Sunday, November 4, 2012

ތިނެއް ނޮވެމްބަރުގައި މަނަދޫ


ޢަބްދުﷲ ސަޢީދު –

1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ފަތިހު ދިވެހިރާއްޖޭގެ އަޑުގެ ސިގްނަލް ނުލިބޭތީ އެވާހަކަ އިރުއެރުމުގެކުރިން މީހުން ދައްކަން ފަށައިފިއެވެ. ފަތިސް ނަމާދަށްގޮސް މިސްކިތްކައިރި ތިބެގެން އެ ވާހަކަ ދައްކަންތިބި ބައެއް މީހުންނަށް ކުއްލި ހައިރާންކަމެއް ގެނުވީ ފިނިފެންމާގޭ އަލްމަރުޙޫމް ޢަބްދުލް ވާޙިދު ޢަބްދުއްރަޙްމާނު (ވާހިދުބެ) ބުނި ވާހަކައަކުންނެވެ. "އެއުޅެނީ ބަޔަކު މާލެ ހިފައިގެން" ސަމާސާ ރާގުގައި ވާހިދުބެ އެވާހަކަ ދައްކަމުން ދިޔައީ  އެއްވެސް ފަރާތަކުން މީހަކު ސީދާކޮށް ދިން މަޢުލޫމާތެއްގެ މައްޗަކަށްނޫނެވެ. ރޭޑިއޯގެ އަޑު ނުލިބޭތީ އޭނާއަށް އެގޮތަށް ޤަބޫލުކުރެވުނީއެވެ. 

އިރުއަރަމުންދިޔައިރު ތަފާތު ގޮތްގޮތަށް އަޑުތައް ދިޔައީ ފެތުރެމުންނެވެ. ރޭޑިއޯގެ އަޑު ނުލިބި ގިނަ އިރުތަކެއް ވާންފެށުމުން ގިނަ ބަޔަކު ކަންބޮޑުވިއެވެ. ކޮންމެވެސް ކަމެއް ގޯހުން ހިގައިގެން އުޅޭކަހަލަ ޝައްކުތަކެއް ކުރެވެމުންދިޔައެވެ. އެހެންނަމަވެސް މީހުންގެ ޢާންމު ދިރިއުޅުމަކަށް އެކަމުން މާބޮޑު އަސަރެއް ކޮށްގެން އުޅޭތީއެއް ނުފެނެއެވެ. ވަދާދާ މަސްވެރިން ރަށުގެ ފަޅުން ކުދިކުދި ރިޔާނެގި ދޯނިފަހަރުގައި ނިކުންނަމުން ދިޔައެވެ. ދަނޑުވެރިން ދަނޑުތަކުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެދުވަސްވަރަކީ މަނަދޫގެ ސޯސަންމަގުގެ ހުޅަނގު ކޮޅުގައި ވަރަށް ފޯރީގައި ދަނޑު ހައްދަމުން ދިޔަ ދުވަސްވަރެކެވެ. 

ހެނދުނު ނުވައެއް  ޖަހާއެހާކަންހާއިރު ވަރަށް އިތުބާރާއެކު މާލޭގެ ހާލަތު އޮޅުންފިލަމުން ދިޔައެވެ. އޭރު އައިޑެންޓިޓީ ކާޑު ހެއްދުމަށް ނ. ވެލިދޫގައި ކޭމްޕް ޖައްސަވައިގެން ހުންނެވި އައިޑެންޓިޓީކާޑު ޔުނިޓުގެ ވެރިޔާ އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމު ގެންދެވީ ރާއްޖޭގެ އަތޮޅުތަކަށް އެމަޢުލޫމާތު ފޯރުކޮށް ދެއްވަމުންނެވެ. ޚާއްޞަ ގޮތެއްގައި ނ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވަމުން ދިޔަ މަޢުލޫމާތު ފޯރުކޮށް ދެއްވަމުންނެވެ. އެހިސާބުން ފެށިގެން ނ. އަތޮޅު އޮފީހުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި ވަރަށް ޢަމަލީ ދައުރެއް އަދާކުރެއްވިއެވެ. އޭރު އަތޮޅުވެރިޔާގެ ބަދަލުގައި އަތޮޅު އޮފީސް ހިންގަވަމުން ގެންދެވީ ޒަކަރިއްޔާ ޙަމީދެވެ. ސައިކުރާ ނަޢީމާއި ޒަކަރިއްޔާ ޙަމީދު ގުޅިގެން ޚަބަރުތައް ސާފު މަޢުލޫމާތު އަތޮޅުތަކަށް ފޯރުކޮށްދެމުން ގެންދިޔައެވެ. ބީބީސީ އަޑުއެހުމަށްފަހު ބީބީސީގައި ދައްކާ ވާހަކަތައް ޒަކަރިއްޔާ ޙަމީދަށް ފޯރުކޮށްދެނީ އޭނާގެ ދަނބި ދަރިފުޅު ޑރ. މުޙައްމަދު ލަޠީފް ކަމުގައި އެމަނިކުފާނު އަޅުގަނޑުގެ ކައިރީގައި ވިދާޅުވިއެވެ. "އަޅުގަނޑު ރޭޑިއޯ އަޑުއަހާފައި އެމަޢުލޫމާތުދެނީ. އަދި ދުޝްމިނުންނަށް ސިފައިންގެ ނުހިފޭކަމަށްވެސް އަޅުގަނޑު އަންގަމުން ދިޔައީ. ރައީސް ހުންނެވީ ހެޔޮ ހާލުކޮޅުގައިކަމަށްވެސް އަޅުގަނޑު ދަންނަވަމުން ގެންދިޔައީ. އަޅުގަނޑު އާދަމް ނަޢީމް (ހުދުއަސުރުމާގެ) އަރިހުން މަޢުލޫމާތު ސާފުކުރަމުން ގެންދިޔައީ" ޑރ. ލަތީފް ވިދާޅުވިއެވެ. އެމަނިކުފާނު ފޯނުން އެމަޢުލޫމާތު ފޯރުކޮށްދެމުން ގެންދެވީ ޅ. ފެލިވަރަށެވެ. ފެލިވަރުން އެމަޢުލޫމާތު ނ. އަތޮޅު އޮފީހުން ޒަކަރިއްޔާ ޙަމީދަށާއި ސައިކުރާ އިބްރާހީމް ނަޢީމަށް އެމަޢުލޫމާތު ދެމުން ގެންދިޔައީއެވެ. 

އަޅުގަނޑުގެ ބައްޕަ ސަޢީދު ޤާސިމަކީ އަބަދުވެސް ރޭޑިއޯ އަޑުއައްސަވާ ބޭކަލަކެވެ. މާލޭ ރޭޑިއޯ ނުލިބެތީ އެކި ޗެނަލްތަކަށް ޓިއުން ކުރައްވަމުން ގެންދެވިއެވެ. އެގޮތުން ހެދުނު 9:00 ހާއިރު ބީބީސީ އަށް ޓިއުންވިއެވެ. އެގަޑީގެ ޚަބަރުގައި ރާއްޖެއަށް ބޭރުގެ ބަޔަކު އަރައިގެން އެމީހުންގެ ބާރުގެ ދަށަށް ނޭޝަނަލް ސެކިއުރިޓީގެ ހެޑްކްއޯޓާރޒް ގެނެސްފައިވާ ކަމަށް ބުންޏެވެ. ބައްޕަ އެވާހަކަ ވިދާޅުވިއެވެ. އަޅުގަނޑުގެ ދޮންބެ (މުޙައްމަދު ސަޢީދު) ވެސް ބީބީސީ އަޑު އަހަމުން ގެންދިޔައެވެ. އެކަމަކު އެ ޚަބަރުތަކެއް ގިނަ މީހުން ޤަބޫލެއް ނުކުރިއެވެ. ބައެއް މީހުން ދުޝްމިނުންގެ ބަޔަކު މާލެ އެރިކަންވެސް ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. 

މަނަދޫގެ ފިހާރަތަކުގައި ހުރި ކާޑުގެ ބާވަތްތަކާއި ތެލުގެ ބާވަތްތައް ޚާއްޞަކޮށް ކަރާސީނު ފަދަ އޭރު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ހުރި މިންވަރު ބެލުމުގެ މަސައްކަތް ރަށު އޮފީހުން ފަށައިފިއެވެ. އަދި އެތަކެތި ބޭނުންމީހަކު ބޭނުން ވަރަކަށް ގަނެ ޖަމާކޮށް ރައްކާކުރުމުގެ ބަދަލުގައި އެންމެންނަށް ހަމަހަމަ ގޮތެއްގައި ލިބިދިނުމުގެ މުހިންމުކަން ފިހާރަތަކުގެ ވެރިނަން އަންގަން ފަށައިފިއެވެ. 

މެންދުރު ޖަމާޢަތަށް މަނަދޫ ހުކުރު މިސްކިތަށް ވަރަށް ގިނަ ބަޔަކު ޖަމާޢަތަށް ނަމާދަށް އެރިއެވެ. އަދި ނަމާދުން ފައިބައިގެންވެސް ވަރަށް ގިނަ އިރުވަންދެން ދިމާވެގެން އުޅޭ ކަންތައްތަކާބެހޭ ގޮތުން ވާހަކަދައްކާ ހަދަމުންދިޔައެވެ. ބައެއް މީހުން ބީބީސީ އާއި އޯލްއިންޑިއާ ރޭޑިއޯގެ ޚަބަރުތަކުގެ ވާހަކަ ދައްކައެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި ސަރުކާރުގެ ވަޒީރުން ތިއްބެވީ ހަތިޔާރުއެޅި ޖަމާޢަތުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ކަމަށް ބީބީސީން ފަތުރަމުން ގެންދިޔަ ޚަބަރުތައް ބައެއް މީހުން ޤަބޫލުކުރެއެވެ. އަނެއް ބަޔަކު ޤަބޫލުކުރަނީ އަތޮޅު އޮފީސް މެދުވެރިކޮށް ލިބެމުންދިޔަ މަޢުލޫމާތެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ހުރިހާ ވަޒީރުންވެސް ތިއްބެވީ ގަދަވެ ހެޔޮހާލުކޮޅުގައި ކަމާއި ދުޝްމިނުންނަށް ސިފައިންގެ މައި މަރުކަޒު ނުހިފޭކަމަށެވެ. ފެތުރެމުންދިޔަ ޚަބަރުތައް ޤަބޫލުކުރުމުގައި އެކި މީހުން އެކި މަސްދަރުތަކަށް އިޙްތިރާމު ކުރިއަސް އެންމެންގެ ދުޢާއަކީ އެއް ދުޢާއެކެވެ. އެއީ ދުޝްމިނުންނަށް ކާމިޔާބު ނުލިބުމެވެ. ރާއްޖޭގެ ޤާނޫނީ ސަރުކާރު ވެއްޓި، މިނިވަންކަން ގެއްލި ނުދިއުމެވެ. 

މެންދުރު އެންމެ އަވިބާރު ވަގުތުވެސް ރަށުތެރެ ފެނުނީ ވަރަށް ހަލަބޮލިކޮށެވެ. މަގުތަކުގައި މީހުންތައް ޖަމާވެ ބައިބަޔަށް ވާހަކަދައްކާ ހަދަމުން ގެންދާތަން ފެނެއެވެ. އަތިރިމަތީގައިހުރި ހޮޅުއަށިތަކުގައިވެސް މައިގަނޑު މައުލޫއަކީ އެއީއެވެ. ޚާއްޞަ ގޮތެއްގައި މަނަދޫގެ އެންމެ ބޮޑު ހޮޅުއަށި ކަމުގައިވާ "ރުންމަގު" ގައި ތަފާތު ގޮތްގޮތަށް މީހުން ޚިޔާލު ބަދަލުކުރަމުން ގެންދިޔައެވެ. ބައެއް މީހުން ބުނަމުންދިޔަ ގޮތުގައި ސިފައިންގެ ހިފުމަކީ ވާނެ ކަމެއްނޫނެވެ. އެމީހުން ބުނަނީ ސިފައިންގެ ފާރަކީ ވަރަށް ބޯ ފާރެއްކަމަށާއި އެއީ އުވައިގެ ތެރެއަށް ދޯބުރާލި ހަކުރު އަޅައިގެން މީގެ އެތަކެއް ޒަމާނެއްކުރިން ހަދާފައިވާ ވަރުގަދަ ފާރެއް ކަމަށެވެ. އެފާރު އުންޑައަރައިގެން ފޫއަޅުވާ ނުލެވޭނެ ކަމަށް ވަރަށް ޔަގީންކަމާއެކު ވާހަކަ ދައްކަމުންދިޔަ މީހުން ތިއްބެވެ. އަނެއް ބައެއްގެ ކަންބޮޑުވުން އޮތީ ސިފައިންގެ ތެރޭގައި ތިބި ގިނަ އަދަދެއްގެ މަނަދޫ މީހުންނާ މެދުގައެވެ. އޭރު ސިފައިންގޭގައި ތިބި މަނަދޫއަށް ނިސްބަތްވާ މީހުންނާ ބެހޭގޮތުން ވާހަކަ ދެކެވުނުއިރު އެއިން ކޮންމެ ސިފައިންގެ މީހަކަށްވެސް ޚިޔާލު ފާޅުކުރި މީހުން ކުރަމުން ގެންދިޔައީ ތަޢުރީފެވެ. ގިނަ ބަޔަކުބުނީ ޤާސިމް މަޙްމޫދު (މަހަމޫދުބޭގެ ގާސިމު) ވަރަށް ހިތްވަރު ގަދަވާނެ ކަމަށެވެ. އެސޮރު ބަޑިޖެހިއަސް ވަޒަންތަކުގެ ކުރިމައްޗަށްވެސް ނުކުންނާނެކަމަށެވެ. ދޮންފުތު މުހުންމަދުބޭގެ ޢަބްދުﷲ އާއި އަޙްމަދަކީވެސް ހިތްވަރު ދޫނުކުރާނެ ދެސޮރޭ ބުނެއެވެ. އިބްރަބޭ ތުއްތުގެ ފައިސަލާއި އާދަމްމަނިކުބޭގެ ރަޝީދުގެ ވާހަކަވެސް ދައްކައެވެ. ބައެއް މީހުން ދައްކަމުންދިޔަ ވާހަކަތަކުގައި ސިފައިންގޭގައި އުޅޭ މަނަދޫ ކުދިންގެ ނަންތައް ވެއްޓެމުންދާތީ އަނެއްބަޔަކު ހަނދާންކޮށްދެއްމުންވެސް ގެންދެއެވެ.

މެންދުރުން އެނބުރިއިރު ގިނަ ބައެއްގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ކަންބޮޑުވުމެވެ. މާލެތެރޭގައި ދުޝްމިނުން ބަޑިޖެހުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވެގެން އުޅޭ ކަމުގެ ޚަބަރުތައް ފެތުރެން ފެށިއެވެ. އޭގެ ތެރޭގައި ސިފައިންގެ ބައެއް މީހުން ހިމެނޭ ކަމަށް އަޑު ފެތުރުމާއެކު ސިފައިންގެ ތެރޭގައި ހިމެނޭ މަނަދޫ މީހުންގެ ޢާއިލާތަކުން ވަރަށް ބޮޑަށް ކަންބޮޑުވެގެން އުޅުނެވެ. މަރުވީ ކޮންބައެއް ކިހިނެއްކަމެއް ނޭނގެއެވެ. އަދި މަރުވީ ކިހާ މީހުންނެއް ކަމެއްވެސް ނޭނގެއެވެ.

ޢަޞުރު ނަމާދަށްވެސް މަނަދޫ ހުކުރު މިސްކިތަށް ވަރަށް ގިނަ ބަޔަކު ޖަމާޢަތަށް ދިޔައެވެ. ނަމާދުގެ ކުރިން ވަރަށް ގިނަ ބަޔަކު ޤުރުއާން ކިޔަވަން މިސްކިތުގައި ތިއްބެވެ. އަދި ނަމާދުގެ ފަހުން ގިނަ ބަޔަކު ދުޢާކޮށް ޤުރުއާން ކިޔަމުން ގެންދިޔައެވެ. ބަދުރު މާލޫދު ކަހަލަ މާލޫދުފުޅެއް ކިޔެވުމުގެ ވާހަކައެއްވެސް ދެކެވުނެވެ. ބައެއް މީހުން މިސްކިތް ދޮށުގައި މާލޫދުފުޅު ކިޔުމަށް ނަދުރުބުނެވެސް އުޅުނެވެ. އޭރު ދުވަސްވީ މީހުންނާއި ހަރުމީހުންނާއި ޒުވާނުންގެ މޫނުތައްމަތިންވެސް ފެންނަމުން ދިޔައީ ހިތާމައިގެ އަސަރެވެ. ބިރުވެރިކަމުގެ އިޙުސާސެވެ. ކޮންމެ މީހަކުވެސް އަނެކާގެ ބުރަކަށީގައި ފިރުމާލަނީ ދެންވާނެ ގޮތެއް ނޭނގޭ ހާލުގައެވެ. 

ހަވީރު ފަހެއް ޖަހަނީއެވެ. ގިނަ ބަޔަކު ތިބީ ރޭޑިއޯ ދޮށުގައެވެ. އެގަޑީގައި އޯލްއިންޑިއާ ރޭޑިއޯއިން މަލިކު ޚަބަރު އިވޭނެތީއެވެ. މަލިކު ޚަބަރު އަންނާނީ ދިވެހިބަހުން ކަމަށްވާތީއެވެ. މަލިކު ޚަބަރުގައި އައީ ހަމަ އޯލްއިންޑިއާ ރޭޑިއޯއިން ފޮނުވަމުން ގެންދިޔަ ޚަބަރުގެ ދިވެހި ތަރުޖަމާއެއް ޚުލާސާގޮތެއްގައެވެ. އެހެންނަމަވެސް ގިނަ ބަޔަކަށް ބޭރުގެ ޚަބަރުތައް ހުރިގޮތް މަލިކު ޚަބަރުން ސާފުވިއެވެ. މަލިކު ޚަބަރުގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރަކުވެސް ދުޝްމިނުން ޙައްޔަރުކޮށްފައިވާ ކަމަށެވެ.

އިރު އޮއްސުނުއިރު އަތޮޅު އޮފީސް މެދުވެރިކޮށް ލިބެމުންދިޔަ ޚަބަރުތައް ބުނަމުންދިޔައީ އޭރުވެސް ދުޝްމިނުންނަށް ސިފައިންގެ ނުހިފޭ ކަމެވެ. ދުވާލު ހަތަރުދަން ހުސްވެގެންދިޔައިރު ދުޝްމަނުންނަށް ސިފައިންގެ ނުހިފޭކަން އެނގުމުން ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބުނެވެ. އެހިސާބުން ދުޝްމިނުންނަށް ކާމިޔާބު ނުލިބޭނެކަމަށް ގިނަ ބަޔަކު ބުނަމުން ގެންދިޔައެވެ. އޭރު މިސްކިތްތަކަށް ޖަމާވެ ނަޞްރަށް އެދިގެން ހެޔޮ ދުޢާކުރުމަށް މީހުންނަށް އަންގަން ފަށައިފިއެވެ. މަޣްރިބު ނަމާދަށާއި ޢިޝާނަމާދަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވިއެވެ. ޚާއްޞަކޮށް ޢިޝާ ނަމާދަށް ހުކުރު ދުވަހެއްގައި ހުކުރުގެ ޖަމާޢަތަށް ދާހާ ވަރަށް މީހުން ދިޔައެވެ.
ނޮވެމްބަރު ތިންވަނަ ދުވަހުގެރޭ މަނަދޫގައި ގިނަ ގެތަކެއްގައި ބޮޑެތި މީހުން ނިދާކަށް ނޫޅެއެވެ. މަގުތައް މަތީގައި މީހުން ގިނަ އަދަދަކަށް އުޅޭތީ ފެނެނެއެވެ. ޒުވާނުންގެ ތެރެއިން ބަޔަކު އަތިރިމަތީގައިވެސް ހަރަކާތްތެރިވަމުން ގެންދިޔައެވެ. ދިފާޢީ ގޮތުން ރަށް ބެލެހެއްޓުމުގެ މަސައްކަތްތަކެއް ޒުވާނުންގެ ތެރެއިން ބަޔަކު ކުރަނީއެވެ. ދުޝްމިނުންނަށް ރަށަށް އެރޭނީ އެމީހުން މަރާފައޭ ބުނާކަމަށް ބައެއް މީހުންނާ ޙަވާލާދީ އަޑުތައް ފެތުރެއެވެ. މީސްމީހުން ގޯތިގެދޮރު ޢިމާރާތްކުރުމަށް އަތިރިމަތީގައި ތަޅާފައި ބަހައްޓާފައިހުރި ގާފުނިތަކަކީ އެމީހުންގެ ހަތިޔާރޭވެސް ކިޔައެވެ. 

ނޮވެމްބަރު ހަތަރުވަނަދުވަހު އިރު އެރިއިރު ލިބެމުންދިޔަ ޚަބަރަކީ ދުޝްމިނުން ފިލާ ރައްކާވެއްޖެކަމުގެ ޚަބަރެވެ. ސިފައިންގެ އެމީހުންނަށް ނުހިފުނު ކަމާއި ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ސިފައިންގޭގައި ކަމުގައި ބުނަމުންދިޔަ ޚަބަރުތަކެވެ. ހެނދުނު 7:40 ގައި ދިވެހިރާއްޖޭގެ އަޑުން ސިގްނޭޗަރ ޓިއުން ފޮނުވަން ފަށައިފިއެވެ. އެއީ ޒީލަ އަޑެކެވެ. ގިނަ ބަޔަކު އަވަސް އަވަހަށް ރޭޑިއޯތައް ދޮށަށް ޖަމާވެއްޖެއެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން އަޑުއައްސަވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ އަޑު ކަމަށް ބުނެފައި ފަޠަޙް ސޫރަތް ފޮނުވަން ފަށައިފިއެވެ. އެވަގުތު އެންމެންގެ ހިތްތަކަށްވެސް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެންދިޔައެވެ. އެއަށްފަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކޮށް ވާހަކަފުޅު ދެއްކެވިއެވެ. ދުޝްމިނުންނަށް ކާމިޔާބު ނުލިބުނުކަމާއި ދިވެހި ސިފައިންގެ ހިތްވަރާއި މަތިވެރި ޖިހާދުން ދިވެހިންނަށް ނަޞްރު ލިބުނުކަން އިޢުލާން ކޮށްދެއްވިއެވެ. ( ނޮވެމްބަރު 4 ވަނަ ދުވަހާއި އޭގެފަސް އެހެން ފަހަރަކުން އަޅުގަނޑު ލިޔާނަމެވެ.) 

ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި މަނަދޫގެ މީހަކު ޝަހީދުވެފައެއް ނުވެއެވެ. އެހެންނަމަވެސް ރަހީނުކޮށްގެން ޖުމްހޫރީ މައިދާނަށާއި ރައީސް އޮފީސް ދޮށަށް އިންސާނީ އައްޑަނައިގެ ގޮތުގައި ގެންދިޔަ މީހުންގެ ތެރޭގައި މަނަދޫ މީހުން ހިމެނެއެވެ. އެއީވެސް ވަރަށް ޝަޢުޤުވެރި ވާހަކަ ތަކެކެވެ.

1 comment:

Anonymous said...

ސާބަހޭ އަބްދުﷲ ސައީދު.ވަރަށް ފުރިހަމަ ލިޔުމެއް.ސިފަކުރުން ގެނެސް ދީފަ ހުރިގޮތުން އެވަގުތު ލޮކޭޝަނުގަ ހުރެވުނު ކަހަލ އިހްސާސް

ކުރެވެނީ.މަނިކްފާނުގެ ލިޔުންތައް އަބަދުވެސް ޝައުގުވެރިކަމާއެކީގަ ކިޔަން އެފްބީން ވެސް.ހާއްސަކޮށް ސިފައިންގޭގަ ހިދްމަތްކުރި އެކި ބޭކަލުން
ަ
ަނިޔާވުމުން އެމީހުންގެ އޮބިޗުއަރީ ލިޔެފަ ހުންނަގޮތް ވަރަށް މޮޅު.ސފައިންގޭގަ މަސައްކަތްކުރި ގިނަ ބޭކަލުންގެ ހިސްޓްރީ ވަރަށް ރަނގަޅ
.ށް އެނގޭކަން ލިޔުން ތައް ކިޔާލީމަ ހާމަވޭ
އަޅުގަނޑު އެދެނީ މަނިކްފާނަށް ކާމިޔާބީއަށް.