Wednesday, September 19, 2012

މުއާޞަލާތު ކާމިޔާބު ކުރުމަށްޓަކައި ޕޯލް ގްރައިސްގެ މެކްސީމްތަކަށް ތަބާވުން މުންހިމު

ބަހަވީޢިލުމުވެރިން ނުވަތަ ބަސްވާރުން (ލިންގްއިސްޓުން) ވަނީ ވާހަކަދައްކާ، މުއާޞަލާތު ކުރާފަރާތްތަކުން ތަބަޢަވާންޖެހޭ ހަމަތަކާއި، އުޞޫލުތަކާއި، ޤަވާޢިދުތަކާމެދު ފުޅާދާއިރާއެއްގައި ދިރާސާކުރައްވާފައެވެ. މި ދިރާސާތަކުގެ މައިގަނޑު މަޤްޞަދަކީ އިންސާނާ ދުނިޔޭގައި މީހުން ވާހަކަދައްކާ ލިޔެހަދާ ކޮންމެ ބަހަކުން ވާހަކަ ދެއްކިކަމުގައިވިޔަސް އެދައްކާ ވާހަކައަކުން ކާމިޔާބު ހާސިލުކުރުމެވެ. މިފަދަ ހަމަތަކާއި އުޞޫލުތަކާއި ޤަވާޢިދުތަކުގެ ތެރެއިން ފާހަގަކުރެވޭ އެންމެ ހަރުދަނާ އުސޫލަކީ އިނގިރޭސިވިލާތަށް އުފަން ފިލޯސަފަރ ހާބަރޓް ޕޯލް ގްރައިސް (1975) ތަޢާރަފު ކުރެއްވި ނަޒަރިއްޔާއެވެ. ޕޯލް ގްރައިސްގެ މެކްސީމްތަކަކީ ވާހަކަ ދެއްކުމުގައި ތަބަޢަވާންޖެހޭ ހަތަރު ނުކުތާގެ ގޮތުގައި ފާހަގަކުރެވޭ ކޯޕްރޭޓިވް ޕްރިންސިޕަލް ނުވަތަ ގުޅިގެން ވާހަކަދެއްކުމުގެ ޤަވާޢިދެވެ.
1913 ވަނަ އަހަރުގެ މާޗްމަހުގެ 13 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ބާމިންހަމްއަށް އުފައްވެވަޑައިގެންނެވި ހާބާރޓް ޕޯލް ގްރައިސް، 1988 އޯގަސްޓް 28 ވަނަ ދުވަހު އަވަހާރަވީއިރު، ބަސްމޮށުންތެރިކަމާބެހޭގޮތުން ހާމަކުރެއްވި ނަޒަރިއްޔާވަނީ މުޅި ދުނިޔޭގައިވެސް މަޝްހޫރު ބަހުގެ ޤަވާޢިދަކަށް ވެފައެވެ. ކޯޕްރޭޓިވް ޕްރިންސިޕަލްގެ ނަމުގައި ނުވަތަ ގުޅިގެން ވާހަކަދެއްކުމުގެ ޤަވާޢިދުގެ ނަމުގައި ޕްރޮފެސަރ ޕޯލް ގްރައިސްގެ ނަޒަރިއްޔާ މިއަދު ދުނިޔޭގެ ބައެއް ޤައުމުތަކުގައި ރަސްމީ ކަރިކިއުލަމްގެ ތެރޭގައި ކިޔަވައިދެވެއެވެ.
ބަހާއި ބަސްމޮށުންތެރިކަމަކީ އިންސާނުންނާއި ހައިވާނުން ވަކިކޮށްދޭ ޚާއްޞަ ސިފައެކެވެ. ވެބްސްޓަރ ނިއުވޯލްޑް އެންސައިކޮލަޕީޑިއަރ (1992) ގައި ބަޔާންކޮށްފައިވާގޮތުގައި ބަހަކީ އިންސާނީ ބޭނުންތައް ފުއްދުމަށްޓަކައި ފާޅުކުރާ ޚިޔާލުތަކަކާއި، ޝުޢޫރުތަކެކެވެ. ބަސްވާރެއް ކަމަށްވާ އެޑްވަޑް ފިނެގަން (1999) ވިދާޅުވަނީ ބަހަކީ ހިތުގައި އުފެދޭ ޚިޔާލުތަކާއި، ޝުޢޫރުތަކާއި، ޖަޒުބާތުތައް އެކަކު އަނެކަކާއި ހަމަޔަށް ފޯރުކޮށްދިނުމަށް އަޑު ނުވަތަ ނިޝާން ނުވަތަ ޙަރަކާތް އެކުލެވޭގޮތަށް ބޭނުންކުރާ ނިޒާމެއް ކަމުގައެވެ. އެކިއެކި ބަސްވާރުން ބަހާއި ބަސްމޮށުންތެރިކަމާމެދު ޢިލުމީ ގޮތުން އެބޭފުޅުންގެ ޚިޔާލުފުޅުތައް ވަނީ ހާމަކުރައްވާފައެވެ. މިފަދަ ކޮންމެ ބޭފުޅެއްގެ ވާހަކަފުޅުތަކުންވެސް ފާހަގަކުރެވޭ ޙަޤީޤަތަކީ ބަހާއި ބަސްމޮށުންތެރިކަމުގެ މުހިންމުކަމެވެ.
ފިލޯސަފަރ ޕޯލް ގްރައިސް އަވަހާރަވުމަށްފަހުގައިވެސް އޭނާގެ ނަޒަރިއްޔާއާމެދު ފަހުގެ ބަސްވާރުން އެބޭފުޅުންގެ ޢިލުމީ ދިރާސާތައްވަނީ ނެރުއްވާފައެވެ. އޭގެތެރޭގައި އެޑްވަޑް ފިނެގަން އާއި ޖޯޖު ޔޫލޭ ހިމެނިވަޑައިގަންނަވައެވެ. އެޑްވަޑް ފިނެގަން (1999) ހާމަކުރައްވާ ގޮތުގައި ވާހަކަދެއްކުމުގައި ދެފަރާތުންވެސް ހިފަހަށްޓަންޖެހޭ ހަމަތަކަކާއި ޤަވާޢިދުތަކެއްވެއެވެ. މިޤަވާޢިދުތަކަށް ކިޔަނީ ކޯޕަރޭޓިވް ޕްރިންސިޕަލްއެވެ. ޖޯޖު ޔޫލޭ (1996) ހާކުރައްވާ ގޮތުގައި އެކަކު އަނެކަކާ ވާހަކަދައްކާ މުވާޞަލާތުކުރެވޭނީ ވާހަކަދައްކާ ދެފަރާތުންވެސް ވަކިހަމަތަކަކަށް ތަބަޢަވެ، ދެފަރާތުންވެސް އެކަންދަނެ އެކަމާ ޤަބޫލުވެގެންނެވެ. ޖުމްލަގޮތެއްގައި އެހަމަތަކަށް ކިޔާއުޅެނީ ކޯޕަރޭޓިވް ޕްރިންސިޕަލް ކަމަށް އޭނާވެސް ވިދާޅުވެއެވެ. ކޯޕަރޭޓިވް ޕްރިންސިޕަލްގެ ބާނީއަކީ ފިލޯސަފަރ ޕޯލް ގްރައިސްއެވެ. އޭނާ ހާމަކުރައްވާފައިވާ ގޮތުގައި އެއްބަޔަކު އަނެއްބަޔަކާ މުއާޞަލާތުކުރުން ނުވަތަ ވާހަކަދެއްކުން ހަތަރު ބަޔަކަށް ބަހާލެވެއެވެ. އެއީ ވާހަކައެއްކުމުގެ ޢާއްމު ހަތަރުބައި ނުވަތަ ހަތަރު މެކްސީމެވެ. އެ މެކްސީމް ތަކަކީ:
1.                 މެކްސީމް އޮފް ކުއަންޓިޓީ (Maxim of Quantity) ވަގުތާ ޙާލަތާ ގުޅޭ މިންވަރަށް ވާހަކަދެއްކުން.
2.                 މެކްސީމް އޮފް ކޮލިޓީ (Maxim of Quality) ދައްކާވާހަކައިގެ ތެދުކަން ސާބިތުކޮށްދޭގޮތަށް ވާހަކަދެއްކުން.
3.                 މެކްސީމް އޮފް ރިލޭޝަން (Maxim of Relation) ވަގުތާ ޙާލަތާ ވާހަކައިގެ މައުޟޫއާ ގުޅޭގޮތަށް  ވާހަކަދެއްކުން.  (މި މެކްސީމްއަށް މެކްސީމް އޮފް ރިލަވަންސް  (Maxim of Relevance) އޭވެސް ކިޔައެވެ.)
4.                 މެކްސީމް އޮފް މެނަރ (Maxim of Manner) ދައްކާވާހަކަ އަޑުއަހާމީހުންނަށް އޮޅުންނާރާފަދަ ގޮތަކަށް ތަރުތީބުން ވާހަކަދެއްކުން.
މިހަތަރު މެކްސީމް އިން މަގުދައްކަނީ ދައްކާ ވާހަކަ، ވަކި މިންވަރެއްގައި ހިފެހެއްޓުމަށާއި ވާހަކައިގައި އޮއްޓަރު ހުރުމާއެކު ތެދުކަން ސާބިތުކޮށްދިނުމަށާއި، ދައްކާ ވާހަކަތަކުގައި ގުޅުން ހުރުމަށާއި ވާހަކަދައްކާއިރު އޮޅުންނާރާގޮތަށް އަދަބުވެރިކަމާއެކު މުއާޞަލާތު ކުރުމަށެވެ. ދިވެހިބަހުގައި މުއާޞަލާތަކީ ގުޅުން އުފެއްދުމުގެ ޢަމަލެވެ. އަނގަބަހުން ބުނާ ނުވަތަ ލިޔެގެން އަންގާ ވާހަކައެވެ. އެކަކު އަނެކަކަށް ދޭހަވާ ބަހުރުވައަކުން ނުވަތަ ހަރަކާތަކުން ނުވަތަ އިޝާރާތަކުން ނުވަތަ ނިޝާނެއްގެ ބޭނުންކޮށްގެން ވާހަކަ ދެއްކުމަށްކުރާ ޢަމަލެވެ. މަޢުލޫމާތު ބަދަލުކުރުމަށްކުރާ ޢަމަލެވެ. ވާހަކަ ދެއްކުމާއި، ސިޓީއާއި މެސެޖް ބަދަލުކުރުމުގެ ނިޒާމެވެ. މީގެ އިތުރުން ދަތުރުފަތުރުކުރުމުގެ ނިޒާމަށްވެސް ދިވެހިބަހުގައި މުއާޞަލާތު ބޭނުންކުރެވެއެވެ.
ބަސްވާރުން ވިދާޅުވާގޮތުގައި ބަހަކީ ހަމައެކަނި މުއާޞަލާތު ކުރުމުގެ މެދުވެރިއެއް ނޫނެވެ. އެކަމަކު އެއީ، އިންސާނާގެ މުޅި ޙަޔާތާގުޅިފައިވާ ބައިވެރިއެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ޚާއްޞަ ނިޢުމަތެއްގެގޮތުގައި ބަސްމޮށުންތެރިކަމުގެ ނިޢުމަތް އިންސާނާއަށްދެއްވާ، އިންސާނާގެ ސިކުޑީގައި ބަހުގެ ވަކިމަރުކަޒެއް ޤާއިމުކުރައްވާފައިވެއެވެ. އިންސާނުންނަށް އެބައިމީހުންގެ ބޭނުންތައް ފުއްދުމަށްޓަކައި އުފެއްދުންތެރިކަމާއެކު ބަހުގެ ޒަރީޢާ ބޭނުންކުރެވެނީ އެހެންވެއެވެ. ޤުދުރަތުން މި ބޮޑު ނިޢުމަތް އިންސާނާއަށް ދެއްވާފައިވީ ނަމަވެސް ބަހުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ކުރެވޭނީ ބަސްބޭނުންކުރުމުގައި ޝާމިލުވާޖެހޭ ކަންތައްތަކަށް ސަމާލުކަންދީގެންނެވެ. ޚާއްޞަގޮތެއްގައި މުއާޞަލާތު ކުރެވޭ އެއްފަރާތުން އަނެއްފަރާތަށް އެއްބާރުލުންދީގެންނެވެ. ވުމާއެކު ބަސްބޭނުންކުރުމުގައި ފަރުދީގޮތުންނާއި އިޖްތިމާޢީ ގޮތުން އެއްބާރުލުންދޭންޖެހެއެވެ. މިގޮތުން އެއްބާރުލުންދޭން ބަލާއިރު އެއްބާރުލުންދެވޭނެ އުސޫލެއް ނުވަތަ ހަމައެއް ނުވަތަ ޤަވާޢިދެއް އޮންނަން ޖެހެއެވެ. ޕޯލް ގްރައިސްގެ ހަތަރު މެކްސީމް ހިމެނޭ ނަޒަރިއްޔާ، ބަސްވާރުންނާއި މިއަދުގެ ދުނިޔެއިން ބަލައިގެންފައިމިވަނީ މިސަބަބާހުރެއެވެ. މުއާޞަލާތު ކާމިޔާބުކުރުމަށް ވަރަށް ތަނަވަސް މަގެއް އެ ނަޒަރިއްޔާއިން ފެނިގެންދާތީއެވެ. އަދި އެނަޒަރިއްޔާގައި ހިފެހެއްޓުމުން ބަސް ބޭނުންކުރާ މީހުންގެ މަޤްޞަދު ހާސިލުވެ، މުއާޞަލާތު ކާމިޔާބު ކުރެވޭތީއެވެ.  
ޕޯލް ގްރައިސްގެ މެކްސީމްތަކުގެ ތަފްސީލަށް ދިއުމުގެކުރިން އަދަބިއްޔާތާމެދުވެސް ބަލާލަން ޖެހެއެވެ. "އަދަބިއްޔާތު" މިބަހުގެ މަސްދަރު ކަމުގައިވާ އަދަބުގެ މާނައާއެމެދު ޑރ. ރޯހީ ބާލް ބޭކީ (2009) ހާމަކުރައްވާފައިވާ ގޮތުގައި އެބަހުގެ މާނައަކީ ރީތި، ރަނގަޅު، މޮޅު، ކަމުދާ އަދި މިދާއިރާގައި ހިމެނޭ ހުރިހާ މާނައެކެވެ. އަޚްލާޤާއި އުސޫލާއި ވައްޓަފާޅި އާއި އޮފުދާރުކަންވެސް ހިމެނެނީ މި މާނައިގެ ތެރޭގައެވެ. ދިވެހިރާއްޖޭގެ އުސްތާޒުއްޖީލް އަލްއުސްތާޛު އަލްމަރުޙޫމް މުޙައްމަދު ޖަމީލްދީދީ (1993) ބަޔާންކުރައްވާފައިވާ ގޮތުގައި "އަދަބަކީ މީހާ ކުރާކަންތައްތަކާ ބުނާ ބަސްތައް ކުށުން ސަލާމަތްކުރާނެ މަގު އުނގެނިގަތުމެވެ. އަދި އެފަދަ ކުށުން މީހާ ސަލާމަތްކޮށް ލެހެއްޓެވުމަށް މެދުވެރިކުރާ ކަންތައްތަކެވެ." ޝައްކެއްނެތް ގޮތުގައި އަދަބިއްޔާތަކީ "ލިޓްރޭޗަރ" އެވެ. އަކުރު ވަންތަކަން މާނަކުރަނީ ލިޓްރޭޗަރއަށެވެ. އެހެންކަމުން ބަހަށްބަލައިފިނަމަ އަކުރަކުން ބަސް ލިޔެވުމަކީވެސް ލިޓްރޭޗަރއެވެ. ނުވަތަ އަދަބިއްޔާތެވެ. އަދަބިއްޔާތުގެ މަޤްޞަދަކީ މީހުންނަށް އޮޅުންފިލުވައި ދިނުމާއި އުފާ ލިއްބައިދިނުމެވެ. އޮކްސްފޯރޑް ޑިކްޝަނަރީ (2012)  ބުނާގޮތުގައި" ލިޓްރޭޗަރ އަކީ ކޮންމެބަހެއްގައިވެސް ހުންނަހުރިހާ ވައްތަރެއްގެ ވާހަކަ، ހުރިހާ ވައްތަރެއްގެ ތަފްސީލު ވަޒަންބަހުރުވައިގައި ހިމެނޭ ތަކެތި އަދި އެހެނިހެން އުފެއްދުންތެރި، ކިޔުންތެރިންބަލައިގަންނަފަދަ ގޮތަކަށް ހުންނަ ކޮންމެ ލިޔުމެކެވެ." އަދަބިއްޔާތުގައި ހިމެނެނީ އާދައިގެ ޢާއްމު މުވާޞަލާތުގައި ބޭނުންކުރެވޭ ބަހާ ތަފާތުވާ ބަސްތަކާއި ލިޔުންތަކެވެ.

މެކްސީމް އޮފް ކްއަންޓިޓީ (Maxim of Quantity)
ޕޯލް ގްރައިސްގެ ހަތަރު މެކްސީމްގެ ތެރެއިން ފުރަތަމަ މެކްސީމް އަކީ، މެކްސީމް އޮފް ކްއަންޓިޓީ (Maxim of Quantity) އެވެ. މިއީ ވަގުތާ ޙާލަތާ ގުޅޭ މިންވަރަށް ވާހަކަދެއްކުމުގެ މެކްސީމްއެވެ. ވާހަކަ ދެކެވޭއިރު އެހުށައަޅާ ހުރިހާ މަޢުލޫމާތެއްވެސް އެވާހަކަދައްކާ ވަގުތާ ޙާލަތާ އެންމެގުޅޭ މިންވަރަށް މާކުރުނުކޮށް އަދި މާދިގުވެސްނުކޮށް ވާހަކަދެއްކުމުގެ މެކްސީމެވެ. މިމެކްސީމުގައި ބޮޑަށް ބާރުއަޅަނީ އެބުނާ ބުނުމަކުން ކޮންމެހެން ބޭނުންވާ މިންވަރަށް މަޢުލޫމާތު އަންގައިދިނުމަށެވެ. ވީއިރު މަޢުލޫމާތު ދިނުމުގައި ބޭނުންވާ ވަރަށްވުރެ ގިނައިން މަޢުލޫމާތުދިނުމާއި، ބޭނުންވާވަރަށް ވުރެމަދުން މަޢުލޫމާތު ދިނުމަކީވެސް މެކްސީމް އޮފް ކުއަންޓިޓީއާ ޚިލާފުކަމެކެވެ.
މިސާލަކަށް މީހަކު ކަމަކާބެހޭގޮތުން ސުވާލެއް ކުރުމުން އެސުވާލުގެ ޖަވާބުދޭއިރު އެސުވާލާނުގުޅޭ ގިނަ ވާހަކަތަކެއް ދެއްކުމަކީ މި މެކްސީމްއާ ޚިލާފު ކަމެކެވެ. މި މެކްސީމްއާ އެއްގޮތަށް މުއާޞަލާތުކުރާނަމަ ދެކަމަކަށް އަޅުގަނޑުމެންގެ ސަމާލުކަން ދޭންޖެހެއެވެ. ފުރަތަމަ ކަމަކީ ސުވާލެއް ކުރުމުން އެސުވާލަކާ ނުގުޅޭ ގިނަ ވާހަކަތަކެއް ޖަވާބުގައި ހިމެނޭގޮތަށް ވާހަކަ ނުދެއްކުމެވެ. ހަމައެއާއެކު ކުރެވޭ ސުވާލެއްގެ ޖަވާބު ލިބޭ ވަރަށް މަޢުލޫމާތު ދިނުމެވެ. އެހެންކަމުން އަބަދުވެސް ވާހަކަ ދެއްކުމުގައި އަދި އެދައްކާ ވާހަކައަކާއި ނުވަތަ ކުރާ ސުވާލަކާ އެންމެ އެކަށީގެންވާ މިންވަރަށް މާ ކުރުނުކޮށް އަދި މާދިގުވެސްނުކޮށް ވާހަކަ ދެއްކުމުގެ މުހިންމުކަމަށް މި މެކްސީމްގައި ބާރުއަޅައެވެ. ދެފަރާތެއްގެ ދެމެދުގައި ދެކެވޭ ކޮންމެ ވާހަކައެއްވެސް ހާލަތާއި ވަގުތާގުޅޭގޮތަށް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓަންޖެހެއެވެ. ހަމައެއާއެކު ދައްކާ ވާހަކައަކާ އެކަށީގެންވާ މިންވަރެއްގެ މަޢުލޫމާތު އެ ވާހަކައެއްގައި ހިމެނެންޖެހެއެވެ. އަދި ދައްކާ ވާހަކައިގައި ބައިވެރިވާ ފަރާތް ނުވަތަ އަޑުއަހާ ފަރާތްތަކުން އެވާހަކައަކުން ސާފުކުރުމަށް ޝަޢުޤުވެރިކަން ހުންނަ މަޢުލޫމާތު އެދައްކާ ވާހަކައެއްގައި ހުންނަން ޖެހެއެވެ. ވާހަކަ ދައްކާއިރު މިންވަރެއް ނުހިފެހެއްޓޭނަމަ އަދި ދައްކާ ވާހަކައިގައި އެއްވާހަކަތަކާއި އެއް މަޢުލޫމާތުތަކެއް ތަކުރާރުވާނަމަ އެ މުއާޞަލާތެއް ކާމިޔާބެއް ނުވާނެއެވެ. މިއީ އަޑުއަހާ ވާހަކައެއްގެ ބަދަލުގައި އަޑުއިވޭ ވާހަކައަކަށް ވެދާނެއެވެ.
މިސާލު: 1
އަޙްމަދު: ހާދަރީތި ގަމީހެއް. ކޮންތާކުންގަތީ؟
ޢަލީ: ގަޔަތްވެސް ވަރަށް ފަސޭހަ. މާލޭ ބާޒާރަކުން މީގެ ގަމީހެއް ނުކެރޭނެ ހޯދާކަށް. މިނޫނިއްޔާ ދެކުނިންތަ މިކަހަލަ ގަމީހެއް. ބަލާލައިރު ހީވަނީ ވަރަށް ބޯވާނެހެންދޯ! އެކަމަކު މިއީ ވަރަށް ތުނިފޮއްޗެއް. މިއީ މިފަހަރު މެލޭޝިއާއިން އަންނަމުން އަންހެނުން އުފަންދުވަހުގެ ހަދިޔާއަކަށް ގެނެސްދިން ގަމީހެއް. ބުނި ރާއްޖޭގެ 200 ރުފިޔާވަރަށޯ ޖެހެނީ. ވަރަށް ސަޅިދޯ!
މަތީގައިވާ މިސާލުގައި އަޙްމަދުގެ ސުވާލަށް ޖަވާބުދިނުމުގައި ޢަލީވަނީ ބޭނުމެއްނެތް އެތައްވާހަކަތަކެއް ދައްކާފައެވެ. މިހުރިހާ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި މިއީ އަންހެނުން މެލޭޝިއާއިން ގެނައި ގަމީހެކޭ ބުނިނަމަވެސް ސުވާލުކުރިމީހަށް އޭނާގެ ޖަވާބު ލިބޭނެއެވެ.

މެކްސީމް އޮފް ކޮލިޓީ (Maxim of Quality)
މެކްސީމް އޮފް ކޮލިޓީ (Maxim of Quality) އަކީ ދައްކާވާހަކައިގެ ތެދުކަން ސާބިތުކޮށްދޭގޮތަށް ވާހަކަދެއްކުމުގެ މެކްސީމްއެވެ. މިމެކްސީމުގައި ބުނާގޮތުން ދައްކާވާހަކަ ވާންވާނީ އެދައްކާ ވާހަކައެއްގެ ތެދުކަން ސާބިތުކުރެވޭގޮތަށް ދެއްކޭވާހަކައަކަށެވެ. ނުވަތަ ތިމާއަށް އެދައްކާ ވާހަކައެއްގެ ތެދުކަންއެނގޭ، އެކަމުގެ ދަލީލު ދެއްކޭފަދަ ވާހަކަޔަކަށެވެ. މިއީ އެންމެ މުހިއްމު މެކްސީމެވެ. ސަބަބަކީ އެހެންހުރިހާ މެކުސީމަކަށް ތަބަޢަވެގެން ވާހަކަދެއްކި ނަމަވެސް މިމެކްސީމަށް ތަބަޢަނުވާނަމަ އެދެކެވުނު ހުރިހާވަހަކައެއް ބޭކާރުވާތީއެވެ. މިހެން މިކަންއޮތް ކަމުގައިވިޔަސް ދޮގުހެދުމާއި އޮޅުވާލުމަކީ އިންސާނުން ވާހަކަދެއްކުމުގައި ޢާއްމުކޮށް ކުރަމުންދާ ކަމެކެވެ. ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް، ނުވަތަ އެއްވެސް އަސްލެއްނެތް ބުހުތާންތައް މުޖްތަމަޢުގައި ތެދު ވާހަކަތަކުގެގޮތުގައި ފެތުރެމުންދަނީ އެފުރުސަތު މުޖްތަމަޢުން ދޭތީއެވެ. ބަސްވާރުން ވިދާޅުވާގޮތުގައި ދޮގުހެދުމުގެ ފުރުޞަތު އޮންނަނީ އެންމެންވެސް މިމެކްސީމަށް ތަބަޢަވާނެކަމަށް އަޅުގަނޑުމެން ޤަބުލުކުރާތީއެވެ. ޚާއްޞަކޮށް ބައެއް ފަރާތްތަކުން ފާޅުކަންބޮޑު ގޮތެއްގައި ދޮގު ވާހަކަތައް ދައްކަނީ އެދޮގު ވާހަކަތަކަށް ހެއްލޭނެ ގިނަބަޔަކު ތިބިކަން އެމީހަކަށް ޤަބޫލުކުރެވޭތީއެވެ. އަދި އެމީހެއްގެ ދޮގު ވާހަކަތަކާއި ޙަޤީޤަތާ ޚިލާފު ވާހަކަތައް އެއީ އެފަދަވާހަކަތަކެއް ކަމަށް ފަހުން އެބައިމީހުންނަށް އެނގުނުކަމަށްވިޔަސް އެމީހަކާ ދިމާލަށް ނަފުރަތުގެ އިނގިލި ދިމާނުކުރާނެކަން އެނގޭތީއެވެ. އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެހެން ދޮގުތަކަކުން އެފަރާތްތަކަށް ޙަޤީޤަތް އޮޅުވާލެވިދާނެކަމުގެ ފުރިހަމަ އިތުބާރު އެފަރާތަކަށް އޮންނާތީއެވެ.
މިސާލު:2
އައިމިނަތު: އޭހ! ތެދެއްތަ! ދެންމެ ތަށި ތަޅައިގެން ދިޔައީ ސަމާ އަތުންތަ؟
ޙައްވަ: ސަމާ އާއި ހަނާއާއި މުނާއާއި އަހަންނާއި ހަތަރު މީހުން ޖޫސްގިރަން އުޅެނިކޮށް ސަމާގެ ތަށި  ބިންމައްޗަށް ވެއްޓިފަ ތަށިތެޅުނީ.
މި މިސާލުގައި ޙައްވަގެ ވާހަކައިގެ ތެދުކަން ސާބިތުކޮށްދޭނެ އިތުރު އެހެން ދެމީހެއްގެ ވާހަކަވެސް އޭނާގެ ވާހަކައިގައި އެބަ ގެނެއެވެ. އެހެންކަމުން މި ވާހަކަ މެކްސީމް އޮފް ކޮލިޓީއަށް ފެތެއެވެ.

މެކްސީމް އޮފް ރިލޭޝަން  (Maxim of Relation)
މެކްސީމް އޮފް ރިލޭޝަން (Maxim of Relation) އަކީ ވަގުތާ ޙާލަތާ ވާހަކައިގެ މައުޟޫއާ ގުޅޭގޮތަށް  ވާހަކަދެއްކުމުގެ މެކްސީމްއެވެ. މިމެކްސީމުގައި ބުނާގޮތުން ވާހަކަދައްކާ ވަގުތާ ޙާލަތާ ނުވަތަ ވާހަކަދައްކާ މައުޟޫއާ ނުގުޅޭވާހަކަ ދައްކައިގެން ނުވާނެއެވެ. ބައެއް ފަހަރަށް ވާހަކަދައްކާ ހަދާއިރު ކުރެވޭ ސުވާލާ އެއްވެސް ވަރަކަށް ގުޅުމެއްނެތް ޖަވާބުތައްދީ ހަދާތަން ފެނެއެވެ. މި މެކްސީމްއާ ޚިލާފުވާ ބައެއް މީހުން ޚިލާފުވަނީ ނޭނގިގެން ކަމަށްވިޔަސް ބައެއް ފަރާތްތަކުން ގަސްތުގައިވެސް މި މެކްސީމްއާ ޚިލާފުވެއެވެ. ސީދާ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ހާލަތްތަކުގައި އެސުވާލުން ބަރީޢަވުމަށްޓަކައެވެ. މީގެ ގިނަ މިސާލުތައް އަޅުގަނޑުމެންނަށް ޢާއްމުކޮށް ފާހަގަކުރެވޭނީ މަޝްހޫރު ޝަހުސިއްޔަތުން ދެއްވާ ބަސްދީގަތުންނެވެ. އެބޭފުޅަކު އެސުވާލަކަށް ސީދާ ޖަވާބު ދެއްވަން ބޭނުންފުޅުނުވާ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ދައްކަވާ ވާހަކަފުޅުވާނީ މި މެކްސީމްއާ ޚިލާފަށް ދައްކަވާ ވާހަކަފުޅު ތަކަކަށެވެ. ނޭނގުމުގެ ތެރޭގައި މި މެކްސީމްއާ ޚިލާފުވާ މީހުން ޚިލާފުވަނީ ސުވާލުކުރި މީހާގެ ސުވާލުގެ ޖަވާބު، އޭނާއެދޭ ނުސީދާ ޖަވާބުން ލިބޭނެކަމަށް އުންމީދުކޮށްފައެވެ.
މިސާލު:3
ވަސީމް: ފަޒީލު، ޔަޒީދު ކޮބައިތަ؟
ފަޒީލް: ދެންމެ މިއައީ. މިއުޅެނީ ކެންޓީނަށް ދާންވެގެން ދާނަންތަ؟
މި މިސާލުގައި ވަސީމުގެ ސުވާލަށް ފަޒީލު އިޖާބަ ދިންނަމަވެސް ޖަވާބެއް ދީފައެއް ނުވެއެވެ. ވަސީމުކުރި ސުވާލުގެ ބަދަލުގައި ފަޒީލު އެވަނީ ޖަވާބާ ގުޅުމެއްނެތް އެހެން ވާހަކައަކަށް މަގުކޮށާފައެވެ. މި މިސާލުގައި ފަޒީލު އެވަނީ މެކްސީމް އޮފް ރިލޭޝަން އާ ޚިލާފުވެފައެވެ.

މެކްސީމް އޮފް މެނަރ  (Maxim of Manner)
މެކްސީމް އޮފް މެނަރ (Maxim of Manner) ނުވަތަ ދައްކާވާހަކަ އަޑުއަހާމީހުންނަށް އޮޅުންނާރާފަދަ ގޮތަކަށް ތަރުތީބުން ވާހަކަދެއްކުމުގެ މެކްސީމެވެ. މެކްސީމް އޮފް މެނަރއަކީ ދައްކާ ވާހަކަ ވަކި ޤަވާޢިދެއްގެ މަތިން ރާވާލައި އަޑުއަހާ މީހާއަށް އޮޅުންނާރާފަދަ ގޮތަކަށް ސާފުކޮށް ތަރުތީބުން ވާހަކަދެއްކުމެވެ. މިމެކްސީމުގެ ސަބަބުން ވާހަކަދައްކާ ފަރާތުގެ ވާހަކައިގައި ހިމެނިދާނެ އޮޅުންތަކުން އެއްކިބާވުމާއި، ބުނާބުނުން ތަކުން ސާފުސީދާ މާނަކުރުމަށް މަގުފަހިކުރުވައެވެ. މިޢިބާރާތްކޮޅުގައި ބުނާއެއްޗެއް ދޭހަވުމުގައި ހުރަސްއަޅަނީ އެޢިބާރާތްކޮޅު އަތުރާފައިވާ ތަރުތީބެވެ. އެހެންކަމުން މުއާމަލާތުކުރުމުގައި ތަރުތީބު މުހިއްމުވަނީ ހަމައެކަނި ކަމެއްކުރަންވީ ގޮތުގެ އިރުޝާދު ދިނުމަށް އެކަނި ނޫންކަން ދޭހަވެއެވެ. މުއާމަލާތުކުރުމުގައި މެކްސީމް އޮފް މެނަރއާއި ޚިލާފުވުމުން އަޑުއަހާ މީހުންނަށާއި ކިޔާމީހުންނަށް އޮޅުންފިލުމުގައި ދަތިތަކަކާ ކުރިމަތިވެއެވެ. ވީމާ މުއާމަލާތުކުރުމުގައި މެކްސިމް އޮފް މެނަރއަށް ތަބަޢަވާންޖެހެނީ މިސަބަބަށް ޓަކައެވެ. 
މިސާލު:4
މުދައްރިސް: އަނބުފަނި ގިރާނީ ކިހިނެއް؟
ދަރިވަރު: ފުރަތަމަ ފަނިގިރަން ބޭނުންކުރާ އަނބުތައް ރީތިކޮށް ދޮވެލާފައި ކޮށާލައި އޮށް ނަގާނީ. އެއަށްފަހު މިކްސްޗަރަށް ކޮށި އަނބުކޮޅުތަކާއި ހަކުރާއަޅާ ކުޑަ ފެންފޮދެއް އެޅުމަށްފަހު މިކްސްކޮށްލާނީ. ދެން ބޭނުންވާވަރަށް ފެން އެޅުމަށްފަހު ފޮނިހެޔޮވަރުކުރާނީ. އެއަށްފަހު ފުރާނާލީމަ އެހެރީ ތާޒާ އަނބުފަނި ހެދިފަ.
މި މިސާލުގައި މެކްސީމް އޮފް މެނަރ އަށް ދަރިވަރު ވަރަށް ރަނގަޅަށް ތަބަޢަވެއެވެ. އަނބުފަނި ގިރަންވީގޮތް އޭނާ ކިޔައިދިނީ ތަރުތީބުންނެވެ. މި މިސާލުގައި ތަރުތީބު ވަރަށް މުހިންމުވެއެވެ. ނަމަވެސް ތަރުތީބު މުހިންމުވަނީ ހަމައެކަނި ކަމެއް ކުރަންވީގޮތް ކިޔައިދޭއިރަކު ނޫނެވެ. މުއާޞަލާތު ކުރުމުގައި މެކްސީމް އޮފް މެނަރ އާ ޚިލާފުވުމުން އަޑުއަހާ މީހުންނަށާއި ކިޔާ މީހުންނަށް އޮޅުންފިލުމުގައި ދަތިތަކާ ކުރިމަތިވެއެވެ.
ފިލޯސަފަރ ޕޯލް ގުރައިސް ވިދާޅުވެފައިވާ ގޮތުގައި ވާހަކަދެއްކުމުގައި ދެފަރާތުންވެސް ހިފަހަށްޓަންޖެހޭ ހަމަތަކަކާއި ޤަވާޢިދުތަކެއްވެއެވެ. އެކަކު އަނެކަކާ ވާހަކަދައްކާ މުވާޞަލާތުކުރެވޭނީ ވާހަކަދައްކާ ދެފަރާތުންވެސް ވަކިހަމަތަކަކަށް ތަބަޢަވެ، ދެފަރާތުންވެސް އެކަންދަނެ އެކަމާ ޤަބޫލުވެގެންނެވެ. އެކަކު އަނެކަކާ ވާހަކަދައްކާ މުވާޞަލާތުކުރެވެނީ ދެފަރާތުންވެސް ވަކިހަމަތަކަކާއި އުޞޫލްތަކަކަށް ތަބަޢަވެ އެކަމާ އެއްބަސްވާތީއެވެ. ކޯޕަރޭޓިވް ޕްރިންސިޕަލް އަކީ ވާހަކަ ދައްކާއިރު އެވަގުތާއި ޙާލަތަށް އެންމެ އެކަށޭނަގޮތަށް ދެކެވެމުންދާ ވާހަކަޔާ ގުޅޭނެހެން އެވާހަކައިގެ މަޤުޞަދު ޙާޞިލްވާ މިންވަރަށް ވާހަކަދެއްކުމެވެ.
ބަސްވާރެއްކަމަށް ޖޯޖު ޔޫލޭ (1996) ގެ ނަސޭހަތަކީ ދެމީހަކު އެކަކު އަނެކަކާ ވާހަކަ ދެއްކުމުގައި ދެފަރާތުންވެސް އެންމެ އެކަށީގެންވާ ގޮތަށްވާހަކަ ދެއްކުމެވެ. މާނައަކީ އެދައްކާވާހަކަޔާ އެންމެ ގުޅޭގޮތަށް ދެފަރާތުންވެސް ވާހަކައިގައި ބައިވެރިވެ ވާހަކަދެއްކުމެވެ. މިގޮތަށް ވާހަކަދެއްކުމުގައި ހިފަހަށްޓަންޖެހޭ ހަމަތަކާ އުޞޫލުތަކަށް  ލިންގްއިސްޓިކް ހަމަތަކުން ކިޔަނީ (cooperative principle) ކޯޕަރޭޓިވް ޕްރިންސިޕަލްއެވެ. އެހެންކަމުން ކަނޑައެޅިގެން ނުބުނި ކަމުގައިވިޔަސް ކޯޕަރޭޓިވް ޕްރިންސިޕަލަކީ ވާހަކަދައްކާ ދެފަރާތުގެ މެދުގައި ވެފައިއޮންނަ އެއްބަސްވުމެއް ކަމުގައި ބެލިދާނެއެވެ.
ޝައްކެއްނެތް ގޮތުގައި ފިލޯސަފަރ ޕޯލް ގްރައިސް ގެ ކޯޕަރޭޓިވް ޕްރިންސިޕަލް ނުވަތަ ގުޅިގެން ވާހަކަ ދެއްކުމުގެ ޤަވާޢިދުގައި ހިމެނޭ ހަތަރު ނުކުތާއަކީ މުއާޞަލާތު ކުރާއިރު ތަބާވުން ވަރަށް މުހިންމު ހަތަރު ނުކުތާއެވެ. ދައްކާ ވާހަކައިގެ މަޤްޞަދު ހާސިލުވުމަށްޓަކައެވެ. ކޮންމެ ވާހަކައެއްވެސް ވަގުތާއި ޙާލަތަށް ބެލުމަށްފަހު އެވާހަކައެއް ބުނަންވާ މިންވަރަށް ބުނަންވާ މަޤާމުގައި ބުނުމަށްޓަކައެވެ. ކޮންމެ ކަމަކާގުޅިގެން ވާހަކަ ދެއްކި ކަމުގައިވިޔަސް އެވާހަކައެއް ދުލާއި ގަލަމުން ނުވަތަ އެހެން ވަސީލަތަކުން ހާމަކުރި ކަމުގެކުރިން ބުއްދިއާއި ޢިލުމުގެ އަލީގައި ޢިބާރާތްތައް އަތުރާލުން މުހިންމުކަން ވިސްނައިގަތުމަށްޓަކައެވެ. އަބަދުވެސް ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ގުޅުންތެރިކަން ދެމެހެއްޓުމާއި ވާހަކައިގެ ގުޅުންތެރިކަން ހިފެހެއްޓުމަށް ސަމާލުކަންދިނުމަށްޓަކައެވެ.
މުއާޞަލާތު ކާމިޔާބު ކުރުމަށްޓަކައި މުޚާޠަބުކުރެވޭ އެމީހުންގެ ސަޤާފަތާއި އާދަކާދައާއި އަދަބުތަކަށް ރައްކާތެރިވުމަކީވެސް މުހިންމުކަމެކެވެ. ހަމައެއާއެކު ވާހަކަ ދައްކަމުންދާއިރު ޕްރޮފެސަރ ޕޯލް ގްރައިސްގެ ހަތަރު ނުކުތާއަށް އަބަދުވެސް ސަމާލުކަންދީގެން ދެން ބުނަންވީ ވާހަކައަކާމެދު ވިސްނަމުން، ވިސްނުންތެރިކަމާއެކު ވާހަކަދައްކާނަމަ އެކުރާ މުއާޞަލާތެއް ކާމިޔާބުވާނެއެވެ. ވާހަކަދައްކާއިރު ވަގުތާ ޙާލަތާ ގުޅޭ މިންވަރަށް ވާހަކަ ދައްކަވާށެވެ. ތެދުކަން ސާބިތުކޮށްދޭގޮތަށް ވާހަކަ ބައްޓަންކުރައްވާށެވެ. ވަގުތާ ޙާލަތާ ވާހަކައިގެ މައުޟޫއާ ގުޅޭގޮތަށް  ވާހަކައިގެ އަމާޒު ގެންގުޅުއްވާށެވެ. ދައްކާ ވާހަކަ އަޑުއަހާމީހުންނަށް އޮޅުންނާރާފަދަ ގޮތަކަށް ތަރުތީބުން އެމުނުންތަކާއި އެތުރުންތައް ތަރުތީބު ކުރައްވާށެވެ. ފިލޯސަފަރ ޕޯލް ގްރައިސްގެ މިމެކްސީމްތަކަކީ އިންސާނީ ބޭނުންތައް ފަސޭހަކަމާއެކު ހެޔޮގޮތުގައި ފުއްދުމަށް ނުހަނު ބޮޑަށް އެހީތެރިވެދޭ ކާމިޔާބު މެކުސީމް ތަކެއްކަން އޭރުން އެނގިވަޑައިގަންނަވާނެއެވެ.








ހަވާލާ:
1-     ޕޯލް ގްރައިސް (1975). ލޮޖިކް އެންޑް ކޮންވަރސޭޝަން. http://courses.media.mit.edu/2004spring/mas966/Grice%20Logic%20and%20Conversation.pdf
2-     ސްޓެފަން ނީލް (1992)، ލޭންގްއިސްޓިކްސް އެންޑް ފިލޯސަފީ
3-     އާދަމް ނަޞީރު އިބްރާހިމް(2012)، އައްޑަނަ 11، http://addana.mv/magazine/11
4-     ކުރޮޅި އާދަމް ޒާހިރު (2012)، މަނަދޫލައިވް ، http://manadhoolive.com.mv/read/22508
5-     ޖާވިޝް ހަމީދު (2006)، ރަދީފް، www.radheef.com
6-     އޮކްސްފޯޑް ޔުނިވަރސިޓީ (2012) އޮކްސްފޯޑް ޑިކްޝަނަރީ، http://oxforddictionaries.com
7-     ޝަކީލާ އަޙްމަދު (2009)، ފަންވަތް،  http://www.fanvai.info/biography/khaassa/608-2009-04-03-15-40-53.html
8-      ޕްރެންޓިސް ހޯލް، ވެބްސްޓަރ ނިއުވޯލްޑް އެންސައިކޮލަޕީޑިއަރ (1992) ISBN: 013947482X 9780139474828

No comments: