Monday, April 4, 2011

ޢާޝޫރާ ދުވަސް

ޢާޝޫރާ ދުވަސް

ޢާޝޫރާ ދުވަހަކީ، މޫސާ ޢަލައިހިއްސަލާމް، ފިރްޢައުނުގެ ނުބައިކަމުން މާތްﷲ ސަލާމަތްކޮށްދެއްވި ދުވަހެވެ. ބަނީ އިސްރާއީލު މީހުންނާއެކުގައި މޫސާގެފާނު ކަނޑުގެ އައްސޭރިއަށް ނުކުމެވަޑައިގެންހިނދު، ﷲ ސުބުޙާނަހޫ ވަތަޢާލާ މޫސާގެފާނަށްދެއްވި އެންމެ މަތިވެރި އެއް މުޢުޖިޒާތް ދެއްކެވިއެވެ. އެއީ އެކަލޭގެފާނުގެ ޢަޞާކޮޅުން ޖެއްސެވުމުން ކަނޑު ދެފަޅިވެ، މޫސާގެފާނާއި ބަނީ އިސްރާއީލުން ކަނޑު ހުރަސްކުރުމަށް މަގެއް ހެދުނެވެ. މޫސާގެފާނާއި ބަނީ އިސްރާއީލުން ކަނޑު ހުރަސްކުރުމުން، ދެފަރާތަށް ކެހިފައިވާ މަގުގެ ފެންގަނޑު ފެތުރި ފިރުޢައުނާއި އޭނާގެ ލަޝްކަރު ކަނޑުވެ ޣަރަޤުވެގެން ދިޔައެވެ. ޢާޝޫރާ ދުވަހަކީ މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. މިދުވަސް މިއަހަރު ދިމާވަނީ މިހިނގާ ޑިސެމްބަރ 16 ވަނަ ދުވަހާއެވެ.

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއިރު ޔަހޫދީން މޫސާގެފާނު ފިރުޢައުނުގެ ކިބައިން ސަލާމަތްކޮށްދެއްވި ދުވަސް ފާހަގަކޮށް އެކަމަށް ޝުކުރުވެރިވުމުގެ ގޮތުން ރޯދަ ހިފަމުން ދިޔައެވެ. މޫސާގެފާނަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށްޓަކައި އުފާފާޅުކުރުން އެންމެ އައުލާވެގެންވަނީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކަމުގައި ދެކެވަޑައިގެން ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އެދުވަހުގައި ރޯދަ ހިއްޕެވިއެވެ. އަދި ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން އެދުވަހުގެ ކުރީން އެއްދުވަސް ނުވަތަ ފަހުން އެއްދުވަހު ރޯދަ ހިފުމަށް އިރުޝާދު ދެއްވެވިއެވެ.

ކީރިތި ޤުރުއާނުގައި އެންމެ ގިނަ ވާހަކަތައް ވާރިދުވެފައިވާ، އަދި އެންމެ ގިނަ ފަހަރު ނަންފުޅު ޒިކުރުވެވިފައިވާ ރަސޫލުބޭކަލަކީ، މޫސާޢަލައިހިއްސަލާމްއެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ، މިޞްރުގެ ބިމަށެވެ. އޭރު މިޞްރުގައި ރަސްކަންކުރަމުން ދިޔަ ފިރްޢައުނަކީ އަމިއްލައަށް ކަލަކުކަމަށް ދަޢުވާކޮށް، އަނިޔާވެރި ވެރިކަމެއް ހިންގަމުންދިޔަ ނުބައިނުލަފާ ޚުދުމުޚްތާރު މީހެކެވެ. މޫސާގެފާނު އޭނާއަށް ދީނަށް ގޮވާލެއްވިއެވެ.

ހައްދު ފަހަނައަޅާފައިވާ ނުބައި ޢަމަލުތައް ހުއްޓާލާ، ހެޔޮމަގަށް ރުޖޫޢަވޭތޯ، އެތައް މުޢުޖިޒާތެއް މާތްﷲ ފިރްޢައުނަށް ދެއްކެވިއެވެ. އޭގެތެރޭގައި މުދާތަކާއެކު ޤާރޫން ގަންބަވައިގަތުމާއި، އެކިޒާތުގެ ތޫފާންތަކާއި، ތަދުމަޑުކަމާ، ސާފުބޯފެން ލެޔަށް ބަދަލުކުރެއްވުމާއި، ގޮށްފުޅަނތްގާއި ބޮކުގެ ބައިގަނޑުތައް ފޮނުއްވައި ފިރްޢައުނު ނިކަމެތިކުރެއްވުން ހިމެނެއެވެ. މިއިން އެއްވެސްކަމަކުން ޢިބްރަތްލިބިނުގަނެ، ފިރްޢައުނަކީ ކަލާނގެކަމުގައި ބުނެ، މޫސާގެފާނު ޤަތުލުކުޅައުމަށް އޭނާގެ ސިފައިންނާއިއެކު ނުކުތުމުގެ ނަތީޖާއަކަށްވީ، ފިރްޢައުނު ޣަރަޤުވެ ނެތިދިއުމެވެ. ޢާޝޫރާ ދުވަހަކީ އެއީއެވެ.

ޢާޝޫރާ ދުވަހަކީ އިސްލާމީ ތާރީޚްގައި ވަރަށް ހިތާމަވެރި ހާދިސާއެއްވެސް ހިގާފައިވާ ދުވަހެކެވެ. އެއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކާފަދަރިކަލުން، ޙުސައިންގެފާނު ޝަހީދުކޮށްލި ދުވަހެވެ. މި ހާދިސާ ހިނގާފައިވަނީ މުސްލިމުންގެ މެދުގައި ހިނގި ފިތުނަތަކަކާއި ލޭ އޮހޮރުވުންތަކެއްގެ ތެރޭގައެވެ. އެ ހާދިސާ ހިނގީ ހިޖުރައިން 61 ވަނަ އަހަރު މުޙައްރަމް މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ މީލާދީން 680 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 2 ވަނަ ދުވަހެވެ.

No comments: