Sunday, December 6, 2009

މިހެން އުޅެގެން މަރުވާއިރު ޝަހާދަތަކީ ކިޔޭގެ އެއްޗެއް ނޫނެވެ

އަހަރެންގެ ރަޙްމަތްތެރި މުޙައްމަދު ޚަލީލު ބުންޏެވެ. މަރުވާއިރު ޝަހާދަތް ކިޔާލެވިދާނެކަމަށް ހީކުރިއަސް އެއީ މިހެން އުޅެގެން ކުރެވޭނެ ކަމެއްނޫންކަށް މިހާރު ޔަގީންވެއްޖެއެވެ. ޚަލީލު އެއް ދުވަހަކު ދިޔައީ ދުވެލާށެވެ. ޓްރެކް ދަނޑުގައި ދެތިންބުރު ޖަހާލުމަށްފަހު ޕްޝަޕްސް އާއި ޝިޓްއަޕްސް ހެދިއެވެ. ގިނަ ދުވަސްތަކެއް ވަންދެން ދުވެނުލާ ހުރެފައި ޚަލީލު ދުވެލާފައި ގެއަށްދިޔައެވެ. ގެއަށްގޮސް ފެންނުވަރާ އޭނާ މަޑުކޮށްލިއެވެ. ދާހިތްލުން މައިތިރި ނުވާތީއެވެ. ކުޑައިކޮށް ހުންނަނީ ހިތްއަވަސްވެ ކަންބޮޑުވާގޮތެއް ވެފައެވެ. އެހެން އޮއްވާ ޚަލީލު އަންހެނުން ބުނެފިއެވެ. މާރީއްޗަކަށް ފެންނުވަރާ ތިނަ އޮންނަނީ ކީއްވެގެން ހެއްޔެވެ؟ ޚަލީލު ބުނެފިއެވެ. މިއުޅެނީ ދާހިލުން ނުހުއްޓިގެންނެވެ. އެހެން އޮންނަތާ އިރުކޮޅެއްވީފަހުން އަނެއްކާވެސް ޚަލީލު އަންހެނުން އައިސް ވާހަކަ ދެއްކިއެވެ. ޚަލީލަށް ވާގޮތް ކިޔައިދިނުމުން އަންހެނުން ބުނީ ހޮސްޕިޓަލަށް ދާންވީ ކަމުގައެވެ.

އެންމެފަހުން ހޮސްޕިޓަލަށް ދާން ނިންމިއެވެ. އެކަމަކު ގޭމީހުންކައިރި ބުނީ ތަނަކަށް ގޮސްލަނީކަމަށެވެ. ޚަލީލު އާއި ޚަލީލުގެ އަންހެނުން ސައިކަލުގައި ހެންވޭރުން އައިޖީއެމްއެޗަށް ދިއުމަށް ނައްޓާލިއެވެ. ސައިކަލް ދުއްވަންއިނީ ޚަލީލެވެ. އަޙްމަދިއްޔާ ސްކޫލާ އަރާ ހަމަވިތަނާ ޚަލީލުގެ ދެއަތް ފިނިވާން ފެށިއެވެ. ސައިކަލް މަޑުކޮށްފައި ޚަލީލަށް ވާގޮތް އަންހެނުން ކައިރި ބުންޏެވެ. މެއަށް ބާރުކޮށް ނޭވާ ހާސްވަނީއެވެ. އަތުގެ އިނގިލަތަކުން ފެށިގެން މުޅިއަތް އައްސިވަނީއެވެ. އެވަގުތު އެތަން ބަލަންހުރި މީހަކު އައިސް ޚަލީލުގެ އަންހެނުންނާއެކު ޚަލީލު އެތަނުން ދިޔަ ޓެކްސީއަކަށް އެރުވިއެވެ. އޭރު ޚަލީލު ތެޅިފޮޅެނީއެވެ. ނޭވާނައިސްގެންނެވެ. ނޭވާ ހާސްވާތީއެވެ. ޚަލީލު ހީކުރީ އޭނާގެ ފުރާނަ ދަނީ ކަމަށެވެ. ޓެކްސީގެ ބިއްލޫރިގަނޑު ތިރިކޮށްގެން ބޯބޭރަށް ލެވޭތޯވެސް ޚަލީލު އުޅެއެވެ. އަންހެނުން ހަނދާނެގޮތް ބޮޑުވެފައި ބާރަށް ޓެކްސީ ދުއްވަން ބުނެއެވެ. ޚަލީލު ހީކުރީ ކާރުތެރެއަށް އޭނާ މަރުވަނީކަމަށެވެ.

ހޮސްޕިޓަލަށް ގެންގޮސް ހާޓްއެޓޭކް ޖެހޭ މީހުންނަށް ޖަހާކަހަލަ ވަރުގަދަ ދެ އިންޖެކްޝަން ޖަހައިފިއެވެ. އިރުކޮޅަކުން މައިތިރިވަމުންގޮސް ޚަލީލު ހަމައަކަށް އެޅިއްޖެއެވެ. އޭގެފަހުން ނެގި ޓެސްޓްތަކުންވެސް ކަމެއް ޑޮކްޓަރުންނަކަށް ފާހަގައެއް ނުކުރެވުނެވެ. އެތެރެ ހަށީގެ ޑޮކްޓަރުންވެސް ބުނީ ކަމެއް ނެތް ކަމަށެވެ. ދުވެހެދުމުންވީ ގޮތެއްކަމަށްވާނަމަ ޑޮކްޓަރުންގެ ލަފައަކީ ނުދުވުމެވެ. އެކަމުގައި އަވަސް އަވަހަށް ޚަލީލު ދިޔައީ ފަރުވާ ހޯދަން އިންޑިއާއަށެވެ. ހިތުގެ ބައިވަރު ޓެސްޓްތައް ހެދިއެވެ. ހިތުގެ މައްސަލައެއް ނެތެވެ. ޚަލީލު ބުނިގޮތުގައި ކްލޮސްޓްރޯލް މަތީއެވެ. ޑޮކްޓަރުންގެ ލަފައަކީ ބޭސް ބޭނުންކޮށްގެން ކޮލޮސްޓްރޯލް ދަށްކުރުމެވެ. ކޮންމެއަކަސް ﷲ ގެ މިންވަރުފުޅުން ޚަލީލް ޝިފާ ލިބިއްޖެއެވެ.

ޚަލީލު ބުނިގޮތުގައި މިކަމުން އެނގުނު ކަމަކީ ހަގީގަތުގައި އެދުވަހު މަރުވި ނަމަވެސް އޭނާއަށް ޝަހާދަތް ނުކިޔޭނެކަމެވެ. އޭނާއަކަށް ޝަހާދަތް މައްޗަކުން ހަނދާނެއް ނުވިއެވެ. ﷲގެ މައްޗަކުން ހަނދާނެއް ނުވިއެވެ. ބައްޔަށް ޝިފާ ދެއްވަނީ ﷲ ކަމާއި ފުރާނަ ގެންދަވަނީ އެކަލާނގެ ހަޒުރަތަށްކަމެއް އެވަގުތަކު ހަނދާނަކަށް ނައެވެ. ޚަލީލު ބުނިގޮތުގައި އުޅެވޭގޮތް ރަނގަޅު ނޫނީއެވެ. ރަނގަޅަށް ނޫޅޭ މީހަކަށް ޝަހާދަތުގެ ދެކަލިމަ ނުކިޔޭނެކަން ޚަލީލަށް ޔަގީންވީ މިހާދިސާއިންނެވެ.

No comments: