Friday, January 22, 2010

ލޭބޯމީހާ

ޝާޒު ކިޔައިދިނެވެ. އޭރު ޝާޒު އުޅުނީ ދޫނިދޫގައި ޖަލު ބަލަހައްޓާށެވެ. އެދުވަސްވަރު ދޫނިދޫގައި އުޅުނު ސިފައިންގެ މީހުންގެ ތެރެއިން މީހަކު ވަރަށް އެކަހެރިކޮށް އުޅުނެވެ. އޭނާ ޑިއުޓީއަށް ނިކުންނަނީ ހިތަށް އެރިއްޔާއެވެ. ޑިއުޓީއަށް ނުނިކުންނަ ދުވަސްދުވަހު އޭނާ ހައްދަނީ ސަލާމެވެ. އޭނާއަކާ އެއްވެސް މީހަކު ނުގުޅެއެވެ. އޭނާ އުޅެނީ އެހެންމީހުންނާ ދުރުން ދުރުންނެވެ. ރޭގަނޑު ގިނަ ވަގުތު އުޅެނީ ހޭލައެވެ. ދުވާލު ނިދާފައި އޮއްވާ ފެންނާނެއެވެ

އެދުވަސްވަރު ޖަލުގެ ސަރުދާރު އޮޅު ބުޅަލެއް ގެންގުޅުނެވެ. އެއީ ވަރަށް ލޯބިން ގެންގުޅުނު ބުޅަލެކެވެ. އެއްދުވަހަކު އިރުއެރިއިރު އެއްކަލަ ބުޅާ އޮތީ މަރުވެފައެވެ. ބުޅާ މަރާލީ ކާކުތޯ ސަރުދާރު ބަލަންފަށައިފިއެވެ. ބުޅާ މަރާލި މީހަކުނުވިއެވެ. އެކަމަކު ޝާޒުމެންނަކީ ވަރަށް ސަކަ ކޮށް އުޅޭ ގުރޫޕަކަށްވާތީ ސަރުދާރު ނިންމީ އެއީ ޝާޒުމެން ކުރިކަމެއްކަމަށެވެ. އެކަމަކު އެބުޅަލަށް އެއްވެސް އަނިޔާއެއްފައިނެތުމުން ސަރުދާރުވެސް މާބޮޑުވަރު އަރުވާލައިގެންނެއް ނޫޅެއެވެ

އެއްދުވަހަކު އެއްކަލަ މީހާއާ ޝާޒުއާ ދިމާވެއްޖެއެވެ. އޭނާ ހުރީ ވަރަށް ފާޑަކަށެވެ. ޝާޒު އޭނާއާ ވާހަކަ ދައްކަން ފެށުމުން މަޑުމަޑުން އޭނާވެސް ވާހަކަ ދައްކަން ފެށިއެވެ. ވާހަކަ ދައްކަމުންގޮސް އޭނާގެ ބައްޔާބެހޭ ގޮތުންވެސް ވާހަކަ ދެއްކިއެވެ. އެއްވެސް މީހަކު ކައިރި ނުބުނާމަތިންނޭ ބުނެ އޭނާ ބުނި ވާހަކައަކުން ޝާޒުގެ ދެފައިކޮޅުން ވާގި ދޫވާހެން ހީވިއެވެ. އޭނާ ބުންޏެވެ. އޭނާ އަކީ ލޭބޯ މީހެކެވެ. ޝާޒަށް އެކަން ޤަބޫލުކުރަން ފަސޭހައެއްނުވިއެވެ. އެހިސާބުން އެމީހާ އެކަން ޕްރޫޕް ކޮށްދެން ބޭނުންވިއެވެ. ޖީބުން ނެގީ ސިރިންޖެކެވެ. އޭގައި ކޮންމެވެސް ވަރަކަށް ލޭގެ އަސަރުވެސް ހުއްޓެވެ. އޭނާ ބުނިގޮތުންނަމަ ބަލި ބޮޑުވުމުން ލޭބޯންޖެހެއެވެ. އެހެންވީމާ އެކިއެކި ދިރޭ ސޫފިން ލޭ ދަމައިގެން ބޮނީއެވެ. އޭނާ ބޮނީ ސިރިންޖުން ދޫމައްޗަށް ތިކި ޖައްސައިގެންނެވެ. އެހެން ބުންޏަސް ޝާޒަކަށް ޤަބޫލެއް ނުކުރެވުނެވެ. އެކަމަކު އެމީހާ ބުނިގޮތުގައި ސަރުދާރުގެ ބުޅާވެސް މަރުވީ އޭނާ އަތުންނެވެ. އެއީ ބުޅާ އަތުލައިގަނެގެން އެސޮރުން ލޭނަގާނަގައި ހުސްވެގެންނެވެ. އެހިސާބުން ކުޑަކޮށް ޝާޒުވެސް ބިރު ގަންނަން ފެށިއެވެ. ދެން އޭނާ ދެއްކީ ދެއަތެވެ. ލޭނަގަން ކަށިޖަހާފައިހުރި ބައިވަރު ތަންތަން ހުއްޓެވެ. ޝާޒުއަށް ދައްކާލުމުގެ ގޮތުން އަމިއްލަ އަތަށް ސިރިންޖު ޖެހުމަށްފަހު ލޭނަގަންފެށިއެވެ

މިވާހަކަ އަވަސް އަވަހަށް ޝާޒު ވެރިންނަށް ރިޕޯޓްކޮށްފިއެވެ. އޭނާ ރެޑްހޭންޑްކޮށް އަތުލައި ގަތުމަށްޓަކައި ޝާޒުމެން އޭނާއަށް ފާރަލާން ފެށިއެވެ. އެރޭ ދަންވަރު ޝާޒު އާއި އޭނާގެ ގްރޫޕުން ދިޔައީ އޭނާއަށް ފާރަލަމުންނެވެ. އެރޭ އޭނާ މީހުން ނިދާ ބެރެކްސް އަށް ވަދެފިއެވެ. ޝާޒުމެން ތިބީ ބަލާށެވެ. ވަދެގެން ދިޔަގޮތަށްގޮސް ނިދާފައި އޮތް މީހެއްގެ ކައިރީގައި ހުއްޓިފައި ސިރިންޖު ނެގިއެވެ. އަދި މަގަތުގައި އޮތް އަތުގައި ހިފާ ކަށި ދިމާކުރިއެވެ. އެވަގުތު ޝާޒުމެން ގްރޫޕުން ކެއްސާލާ ހެދުމުން ދެކޮޅު ބަލާފައި އަތް ދޫކޮށްލިއެވެ. އިރުކޮޅަކުން އަނެއްކާވެސް އަނެއް އަތް ނަގައިފިއެވެ. ކޮންމެ އަކަސް މި މީހަކީ ލޭބޯ މީހެއްކަން އެހެން މީހުންނަށްވެސް ޔަގީންވެއްޖެއެވެ. އެކަމަކު ފުލުސް އޮފީހުން އެންގީ އޭނާއަށް ބޮޑަށް ފާރަވެރިވުމަށާއި އޭނާ ގެންގުޅޭ ތަކެތި އަތުލައިގަތުމަށެވެ. ޝާޒުމެން އެތަކެތިވެސް ވަރަށްވަރުން ހޯދިއެވެ. ސިރިންޖު ހުރީ ގަހަކަށް ޖެހިގޮތަށެވެ

މިހާރު މިބުނާ މީހާ އުޅެނީ ސިފައިންގެއިން ކެޑިގެންނެވެ. މި މީހާ ބުނިކަމަށް ޝާޒުބުނީ އެމީހާ ހަވާލާދީ ބުނީ އެއީ ބައްޔެއް ކަމަށާއި އެކަމަށް ރާއްޖެއިން ބޭރުން ބޭސްކުރުމުން މިހާރު ރަނގަޅުވެއްޖެކަމަށެވެ.

No comments: