Wednesday, September 19, 2012

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުން




ތަޢާރަފް
ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރީގައި ކުރެވޭ ބަންދު ނުވަތަ ޕްރީޓްރައިލް ޑިޓެންޝަންއަކީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ކަށަވަރު ކޮށްދީފައިވާ ޙައްޤުތައް ނިގުޅައިގަތުން އެމައްޗަށް ތަރައްތުބުވާ އިޖްރާއަކަށްވާތީ ކުށެއްގައި ތުހުމަތު ކުރެވޭ މީހަކާ ދެކޮޅަށް ހިންގޭ އެންމެ ނުރައްކާތެރިކަންބޮޑު އިޖްރާއަކީ އެއީކަން ވަރަށް ސާފުކޮށް އެނގެއެވެ. އެހެންކަމުން ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރާކުރުމަކީ ހުރިހާ ގޮތަކުން ބެއްޔަސް ވަރަށް މުހިންމު ވަގުތެކެވެ.
ދުނިޔޭގެ ޑިމޮކްރެޓިކް ކޮންމެ ޤައުމެއްގައިވެސް މިއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހާއަށް ލިބިދީފައިވާ ޙައްޤެއްގެ ގޮތުގައި ބެލެވެއެވެ. މި ދިރާސާގައި ބަލާލާނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ރާއްޖޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުގައި ހުރި ޤާނޫނީ މުހިންމު ނުކުތާތަކާއި ރާއްޖޭގެ ދުސްތޫރީ ނިޒާމުގެ ތެރެއިން މިކަންތައް އައިސްފައިވާ ގޮތުގެ މައްޗަށެވެ. އެގޮތުން ބައިނަލް އަޤްވާމީ މުއާހަދާތަކުގައި މިކަމަށް ބާރުއަޅާފައިވާ މިންވަރާއި، ރާއްޖޭގައި ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުގެ ކަންތައް ފެށިގެންއައިގޮތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ 1997 އަށް ޢަމަލުކުރަން ފެށުމުން އައި ބަދަލުތަކުގެ އިތުރުން، 2008 ވަނައަހަރުގެ އޯގަސްޓްމަހުގެ 7ވީ ބުރާސްފަތިދުވަހު ދިވެހިރާއްޖޭގައި ޢަމަލުކުރަން ފަށާފައިވާ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ (2008)ގައި ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުގެ މައްސަލައަށް ދީފައިވާ ސަމާލުކަމާއި އެ ޤާނޫނު އަސާސީން ބާރުލިބިގެން ހެދިފައިވާ ޤާވާޢިދުތަކުގެ މައްޗަށްވެސް މި ދިރާސާގައި ބަލާލެވިފައިވާނެއެވެ.

ބައިނަލް އަޤްވާމީގޮތުން ދެކޭގޮތް
ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ގޮތެއް ކަނޑައެޅުމުގެ މައްސަލައަކީ ބައިނަލް އަޤްވާމީ ދުނިޔޭގެ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާ އިންސާނީ ޙައްޤެކެވެ. ބައިނަލް އަޤްވާމީ މިފަދަ ހުރިހާ މުއާހަދާތަކަކާއި އެއްބަސްވުންތަކެއްގައި ދިވެހިރާއްޖެއިން ޤަބޫލުކޮށް ސޮއިކޮށްފައިވުމާއެކު މިއީ ބައިނަލް އަޤްވާމީގޮތުން ރާއްޖެއިން އެ މުއާހަދާތަކަށާއި އެއްބަސްވުންތަކަށް ޢަމަލުކުރަންޖެހޭ ކަންތައްތަކެއްވެސްމެއެވެ.  1948 ގައި އދ. އިން ފާސްކޮށްފައިވާ އިންސާނީ ޙައްޤުތަކާބެހޭ ޢާލަމީ އިޢުލާން (ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް) އާއި 1966 ގައި މަދަނީ ސިޔާސީ ޙައްޤުތަކާބެހޭ އަހްދު (އިންޓަރނޭޝަނަލް ކޮވަނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް) އާއި އިޤްތިޞާދީ އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތަކާބެހޭ އަހްދު (އިންޓަރނޭޝަނަލް ކޮވަނެންޓް އޮން އިކޮނޮމިކް ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް) ގައިވެސް ދިވެހިރާއްޖެއިންވަނީ ސޮއިކޮށްފައެވެ. އަދި 1988 ވަނަ އަހަރު ތައްޔާރުކޮށްފައިވާ އެއްވެސް ބާވަތެއްގެ ބަންދަކަށް ނުވަތަ ހައްޔަރަކަށް ހުށަހެޅޭ މީހުންގެ ޙައްޤުތައް ހިމާޔަތް ކުރުމާބެހޭ މަބާދީތަކުގެ މަޖްމޫޢާ (ބޮޑީ އޮފް ޕްރިންސިޕަލްސް ފޮރ ދަ ޕްރޮޓެކްޝަންއޮފް އޯލް ޕާރސަންސް އަންޑަރ އެނީ ފޯމް އޮފް ޑިޓެންޝަން އޯރ އިމްޕްރިޒަންމަންޓް) ވެސް ދިވެހިރާއްޖެއިންވަނީ ތަސްދީޤްކޮށްފައެވެ. މިހުރިހާ މުއާހަދާތަކެއްގައިވެސް ޝަރީޢަތުން ހުކުމް ކުރުމުގެ ކުރިން ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ޙައްޤުތަކާމެދު ވަރަށް ބޮޑަށް ސަމާލުކަން ދީފައިވެއެވެ. އދ. އިން އިންސާނީ ޙައްޤުތައް ކަށަވަރުކޮށް ދިނުމަށާއި އަސާސީ މިނިވަންކަން ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ޑިކްލަރޭޝަންތަކާއި އެއްބަސްވުންތަކުގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވުމާއެކު އެ ޙައްޤުތައް ކަށަވަރުކޮށް ދިނުމަކީ ޤާނޫނީގޮތުން ދިވެހި ދައުލަތުގެމައްޗަށް ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކުން ލާޒިމުކުރާ ކަމެކެވެ. އެހެންކަމުން މި މުއާހަދާތަކުގައި ދިވެހިރާއްޖެއިން ސޮއިކުރުމަށްފަހު ރާއްޖޭގައި ހެދިގެންދިޔަ ޤާނޫނު އަސާސީތަކާއި ޤާނޫނުތަކުގައި އެ ޙައްޤު ލިބިދިނުމަށް ކުރެވިގެންދިޔަ މަސައްކަތްތައް ފެންނަން އެބަހުއްޓެވެ.

ރާއްޖޭގެ ދުސްތޫރީ ނިޒާމަށް މައްސަލަ ތަޢާރަފުވެގެން އައިގޮތް
1932 ވަނަ އަހަރު ރާއްޖޭގައި ބިންގާއެޅުނު ދުސްތޫރީ ހަޔާތް އެއްދުވަހުން އަނެއްދުވަހަށްއައީ ފުރިހަމަވަމުންނެވެ. އެދުވަހުންފެށިގެން ޢަމަލުކުރެވުނު ޤާނޫނު އަސާސީތަކާއި ޤާނޫނު އަސާސީތަކަށް އިސްލާހު ގެނެވުނު ޤާނޫނުތަކާއި ޤާނޫނު އަސާސީން ބާރުލިބިގެން ހެދެމުންދިޔަ ޤާނޫނުތަކާއި ޤަވާޢިދުތަކާއެކު ދުސްތޫރީ ނިޒާމަށް ބޮޑެތި ބަދަލުތައް އައިސްފައިވާތީ ފެންނާނެއެވެ. ޤާނޫނު އަސާސީތަކަށްބަލާއިރު ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރަތަމަ ލިބިދިން ޤާނޫނު އަސާސީއަކީ 1997 ގައި އެކުލަވާލެވުނު "ނޫ" ޤާނޫނު އަސާސީއެވެ. 1998 ޖެނުއަރީ 1 ވަނަ ދުވަހުންފެށިގެން ޢަމަލުކުރަން ފެށި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ގައި ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި ވާޖިބުތައް ބަޔާންކޮށްފައިވަނީ އެ ޤާނޫނު އަސާސީގެ ދެވަނަ ބާބުގައެވެ. އެބާބުގެ 15 މާއްދާގެ (ށ) ގައި ބަޔާންކުރަނީ " ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތެއްގެމަތިން މެނުވީ އެއްވެސް މީހެއްގެ ގަޔަށް އަތްލައި،  ހިފައި، ހައްޔަރުކޮށް، އަދި ބަންދުކޮށްގެން ނުވާނެއެވެ. ފަހެ، ސައުވީސް ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް އެއްވެސް މީހަކު ބަންދުކޮށް ނުވަތަ ހައްޔަރުކޮށްފައި ބަހައްޓަންވާނީ އެކަމުގެ ސަބަބު އެމީހަކަށް އެންގުމަށްފަހުގައެވެ." މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ އެއްވެސް މީހަކު ޤާނޫނުގައި ބަޔާންވެގެންވާ ގޮތެއްގެމަތިން މެނުވީ ހަތްދުވަހަށްވުރެ ދިގު މުއްދަތަކަށް ބަންދުކޮށްފައި ބަހައްޓައިގެން ނުވާނެއެވެ." މިހެންނެވެ. 1997ގެ ޤާނޫނު އަސާސީގެ އިސްވެ ދެންނެވި މާއްދާތަކުގެ މަފްހޫމަކީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށް އެމީހުންގެ ޙައްޤުތައް ހޯދައިދީ ކަށަވަރުކޮށްދިނުމެވެ.
1997ގައި ތަސްދީޤް ކުރެވުނު "ނޫ" ޤާނޫނު އަސާސީއަށްވުރެ ކުރިއަށް ޖެހިލާއިރު ފެންނަ އެއް މަސްދަރަކީ 11 މާޗް 1978 ގައި ތަސްދީޤު ކުރެވިފައިވާ ޤާނޫނު ނަންބަރު 78/5 ނަންބަރު ޤާނޫނެވެ. އެއީ 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް މީހުން ހައްޔަރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤާނޫނެވެ. އެ ޤާނޫނު ބުނާގޮތުގައި "މީހަކު 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް ހައްޔަރުކޮށްފައި ބަހައްޓަންވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްލިޔެ، ރައީސުލްޖުމްހޫރިއްޔާގެ ޢަމުރު ލިޔުމަކުން ލިބިގެންނެވެ." މި ޤާނޫނުގައި ބުނެފައިވާގޮތުން އެގޮތަށް ހޯދާ ހުއްދައިގެމަތިންވެސް މީހަކު ހައްޔަރުކޮށްފައި ބެހެއްޓޭނީ 1 މަސްދުވަސް ވަންދެންނެވެ. އެ ޤާނޫނުން އިސްތިސްނާ ކޮށްފައިވަނީ 9 ކުށެއްކުރާ ކުށްވެރިންނެވެ. އެއީ ދިވެހިރާއްޖޭގެ ވެރިކަމުގެ އާރާބާރު ނަގާލުމަށް މަސައްކަތްކުރުން، ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާއި ޚިލާފަށް މަސްތުވާތަކެތި ވިއްކުމާއި، ގެންގުޅުމާއި، ބޭނުންކުރުމާއި، ވައްކަމާއި، ޓެކުމާއި، ފޭރުމާއި، ޚިޔާނާތް އަދި މާރާމާރީއެވެ. މި ޤާނޫނަށް 29 ޑިސެމްބަރ 1997 ގައި އިސްލާހު ނެގެވިފައިވެއެވެ. އެ އިސްލާހަކީ އެ ޤާނޫނަށް ގެނެވިފައިވާ 7 ވަނަ އިސްލާހެވެ. އެ އިސްލާހާއެކު 15 ދުވަހުގެ ބަދަލުގައި 7 ދުވަހަށްވުރެ ދިގު މުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރުކުރުމުގައި ޢަމަލުކުރަންވީ ޤާނޫނުގެ ގޮތުގައި ކަނޑައެޅުނެވެ. މި އިސްލާހުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމުގެ ބާރު ތިން މެންބަރުންގެ ކޮމެޓީއަކަށް ވަނީ ދީފައެވެ. ވުމާއެކު 7 ދުވަހަށްވުރެ ދިގު މުއްދަކަށް މީހަކު ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބަހައްޓަމުން އައީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މީހުންގެ މައްޗަށް އެކުލެވޭ މިދެންނެވި ކޮމެޓީންނެވެ. އެކޮމެޓީން ބަންދުގެ މުއްދަތު އިތުރުކޮށްދިންނަމަވެސް ކޮމެޓީން އިތުރުކޮށްދިން މުއްދަތުގެ އިތުރަށް މީހަކު ބަންދުގައި ނުވަތަ ހައްޔަރުގައި ބެހެއްޓޭގޮތަށް އެ ޤާނޫނުގައި ލިޔެފައިވަނީ "ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޤާޟީއަކަށް ހުށަހަޅައި، އެ ޤާޟީ ނިންމާ ނިންމުމެއްގެ މައްޗަށެވެ." މިހެންނެވެ. މިގޮތަށްވެސް މީހަކު ބަންދުގައި ބެހެއްޓޭނީ 30 ދުވަސް ވަންދެންކަމަށް އެޤާނޫނުގައި ބުނެއެވެ.

ޤާނޫނު އަސާސީ  1997 (ނޫ ޤާނޫނު އަސާސީ) ގެ ދިރާސާ
1997 ގެ ނޫ ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުނުއިރު ޤާނޫނު ނަންބަރު 97/6 "7 ދުވަހަށްވުރެ ދިގު މުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤާނޫނު" ވަނީ ތަސްދީޤު ކުރެވިފައެވެ. މި ޤާނޫނު ވުޖޫދަށް އައުމާއެކު ދިވެހި ދުސްތޫރީ ނިޒާމުގައި ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޤާޟީންގެ ކުރިމައްޗަށް ޙާޟިރު ކުރުމުގެ ދައުރު އުފެދިގެން ދިޔައީއެވެ. ފަނޑިޔާރުންނަށް ޤާނޫނުން ކުށްވެރިޔާ ތަހުގީގުގެ މަރުހަލާގައި ބަންދުގައި އިތުރަށް ބަހައްޓާނީތޯ ނުވަތަ ދޫކޮށްލާނީތޯ ކަނޑައެޅުމުގެ ފުރުސަތު ފަހިވެގެންދިޔައެވެ. މި ޤާނޫނުގެ 4 ވަނަ މާއްދާގައިވެއެވެ. "މި ޤާނޫނުގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާއާއި 3 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ ނުވަތަ ހައްޔަރުކުރެވޭ މީހަކު އެމީހެއްގެ މައްޗަށް ކުރެވޭ ތަހުގީގު ނިމުމަށްފަހުގައިވެސް އެމީހެއްގެ މައްޗަށް ކުރެވިފައިވާ ކުށުގެ ބާވަތާއި އެމީހެއްގެ ކިބައިން މުޖްތަމަޢަށް މެދުވެރިވެދާނެ ނުރައްކަލަކަށް ރިޢާޔަތްކޮށް ނުވަތަ އެމީހަކު ފިލާފާނެ ކަމަށް ފެންނަނަމަ ޝަރީޢަތުން އެމީހެއްގެ މައްޗަށް ޙުކުމް ކުރަންދެން ޤާޟީގެ ހުއްދައާއެކު އެމީހަކު ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓިދާނެއެވެ."  ޤާނޫނު ނަންބަރު 97/6 ޤާނޫނު ވުޖޫދަށް އައިނަމަވެސް އެ ޤާނޫނުގައި އިސްވެ ބަޔާންކުރެވުނު 9 ކުށެއް އިސްތިސްނާކޮށްފައިވާތީ ޙަޤީޤަތުގައި ކުށެއްގައި ތުހުމަތުކުރެވިގެން ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހުންގެ ތެރެއިން ނިސްބަތުން ވަރަށް މަދު ބަޔަކަކަށް ފާހަގަކޮށްލަން ޖެހެއެވެ. އަދި ރާއްޖޭގެ ދައުލަތް ހިންގުމުގެ ތިންބާރު ކަމަށްވާ ޤާނޫނު ހެދުމުގެ ބާރާއި، އަދުލް އިންޞާފުގެ ބާރާއި އަދި ސަރުކާރު ހިންގުމުގެ ބާރުވެސް 1997 ގެ ޤާނޫނު އަސާސީއިން ލިބިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވާތީ އިތުބާރުހުރި ޖަސްޓިސް ސިސްޓަމެއް ޤާއިމުކުރުމަށްވަނީ ނުކުޅެދިފައެވެ. އަދިހަމަ އެހެންމެ ޤާނޫނު އަސާސީގެ 15 ވަނަ މާއްދާއިން ޤާނޫނާއި އެއްގޮތަށް ކޮންމެ މީހަކާމެދުވެސް ޢަމަލުކުރުމާއި އަނިޔާއެއް ލިބޭނަމަ އިލްތިމާސް ކުރުމުގެ ޙައްޤުން ގިނަބަޔަކު ދިޔައީ މަހުރޫމްވަމުންނެވެ. ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ އެއްވެސް މީހަކު ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން މެނުވީ ހަތްދުވަހަށްވުރެ ދިގު މުއްދަތަކަށް ބަންދުކޮށްފައި ބަހައްޓައިގެން ނުވާނެކަމަށް ބުނެފައިވާއިރު ޤާނޫނުން އެ ޙައްޤުވަނީ ވަރަށް ބޮޑަށް ހަނިކޮށްފައިކަން ފާހަގަ ކުރެވެއެވެ.
1997 ގެ ޤާނޫނު އަސާސީގެ 15 ވަނަ މާއްދާއަކީ "ޤާނޫނާ އެއްގޮތަށް ކޮންމެ މީހަކާމެދުވެސް ޢަމަލުކުރުމާއި އަނިޔާއެއް ލިބޭނަމަ އިލްތިމާސް ކުރުމުގެ ޙައްޤު" ބަޔާންކޮށްފައިވާ މާއްދާއެވެ. އެ މާއްދާގެ 1 ގެ (ހ) ގައި ބުނަނީ "ޤާނޫނުގެ ރައްކާތެރިކަން ލިބުމާއި، ލިބިދިނުމާއި، ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އެމީހަކާމެދު ކަންކުރެވުމަކީ ކޮންމެ ތަނެއްގައިވިނަމަވެސް އެއްވެސް ދިވެހި ރައްޔިތެއްގެ ކިބައިން ނުވަތަ އެހިނދަކު ދިވެހިރާއްޖޭގައިވާ އެއްވެސް މީހެއްގެ ކިބައިން ނިގުޅައި ނުގަނެވޭނެ ޙައްޤެކެވެ." (ށ) ގައި ބުނަނީ "ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތެއްގެމަތިން މެނުވީ އެއްވެސް މީހެއްގެ ގަޔަށް އަތްލައި. ހިފައި، ، ހައްޔަރުކޮށް އަދި ބަންދުކޮށްގެން ނުވާނެއެވެ. ފަހެ ސައުވީސް ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް އެއްވެސް މީހަކު ބަންދުކޮށް ނުވަތަ ހައްޔަރުކޮށްފައި ބައްޓަންވާނީ އެކަމުގެ ސަބަބު އެމީހަކަށް އެންގުމަށްފަހުގައެވެ." (ނ) ގައި ބަޔާންކޮށްފައިވަނީ "ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތެއްގެމަތިން މެނުވީ، އެއްވެސް މީހެއްގެ ފުރާނައަށް ނުވަތަ މިނިވަންކަމަށް ނުވަތަ ހަށިގަނޑަށް ނުވަތަ ނަމަށް ނުވަތަ އަބުރަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ." (ރ) ގައި ބަޔާންކޮށްފައިވަނީ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ އެއްވެސް މީހަކު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތެއްގެމަތިން މެނުވީ ހަތްދުވަހަށްވުރެ ދިގު މުއްދަތަކަށް ބަންދުކޮށްފައި ބަހައްޓައިގެން ނުވާނެއެވެ. ނޫ ޤާނޫނު އަސާސީގެ 15 ވަނަ މާއްދާގެ 2 ގައި ބަޔާންކޮށްފައިވަނީ "ދިވެހި ކޮންމެ ރައްޔިތަކަށްމެ އަނިޔާއެއް ލިބޭނަމަ އެއަނިޔާއެއްގެ ވާހަކަ ބަޔާންކޮށް ކަމާބެހޭ ވެރިންނަށާއި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުމުގެ ޙައްޤު ލިބިގެންވެއެވެ." މިފަދައިންނެވެ.

ޤާނޫނު އަސާސީ  2008 (ފެހި ޤާނޫނު އަސާސީ) ގެ ދިރާސާ
2008 ވަނައަހަރު އޯގަސްޓްމަހުގެ 7ވީ ބުރާސްފަތިދުވަހު ދިވެހިރާއްޖޭގައި ޢަމަލުކުރަން ފަށާފައިވާ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ (ފެހި ޤާނޫނު އަސާސީ) އިން އަސާސީ ޙައްޤުތަކާއި މިނިވަންކަން ކުރީގެ ޤާނޫނު އަސާސީއަށްވުރެ މާބޮޑަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. ފެހި ޤާނޫނު އަސާސީގެ ދެވަނަ ބާބުގެ 48 ވަނަ މާއްދާއަކީ ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ޙައްޤުތައް ބަޔާންކޮށްފައިވާ މާއްދާއެވެ. އެ މާއްދާގައި ބުނަނީ ހައްޔަރު ކުރެވޭ ހިނދު ނުވަތަ ބަންދުކުރެވޭ ހިނދު، ތިރީގައި ބަޔާންވެގެންވާ ގޮތުގެމަތީން އެމީހަކާމެދު ޢަމަލުކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. އަދި އެމީހަކު ހައްޔަރުކުރެވުނު ސަބަބު ވަގުތުން އެމީހަކަށް އަންގާންވާނެއެވެ. އަދި ގިނަވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި ހައްޔަރުކުރެވުނު ސަބަބުން ލިޔުމުން އެމީހަކަށް ދޭންވާނެކަމަށްވެސް ބުނެފައިވެއެވެ. މި މާއްދާގެ (ރ) ގައި ބުނަނީ " ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެމީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާންވާނެއެވެ. އަދި ޝަރުތަކާއެކު ނުވަތަ ޝަރުތަކާނުލައި އެމީހަކު ދޫކޮށްލުމަށް ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު އެ ފަނޑިޔާރަކަށް ލިބިގެންވެއެވެ." މިފަދައިންނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ (2008) އިން ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައަޅައިދީފައިވެއެވެ. އޭގެތެރެއިން އެންމެ މުހިންމު އެއް ޙައްޤަކީ އިންސާފުން ޝަރީޢަތް ކުރުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ލިބިދިނުމެވެ. ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ޝާރީޢަތެއްވެސް ހިންގަންވާނީ ޢަދުލުވެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި ހާމަކަމާއެކުގައި ކަމަށާއި، ޝަރީޢަތްތައް ހިންގަންވާނީ ޢާންމުކޮށް ހުޅުވާލައިގެންކަމަށް ޤާނޫނު އަސާސީ ބުނެއެވެ. ފަނޑިޔާރަކު އެނޫންގޮތަކަށް ޝަރީޢަތް ކުރިނަމަވެސް ކުރަންވާނީ ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފުނުވާނެ ގޮތަކަށް ކަމަށް މުތުލަޤަށް ބަޔާންކޮށްފައިވެއެވެ. ކުށުގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ޤާނޫނުގައިވާ ގޮތުގެމަތީން ތަޙްޤީޤު ހިންގުމުގައްޔާއި ޝަރީޢަތް ކުރުމުގައިވެސް މީހެއްގެ ޤާނޫނީ ޙައްޤަކަށް ނުވަތަ ޤާނޫނީ ވާޖިބަކަށް ހުރަސް އަޅައިގެން ނުވާނެކަމަށް އެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ މަޖިލިހުން ފާސްކުރާ ޤާނޫނަކާ އެއްގޮތަށް މެނުވީ އެއްވެސް މީހެއްގެ ގަޔަށް އަތްލާ ހިފައި ހައްޔަރުކޮށް އަދި ބަންދުކޮށްގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ.
"ފެހި" ޤާނޫނު އަސާސީގެ 49 ވަނަ މާއްދާއަކީ ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުމާބެހޭ މާއްދާއެވެ. މި މާއްދާގައި ބުނަނީ "އެމީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި ނުވަތަ ކޯޓަށް ހާޒިރުނުވެދާނެ ކަމަށްޓަކައި ނުވަތަ ފިލައިފާނެ ކަމަށްޓަކައި ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ އެއްވެސް މީހަކާމެދު ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރީން އެމީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެއެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައޅާ އެހެން ޝަރުތުތަކެއް ކަނޑއެޅިދާނެއެވެ.
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދެއް ވަނީ ނެރެވިފައެވެ. އެ ޤަވާޢިދުގައި ހާޒިރުކުރަންޖެހޭ ތަނާއި ހައްޔަރުކުރުމުގެ މާނައާއި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންޖެހޭ ވަގުތާއި ހުށަހަޅަންޖެހޭ މަޢުލުމާތާއި ހައްޔަރާމެދު ނުވަތަ ބަންދާމެދު ގޮތެއް ކަނޑައަޅާ މަޖިލިސް ކުރިއަށްދާނެގޮތް ބަޔާންކޮށްފައިވެއެވެ. އަދި ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރު ނެރޭނެ ސަބަބުތަކާއި ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު ކަނޑައަޅާނެގޮތާއި ޝަރުތުކޮށްފައި ބަންދުން ދޫކޮށްލެވޭނެގޮތްވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ބަންދުން ދޫކޮސްލާއިރު ކަފާލާތުގެ އުސޫލުން މީހަކަށް ޔަގީންކަން ދެވޭނެގޮތާއި ހައްޔަރުގައި ނުވަތަ ބަންދުން ދޫކޮށްލެވޭއިރު ކަފާލާތުގެ އުސޫލުން ބެހެއްޓޭނެގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. 15 މާއްދާގެ މައްޗަށް އެކުލެވޭ މި ޤަވާޢިދުގައި ތަޙްޤީޤު ނިމުމުން ހައްޔަރުން ނުވަތަ ބަންދުން ދޫކޮށްލެވޭގޮތާއި، ޝަރީޢަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނެގޮތާއި މުއްދަތު އިތުރުކުރުމަށް ހުށަހެޅި ފޯމުގެ ކޮޕީ ދޫކުރެވޭނެގޮތާއި ފަނޑިޔާރުނެރޭ އަމުރު އިސްތިއުނާފު ކުރެވޭނެގޮތްވެސް މި ޤަވާޢިދުގައި ބަޔާންކޮށްފައިވެއެވެ.
ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ ހިފަހައްޓައިގެން ނުވާނެކަން ބަޔާންކޮށްފައިވެއެވެ. އަދި ހައްޔަރުކޮށްފައިވަނީ ނުވަތަ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެމަތިންކަން ކަނޑައެޅުމުގައި ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތަށް ޢަމަލުކުރުން ލާޒިމްވާކަން ޤާނޫނު އަސާސީގެ 45 ވަނަ މާއްދާގައި ސަރީހަ ނައްސުން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
"ފެހި" ޤާނޫނު އަސާސީގެ 2ވަނަ ބާބުގެ 48 މާއްދާއަކީ "ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ޙައްޤުތައް" ބަޔާންކޮށްފައިވާ މާއްދާއެވެ. އެ މާއްދާގައިބުނަނީ "ހައްޔަރުކުރެވޭ ހިނދު ނުވަތަ ބަންދުކުރޭވެ ހިނދު ތިރީގައި ބަޔާންވެގެންވާ ގޮތުގެމަތީން އެމީހަކާމެދު ޢަމަލުކުރުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. (ހ) އެމީހަކު ހައްޔަރުކުރެވުނު ސަބަބު ވަގުތުން އެމީހަކަށް އަންގަންވާނެއެވެ. އަދި ގިނަވެގެން ސައުވީސް ގަޑިއިރުގެތެރޭގައި ހައްޔަރުކުރެވުނު ސަބަބު ލިޔުމުން އެމީހަކަށް ދޭންވާނެއެވެ. (ށ) ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަންއެމީހަކަށް އަންގާންވާނެއެވެ. އަދި ލަސްކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެމީހަކު އެ ހައްޔަރު ކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމޭންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު އެމީހަކަށް ފަހިކޮށްދޭންވާނެއެވެ. (ނ) ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއްނުދީ ހަނުހުރުމަކީ އެމީހަކަށް ލިބިގެންވާ ޙައްޤެއްކަން އެމީހަކަށް އަންގައި އެ ޙައްޤު ލިބިގަތުމުގެ ފުރުސަތު އެމީހަކަށް ދޭންވާނެއެވެ. (ރ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެމީހަކު ހައްޔަރޔކުރެވުނުތާ ގިނަވެގެން ސައުވީސް ގަޑިއިރުގެތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާންވާނެއެވެ. އަދި ޝަރުޠަކާއެކު ނުވަތަ ސަރުޠަކާނުލައި އެމީހަކު ދޫކޮށްލުމަށް ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު އެ ފަނޑިޔާރަކަށް ލިބިގެންވެއެވެ.
މި ޤާނޫނު އަސާސީގެ 49 ވަނަ މާއްދާއަކީ ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަން ކުރުން" ބަޔާންކޮށްފައިވާ މާއްދާއެވެ. އެމާއްދާގައި ބުނަނީ " އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި ނުވަތަ ކޯޓަށް ހާޒރުނުވެދާނެކަމަށްޓަކައި ނުވަތަ ފިލައިފާނެ ކަމަށްޓަކައި ނުވަތަ ބަންދުން ދޫކޮށްލައިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ އެއްވެސް މީހަކާމެދު ޝަރީޢަތުން ޙުކުމްކުރުމުގެ ކުރީން އެމީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެއެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެމަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުތުތަކެއް ކަނޑައެޅިދާނެއެވެ." މިހެންނެވެ.
މި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާއަކީ "ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ޙައްޤުތައް" ބަޔާންކޮށްފައިވާ މާއްދާއެވެ. އެ މާއްދާގައި ބުނަނީ "(ހ) އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ކޮބައިކަން، އެމީހަކަށް ރަނގަޅަށް ދޭހަވާނޭ ބަހަކުން ލަސްނުކޮށް އަންގާންވާނެއެވެ. (ށ) އެކަށީގެންވާ މުއްދަތެއްގެތެރޭގައި އެމީހަކާމެދު ޝަރީޢަތްކޮށް ނިންމުމުގެ ޙައްޤު ލިބިގެންވެއެވެ. (ނ) ތިމާއާ ދެކޮޅަށް ޝަރީޢަތުގައި ބަޔާނެއް ނުދިނުމުގެ ޙައްޤު ލިބިގެންވެއެވެ. (ރ) އެމީހަކީ ޝަރީޢަތްކުރެވޭބަސް ނޭނގޭ މީހަކުނަމަ ނުވަތަ ބީރު މީހަކުނަމަ ނުވަތަ މަންމަނު މީހަކުނަމަ އެމީހަކަށް ދައުލަތުގެ ފަރާތުން ތަރުޖަމާނަކު ހޯދުމުގެ ޙައްޤު ލިބިގެންވެއެވެ. (ބ) ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަސީލަތްތައް ލިބޭންވާނެއެވެ. އަދި އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުސަތު ދޭންވާނެއެވެ. (ޅ) އެމީހެއްގެ ހާޒިރުގައި ޝަރީޢަތް ކުރެވުމާއި އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވެއެވެ. (ކ) ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި އެމީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި އެހެކީންނާ ޝަރީޢަތުގެ މަޖިލިހުގައި ސުވާލު ކުރުމުގެ ޙައްޤު ލިބިގެންވެއެވެ. (އ) އެ މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ.

ނިންމުން
މިދިރާސާގައި ބަލާލެވިފައިމިވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުން ރާއްޖޭގެ ދުސްތޫރީ ނިޒާމުގެ ތެރެއަށް ވަދެގެންއައިގޮތާއި މިހާރު ޢަމަލުކުރެވޭ ޤާނޫނު އަސާސީ (2008) އާއި ކުރީގެ ޤާނޫނު އަސާސީ (1997) އެކަން ބަޔާންކޮށްފައިވާ ގޮތުގެ މައްޗަށެވެ. އަދި ދެ ޤާނޫނު އަސާސީގައި ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމުގައި ހުރި ތަފާތުގެ މައްޗަށެވެ. މީގެ އިތުރުން ބައިނަލް އަޤްވާމީ މުއާހަދާތަކުގައި ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާއަށް ލިބިދީފައިވާ ޙައްޤުތަކަށްވެސް ބަލާލެވިފައިވާނެއެވެ.
ރިފަރެންސް:
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ 1997
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ 2008
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުގެ ޤަވާޢިދު
ޤާނޫނު ނަންބަރު 78/5 ( 11 މާޗް 1978)
ޤާނޫނު ނަންބަރު 97/6 (29 ޑިސެމްބަރ 1997)
ބިޑި އެޅުމާއި ބިޑި ގެންގުޅުމުގެ ޤަވާޢިދު
ސުޕްރީމްކޯޓުގެ 2010/SC-A/19  ނަންބަރު ޤަޟިއްޔާ
ސުޕްރީމްކޯޓުގެ 2010/SC-A/20  ނަންބަރު ޤަޟިއްޔާ

No comments: