލި ނެތިދިޔައެވެ. އެކަމަކުވެސް އިބިލިހަކަށް އައްޔޫބުގެފާނު ހައްލައެއް ނުލެވުނެވެ.

އެންމެފަހުން، އިބިލީސް އައްޔޫބުގެފާނުގެ އަނބިކަނބަލުންނަށް ވަސްވާސްދިނެވެ. އެކަމަނާ ޝިފާ ދެއްވުމަށް ﷲ އަށް ދެންނެވުމަށް އައްޔޫބުގެފާނު އަރިހުން އެދިވަޑައިގަތެވެ. އައްޔޫބުގެފާނު ވިދާޅުވިއެވެ. 80 އަހަރު ފުރިހަމަ ޞިއްޙަތު ދެއްވި ﷲގެ ޙަޞްރަތުގައި ތިޔަ ޝަކުވާ އުފުލާން ލަދުގަނެއެވެ.  މި ފަހަރުވެސް އިބިލީހުގެ ރޭވުން ކާމިޔާބެއް ނުވިއެވެ. އައްޔޫބުގެފާނު އިބިލީހަށް ވިދާޅުވިއެވެ.  އޭ ޝައިތާނާއެވެ. ތިމަން ކަލޭފާނު ކެތްތެރިވުމުން ﷲ ގެ ޙަޟްރަތުގައި އޮތީ ކޮންފަދަ ނިޢުމަތެއްކަން އިނގޭނަމަ ކަލޭ ތިޔައަށްވުރެވެސް ދެރަވެ ރުޅި އަންނާނެއެވެ. 

އެ ނިކަމެތި ހާލުކޮޅުގައި އައްޔޫބުގެފާނު އޮންނަވަނިކޮށް  18 އަހަރަށްފަހު އެކަލޭފެފާނަށް ﷲ ޝިފާ ދެއްވިއެވެ. އެކަލޭގެފާނަކީ ﷲގެ ރަސޫލެއްކަމާއި އެއީ ﷲ ގެ ރަޙުމަތާމެދު އުންމީދު ކަނޑާނުލެއްވި ބޭކަލެއްކަން ހާމަކޮށްދެއްވިއެވެ. އެކަލޭގެފާނުގެ ކެތްތެރިކަމުގެ ސަބަބުން އިހަށްވުރެ މުއްސަދިކަމާއި ދަރިން ދެއްވިއެވެ. އަވަހާރަވީ އެ ނިޢުމަތުގައި 70 އަހަރު ދުނިޔޭގައި އުޅުއްވުމަށްފަހުގައެވެ. (ނިމުނީ)

No comments: