Sunday, January 17, 2010

އަހަރެން ލަންދޫއަށް ކުރި ފުރަތަމަ ދަތުރު (ފުރަތަމަ ބައި)

ޢަބްދުﷲ ސަޢީދު

 ކުރިމަތިން ފެންނަން އޮތް ރަށާދިމާލަށް އިޝާރާތްކޮށްފައި ކުއްޖަކު ބުންޏެވެ. އެއީ މާބަދިގެއެވެ. އަހަރެން އެތަނަށް އެރީމެވެ. އެތަން ވަރަށް އުސްވާނެއެވެ. ކުއްޅަވައް ގަސްތައް އޮންނަނީ އެތަނާ ވަރަށް ކައިރީގައެވެ. އޭރު ލަންދޫ މާބަދިގެ ހުންނަ ސަރަޙައްދުގެ ގާފުނި ރަށުގެ މަލަމަތިން ރީތިކޮށް ފެނެއެވެ. އޭރު އަހަރެންގެ އުމުރުންވާނީ ތޭރަ ވަރަކަށް އަހަރެވެ. އެދަތުރުގައި ދިޔައީ އަހަރެން އޭރު އުޅެމުން އައި ކްލާހުގެ ދަރިވަރުންނެވެ. އެއީ މީހުން ދިރިއުޅޭ ރަށަކަށް ސްކޫލުގެ އެއްފުރާ ކުދިންތަކަކާއެކު ކުރެވުނު ފުރަތަމަ ދަތުރެވެ.

 

ހައިރާން ކުރަނިވި މަންޒަރެއް

 ފެންނަމުން ދިޔައީ އުސް މަލަމައްޗެކެވެ. ދޮންވެލީގެ ރީތި ބޮޑު ގޮޑުދޮށެކެވެ. އަތިރިމަތީގައި ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ހޭލަމޭލަވެ އުޅެއެވެ. ހާދަގިނަ ބައެކެވެ. އެއީ ކީއްކުރާ ބައެއް ހެއްޔެވެ؟ އަހަރެމެން ދަތުރުކުރި ދޯނިގޮސް ދޮންވެލިގަނޑާ ދިރުބާކޮޅު ކައިރިކޮށްލިއެވެ. އެވަގުތު ފިރިހެންވެރިން މޫދަށް އެރިގެންފިއެވެ. އެހެންގިނަ ކުދިންނެކޭ އެއްފަދައިން އަހަރެންވެސް އެރަށަށް ފޭބީ މީހެއްގެ ކޮޑުމަތީގައެވެ. ދޮން ވެލިގަނޑުމަތީގައި ބެހެއްޓުމާއެކު ފައި ގަނބައިގެން ދިޔައެވެ. ސްކޫލު ކުދިންނާއި ރަށުގެ އަންހެންވެރިން އަހަރެމެންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ. އެމަންޒަރު ފެނިފައި އަހަރެން ހައިރާންވިއެވެ. އަހަރެންނަށް ލިބުނު މާބޮޑި ހިފައިގެން މަޑުކޮށްލީމެވެ. ދަބަސްތައް ލިބެންދެންނެވެ. އެވަގުތު މީހަކު ބުންޏެވެ. ދަބަސްތައް އަހަރެމެން ގެންދާނަމެވެ. އެކުދިން ގޮވައިގެން އާމިރު ދާށެވެ.

 

އަހަރެންނަށް ލަންދޫން ފުރަތަމަ އަޅައިގަތީ ނެރުބައްތިއެވެ. ކަނޑިންމަ ފާހަގަ ކުރުމަށް އެއްގަމުގައި ޖަހާފައިހުރި ދެ އަޅޮލުގެ ތެރެއިން އެއް އަޅޮލުގައި ހަރުކޮށްފައިހުރީ ލޭނު ބޮޔެކެވެ. އަނެއް އަޅޮލުގައި ހަރުކޮށްފައިހުރީ ޕްލާސްޓިކް ހަމެކެވެ. އެދޭތި އެއްމިސްރާބު ވީމާ އެއޮތީ ދަތުރުކުރާ މީހުންނަށް ސުވާލެއްނެތި ލަންދޫ ކަނޑިން ކަށަވަރުވެފައެވެ. އަނެއް ކަމަކަށް ފާހަގަ ކުރެވުނީ އެރަށުގައި ހެދިފައިހުރި ޖޭމު ގަސްތަކެވެ. އަހަރެމެންގެ ރަށަކީ އޭރު އެއްގޮތަކަށްވެސް ޖޭމުގަސް ހުންނަ ރަށެއް ނޫނެވެ. ރަތްކުލައިގެ ބޮޑެތި ދޮންޖޭމުތައް ފެނުމުން ލިބުނު ހިރާންކަންވެސް ކުޑައެއްނޫނެވެ. ޖޭމުގަހެއް ނެތް ގެއެއް އޭރު އެރަށުގައި މަދެވެ. އެރަށަށް އަރައިގެން ދިޔައިރު ފެނުނީ އެހެން އެއްވެސް ރަށަކުން ނުފެންނަ ގޮތަށް އޮތް މަގެކެވެ. އެއީ އެރަށުގެ ބޮޑުމަގެވެ. ރަށުގެތެރެއަށް ތަންކޮޅަކަށް އެރިތަނުން އެމަގު އޮތީ ދެކަފިވެފައެވެ. އެއީ އެރަށަށް ލިބިފައިވާ ޚާއްޞަ ސިފައެކޭ އަހަރެން ހިތަށް އެރިއެވެ.

 

އަހަރެން ހުރީ ރަށުމީހެއްގެ ގޭގައި

ލަންދޫގައި ސްކޫލަށް ހުރިހާ ކުދިން ދިއުމުން އެކުދިންނާ ޙަވާލުވާންޖެހޭ މީހުން އަތުވެއްޖެއެވެ. އާއިލީގޮތުން އެރަށުގައި ގާތް މީހުން ތިބި ކުދިން ދިޔައީ އެކުދިންގެ ތިމާގެ މީހުންގެ ގޭގެއަށެވެ. އަހަރެންގެ ތިމާގެ މީހަކު އެރަށަކު ނުހުރެއެވެ. އަހަރެންނާއި ދެންވެސް އެހެންތިބި ކުދިންނާ ހަވާލުވީ ކުދިންނާ ހަވާލުވުމަށް ގޮސްތިބި އެރަށުގެ ސްކޫލުގެ ބެލެނިވެރިންނެވެ. އަހަރެންގެ އަތުގައި ހިފައިގެން ދެމަފިރިއަކު ހިގައިގަތެވެ. އަހަރެންގެ ދަބަސް ހިފައިގެން ހުރީ ފިރިހެން މީހާއެވެ. އެގެއަށް ގޮސް އަހަރެން ފެންވެރީމެވެ. ފެންވަރައިގެން ދިޔައީ ޢިޝާނަމާދަށެވެ. ޢިޝާނަމާދު ކޮށްގެން ގެއަށް އައިއިރު ހުރީ ކާންހަދާފައެވެ. ދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސްވަރެކެވެ. އެގޭގައި ހުރީ ބަތާއި ރިހާކުރެވެ. އަހަރެންނަކީ އޭރު ރޭގަނޑު ބަތްކާ މީހެއްނޫނެވެ.  އެހެންނަމަވެސް އެގޭ ބޭބެއާއެކު އަހަރެން ހަމަ ރަނގަޅަށް ބަނޑުބޮޑުވަންދެން ކޭމެއެވެ. ރޯމިރުހާއި ރިހާކުރާ ބޮޑިއާ ހިކިމަސްވެސް ހުއްޓެވެ. އަހަރެންނަށް ކާން ހަދައިދީގެން އަހަރެމެން ކަންދެން އެގޭ ދައްތަ އެތަނުގައި ހުއްޓެވެ. އެވަގުތު އެގޭ ބޭބެ އަހަރެންނަށް ތަޢާރަފުވިއެވެ. އަހަރެންވެސް އަހަރެންގެ ނަމާއި މަންމަމެން ބައްޕަމެންނަކީ ކޮންބައެއްކަން ބުނީމެވެ. ދައްތައަށާއި ބޭބެއަށް އަހަރެންނަކީ ކާކުކަން އެގިއްޖެއެވެ. އެދައްތައަކީ އަހަރެމެން ރަށުގެ މީހެއްގެ ދަރިއެކޭ ބުނީމާ އަހަރެން ހައިރާންވިއެވެ. އެވަގުތު އެރަށުގައި ދިރިއުޅެނީ ކީއްވެގެންތޯ އަހަރެންނަށް އަހާލެވުނެވެ. އެއީ ދިގު ވާހަކައެކެވެ. އެވާހަކަ ދައްކަން ތިބޭހާ ވަގުތެއްނެތެވެ. ކުޅިވަރުގަނޑިޖެހެނީއެވެ. އެއީ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ގޮތުން ލާމަސީލު ދެމަފިރިންނެވެ. ( ނުނިމޭ )

No comments: