Wednesday, October 8, 2008

މިއަދު އަޅުގަނޑު ޤައުމީ ވާޖިބު އަދި ފަރުދީ ޒިންމާ އަދާކޮށް ވޯޓުލައިފީމެވެ

މިއަދަކީ އަޅުގަނޑުގެ ޙަޔާތުގައި ވަރަށް ފާހަގަކޮށްލެވޭ ދުވަހެކެވެ. އަޅުގަނޑުގެ ޙަޔާތުގައި ޤައުމުގެ އެންމެމަތީ ވެރިއަކަށް މީހަކު އިންތިޚާބު ކުރުމަށް ވޯޓުލުމުގެ އުފާ ފުރަތަމަ ފަހަރަށް ހާސިލުވި ދުވަހެވެ. އަޅުގަނޑު ވޯޓުލާން ރަޖިސްޓްރީ ކުރެވިފައިވާ ވޯޓުފޮށްޓަކީ ޓީ- ޑީ1 ނަންބަރު ވޯޓުފޮށްޓެވެ. އެއީ މާލޭގައި ތިއްބެވި ނ. އަތޮޅުގެ ރައްޔިތުން ވޯޓުލާ އެއްނަންބަރު ވޯޓުފޮށްޓެވެ. އެ ފޮށްޓަށް ވޯޓުލުމަށް ހަމަޖެހިފައިވަނީ މަނަދޫ، ހޮޅުދޫ، ފޮއްދޫ އަދި ވެލިދޫގެ ރައްޔިތުންނެވެ. ވޯޓުފޮށި ބަހައްޓާފައިހުރީ އަމީނިއްޔާ ސްކޫލުގެ 4 ނަންބަރު ގޭޓުން ވަންނައިރު ކަނާތްފަރާތުގައި ފުރަތަމަ ހުރި ކްލާސްރޫމްގައެވެ. އެއީ ޖީ ބްލޮކް 10 އެސް 14 ކްލާސްރޫމެވެ.

އަޅުގަނޑު ވޯޓުލާން ދިޔައީ އަންހެނުންނާއެކުގައެވެ. ވޯޓުލާންދިއުމަށް ގެއިން ނިކުން އިރުވެސް ވާރޭ ވެހެއެވެ. ދެމީހުން ދިޔައީ ސައިކަލްގައެވެ. ކުޑަ ނަގައިގެން ދިޔަޔަސް ވަރަށް ބޮޑަށް ތެމުނެވެ. ވޯޓުލާން ވަންއިރު ރަށުގެ ބައެއް މީހުންނާ އެހެން ރަށްރަށުގެ މީހުން ކިޔުގައި ތިއްބެވެ. ހުރިހާ މީހުންވެސް ތިބީ ގޮޑިގޮޑީގައި އިށީންދެގެންނެވެ. އަޅުގަނޑު ކިޔުގައި އިންދާ ދެމީހަކު ބޭރުން އައެވެ. އެދެމީހުންގެ ޝަކުވާއަކީ ވޯޓުލުމަށް އިނގިލީގައި ޖެހި ފާހަގަ ފޮހެވުމުގެ ޝަކުވާއެވެ. އެދެމީހުންގެ އިނގިލި މީހުންނަށް ދައްކާ ހެދިއެވެ. އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންވެސް އެދެމީހުންގެ އިނގިލި ބަލާ ވާހަކަ ދައްކާހެދިއެވެ. އެދެމީހުންނަށް ޕޯލިންގ ސްޓޭޝަނުގައި އިސްކޮށް ހުންނެވި ބޭފުޅާ ވިދާޅުވީ އެއްވެސް ޝަކުވާއެއް އޮތްނަމަ ނަސަންދުރައަށް ވަޑައިގެން ޤައުމީ އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯއަށް އެ މައްސަލަ ހުށަހެޅުއްވުމަށެވެ. އަޅުގަނޑު ވޯޓުލައިގެން ނިކުންއިރުވެސް އެދެމީހުން ދޮރު މަތީގައި އެވާހަކަ ދައްކަން ތިއްބެވެ.

ފަހަރަކު މީހަކު ވޯޓުލުމުގެ ކަންތައް ނިންމުމަށް ދިއުމުން ހުސްވާ ގޮޑިއަށް ބަދަލުވާންޖެހެއެވެ. އެގޮތަށް ތިރީހަކަށް ގޮޑިއަށް ބަދަލުވިތަނާ އަޅުގަނޑަށް ވޯޓުލާ ހިސާބަށް ދެވިއްޖެއެވެ. މަޢުލޫމާތު ސާފުކުރާ މޭޒު ކައިރީގައި ތިބި މީހުންގެ މޫނުތަކަށް ބަލާލީމެވެ. ފުރަތަމަ ގޮސް އިށީންނަން ދެއްކީ މޭޒުގެ ކޮޅުގައި ހުރި ގޮޑިއެކެވެ. އޭރު އަޅުގަނޑުގެ ކުރިން އައިމީހާގެ އިނގިލީގައި ފާހަގަ ޖަހަނީއެވެ. އެމީހާގެ އިނގިލީގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް އެމީހާގެ އަތަށް ދީފިއެވެ. ދެން އަޅުގަނޑަށް ޖެހުނީ އެގޮޑިއަށް ދާށެވެ. އަޅުގަނޑުގެ އައިޑީކާޑު ދިނުމުން ވޯޓާސް ރަޖިސްޓްރީގައި އަޅުގަނޑުގެ ނަން އޮތްތޯ އޮފިޝަލް ބެއްލެވިއެވެ. އަދި ގަލަމުން ނަމާދިމާފައި ފާހަގައެއް ލެއްވުމަށްފަހު ހައިލައިޓް ފެހިކުލައިގެ މާކަރަކުން އަޅުގަނޑުގެ ނަމާދިމާލުގައި ކުލަ ޖެއްސިއެވެ. އަދި އަޅުގަނޑުގެ އައިޑީކާޑުގެ ނަންބަރު އަޅުގަނޑުގެ ނަމާދިމާލުގައި އިން ހުސްގޮޅިއެއްގައި ޖެހިއެވެ.

އަޅުގަނޑުގެ މަޢުލޫމާތު ދިމާވޭތޯ ބަލަމުން ދަނިކޮށް އެތަނަށް އިލެކްޝަން ކޮމިޝަނުގެ އޮފިޝަލެއްކަން އެނގޭ ކާޑެއް އަޅުވާފައިހުރި ބޭފުޅެއް ވަޑައިގެންނެވިއެވެ. އޭނާ އެދިވަޑައިގަތީ އިނގިލީގައި ފާހަގަ ޖެހުމަށް ބޭނުންކުރާ މާކަރު ބަދަލު ކުރުމަށެވެ. ކުރިން ބޭނުން ކުރާ މާކަރުގެ ބަދަލުގައި އާމާކަރެއް ކަނޑާލިއެވެ. އެ މާކަރުން ފުރަތަމަ އިނގިލީގައި ފާހަގަ ޖެހި މީހަކީ އަޅުގަނޑެވެ.

އެވަގުތަކީ ވޯޓުލާ ސަރަހައްދުގައި މަސައްކަތްކުރައްވާ އޮފިޝަލުންނަށް ނުވަގަޑީގެ ނާސްތާ ގެނެސްގެން އުޅޭ ވަގުތެވެ. އޭރު ގަނޑިން 11:15 އެވެ. އޭގެ ތެރެއިން އެއް އޮފިޝަލަކު މޭޒުކައިރި އިންނަވައިގެން މައިލޯ ޕަކެޓެއް ބައްލަވަމުން ގެންދެވިއެވެ. މަޢުލޫމާތު ސާފުކުރާ މޭޒު ދޮށުގައި 5 އޮފިޝަލުން ތިއްބެވިއެވެ. ގާތްގަނޑަކަށް ދެތިން ފޫޓް ދުރުގައި ޖަހާފައިވާ ހަ ގޮޑީގައި ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުން އިށީންދެގެން ތިއްބެވެ. ދޭތެރެ ދޭތެރެއިން އެއިން ކޮންމެވެސް މަންދޫބަކު އައިސް އޮފިޝަލުން ތިއްބަވާ މޭޒު ކައިރިއަށް ހުއްޓި ވާނުވާ ގޮތް ބަލާހަދައެވެ. އޮބްޒާވަރުންކަން އެނގޭނެ ޓީޝާޓް ލާފައިވާ މީހުންނާއި ބޭރު ގެ އޮބްޒާވަރުންވެސް އެ ތަނުގައި ކަންތައްތައް ހިނގަމުންދާގޮތް ބައްލަވަމުން މީހުންނާ ވާހަކަ ދައްކަވާތީ ފެނެއެވެ.

އަޅުގަނޑުގެ މަޢުލޫމާތު ވޯޓާސް ލިސްޓުން ފާހަގަވުމުން އަޅުގަނޑުގެ ވާތުގެ ބޮޑުވައި އިނގިލީގެ ނިޔަރޮއްޖާއި ނިޔަފައްޗާއެކު މާކަރަކުން ފާހަގަ ޖެހިއެވެ. އަޅުގަނޑުގެ އަތް ތެމިފައިވާތީ ޓީޝޫ ގަނޑަކުން ފާހަގަ ޖެހުމުގެ ކުރިން ވަރަށް ރަނގަޅަށް ފޮހުނެވެ. އިނގިލީގައި ފާހަގަ ޖެހުމުން ވޯޓު ކަރުދާސްކޮޅު އަޅުގަނޑުގެ އަތަށް ދެއްވައިފިއެވެ. އަދި ފޯނެއް އޮތްނަމަ ބޭއްވުމަށް އޮފިޝަލަކު ހަނދާން ކޮށްދެއްވިއެވެ.

ބޫތަށްވަދެ ، ކުރިމަތިލައްވާފައިވާ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގެ މުސްތަޤުބަލުގެ 5 އަހަރު ހުރިހާ ގޮތަކުން ރާއްޖޭގެ އެންމެ އިސް މަޤާމު އަދާކުރައްވަން އެންމެ ޤާބިލު އަދި އެންމެ އެކަށޭނަ ބޭފުޅެއް ކަމަށް އަޅުގަނޑަށް ފެންނަ ކެންޑިޑޭޓާ ދިމާލުގައިވާ ގޮޅީގައި ފާހަގަ ޖަހައިފީމެވެ. ބޫތު ތެރެއިން ނިކުމެގެން އައިއިރު ވޯޓު ފޮށި ފޮށުގައި ކުއްޖަކު އިނެވެ. އަޅުގަނޑު އައުމުން ވޯޓު ކަރުދާސްކޮޅު ވައްޓާލަންވީ ތަން ހުޅުވާލިއެވެ. އަޅުގަނޑު ވޯޓު ވައްޓާލީމެވެ. އަޅުގަނޑުގެ ފަރުދީ ޒިންމާ ޤައުމަށްޓަކައި އަދާކުރެއްވިއްޖެ ކަމުގެ ހިތްހަމަޖެހުން ލިބުނެވެ.

No comments: