Saturday, November 3, 2012

އޮޕަރޭޝަން ކެކްޓަސް – ސްކޮޑްރަން ލީޑަރ އޭކޭ ޗޯޅިޔާގެ ގަލަމުން



އެއީ ތިނެއް ނޮވެމްބަރު 1988 އެކެވެ. އަހަރެން ތައްޔާރުވަމުން ދިޔައީ ޕޫނާގައި ހުންނަ ނެޝަނަލް ޑިފެންސް އެކަޑެމީގައި އޮތް ސްކައި ޑައިވިންގް ޑެމޮންސްޓްރޭޝަނަކަށް ދިއުމަށެވެ. އަހަރެން ކިޔެވި އެކަޑެމީގައި މަޝްހޫރު ބައެއް ސްކައި ޑައިވަރުންނާ އެކު ސްކައި ޑައިވިންގް ޓީމުގެ ލީޑަރުގެ ގޮތުގައި އަލްމާ މާޓަރ ޑެމޮންސްޓްރޭޝަނެއްގައި މަސައްކަތްކޮށްލަން ފުރުސަތު ލިބުމަކީ އަހަންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމެކެވެ. ނަމަވެސް ދަތުރަށް ނައްޓާނުލެވި އުޅެނިކޮށް އެއަރ ހެޑްކުއާޓަރުން ޕްލޭން ބަދަލުކޮށް ޕޫނާގައި އޮތް ޑެމޮންސްޓްރޭޝަން ކެންސަލްވީ ކަމާއި އެހެން އިތުރު އޯޑަރެއް އަންނަންދެން މަޑުކުރަން އެންގި އެވެ. އޭރު ދަނީ ކޮންތާކަށް ކަމެއް ނޭނގެ އެވެ.


އެދުވަހު މެންދުރު ފަހުގެ ވަގުތަށް އެޅި އިރު، އަހަރެމެން އައިއެލް-76 އެއަރކްރާފުޓަކުން ޕެރަޝޫޓުގައި ބިމަށް ފޭބުމުގެ ތައްޔާރީތައް ވާން ފަށައިފީމެވެ. އޭރު ފެތުރެމުންދިޔަ ޙަޤީޤަތެއްނެތް ވާހަކައަކީ އަހަރެމެން ތައްޔާރުވަމުން މިދާ އޮޕަރޭޝަނަކީ ސްރީލަންކާގައި ހަރަކާތްތެރިވާ އިންޑިއަން ޕީސް ކީޕިންގް ފޯސް (އައިޕީކޭއެފް) އަށް އެހީވުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ. ހަވީރު 5.00 ޖަހައިފިއެވެ. 44 ވަނަ ސްކޮޑްރަންގެ ސިފައިން އާދަޔާ ޚިލާފަށް ކާރޫބާރޫ ބޮޑުކޮށް ހަރަކާތްތެރިވަމުން ދިޔައެވެ. ޖިޕްތަކާއި ޓްރަކް ތަކުގައި އަސްކަރީ އާލާތްތަކާއި ހަތިޔާރާއި ސިފައިން އުފުލަމުން ދިޔައެވެ. ޕެރަޝޫޓް ޖަމްޕް އިންސްޓްރަކްޓަރުން ދިޔައީ ސިފައިންނަށް ހަރުއަޑުން އިރުޝާދުތައް ދެމުން ނެވެ. އައިއެލް-76ގެ ބޯޓުތަކަށް ތެޔޮ އަޅަން ފަށައިފިއެވެ. ގުރައުންޑް ކުރޫއިން ދެ ބޯޓުގެ މުހިންމު ބައިތައް ޗެކްކޮށް ބޯޓު ނައްޓާލުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން ދިޔައެވެ. ދެ ބޯޓުގެ ކުރޫއިން ދިޔައީ މެނިފެސްޓްތަކުގައި ސޮއިކޮށް އުދުއްސާލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންނެވެ.

މިއޮޕަރޭޝަންގައި އެއަރ ޓާސްކް ފޯސް ލީޑްކުރުމަށް އެއަރ އެޗްކިޔުގެ ޖޮއިންޓް ޑިރެކްޓަރ އޮފް އޮޕަރޭޝަންސް (ޓްރާންސްޕޯޓް)ގެ ގްރޫޕް ކެޕްޓަން އޭ ކޭ ގޮއިލް ކުއްލި ގޮތަކަށް އާގަރާއަށް އައެވެ. ކޯ ޕައިލެޓެއްގެ ގޮތުގައި ހުރީ 44 ވަނަ ސްކޮޑްރަންގެ ކޮމާންޑިންގ އޮފިސަރ ގުރޫޕް ކެޕްޓަން އޭ ކޭ ބެވޫރު އެވެ. ކޮކްޕިޓްގައި ހަމަޖެހިލުމަށް ފަހު ދެ މީހުން ވެސް ޕްރީ ފުލައިޓް ޗެކްތައް ކުރިއަށް ގެންދަން ފެށިއެވެ. އަސްކަރިއްޔާގެ ޓާސްކް ފޯސް ކޮމާންޑަރަކީ ބްރިގޭޑިއަރ ފާރޫގު ބުލްސަރާ (ބުލް) އެވެ. ބްރިގޭޑިއާ ބުލްސަރާ ދަތުރުކުރާނީ އެއާ ފޯމޭޝަން 2 ނަންބަރު މަތިންދާބޯޓުގައި ކަން އެނގުމުން އެކަމާ އޭނާ ހައިރާންވިއެވެ. އަދި އެކަން ބަދަލުކުރުމަށް އަހަރެން ގްރޫޕް ކެޕްޓަން ގޮއިލް ކައިރިއަށް ފޮނުވި އެވެ. ނޫނެކޭ ބުނުމުން ބުލްސަރާ ހިތްހަމައެއް ނުޖެހުނެވެ. ބުލްސަރާ ބޭނުންވީ އެންމެ ފުރަތަމަ މަންޒިލަށް ވާސިލްވާ މަތިންދާބޯޓުގައި އޭނާ ހުރުމަށެވެ. ގުރޫޕް ކެޕްޓަން ގޮއިލް ވެސް ބޭނުންވީ އެންމެ ފުރަތަމަ ދަތުރުކުރާ މަތިންދާބޯޓުގައި އޭނާ ހުރުމަށެވެ. މިމައްސަލަ ހައްލުކުރީ ދެ މަތިންދާބޯޓުގެ ކުރޫ ބަދަލުކޮށް، ބްރިގޭޑިއަރ ބުލްސަރާގެ މަތިންދާބޯޓު ދުއްވުމުގެ މަސައްކަތާ ގޮއިލް ހަވާލުވެގެންނެވެ.

ގްރޫޕް ކެޕްޓަން ގޮއިލް ހުޝިޔާރުކަމާއެކު އުދުއްސާލުމަށް ހަރަކާތްތައް ފެށިއެވެ. ކުރޫއިންވެސް ދެބޯޓަށް އަރާ ހަމަޖެހިއްޖެއެވެ. ދޮރުތައް ލެއްޕުމާއެކު ފެތުރިގެން ދިޔައީ ބާރުގަދަ ދެ ޖެޓުގެ އިންޖީނުގެ އަޑުފަށް ގަނޑެވެ. އާގަރާ އަށް އިރު އޮއްސެމުން ދަނިކޮށް "ފުރެންޑްލީ ވަން" އަދި "ފުރެންޑްލީ ޓޫ" އުދުއްސާލި އެވެ. އިންޑިއާގެ ވައިގެ ސިފައިންނާއި އަސްކަރިއްޔާ ނައްޓާލީ ވައިގެ މަގުން ހިންގޭ އޮޕަރޭޝަނެއްގައި ދިވެހިރާއްޖެ އަށެވެ. އެއީ ވައިގެމަގުން ހިންގަން ހަމަޖެހިފައިވާ "އޮޕަރޭޝަން ކެކްޓަސް" އެވެ.

މަތިންދާބޯޓުގައި ވައިގެތެރެއަށްއަރާ ހަމަޖެހުމުން އަނެއްކާ ވެސް ސިފައިންގެ މަސައްކަތްތައް ބޯޓުގެ ކާގޯ ޑިޕާޓްމަންޓުގެ ތެރޭގައި ފެށުނެވެ. ސިފައިންގެ އޮފިސަރުންނާއި ޖޭސީއޯ އިން މަޝްވަރާ ކުރަން ފަށައިފިއެވެ. މިމަސައްކަތުގައި އާއްމުކޮށް ބޭނުންކުރާ ބޮޑެތި ޗާޓުތަކުގެ ބަދަލުގައި ރާއްޖެއާ ބެހޭ ޓޫރިސްޓް ފޮތްތަކާއި ޓޫރިސްޓް ޗާޓުތައް ގެންގުޅޭ ތަން ފެނުމުން އަހަރެއް ހައިރާންވި އެވެ. ނައްޓާލަން ޖެހުނުލެއް އަވަސްކަމުންނާއި ވަގުތު ކުޑަތަން ވެފައިވުމުން ރަނގަޅު ޗާޓުތަކެއް ހޯދާނެ ވަގުތެއް ނުލިބު ނެވެ. މި އޮޕަރޭޝަނާބެހޭ މަޢުލޫމާތު ލިބެމުންދިޔައީ ދަތުރުގެ ވަގުތުތައް ހޭދަވަމުން ދިޔަދިޔަހެން  މަދުމަދުން، އެތިކޮޅު ކޮޅުންނެވެ.
ދެކުނުން ހާހެއްހާ މޭލުގެ ދުރުގައި ޤައުމަކާއި އެޤައުމުގެ ރައީސް ވަނީ ކުލީ ސިފައިންގެ ޝިކާރައަކަށް ވެފަ އެވެ. ރައީސް މައުމޫން ޢަބްދުލްގައްޔޫމާއި ދިވެހި ސިފައިން ދިޔައީ ޤައުމު ދިފާއުކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ނެވެ. ހަމައެކަނި އޮތް އުއްމީދަކީ އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާނދީ ވައުދުވެވަޑައިގެންފައިވާ އިންޑިއާގެ އަސްކަރީ އެހީ ލިބުމެވެ. މިއީ ލިބުނު ވަރަށް ކުރު ނޯޓިސްއެއްގައި އިންޑިއާއާ ހާހެއްހާ މޭލު ދުރުގައި، އިންޑިއާގެ އަސްކަރިއްޔާ އިން ހިންގި ނުރައްކާތެރި އޮޕަރޭޝަނެކެވެ.

ފޯމޭޝަންގައި ގޮސް އޭރު އަހަރެމެންނަށް ތިބެވުނީ އެއަރޕޯޓް އޮންނަ ހުޅުލެއާ ގާތްގަނޑަކަށް އެއް ގަޑި އިރު ރާސްތާގައެވެ. އަހަރެންނަށް ކޮކްޕިޓުގެ ފަހަތުގައި އިން ބައިގައި މީހަކު އިށީންދެލައިގެން އިންތަން ފެނުނެވެ.  އާދައިގެ ހެދުމުގައި ހުރި "އާންމުންގެ މީހެއް" މިފަދަ މިޝަނެއްގައި ދާއިރު ބޯޓުގެ ތެރެއިން ފެނުމަކީ އާންމު ކަމެއް ނޫނެވެ. މިކަމާ ހައިރާންވީވަރުން އޭނާއާ ވާހަކަ ދައްކާލަން ނިންމީމެވެ. އެއީ އޭރު އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ހައި ކޮމިޝަނަރު އޭ ބެނާޖީ ކަން އަހަރެންނަށް އެނގިއްޖެއެވެ. ބެނާޖީ އަކީ ބޯޓުގައި ތިބި ހުރިހާ އެންމެންގެ ތެރެއިން މާލެއަށް ޒިޔާރަތްކޮށްފައިވާ ހަމައެކަނި ބޭފުޅާ އެވެ. ހުޅުލެއާ ކައިރިވަމުންދިޔަ ވަރަކަށް ބޯޓު ތެރޭގައި ހާސްކަން ދިޔައީ އިރަކަށްވުރެ އިރެއް އިތުރުވަމުންނެވެ. ނަމަވެސް މިއީ، ވަރަށް މަދުންނޫނީ  ގުރައުންޑު ޑިއުޓީތަކުގައި ހަރަކާތްތެރިވާ ލެފްޓިނެންޓަކަށް ލިބޭނެ ފުރުސަތަކަށް ނޫނެވެ. އެހެންވީމާ އަހަރެން ބޭނުންވީ ހަނދާނަކަށްޓަކައި ނޯޓްކޮށްލާށެވެ. ނޯޓްފޮތް ހުޅުވާލުމަށްފަހު ބެނާޖީގެ އަތަށް ދިނީމެވެ. " މަނިކުފާނުގެ ޚިޔާލުފުޅުތައް ލިޔެލަ ދެއްވަފާނަންތޯ؟" އަހަރެން ދެންނެވީމެވެ. "އަހަރެން އުންމީދު ކުރަނީ ރާވާފައިވާ ގޮތަށް ހުރިހާ ކަމެއް ދާނެ ކަމަށް". ބެނާޖީ ލިޔުއްވިއެވެ.  

ބޯޓު ތެރޭގައި ބްރިގޭޑިއަރ ބުލްސަރާ ފުން ވިސްނުމެއްގައި އިންދާ ފެނުނެވެ. އަހަރެން އޭނާގެ ޚިޔާލެއްވެސް ހޯދާލަން އެދުނީމެވެ. "މަނިކުފާނުގެ ނަޒަރިއްޔާތުން މިކަމާބެހޭގޮތުން ކޮންމެވެސް އެއްޗެއް ލިޔެ ދެއްވުން އެދެން" އަހަރެން އެދުނީމެވެ. އަދި އަހަރެންގެ ޑައިރީ ހުޅުވާލުމަށްފަހު އަތްޕުޅަށް އެރުވީމެވެ. "މާދަމާގެ 10:00ގެ ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި އެއަރޕޯޓް އޮންނާނީ  އަހަރެމެންގެ ރައްކާތެރިކަމުގެ ދަށުގައި،" ބްރިގޭޑިއަރ ބުލްސަރާ ލިއްވިއެވެ. ޑައިރީ ދެއްވަމުން ބުލްސަރާ ހިނިތުންވެލެއްވިއެވެ. އަހަރެން ކިތަންމެ ބޭނުންވިޔަސް އެހެން ބޭފުޅުންނެކޭ އެއްގޮތަށް ގްރޫޕް ކެޕްޓަން ގޮއިލްގެ ކައިރިން ފޮތުގައި ލިޔުމަށް އެދެން ހިތްވަރެއް ނުލިބުނެވެ. އޭނާ ބޯޓް އުދުހުމުގައި ބުރަކޮށް އުޅޭތީއެވެ. ހުޅުލެއާ ކައިރި ވުމުން ބޯޓުތައް ޖެއްސުމަށް ރަންވޭ އޮތީ ރައްކާތެރި ހާލަތެއްގައިކަން އެނގުނެވެ. އަދި ހުޅުލޭގެ އެއަރ ޓްރެފިކް ކޮންޓްރޯލުން ބޯޓް ޖެއްސުމަށް ހުއްދަ ދިނެވެ. ހުޅުލެއަށް ޖެއްސޭނެ ކަން އެނގުމުން ޕެރަޝޫޓުތައް ރައްކާކޮށް، ބޯޓު ޖައްސާ އިރަށް ބަރު ހަތިޔާރާއެކު ސިފައިންގެ ފައުޖުތައް ފައިބަން ތައްޔާރުވާން ފެށިއެވެ.
ދެވަނަ ބޯޓު ޖެއްސުމުގެ ބަދަލުގައި ޕެރަޝޫޓުގައި ސިފައިން ބާލަން ނިންމައިފި ނަމަ އެހީވުމަށް އަހަރެއް އިސްނަގާ ހުށަހެޅީމެވެ. އަހަރެންނާއެކު މަސައްކަތް ކުރުމަށް މާސްޓަރ ވޮރަންޓް އޮފިސަރު ކަރަމް ބައިވެރިވިއެވެ. އަހަރެމެން ސިފައިންގެ ފައުޖުތަކުގެ ފަހަތުން ހުޅުލެއަށް ފޭބީމެވެ. ފައުޖުތައް ބޯޓުން ފޭބުމާ އެކު ކުދި ކުދި ގުރޫޕްތަކަކަށް ބައިވުމަށް ފަހު ހަވާލުކުރެވިފައިވާ އަމާޒުތަކަށް ދިޔަ އެވެ. އަހަރެން ދިޔައީ މިގޮތަށް ބައިވި އެއް ގުރޫޕާއެކު އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރަށެވެ. ބޯޓު ޖެއްސިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއަރ ޓްރެފިކް ކޮންޓްރޯލް އޮތީ އަހަރެމެންގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އޭގެ ފަހުން ބްރިގޭޑިއަރ ބުލްސަރާ ރައީސް މައުމޫނަށް ގުޅުއްވާ، އިންޑިއާ ސިފައިން ހުޅުލޭގައި ތިބި ހަބަރު ދެއްވިއެވެ. "ރައީސް. އަޅުގަނޑުމެންނަށް މިތިބީ އާދެވިފަ.."

އޭގެ އިރުކޮޅެއް ފަހުން ކުދި ބޯޓުތަކުގައި ސިފައިން މާލެގޮސް ރައީސް ހުންނެވި ގެއަށް ދިޔަ އެވެ. އޭރު އޮތް ހަމަހިމޭންކަން ފޫދުއްވާލަނީ ހަމައެކަނި އިންޑިއަން އެއަރ ކްރާފުޓުގެ އަޑުންނެވެ. ގާތްގަނޑަކަށް އެރޭ 3:00 ހާ އިރު، ހަމަހިމޭން ކަމުގެ ތެރެއިން ބަޑީގެ އަޑުފަށް ގަނޑު އިވިގެން ދިޔަ އެވެ. އެއީ އާދައިގެ ހަތިޔާރާއި މެދުފަންތީގެ ހަތިޔާރުގެ އަޑުކަން އެގުނެވެ. މިހަމަލާތައް ބަދަލުކުރެވުނީ އިންޑިއާ ސިފައިންނާއި މާލެއިން ނައްޓާލި އާގު ބޯޓަކާ ދެމެދު އެވެ. މެންދުރު އަތަށް އެޅި އިރު ކުލީ ސިފައިންތައް މާލެ ދޫކޮށް ފިލައިފިކަން އެނގި، މާލެ ކޮންޓްރޯލްގެ ދަށަށް ގެނެވިއްޖެއެވެ. އާގުބޯޓުގައި ފިލި ކުލީ ސިފައިން ހޯދުމަށް ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިން ގުޅިގެން އޮޕަރޭޝަނެއް ފެށުނެވެ.

އެދުވަހު ސްޕީޑް ބޯޓެއްގައި އަހަރެން މާލެ ދިޔައިމެވެ. އަދި ރާއްޖޭގެ ޗީފް އޮފް ދަ ނޭޝަނަލް ސެކިޔުރިޓީ ސާވިސް މޭޖަރ މުހައްމަދު ޒާހިރާ ބައްދަލު ވިއެވެ. އަހަރެންގެ ފޮތުގައި އެމަނިކުފާޏު އިންޑިއާގެ ސިފައިންގެ ފަރާތުން ލިބުނު އެހީއަށް ޝުކުރު އަދާކޮށް ނޯޓެއް ލިޔުއްވިއެވެ. އެމަނިކުފާނު ސޮއި ކޮށްދެއްވައި ހަނދާނެއްގެ ގޮތުގައި ކެޕް ބެޖެއް ދެއްވިއެވެ. އަހަރެން ޝުކުރު އަދާކުރީ އެމަނިކުފާނުގެ ދައުވަތުގެ މުއްދަތު އިތުރުކޮށް، އަހަރެމެންނާމެދު ކަންތައްތައް ބެހެއްޓެވި އޯގާތެރިކަމުންނާއި މި ޖަޒީރާ ޤައުމަށް ޒިއާރަތް ކުރުމަށް އަދިވެސް އެދޭތީއެވެ.  

ކުލީ ސިފައިންތައް ހައްޔަރުކުރެވުމާ އެކު މިއޮޕަރޭޝަންގެ ބޮޑު ބައެއް ނިމިގެންދިޔައީ އެވެ. އޭއެން-32 މަރުކާގެ ބޯޓެއްގައި އެނބުރި އިންޑިއާއަށް ދިޔައިރު، ބޯޓުގެ ކުޑަ ދޮރުން ދުނިޔޭގެ އެންމެ ރީތިއެއް ޖަޒީރާ ޤައުމުގެ ރީތި މަންޒަރުތައް އަހަރެން ބެލީމެވެ. އޮޕަރޭޝަން ކެކްޓަސް"ގެ ކާމިޔާބީއާ މެދު އެކި މީހުން އެކި ގޮތް ގޮތަށް ވާހަކަދައްކަ އެވެ. އެއީ ހިތްވަރުގަދަ އޮޕަރޭޝަނެއް ކަމަށް ބައެއް މީހުން ބުނާ އިރު، މީޑިއާގައި ބައެއް ފަރާތްތަކުން ބުނީ އެއީ "މޮޔަ" އޮޕަރޭޝަނެއް ކަމަށެވެ. އެއީ މައުލޫމާތު ރަނގަޅަށް ލިބިފައި ނެތީސް ރާއްޖޭގައި ބޮޑު އޮޕަރޭޝަނެއް ހިންގުމުން ނެވެ. ބައެއް ފަހަރު އަދިވެސް އަހަރެންނަށް ޖެހިލުން ވެވެއެވެ. އެދުވަހު އެއްކޮށް އެއަރޕޯޓުގައި އުޅުނު އިރު އަހަރެންގެ އަތުގައި ބަޑިއެއް ނެތް ކަން ހަނދާންވުމުންނެވެ. ކުލީ ސިފައިން އާދައިގެ ހަތިޔާރާއެކު ވިޔަސް، ރަންވޭ ކައިރީގައި އެދުވަހު ތިބި ނަމަ އިންޑިއާ ސިފައިންނަށް ލިބޭނެ ގެއްލުން ވަރަށް ބޮޑު ވާނެ އެވެ. ނަމަވެސް ހަނގުރާމައެއްގައި އެއީ ނަގަން ޖެހޭ ރިސްކެ ކެވެ. އަހަރެމެން އެރިސްކު ނެގީ އެވެ. އަދި އޮޕަރޭޝަން ކާމިޔާބުކަމާ އެކު ނިންމާލީ އެވެ. އެހިތްވަރާއި ޢަޒުމް ނެތްނަމަ އާޚިރުގައި އެހާ ކާމިޔާބުކަމާއެކު ތަފާތު ދައްކުވައެއް ނުދެވުނީހެވެ.

ނޯޓް: މިއީ 1988  ނޮވެމްބަރު 3  ވަނަ ދުވަހު ރާއްޖެ އައި އިންޑިއާގެ ވައިގެ ސިފައިންގެ ސްކޮޑްރަން ލީޑަރު އޭ ކޭ ޗޯޅިއާ ލިޔުއްވާފައިވާ ލިޔުމެއްގެ ތަރުޖަމާ އެކެވެ.

No comments: