Tuesday, October 28, 2008

މިއަދުވެސް މިއައީ ވޯޓު ލާފައެވެ.


އަޅުގަނޑު އާދައިގެމަތިން މިއަދުވެސް ވަރަށް އަވަހަށް ވޯޓުލައި ނިންމާލަން ބޭނުންވިއެވެ. އެހެން ނަމަވެސް ވޯޓުލާން ދެވޭވަރުވީ 11:15 ގައެވެ. ވޯޓުލާން ދިޔައީ އަޅުގަނޑުގެ އަންހެނުންނާ އަޅުގަނޑާ ދެމީހުންނެވެ. މިއަދަކީ ވަރަށް މޫސުމް ރީތި ދުވަހަކެވެ. ވޯޓުލުމަށް އަމީނިއްޔާ ސްކޫލްގެ 4 ނަންބަރު ގޭޓުން އެތެރެއަށް ވަންއިރު ދޮރު މަތީގައި ދެބަރިއަށް ގޮޑި ޖަހާފައި ހުއްޓެވެ. ގޮޑިއެއްގައި އިށީންދެވޭ ވަރުވީ އިރުކޮޅަކު ކޮޅަށް ހުރެގެންނެވެ. އޭރު އެ ކިޔޫގައި މަނަދޫގެ ވަރަށް ގިނަ މީހުން ތިއްބެވެ. ގިނައިން ފާހަގަ ކުރެވުނީ ޒުވާނުންނެވެ. މާގިނަ ވާހަކައެއް ނުދައްކައެވެ. ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް ގޮވާލައެވެ. ތިބެނީ ވަރަށް ކިޔަމަންތެރިކަމާއެކުގައެވެ. ވޯޓުލުމަކީ ވަރަށް އަބުއި ކަމެއްކަމަށް އަޅުގަނޑަށް ހީވެއެވެ. އެހެން ރަށްރަށުގެ މީހުންވެސް ތިބުމާއެކު އެމީހުންގެ ޙައްޤުތަކަށްވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބަލަނީއޭ ހީވިއެވެ.

ގޮޑީގައި އިށީންދެގެން އެއްސަފު ނިންމާ އަނެއް ސަފަށް ބަދަލުވިތަނާ ގޮޑި ހިފައިގެން އެތެރެއަށް އަންނަން އޮފިޝަލަކު އަންގަވައިފިއެވެ. އެއީ އެތަނަށް އަވިއަރާތީއެވެ. ކިޔޫގައި އަޅުގަނޑު އިންއިރު އެހެން ކަމެއްވެސް ފާހަގަ ކުރެވުނެވެ. ދުވަސްވީ ގައިބާރު ދެރަ މުސްކުޅިން ކިޔޫގައި ތިއްބާ އޮފިޝަލުން ވަޑައިގެން އެބޭފުޅުން އެތެރެއަށް ވަކިން ގެންދަވާ ވޯޓުލުމުގެ ކަންތައްތައް ނިމިގެން ފޮނުއްވާލައްވާތީ ދެކުނީމެވެ. އަޅުގަނޑަށް އެކަންވީ ވަރަށް ހިތްގައިމު ކަމަކަށެވެ. އެކަމަކާ އެއްވެސް މީހަކު ޝަކުވާއެއްވެސް ނުކުރެއެވެ. ތަހުޒީބު މުޖުތަމަޢުތަކުން ފެންނަ ކަހަލަ މަންޒަރުތައް ފެނުމަކީ ކޮންމެ މީހަކުވެސް އުފާވާނެ ކަމެކެވެ.

ގޮޑިހިފައިގެން އެތެރެއަށް ވަންއިރު ކަމަކު ދާކަށް ނެތެވެ. އެއްގޮޑިއް އަނެއް ގޮޑިއަށް ބަދަލުވަމުން ކިޔޫގައި ދާއިރު ކިޔޫ ދަނީ ވަރަށް މަޖާ ގޮތަކަށެވެ. އަޅުގަނޑުމެން ފުރަތަމަ ތިބި ބަރި ނިންމާލާފައި ތިން ބަރިއަށް ގޮޑިހުރިއިރު އަނެއް ބަރީގައި ކިޔޫގައި ޖައްސަން ޖެހެނީ ހިނގާފައި ލާވަށާލާފައި އައިހެވެ. ތިންވަނަ ގޮޑިބަރިން ކުރިމަތީގައި ހުރި ގޮޑިބަރިއަށް ދެވެނީ ކިޔުގެ އަނެއް ކޮޅަށް ގޮސްގެންނެވެ. ބައެއް މީހުން އެކޮޅަށް ދާއިރު ގޮޑިއެއް ހުސްނުވެގެން ކޮޅަށްވެސް ހުންނަން ޖެހެއެވެ. އެންމެ ފަހު ގޮޑިބަރިއަށް ދިޔަތަނާ އޮފިޝަލުން އައިޑީކާޑު އަތުލައިފިއެވެ. ވޯޓާރސް ރަޖިސްޓްރީން އަޅުގަނޑުގެ ނަން ހޯދާ އަޅުގަނޑުގެ ނަންއޮތް ނަންބަރު ކިޔޫ ނަންބަރު ޖަހާފައިވާ ކަރުދާސްކޮޅެއްގައި ޖަހާފައި ދެއްވައިފިއެވެ. އަޅުގަނޑުގެ ކިޔޫ ނަންބަރަކީ 226 އެވެ. ވޯޓާރސް ރަޖިސްޓްރީގައި އަޅުގަނޑުގެ ނަން އޮތީ 55 ވަނައިގައެވެ.

ތިން ބޮޑިބަރި ފަހަނައަޅާ ވޯޓުލާ މޭޒަން ދާން ޖެހިއްޖެއެވެ. ކުރިން ބުނި ކަރުދާސްކޮޅު ދިއްކޮށްލުމުން ވަރަށް ފަސޭހައިން އަޅުގަނޑުގެ ނަން ހޯދާ ފެހި ކުލައިގެ ހައިލައިޓް މާކަރަކުން ކުލަ ޖައްސާ ޖެހިގެން ހުރި ގޮޑިއަށް ބަދަލުވުމަށް އެންގެވިއެވެ. އެގޮޑިއަށް ބަދަލުވުމުން އަޅުގަނޑުގެ ވާތުގެ ޝަހާދު އިނގިލި ޓިޝޫ ކޮޅަކުން ފޮހެލުމަށްފަހު ކުލަ ފުޅިއަށް އިނގިލި ޖަހާ ކުލަ ޖެއްސުމަށް އޮފިޝަލް އެންގެވިއެވެ. އޭރު އަދި ކުރީ ފަހަރު ވޯޓުލީ އިރު ޖެހި ކުލަ ނިޔަފަތިން ނުފިލައެވެ.

ކުލަ ފުޅިއަށް އިނގިލި ލުމުން ވޯޓު ކަރުދާސްކޮޅު އަތަށް ދެއްވައިފިއެވެ. އަދި ވޯޓް ބޫތު ކައިރިއަށް ދިއުމުގެ ކުރިން ފޯނު އޮތްތޯ ސުވާލު ކުރެއްވިއެވެ. އަޅުގަނޑުގެ އަތުގައި އޮތް ދެފޯނު ބާއްވާފައި އޮފިޝަލުން ދެއްވި ޓިޝޫ ކޮޅަކުން އިނގިލި ފޮހެމުން ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖެހުމަށް ބޫތަށް ވަދެފީމެވެ. ވޯޓުގައި ފާހަގަ ޖަހާ ބޫތުން އަޅުގަނޑަށް ކަމެއް ފާހަގަ ކުރެވުނެވެ. ކުރިން ހުރީ ކުރިމަތި އެއްކޮށް ފިލާ ޖަހާ ބަންދު ކޮށްފައެވެ. އެކަމަކު މިފަހަރު ހުރީ މެދާ ހިސާބުން އެމީހާގެ ބައެއް ފެންނަގޮތަށް ގޮޑިއެއް ކަނޑާފައެވެ. އެމީހާ ޖީބުން ފޯނެއް އެއްޗެއް ނަގާނަމަ އޮފިޝަލުންނަށް ފެންނާނެއެވެ.

ވޯޓު ކަރުދާސްކޮޅު ވޯޓިންގ ބޫތުގައި ބޭއްވުމަށްފަހު ބިސްމި ކިޔާ އަޅުގަނޑު ބޭނުންވާ ކެންޑިޑޭޓްގެ ނަމާ ދިމާފައި ފާހަގަ ޖަހައިފީމެވެ. އަޅުގަނޑު އަޅުގަނޑުގެ ޙައްޤު އަމާނާތްތެރިކަމާއެކު އަދާކޮށްފީމެވެ. ޤައުމީ މި މަތިވެރި ޒިންމާ އަދާކުރުމުގެ ހިތްހަމަ ޖެހުން ލިބިއްޖެއެވެ. ވޯޓުލައި ނިމިގެން އަޅުގަނޑު ބޭރަށް ނިކުމެ ގަޑި ބަލާލީމެވެ. އޭރު 12:15 އެވެ. އެހެންވީމާ ވޯޓުލުމުގެ ކިޔުގައި އަޅުގަނޑަށް ހޭދަކުރެވުނީ ބަރާބަރު 1 ގަޑިއިރެވެ. އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑު ނިންމި ނިންމުން ވާނީ ވަޠަން އެދޭ ގޮތްކަމަށެވެ.

No comments: