Thursday, December 3, 2009

ޝިހާބުގެ ނަސޭހަތް

ބައްޕަ ކިޔައިދިނެވެ. ހޮޅުދޫ ޙަސަން ކަލޭފާނު ( ހޮޅުދޫ ޙަސަން މުޙައްމަދު) އަށް އަތޮޅުވެރިން ފުރަތަމަ ލިބިވަޑައިގެންނެވީ އިބްރާހިމް ނާސިރުގެ ދައުރުގައެވެ. އޭރު ޙަސަން ކަލޭފާނުއުގެ އުމުރުފުޅުން ވަރަށް ޒުވާނެވެ. ފުރަތަމަ އަތޮޅުވެރިކަން ލިބިވަޑައިގަތުމުން އިބްރާހިމް ޝިހާބުގެ އަރިހަށްގޮސް ފައިންޕުޅު ދެކެފިއެވެ. އޭރު ޝިހާބަކީ ބަންޑާރަނައިބެވެ.

ޙަސަން ކަލޭފާނު ޝިހާބުގެ އަރިހުގައި ދެންނެވިއެވެ. އަޅުގަނޑަށް އަތޮޅުވެރިކަން ލިބިއްޖެއެވެ. މިފަދަ ބޮޑުކަމަކަށް ދާއިރު މަނިކުފާނުގެ ނަސޭހަތެއް ލިބޭތޯ އައީމެވެ. އިރުކޮޅަކު ހަނު އިންނަވާފައި ޝިހާބު ވިދާޅުވިއެވެ. ޙަސަން މުޙައްމަދާވޭ އަޅުގަނޑު ދޭނެ ނަސޭހަތަކީ ދެކަމެކެވެ. އެއްކަމަކީ އެއްގޮތަކަށްވެސް މީހުން ކުށްވެރިކުރަން ނޫޅޭށެވެ. ދެވަނަ ނަސޭހަތަކީ މީހަކު ކުށްވެރިވެއްޖެނަމަ އޭނާ ސަލާމަތްކުރަން ނޫޅޭށެވެ.

ބައްޕަ ބުނުއްވި ގޮތުގައި ހަސަން ކަލޭފާނަކީ ޢުމުރު ދުވަހަށްވެސް އެސިޔާސަތުގައި ހުންނެވި ބޭފުޅެކެވެ. ޙަސަން ކަލޭފާނު އަވަހާރަވީވެސް އަތޮޅުވެރިކަމުގައި ނ. އަތޮޅުގައި ހުންނަވަނިކޮށެވެ.

No comments: