Saturday, September 8, 2012

ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ ސިޔާސަތު 2012

 

ޢަބްދުﷲ ސަޢީދު

ދިވެހިންނަކީ ޒަމާނުއްސުރެ އަމިއްލަ ވެރިކަމެއް ކުރަމުން އައި، މިނިވަންކަމުގެ ދިގު ތާރީޚެއް ލިބިފައިވާ ބައެކެވެ. އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއެކު ދިވެހިން ފައިތިލަ ސާބިތުކޮށްގެން ތިބީ މާތްވެގެންވާ އިސްލާމްދީނުގައެވެ. މި ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލާ ކުޅެން އައި ކޮންމެ ބަޔަކާ ދެކޮޅަށް، ވަރުގަދަ ޢަޒުމެއްގައި ނިކުމެ މި ލޮބުވެތި ވަޠަން ދިފާޢުކޮށްފައިވަނީ މި ޤައުމުގެ ދަރިންނެވެ. އިންޑިއާ ކަނޑުގައިވާ ކުޑަކުޑަ ޖަޒީރާ މިޤައުމު އޮތް ސަރަޙައްދަކީ އިސްތިރާޖީގޮތުން ވަރަށް މުހިންމު ސަރަޙައްދެކެވެ. ދުނިޔޭގެ ކަނޑުގެ ވިޔަފާރީގެ ބޮޑު ބައެއް އިންޑިޔާ ކަނޑު ހުރަސްކޮށް ކުރެވޭއިރު، އޭގެ ތެރެއިން ބޮޑު ބައެއް ދަތުރުކުރަނީ ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރެއިންނެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 13 ވަނަ ބާބުގެ 274 ވަނަ މާއްދާގައި ޤައުމީ ސަލާމަތަށް ނުރައްކާވުމަކީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިޤްލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުން ކަމުގައި ބުނެފައިވާއިރު، ޤައުމީ ސަލާމަތަށް ހުރި ނުރައްކާތަކާއި ގޮންޖެހުންތައް ދެނެގަނެ އެކަންކަމުން ޤައުމާއި ރައްޔިތުން ދިފާޢުކޮށް އަމާން ވެއްޓެއް ރައްޔިތުންނަށް ޤާއިމްކޮށްދިނުމަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ޙައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެކެވެ. ދިވެހިންގެ މިނިވަންކަމާ އިސްތިޤްލާލާއި އަމިއްލަވަންތަކަން ޙިމާޔަތްކޮށް، ރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިންގެ ދިމިޤްރާތީ ނިޒާމާއި، ދައުލަތުގެ މުއައްސަސާތަކާއި، ދިވެހިންގެ އެކުވެރިކަމާއި އެއްބައެއްވަންތަކަމާއި، ދުޅަހެޔޮކަމާއި ފާގަތިކަން، އެތެރެއާއި ބޭރުން އަންނަ ކޮންމެ ޙަމަލާއަކުން ދިފާޢުކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ.

ދިވެހިންގެ ޤައުމީ ސަލާމަތުގެ ތަޞައްވުރަކީ، "ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އަމިއްލަ ވެރިކަން ކުރާ، ދިމިޤްރާތީ، ޖުމްހޫރީ، ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ދެމިއޮވެ، ދިވެހިންގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަން ދަމަހައްޓާ، ރައްޔިތުންގެ މެދުގައި، ހަމަހަމަކަމާއެކު އިންޞާފު ޤާއިމުކުރެވި އިންސާނީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު ހެޔޮ ވެރިކަމެއް ކުރާ، އަމާން އަދި ރައްކާތެރި އަދި ކޮންމެ ދިވެއްސެއްގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް މަގުފަހިކޮށްދޭ ވެއްޓެއް ޤާއިމްކުރެވިފައިވާ ދިވެހިން ފަޚުރުވެރިކަމާއެކު ދިރިއުޅޭ ހިތްވާ ޤައުމެކެވެ".

ޤައުމީ ސަލާމަތާ ބެހޭ ސިޔާސަތެއް އޮތުމުގެ ބޭނުމަކީ، ޤައުމީ ސަލާމަތާ ގުޅުން ހުރި ކަންކަން ރޭވުމުގައި ކަމާބެހޭ އިދާރާތަކަށް ބޭނުންވާ އިސްތިރާޖީ އިރުޝާދު ފޯރުކޮށްދިނުމާއި، ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ސިޔާސަތުތައް ކަނޑައެޅުމުގައިވެސް ޤައުމީ ސަލާމަތަށް އުނިކަމެއް އަޔަނުދިނުމެވެ. މިސިޔާސަތުގެ ސަބަބުން ދިވެހި ރާއްޖޭގެ އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ބެހުމުގައި އިސްކަންދޭ ތަރުތީބެއް ކަނޑައެޅި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމުގައި ދައުލަތުގެ އެންމެހާ މުއައްސަސާތައް ޝާމިލްކުރެވި ޒިންމާކުރެވޭނެއެވެ.

ޤައުމީ ސަލާމަތާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކާތަކަށާއި ދުނިޔެއާއި، މިސަރަޙައްދު އަދި ދިވެހިރާއްޖޭގެ އިސްތިރާޖީ ވެއްޓަށް، ވަކިން ޚާއްޞަކޮށް، ދިވެހި ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ، ދީނީ، އަދި ސިޔާސީ ވެއްޓަށް ރިޢާޔަތް ކުރެވިފައިވާނެއެވެ. އަދި މިއަދު މިނެރެވޭ، ދިވެހިރާއްޖޭގެ ފުރަތަމަ ޤައުމީ ސަލާމަތާބެހޭ ސިޔާސަތުގައި، ދިވެހިރާއްޖޭގެ ދިފާޢު ބައްޓަންކުރާނެ ސިޔާސަތުތަކާއި ރައްޔިތުންގެ ފަރުދީ އަދި އިޖްތިމާޢީ އަދި އިޤްތިޞާދީ ސަލާމަތާއި ބެހޭ ސިޔާސަތުތަކާއި، ޤައުމީ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގައި ސިޔާސީ ހަމަޖެހުން ޤާއިމުކުރުމުގެ ސިޔާސަތުތަކާއި، ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅިފައިވާނެއެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ ސިޔާސަތު އެކުލެވިގެން ވަނީ އަންނަނިވި ބައިތަކުގެ މައްޗަށެވެ.

·        ދިވެހިރާއްޖެ ދިފާޢުކުރެވޭނީ އެންމެހައި ދިވެހިން އެކަތިގަނޑަކަށް ވެގެންކަމުގައި ވީހިނދު، ބޭރުންނާއި އެތެރެއިން، ޤައުމަށް އަތުވެދާނެ ކޮންމެ ޢުދުވާނަކުން ޤައުމު ޙިމާޔަތްކޮށް، އެކުވެރި ދައުލަތްތަކާއި ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކާއެކު ގާތް ގުޅުމެއް ޤާއިމް ކުރަން ވާނެއެވެ. ދިވެހިންގެ ލަޝްކަރަކީ، ދިވެހި ރައްޔިތުންނާއި ދައުލަތުގެ ދިފާޢުގައި އައްޑަނައެއް ގޮތުގައި ސާބިތުވެ ތިބޭ ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޤާބިލްކަން ލިބިގެންވާ ބަޔަކަށް ހަދަން ވާނެއެވެ. ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ދިފާޢީ ސިޔާސަތު އޮންނަން ވާނީ ގުޅިލާމެހިފައެވެ. ރާއްޖެއަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ރައްޔިތުންނާއި ވީހާވެސް ގާތުން އަވަހަށް ޚިދުމަތް ދިނުމަށްޓަކައި، ދިވެހި ލަޝްކަރު، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ސަރަޙައްދުތަކުގައި ޤާއިމުކުރަން ވާނެއެވެ. ޤައުމަށް ކުރިމަތިވާ ކޮންމެ ކާރިސާއެއްގައި އިސްވެ ޙަރަކާތްތެރިވެ، މިފަދަ ކާރިސާތައް ހިނގިޔަނުދިނުމަށާއި، ރައްޔިތުން ހޭލުންތެރިކޮށް ޙިމާޔަތްކޮށް އެހީތެރިވެދިނުމުގެ އިސް ސަފުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޙަރަކާތްތެރިވާން ވާނެއެވެ.

·        ދިވެހި ރާއްޖޭގެ ފަރުދީ އަދި އިޖްތިމާޢީ ރައްކާތެރިކަން ޙިމާޔަތްކުރުމަށްޓަކައި، ހެޔޮ ވެރިކަމެއްކޮށް، ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދޭންވާނެއެވެ.  މުޅި ދުނިޔޭގައި ނުވަތަ މިސަރަޙައްދުގައި ބަލިމަޑުކަމެއް ޢާއްމުވެއްޖެ ޙާލަތެއްގައި، ދިވެހިރާއްޖެއަށް އެކަމުން ކޮށްފާނެ އަސަރު ވީހާވެސް ކުޑަކުރުމަށްޓަކައި ކަމާބެހޭ ދާއިރާތަކުން، ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމަށްޓަކައި ދުރާލާ ތައްޔާރުވެ ޕްލޭންތައް އެކަށައަޅާ، ޤާބިލްކަން އިތުރުކުރަންވާނެއެވެ. އަދި ދެމެހެއްޓެނިވި ހެލްތް އިންޝުއަރެންސް ސްކީމެއް މެދުވެރިކޮށް ރައްޔިތުންގެ ބޭސްފަރުވާގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސަންވާނެއެވެ. ކުށްކުރާ މީހުންނަށް ޝަރުޢީ ނިޒާމުގެ ތެރެއިން ޙައްޤު އަދަބު އަވަހަށް ލިބިދީ، ކުށް މަދުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތްކޮށް 2014 ގެ ނިޔަލަށް، މަސްތުވާތަކެތީގެ ވިޔަފާރިއާއި މަސްތުވާ ތަކެއްޗާ ގުޅުން ހުރި ކުށްތައް 20 އިން ސައްތަ މަދުކޮށް، ގޭންގުތަކުން ހިންގާ ކުށްތައް 30 އިންސައްތަ މަދުކުރަންވާނެއެވެ. ޤާނޫނު އަސާސީއިން ލިބިދީފައިވާ ޕްރައިވެސީގެ ޙައްޤު ޙިމާޔަތްކޮށް ކަށަވަރުކުރުމަށްޓަކައި ހުރުމަތްތެރިވެގެންވާ މަޢުލޫމާތު ޙިމާޔަތްކޮށް ސައިބަރ ކްރައިމް ފަދަ ކުށްތައް ހުއްޓުވަންވާނެއެވެ. ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށްވީހިނދު، ދިވެހިރާއްޖެއަށް އެހެން ދީންތަކުގެ ނުފޫޒު އަޔަނުދިނުމަށާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމީ ވަހުދަތު ހަރުދަނާކުރަންވާނެއެވެ. ދިވެހި ސަރުކާރުން ކުރާ އެންމެހައި ކަންތައްތައް ދެފުށް ފެންނާނޭހެން ކުރުމާއެކު، ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށްޓަކައި، އެންޓި ކަރަޕްޝަން ކޮމިޝަން އަދި އޮޑިޓަރ ޖެނެރަލްގެ އޮފީސް ފަދަ މިނިވަން މުއައްސަސާތައް ބާރުވެރިކޮށް އެމުއައްސަސާތަކުގެ ޤާބިލްކަން އިތުރުކުރަން ވާނެއެވެ. 2012 ވަނަ އަހަރުގެ ނިޔަލަށް، ރަނގަޅު ފެންވަރުގެ ބޯޑަރ ކޮންޓްރޯލް ނިޒާމެއް ޤާއިމްކޮށް، ހިއުމަން ޓްރެފިކިންގ އަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރަން ވާނެއެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީން ރަނގަޅަށް މޮނިޓަރ ކުރެވި، އެމީހުންގެ ފަރާތުން ދިވެހި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ހިނގިޔަނުދިނުމަށް ކަމާ ބެހޭ ދާއިރާތައް ގުޅިގެން މަސައްކަތް ކުރަންވާނެއެވެ.

·        ދިވެހި ރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ އިޤްތިޞާދީ ސިޔާސަތު ބައްޓަންކުރެވިފައިވަނީ، ހަލުވި ދުވެއްޔެއްގައި އިޤްތިޞާދު ކުރިއަރުވާ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްކަމަށް ވީހިނދު، މަދު ސިނާޢަތްތަކެއްގެ މައްޗަށް އިޤްތިޞާދު ބަރޯސާކުރުމުގެ ބަދަލުގައި، ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ވަރުގަދަކުރަން މަސައްކަތް ކުރަން ވާނެއެވެ. އިމްޕޯޓް ޓެރިފް އާއި ކޯޓާ ސިސްޓަމް ފަދަ އާލާތްތައް ބޭނުންކޮށްގެން ކުދި އަދި މެދު ފަންތީގެ ވަޔަފާރިތައް ޙިމާޔަތްކޮށްދީ، އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމްކޮށްދޭން ވާނެއެވެ. އަދި ވަރލްޑް ބޭންކާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް ފަދަ ބައިނަލް އަޤްވާމީ ޖަމާއަތްތަކާއެކު ދިވެހިރާއްޖެއިން ގާތް ގުޅުމެއް ދަމަހައްޓާނެއެވެ. ދިވެހި ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް، ސަރުކާރުން އިސްވެ މަސައްކަތްކޮށް، އެކަމަށް ބޭނުންވާ ޤާނޫނުތައް ހަދާ، އިންވެސްޓަރުންނާ ރައްޓެހި ވެއްޓެއް ޤާއިމްކުރަން ވާނެއެވެ. ދިވެހި ރާއްޖޭގެ ޤުދުރަތީ ރީތިކަންކަމަށްވީހިނދު، އެރީތިކަން ޙިމާޔަތްކޮށް، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވާ، ރާއްޖެއަށް ފަތުރުވެރިން އަންނަ މާރކެޓްތައް ފުޅާކުރުމަށްޓަކައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓްކުރަން ވާނެއެވެ. ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ޤަވާއިދާ ޚިލާފަށް ބޭރުގެ ބޯޓްފަހަރުތަކުން މަސްވެރިކަން ކުރުން ހުއްޓުވުމަށް، ސަލާމަތީ ބާރުތަކުގެ ޤާބިލްކަން މިހާރަށްވުރެ އިތުރުކުރަންވާނެއެވެ. ހަލުއިކަމާއެކު ކުރިއަރަމުންދާ ދިވެހިރާއްޖޭގެ ގެދޮރު ޢިމާރާތްކުރުމުގެ ސިނާޢަތު އިތުރަށް ދިރުވާ ތަރައްޤީކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެއެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓަރީ (މަސީ) އާއި ގުޅިގެން، މިދާއިރާގެ ޤާބިލުކަން އިތުރުކުރުމަށް ޒުވާނުން މިސިނާޢަތާ ގުޅުމަށް ހިތްވަރުދީ، އިންޑަސްޓްރީ ފައިނޭންސްކުރުމަށް ބޭނުންވާ ލޯނުތައް ހޯދުމަށް ސަރުކާރުން މަގުފަހިކޮށްދޭނެއެވެ. އިޤްތިޞާދީ ތަރައްޤީއަށް ޤުދުރަތީ ވަޞީލަތްތައް މުހިއްމުވީހިނދު، ދިވެހިރާއްޖޭގެ އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފް ރާއްޖެއަށް ހޯދުމަށް، އެކުވެރި ދައުލަތްތަކުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް، ދިވެހި ސަރުކާރުން ކުރާނެއެވެ. ކާބޯތަކެތީގެ ރައްކާތެރިކަމާއި ޔަޤީންކަން ދެމެހެއްޓުމަށްޓަކައި، ރާއްޖޭގެ ކާބޯތަކެތީގެ ރިޒަރވް އިތުރުކޮށް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތްތައް ފުޅާކުރަން ވާނެއެވެ. ހަކަތައިގެ ރައްކާތެރިކަމާއި ޔަޤީންކަން ދެމެހެއްޓުމަށްޓަކައި، ދިވެހިރާއްޖޭގެ ތެލުގެ ރިޒަރވް އިތުރުކުރުމާއެކު، އިޔާދަކުރުވަނިވި ހަކަތަ ރާއްޖޭގައި ބޭނުންކުރުން އިތުރުކުރުމަށް މަގުފަހިކުރަންވާނެއެވެ. ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި، ތަޢުލީމީ ދިވެހިންނަށް ރާއްޖޭގައި އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ހޯދައިދޭންވާނެއެވެ.

·        ޤައުމީ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގައި ސިޔާސީ ހަމަޖެހުން ޤާއިމުވެފައި އޮތުމަކީ ކޮންމެހެން މުހިއްމުކަމެކެވެ. ރާއްޖޭގެ ދިމިޤްރާތީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ދިމިޤްރާތީ ފުރިހަމަ ނިޒާމެއް ޤާއިމްކޮށް، މިނިވަން މުއައްސަސާތަކުގެ ދައުރު ފުރިހަމަ ގޮތުގައި އަދާކުރުމަށް ސަރުކާރުން މަގުފަހިކޮށްދޭނެއެވެ. އަދި ރައްޔިތުންނަށް ބޭނުންވެފައިވާ މުހިއްމު ޤާނޫނުތައް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެއެވެ. ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމާއެކު، ދިމިޤްރާތީ ނިޒާމުން ކަށަވަރުކޮށްދޭ މިނިވަންކަމުގެ ޙުދޫދުތައް ކަނޑައަޅާ އެހެން މީހުންނާއި މުޅި މުޖްތަމަޢުގެ ޙައްޤުތައް ޙިމާޔަތްކުރާ ޒިއްމާދާރު ރައްޔިތެއް އުފެއްދުމަށް މަސައްކަތްކުރަން ވާނެއެވެ. ދިމިޤްރާތީ ނިޒާމެއްގައި ސަލާމަތީ ބާރުތައް ވާންވާނީ، ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ މަތިން ސަރުކާރުގެ ކޮންޓްރޯލާއި އަމުރު މަޢުރޫފް އަދި ބެލެނިވެރިކަމުގެ ދަށުގައިވާ ބަޔަކަށެވެ. ސަލާމަތީ ބާރުތަކުން އެމީހުންގެ ވާޖިބު އަދާކުރަންވާނީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހި، އެބައިމީހުންގެ ކޯޑް އޮފް އެތިކްސްއާއި އެއްގޮތަށް ޕްރޮފެޝަނަލް ކަމާއެކުއެވެ.

·        ދިވެހިރާއްޖެ ފަދަ ކުޑަކުޑަ ނާޒުކު ޤައުމަކަށް، ތިމާވެށީގެ ގޮތުން ހުރި ނުރައްކާތަކަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ އިތުރުން ޤައުމުގެ ދެމިއޮތުމާވެސް ގުޅިފައިވާ ކަމަކަށްވީހިނދު،  ލިބޭ ގެއްލުންތައް ކުޑަކުރުމަށް، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ ޤާބިލްކަން އިތުރުކުރެވޭނެއެވެ. އަދި ރައްޔިތުންގެ ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި، ކުދި ރަށްރަށުން ރައްކާތެރި ބޮޑެތި ރަށްރަށަށް މީހުން ބަދަލުކުރުމުގެ ސިޔާސަތެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެއެވެ. ބައިނަލް އަޤްވާމީ މުޖުތަމަޢުގައި މޫސުމަށް އަންނަ ބަދަލުތަކާއި ޖައްވު ހޫނުވުމާއި ބެހޭގޮތުން ކުދި ޤައުމުތަކުގެ ފަރާތުން ވަކާލާތުކުރުމުގެ އިސްސަފުގައި ދިވެހިރާއްޖެ ދެމިއޮންނާނެއެވެ. ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ހެދިފައިވާ ޤާނޫނުތައް ތަންފީޒުކުރާ އެންމެހައި އިދާރާތަކުގެ ޤާބިލްކަން އިތުރުކޮށް ކަމާބެހޭ ޤާނޫނުތައް އިތުރަށް ހަރުދަނާކުރެވޭނެއެވެ.

No comments: