Monday, September 22, 2008

ރައީސް މައުމޫނާ ދެކޮޅަށް ރާއްޖޭގެ ދީނީ ޢީލްމުވެރިން ނެރުނު ބަޔާން



   ޢަބްދުﷲ ސަޢީދު


ތިރީގައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް އިސްލާމް ދީނާ ޚިލާފު ވާހަކަތަކެއް ދައްކަވާފައިވާކަމަށް ވިދާޅުވެ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން 44 ޢިލްމުވެރިއަކު ސޮއިކުރައްވައި ނެރުއްވި ބަޔާނެއް ނުވަތަ ފަތުވާއެކެވެ. މި ބަޔާން މި ބްލޮގުގައި ޝާއިޢުމިކުރަނީ ތާރީޚަށް ޓަކައެވެ. ފަހުގެ ޖީލުތަކަށް މިއީ ވެސް ހިނގިކަމެއްކަން އަންގައިދިނުމަށް ޓަކައެވެ. 


މި ބަޔާން ދީނީ ޢިލްމުވެރިން ނެރުއްވީ 2008 ވަނަ އަހަރު އޮތް ފުރަތަމަ ރާއްޖޭގައި ބޭއްވި ގިނަޕާޓީ ބައިވެރިވާ ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅެއްގައި ވެފައިވަނިކޮށެވެ. 16 ސެޕްޓެންބަރު 2008 ވީ އަންގާރަ ދުވަހުގެރޭ ޓީވީ މޯލްޑިވްސް ފޮނުވި ޕްރޮގްރާމެއްގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން މި ބަޔާނުގައި ވަނީ އެ މަނިކުފާނަށް ތައުބާވުމަށް ގޮވާލައްވާފައެވެ.

 

 

   

هَذَا بَيَانٌ لِلنَّاسِ وَهُدًى وَمَوْعِظَةٌ لِلْمُتَّقِينَ (١٣٨)وَلاَ تَهِنُوا وَلاَ تَحْزَنُوا وَأَنْتُمُ الأَعْلَوْنَ إِنْ كُنْتُمْ مُؤْمِنِينَ (١٣٩) (އާލްޢިމްރާން 138-139)


މިއީ މީސްތަކުންނަށް ހުރި ބަޔާނެކެވެ. އަދި މަގުދެއްކުމެކެވެ. އަދި ތެދުމަގުލިބިގަތުމަށް އެދޭ މީހުންނަށް ހުރި ވަޢުޡު ނަސޭހަތެކެވެ. އޭމުއުމިނުންނޭވެ! ތިޔަބައިމީހުން ނިކަމެތިނުވާށެވެ! ހިތާމަނުކުރާށެވެ! ތިޔަބައިމީހުންނީ މުއުމިނުންކަމުގައިވަނީނަމަ މަތިވެރިވެގެންވާ ބަޔަކީ ހަމަ ތިޔަބައިމީހުންނެވެ.”

 

 

                        بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

16ސެޕްޓެމްބަރު 2008 ވީ އަންގާރަދުވަހުރޭ ޓީވީމޯލްޑިވްސްގެސިޔާސަތު” ޕްރޮގްރާމްގައި އިސްލާމް ދީނުގެ ޙުކުމްތަކާ ބެހޭގޮތުން ޑީއާރުޕީގެ ޒަޢީމު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަތަކާ ބެހޭގޮތުން ރާއްޖޭގެ ޢިލްމުވެރީން ދެއްވާފައިވާ ބަޔާން

اَلْحَمْدُ لِلَّهِ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْكَرِهَ الْمُشْرِكُونَ، وَالصَّلاَةُ وَالسَّلاَمُ عَلَى مَنْ أَرْسَلَهُ اللَّهُ بَشِيراً وَنَذِيراً وَدَاِعياً إِلىَ اللَّهِ بِإِذْنِهِ وَسِرَاجاً مُنِيْراً، وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِينَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّين، وَبَعْدُ :

ހުށަހެޅުން:
ދިވެހި ރާއްޖޭގައި މިހާރު އޮތް އިންތިޤާލީ މަރުޙަލާގެ ވަގުތީ ވެރިއެއްގެ ގޮތުގައި މިހާރު ހުންނެވި އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމަކީ އިސްލާމް ދީން ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅަކަށް ވެފައި، އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެތަކެއް އަހަރުއްސުރެން ފެށިގެން ދިވެހި ރާއްޖޭގައި މިއޮތް އިސްލާމީ ވަޙުދަތު ފުނޑުފުނޑުކޮށްލުމަށާއި  މިކުޑަކުޑަ ޤައުމުގައި އޮތް ސިލްމާއި ސަލާމަތު ނައްތާލެއްވުމަށެވެ. އޭނާ ދަނީ ތިމާގެ ބަހާއި ޢަމަލުން އިސްލާމް ދީނާ ފުށުއަރާ އެތަކެއް ވާހަކަތައް ދައްކަވައި، ދީނާ ޚިލާފު އެތަކެއް ކަންތައްތައް ކުރައްވަމުންނެވެ. ދީނުގައި ހުރި އެއްވެސް ޚިލާފުވުމެއްނެތް މައްސަލަތައް ނަންގަވައިގެން އެމައްސަލަތަކާމެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޝައްކުތައް އުފައްދަވައި، ދީނާމެދު ރައްޔިތުންގެ ހިތްތައް ކިލަނބުވާނެފަދަ މަގުތައް ކޮށްޓަވައި ނުފޫޒާއި ބާރުގެ  ބޭނުން ކުރައްވައިގެން، ދީން ހަތިޔާރެއްގެ ގޮތުގައި ގެންގުޅުއްވަމުން ދީނުގެ ޢިލްމުވެރިންގެ ކަރާމާތް ނަތްތާލައްވަމުން އެބޭފުޅުންނަށް ތަފާތު އަދަބުތައްދީ އަނިޔާ ކުރައްވަމުންނެވެ. މާތް ﷲގެ ކަލާމްފުޅުގެ އެތަކެއް އާޔަތްތަކަށާއި ލޮބުވެތި رسول الله صلى الله عليه وسلمގެ އަރިހުން ޞައްޙަމަގުން ވާރިދުވެ ސާބިތުވެފައިވާ އެތަކެއް ސުންނަތަކަށް ފާޅުގައި ގޮންޖައްސަވަމުންނެވެ. ދީނުގެ ބޮޑެތި މައްސަލަތަކުގައި ތިމާގެ އަމިއްލަ ޚިޔާލާއި ފަލްސަފާ ވައްދަވައިގެން ދަންނަބޭކަލުން އެކަންކަމާމެދު އިޖްމާޢުވެ އެއްބަސްވެ ވަޑައިގެންފައިވާ އެތަކެއް މައްސަލަތައް ފޫއަޅުވައްމުންނެވެ.
މައުމޫނުގެ މިޢަމަލުތަކަކީ މިހާރުގެ ލާދީނީ، ސެކިއުލަރ ވިސްނުންތަކުގެ މީހުންނަށް ތާއީދު ކުރައްވައިގެން، ލާދީނީ އޮއިވަރު މިލޮބުވެތި ދިވެހި ރާއްޖޭގައި ފެތުރުއްވެވުމަށްޓަކައްޔާއި ދީނުގެ ކުލައާއި ވަސް ދިވެހިރާއްޖޭން ފުހެލެއްވުމަށްޓަކައި އެފަދަ މިޝަންތަކުގެ ހިޔަލުގައި ފާޅުގައި ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކެއްކަން ސާބިތުވެއެވެ.

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން:
2004
  ވަނަ އަހަރުގެ ރަމަޟާން މަސް އިޙްޔާކުރުމުގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ދިވެހިންނަށް އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ ހައްޤު ލިބިގެންވާ ކަމަށް ވިދާޅުވެ އަޑުއުފުއްލެވުމަށްފަހު، އެކަމާ އިދިކޮޅަށް ރައްޔިތުން އަޑުއުފުލައި އިޙްތިޖާޖު ކުރަން ފެށުމުން އޭގެ ފަހުން ވާހަކަ އޮޅުވާލައްވަން މަސައްކަތް ކުރައްވައި، ތިމަން ދެއްކި ވާހަކަ ރައްޔިތުންނަށް ނުވިސްނެއޭ ވިދާޅުވެ އޮޅުވާލުމުގެ އާކުލަވަރެއް ރައްޔިތުންނަށް ދެއްކެވިއެވެ. މީގެ ސަބަބުން އިތުރަށް ރައްޔިތުންގެ ކުރިމަތީގައި ފަޟީޙަތްވެ ބޭޒާރުވެގެން ދިޔައެވެ. 

ބުރުގާއެޅުމާ އިންކާރު ކުރުން:
ރާއްޖޭގައި ނެރޭ މަޖައްލާއެއް ކަމުގައިވާ “އައްޑުވަސް” އިން އަންހެނާގެ އަޢުރައާމެދު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، ތިމަންނާ ދެކޭގޮތުގައި ބުރުގާ އެޅުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނޭ ވިދާޅުވެ އިސްލާމީ ޙުކުމެއްގެ އަގު ވައްޓާލައްވަން މަސައްކަތް ކުރައްވާފައި ވެއެވެ. ހަމަ އެއާއެކު މިމަތިވެރި ޝިޢާރު ނައްތާލެއްވުމަށްޓަކައި ތަފާތު ތަންތަނުގައި އެކިގޮތްގޮތުން ވާހަކަ ދެއްކެވުމާއި، ދީނުގެ މިޙުކުމުގެ މުހިއްމުކަން މީސްތަކުންގެ ހިތްތަކުން ފުހެލެއްވުމަށްޓަކައި ވެރިކަމުގެ ނުފޫޒާއި ބާރުގެ ބޭނުން ކުރައްވައި މީސްތަކުންނަށް ބިރުދައްކަވާފައި ވެއެވެ. ބުރުގާ އަޅާ މީހުންނަށް ގޯނާކޮށް، ބުރުގާއަކީ މުސްލިމުން އަޅަންޖެހޭ އެއްޗެކޭ ބުނެފި މީހަކުނަމަ އެމީހަކު ޖަލަށްލައި އަދަބުދީ އެނޫންވެސް ތަފާތު ބިރު ދައްކަވަމުން ގެންދެވިއެވެ. އަދި ސަރުކާރުން ފާސްކޮށްގެން ބައެއް ސްކޫލު މަދުރަސާތަކުގެ އަންހެން ދަރިވަރުން އަޅަމުންދިޔަ ބުރުގާ ޔުނީފޯރމް އުވާލައްވައި އެކަން މަނާކުރައްވާފައި ވެއެވެ.
ކަނޑައެޅިގެން ހުރި ސާފު ސީދާ ދީނީ މައްސަލަތަކުގައި މައުމޫނުގެ ޢަލްމާނީ ފިކުރާ ޚިލާފުވާތީވެ ދީނުގެ ޢިލްމުވެރިން ޖަލަށްލައި ބަންދުކޮށް ތަފާތު އަދަބުތައް ދީފައި ވެއެވެ. އަދި ޖަލުގައި ދީނުގެ ޙުރުމަތް ކަނޑާ ގަދަކަމުން މީސްމީހުންގެ ތުނބުޅި ބާލައި ދީނުގެ ކަންތައްތަކަށް ހަޖޫޖަހައި ހަދާފައި ވެއެވެ. ގަދަކަމުން އަންހެންވެރިންގެ މޫނު ބުރުގާ ނަންގުވާފައި ވެއެވެ. އަދި މީގެ އިތުރުން މައުމޫނު ވަނީ މިފަދަ ޢިލްމުވެރިންނަކީ ތަންދޮރު ނުދަންނަ ރަނގަޅަށް ޢަރަބި ބަސް ވެސް ނުދަންނަ ދީނުގެ ކަންތައް މާބޮޑަށް އޮޅުންނުފިލާ މީހުންކަމުގައި ހާމަކޮށް ޖަލްސާތަކުގައި ވާހަކަ ދައްކަވައި އޭނާގެ ދީނުގެ މަގުގައި އެފަދަ ވާހަކަ ލިޔެ ޝާއިޢު ކުރައްވާފައެވެ.

ޤިޞާޞް ހިފުމާއި މެދު އިންކާރު ކުރުން:
އިސްލާމް ދީނުގައި ޤުރުއާނާއި ސުއްނަތުންނާއި ދީނުގެ ދަންނަބޭކަލުންގެ އިޖްމާޢުން ކަނޑައެޅި ސާބިތުވެފައި އޮތް ޤިޞާޞާއި ދީނުގެ އެހެނިހެން ޙައްދުތައް އޮޅުވާލައްވަމުން ދިވެހި ރައްޔިތުންގެ ބޮލުގައި އެކަން އަޅުއްވަމުން، ދިވެހިން ބޭނުންވާ ކަމެއް ނޫނޭ ވިދާޅުވެ، އިސްލާމްދީނުގެ ޙުކުމްތަކުގެ ބާރުކަނޑުވާލުމަށްޓަކައި ތިމާގެ ލާދީނީ ހެކި ދައްކަވަމުން ޤުރްއާނުގައި ނުވެސް ނެތް އެއްޗެއް ކިއުއްވައިގެން މިމުސްލިމު ދިވެހި މުޖުމަޢު މަގުފުރައްދަން މަސައްކަތްކުރެއްވިކަމީ މިދުވަސްވަރު ދިވެހި މީޑިޔާ ހެކިދީފައިވާ ޙަޤީޤަތެކެވެ. 


އިތުރު ބައެއް ތަފްޞީލު:
މިބުނެވުނު ކަންތައްތަކާމެދު ކުރު ތަފްޞީލެއް ދިނުމުގެ ގޮތުން މަތީގައި ބުނެވުނު ބައެއް ވާހަކަތަކަށް އިތުރަށް އަލިއަޅުވާލާނަމެވެ.
(
ހ) ދާދި މިދާކަށް ދުވަހު ޓިވީ މޯލްޑިވްސްގެ “ސިޔާސަތު” ޕްރޮގްރާމުގައި އިސްލާމް ދީނުގައި އޮންނަ ޤިޞާޞު ހިފުމުގެ މައްސަލައާ ބެހޭ ގޮތުން ސުވާލުކުރުމުން އެމައްސަލަ އޮޅުވާލައްވަމުން މައުމޫނު ވިދާޅުވެފައި ވަނީ: “މަރުގެ ޙުކުމް ދީނުގައި އޮންނަނީ ލާޒިމް ކުރައްވާފައެއްނޫން ދެއްތޮ، އެޙުކުމަކީ ބޭނުންވެއްޖިއްޔާ ޤާއިމު ކުރެވިދާނެ ޙުކުމެއް، ނުވަތަ ބޭނުންވެއްޖިއްޔާ ދޫކޮށްލެވިދާނެ ޙުކުމެއް، ހުރިހާ ކަމެއްވެސް ދީނުގައި އޮންނަނީ އެހެން، ދީނުގައި ބާރު އަޅުއްވާފައި އޮންނަނީ މާފުކުރުމަށް، ހުރިހާ ކަމެއްގައިވެސް، وأن تعفوا خير لكم  އެހެން އޮންނަނީ، ތިޔަބައިމީހުން މާފުކުރުމަކީ ތިޔަބައި މީހުންނަށް ހެޔޮކަން ބޮޑުވެގެންވާކަމެކެވެ. އެހެންވީމާ އަދި ޙުކުމެއް އެހެން އޮތަކަސް، އަޅުގަނޑު އިޢުތިރާޟެއް ނުކުރަން އެޙުކުމަކަށް، ޝަރީޢަތުގައި ޙުކުމް އޮތީމަކަ، އެއަށް އިޢުތިރާޟެއް ނުކުރަން ފަހަރެއްގައިވެސް، އަޅުގަނޑު ބުނާ ވާހަކަ އަކީ ރާއްޖޭގެ ޙާލަތަށް  ފެތޭކަމެއްނޫނޭ، އެއިކީ ރާއްޖޭގެ މީހުން ޤަބޫލުކުރާނެ ކަމެއްވެސް ނޫނޭ، އަޅުގަނޑު މިހެން ދަންނަވާ އިރު އިނގޭ އެންމެ ފަހުން ރާއްޖޭގައި މީހަކު މަރާފަ އޮތީ 1951 ވަނަ އަހަރު، އެއީ މީގެ 60 އަހަރު ކުރިން ނޫންތޯ، 67 އަހަރު ކުރިން، އޭގެ ފަހުން މީހަކު މަރާފައެއްނެތޭ ސަރުކާރުގެ ފަރާތަކުންނެ،  އެއީ ކީއްވެގެންތޯ، އެއީ ރާއްޖޭގެ ރައްޔިތުން ޤަބޫލު ކުރާ ކަމެއްނޫން،”……. އަދިވެސް ޙައްދުތަކާއި ޤިޞާޞްތައް އެއީ ޤާއިމުކުރަން ނުޖެހޭ ޙުކުމްތަކެއްކަމުގައި ހާމަކޮށް މިފަދައިން ވިދާޅުވިއެވެ. “އާދެ އާދެ ނުކުރުމަށް ހުއްދަ، އެއީ ހަމަ އަޅުގަނޑުމެންގެ އަތުގައި އޮތްކަމެއް، ކޮންމެހެން ލާޒިމެއްނޫން ދީނުގައި އޮންނަ ޙުކުމެއް މިސާލަކަށް ހައްދު ނުވަތަ ޤަތުލު އެކުރުން ލާޒިމް ކަމެއްނޫން،”


އަދިވެސް ޓީވީ މޯލްޑިވްސްގެ ސުވާލުޖަވާބުގައި އައިޑީޕީގެ ރައީސް ޢުމަރު ނަޞީރު އޭނާގެ ވެރިކަމެއްގައި ޤިޞާޞް ހިފާނަމޭ ވިދާޅުވި ވިދާޅުުވުމަށް ރައްދު ދެއްވަމުން 5 ސެޕްޓެމްބަރު 2008 ވަނަ ދުވަހުގެރޭ ޣިޔާޘުއްދީން ސްކޫލުގައި ޑީއާރުޕީ އިން ބޭއްވި ޖަލްސާގައި މައުމޫނު ވިދާޅުވެފައި ވެއެވެ.އެބޭފުޅުން ދެއްކެވި ވާހަކަތަކުގައި ވަރަށް ހަމަނުޖެހޭ ކަންތައްތައް ހުރި. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މަރުގެ އަދަބު ދިނުން، މިސާލަކަށް. އެއީ މިރާއްޖޭގެ ރައްޔިތުން ޤަބޫލު ކުރާނެ ކަމެއް ނޫން. އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވެސް މިހާރު ޤަބޫލުކުރާ ކަމެއް ނޫން. އދ. މަޖިލީހުގައި ވެސް މީހުން މެރުމުގެ އަދަބާ ދެކޮޅަށް ވަނީ ޤަރާރުތަކެއް ފާސްކޮށްފައި. މީކީ ކުރެވޭނެ ކަމެއް ނޫން.”


އިސްލާމް ދީނުގައި ކަނޑައެޅިގެން އަންގަވާފައި އޮތް ޙުކުމެއް ދިވެހި ރައްޔިތުން ޤަބޫލުނުކުރެއޭ ވިދާޅުވި އިރު އެހުއްދަ އޭނާއަށް ދިނީ ކޮން ދިވެހި ރައްޔިތެއްތޯ ބަލާލަން އެބަޖެހެއެވެ. އަދި ކަނޑައެޅިގެން އިތުރުފުޅު ހައްދަވައި ބައިނަލްއަޤްވާމީ މުޖްތަމަޢު ޤަބޫލު ނުކުރާކަމަށް ވިދާޅުވާއިރު މަރަށް މަރު ހިފުމަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ކުރަމުންދާ ކަމެއް ކަމީ ފެންނަން އޮތް ޙަޤީޤަތެއްކަން މައުމޫނަށް ވިސްނިވަޑައި ނުގަތްކަމީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ޖެހިލުމެއްނެތި އިތުރުފުޅު ހައްދަވަން ކެރިވަޑައިގަންނަވާ ކަމުގެ ހެއްކެކެވެ.


މިމައްސައަލައާމެދު މާތްﷲ ސޫރަތުލްބަޤަރާގެ 178 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى) މާނައީ: އޭ އީމާންވި މީސްތަކުންނޭވެ! ޙައްޤަކާއި ނުލައި މަރާލެވޭ މީހުންގެ މަރުގެ ބަދަލުގައި މަރަށް މަރުހިފުމީ ތިޔަބައިމީހުންގެ މައްޗަށް ﷲ ފަރުޟުކުރައްވާފައިވާ ކަމެކެވެ.


އަދިވެސް އެސޫރަތުގެ 179 ވަނަ އާޔަތުގައި އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ( وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي اْلأَلْبَابِ لَعَلَّكُمْ تَتَّقُونَ )  މާނައީ: އޭ ބުއްދިވެރީންނޭވެ! ޤިޞާޞް ހިފުމަކީ ތިޔަބައިމީހުންނަށްޓަކައި އެކަމުގައި ދިރިހުރުން އޮތް ކަމެކެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވޭތޯއެވެ!


އަދިވެސް އަލްމާއިދާ ސޫރަތުގެ 44 ވަނަ އާޔަތާއި 45 ވަނަ އާޔަތުން ދަލީލު ނަންގަވަމުން އަލްއިމާމު ޤުރުޠުބީއާއި އެނޫންވެސް މުފައްސިރުން ލިއުއްވާފައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސާއި އެނޫންވެސް ދީނުގެ ގިނަ ދަންނަބޭކަލުން ވިދާޅުވަނީ ރަޖަމުކުރުމާއި ޤިޞާޞުހިފުމާއި މިފަދަ ހައްދުތަކާއި އިންކާރުކޮށްފި ކޮންމެ މުސްލިމަކީ ކާފިރެއްކަމަށެވެ.

ޙައްދުތައް ޤާއިމުކުރުމުގައި ލުއެއް ނުދެވޭނެ:
(
ށ) ދީނުގައި ހުރި ޙައްދު އޮޅުވާލެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަތީގައި ބަޔާންވެދިޔަ ޑީއާރުޕީގެ ޖަލްސާގައި މައުމޫނު ވިދާޅުވެފައިވަނީ ” މިބަޔާންކުރެވުނު އާޔަތުން ވެސް މާތް ﷲ ކީރިތި ރަސޫލާއަށް އަންގަވަނީ މީސްތަކުންނަށް ރަޙްމުހުރި އޯގާތެރި ބޭކަލަކު ކަމުގައި ވުމަށް. އެކަލޭގެފާނުވެސް ހިތްހަރުކަށި ބޭކަލަކު ކަމުގައި ވާނަމަ މީސްތަކުން އެކަލޭގެފާނަށް ތަބާ ނުވަނެކަން މާތް ﷲ މިއާޔަތުގައި އަންގަވާފައި އެވަނީ. އެހެންވީމާ ކިހިނެއްތޯ ރާއްޖޭގެ ވެރިކަމަށް އަންނަ މީހަކު ހިތުހުރި މީހަކު މަރާ ހަރުކަށި އަދަބުދެންޏާ ރަޢިއްޔަތުން އެމީހަކާ ރުހޭނީ. ހުރިހާ އެންމެން އެމީހަކު ދޫކޮށްލާފައި ހިނގައިދާނެ.” މިފަދައިން އިސްލާމް ދީނުގެ ޙަޤީޤަތްތައް އޮޅުވާލައްވަައި މައުމޫނު ޢަބްދުލް ޤައްޔޫމު ދީނުގެ ނަމުގައި މިފަދަ ޖަރީމާތައް ހިންގަވާއިރު، މާތްﷲއީ އެންމެ އޯގާތެރި އެންމެ ކުލުނުވަންތަ އިލާހުކަމުގައި ވީއިރު، އެއިލާހަކީ އެއިލާހަށް އުރެދޭ އަޅުންދެކެ އެންމެ ކޯފާވެ ވޮޑިގަންނަވާ އެފަދަ އަޅުންނަށް އެންމެ ބޮޑަށް ޢަޛާބުދެއްވާ އިލާހުކަންވެސް މައުމޫނަށް އެނގިވަޑައި ނުގަންނަވަނީބާއޭ އަޅުގަނޑުމެންގެ ހިތަށް އަރައެވެ.


ޝައްކެއްނެތެވެ. އިސްލާމް ދީނަކީ އޯގާތެރިކަމުގެ ދީނެވެ. މީގެ މާނައަކީ މީހާ ކުރާހާ ކަމެއް ކުރާއިރުގައި ﷲގެ ޙަޟުރަތުން އޭނާއަށް އޯގާތެރިކަން ލިބޭނޭ ކަމެއް ހެއްޔެވެ؟ އެއިލާހަށް އުރެދުމަކީ އެކަމާމެދު ވެސް ﷲ ރުހިވޮޑިގަންނަވާނޭ ކަމެއް ހެއްޔެވެ؟ ﷲގެ ޙުދޫދަށް އަރައިގަނެ ބޭނުންހައި ގޮތަކަށް އުޅޭއިރުގައި ވެސް ﷲ އޭނާއަށް ޢަޛާބު ނުދެއްވާނޭ ކަމަށް ހެއްޔެވެ؟


ކަންމިހެން ހުރުމާއެކު ﷲގެ ހައްދެއް ޤާއިމުކުރުމުގައި އޯގާތެރިވުމަކީ އެއްގޮތަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އިމާމު ބުޚާރީއާއި މުސްލިމް ރިވާކުރައްވާ ގޮތުގައި އެއްފަހަރަކު ޤުރައިޝު ވަންހައިގެ މަޚްޒޫމީ އަންހެނަކު ވައްކަން ކުރުމުން، އޭނާގެ މައްޗަށް ޙައްދު ޤާއިމުނުކޮށް އޭނާ ސަލާމަތް ކުރުމަށްޓަކައި އެބައިމީހުން ރާވައި ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް އެކަލޭގެފާނު އެންމެ ލޯބިފުޅުވާ އެއްބޭފުޅެއް ކަމުގައިވާ މާތް ﷲ ރުއްސުން ލެއްވި އުސާމާ ބިން ޒައިދު ފޮނުވިއެވެ. އުސާމާ ލޮބުވެތި ރަސޫލާގެ އަރިހަށް ވަޑައިގެން މިވާހަކަ ދެންނެވުމުން އެކަލޭގެފާނުގެ މިވާހަކަފުޅު އަޑު އައްސަވާފައި ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މޫނުފުޅު ތަޣައްޔުރުވިއެވެ. އަދި ކޯފާވެ މިފަދައިން ޙަދީޘް ކުރެއްވިއެވެ. أَتَشْفَعُ فِي حَدٍّ مِنْ حُدُودِ اللَّهِ؟ ބަލަ އޭއުސާމާއެވެ! ﷲ އަމުރުކުރައްވާފައިވާ ޙައްދަކާމެދު ކަލޭ ތިޔަ ޝަފާޢަތްތެރި ވަނީހެއްޔެވެ؟ އެއަށްފަހު ތެދުވެ ވަޑައިގެން މެންބަރަށް އަރައިވަޑައިގެން މީސްތަކުންނާ މުޚާޠަބުކުރައްވައި ޙަދީޘުކުރެއްވިއެވެ. إِنَّمَا أَهْلَكَ الَّذِينَ قَبْلَكُمْ أَنَّهُمْ كَانُوا إِذَا سَرَقَ فِيهِمْ الشَّرِيفُ تَرَكُوهُ وَإِذَا سَرَقَ فِيهِمْ الضَّعِيفُ أَقَامُوا عَلَيْهِ الْحَدَّ وَايْمُ اللَّهِ لَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا ތިޔަބައިމީހުންނަށް ވުރެ ކުރީގައި އުޅުނު މީހުންގެ ތެރޭގައި އޮންނަ ގޮތަކީ އެއުރެންގެ ތެރެއިން ޢިއްޒަތްތެރިއަކު ވައްކަން ކޮށްފިނަމަ އެމީހަކު ދޫކޮށްލުމެވެ. އަދި ނިކަމެއްޗަކު ވައްކަން ކޮށްފިނަމަ އެމީހެއްގެ މައްޗަށް ޙައްދު ޤާއިމުކުރުމެވެ. ނިކަން އަޑުއަހާށެވެ! ﷲ ގަންދީހުވައިކުރަމެވެ. އަހުރެންގެ ދަރި ފާޠިމާ ވައްކަންކުރި ކަމުގައި ވިއަސް އަހުރެން އޭނާގެ އަތް ކަނޑާހުށިކަން ކަށަވަރެވެ.


އައްނޫރު ސޫރަތުގެ 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (وَلاَ تَأْخُذْكُمْ بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ اْلآخِرِ) މާނައީ: އަދި އެމީހުންގެ މައްޗަށް ﷲގެ ޝަރީޢަތުގެ ޙައްދު ޤާއިމު ކުރުމުގައި އެކަމާ ދެރަވެ އެއްގޮތަކަށް ވެސް ކުލުނުވެރިކަމެއް ނުގެންނަހުށި ކަމެވެ. އެއީ ތިޔަބައިމީހުން ﷲ އަށާއި ޤިޔާމަތް ދުވަހަށް އީމާންވާ ކަމުގައި ވަނީ ނަމައެވެ. މިއެވެ. އައްލާމާ ސައްޔިދު ސާބިޤު އޭނާގެ މަޝްހޫރު ފޮތް ފިޤްހުއްސުއްނާގެ ދެވަނަ ބައިގެ 425 ވަނަ ސަފްޙާގައި ލިއުއްވާފައި ވެއެވެ. ސުއްނަތްޖަމާޢަތުގެ ޢިލްމުވެރިންގެ އަރިހުގައި ވައްކަމުގެ ހައްދު މާފުކުރުމާއި އޭގެ ޙައްދުގެބަދަލުގައި އެނޫން އަދަބެއްދީ އަދަބު ލުއިކޮށް ދިނުމާއި އަދަބު ދިނުން ލަސްކޮށްފައި ބޭއްވުމަކީ ވައްކަންކުރެވުނު މުދަލުގެ ވެރިޔާއަށް ވެސް އަދި ޙާކިމާއަަށް ވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ.


އަންހެނާގެ ޢައުރައަކީ ކޮބައިކަމާއި ޢައުރަ ނިވާކުރުމަކީ ވާޖިބު ކަމެއްކަމާމެދު ޝައްކުއުފެދޭކަހަލަ ވާހަކަ ދައްކަވަމުން ﷲގެ ޙުކުމްފުޅަށް ގޮންޖައްސަވަމުން މައުމޫނު ވިދާޅުވިއެވެ. “ތިވިދާޅުވާ ވިދާޅުވުމުގައިވެސް އެބަހުރި އޮޅުންތަކެއް،   ދީނުގެ ހުރިހާ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ކަމެއްނޫން ތި ވިދާޅުވީކީ. އަނެއްކާ ކީރިތި ޤުރުއާނުގައި ކަނޑައެޅިގެން ޞަރީޙަ އިބާރާތުން އެނގެންއޮތް ކަމެއްވެސް ނޫން.” އަދިވެސް މައުމޫން ވިދާޅުވަނީ “ޤުރުއާނުގެ ތަރުޖަމާއަކީ ޙުއްޖަތެއްނޫން، ޤުރުއާނުގެ ތަރުޖަމާއަކީ އިންސާނުން ކުރާއެއްޗެއް، އެތަރުޖަމާ ރަނގަޅަށްވެސް ކުރެވިދާނެ ގޯސްކޮށްވެސް ކުރެވިދާނެ، އެހެނެއްނޫން އަރަބި ބަހުން އޮންނަ ލަފްޒުން ދޭހަވާއެއްޗެއްވިއްޔާ މައްސަލައެއްނެތް، އެކަމަކު ތިތަރުޖަމާއަކީ އެއްވެސް ޙާލެއްގައި ޙުއްޖަތެއްނޫން، އެހެންވެ އޭގެމައްޗައް ބިނާކޮށް ވާހަކައެއް ދައްކާކަށްނުޖެހޭނެ.”  ރައީސް މައުމޫނާ އެމަނިކުފާނުގެ އަރިސް ބައެއްބޭފުޅުން އަންނަނީ މިމައްސަލަ އެކި ގޮތްގޮަތަށް ބަޔާންކޮށް މައްސަލަ އޮޅުވާލައްވަމުންނެވެ. ބައެއްފަހަރު ރާއްޖެއަކީ ހޫނު ތަނެއް ކަމާއި އެފަދަ ތަކުލީފެއް މާތް ﷲ ނުޖައްސަވާނެ ކަމުގެ ދަޢުވާ ކުރައްވައެވެ. އަދި މިހާރު ޢާއްމުކޮށް ދިވެހިން ލަމުންދާ ދިވެހިވަންތަކަމުގެ ހެދުން ރަނގަޅުކަމުގެ ދަޢުވާވެސް ކުރައްވައެވެ. ދިވެހިން މަގު ފުރެއްދުމުގެ ގޮތުން އެމެރިކާގެ ރައްވެއްސެއް ކަމުގައިވާ އާމިނާ ވަދޫދުކިޔާ ޤާދިޔާނީ އަންހެނަކު ރާއްޖެ ގެނެސްގެން ވެސް މިމަޝްރޫޢު ހިންގުމަށްޓަކައި މާލެއާއި ރާއްޖެތެރޭގައި އޭނާ ލައްވާ ވަޢުޒު ނަޞީޙަތް ދިނުމުގެ ޕްރޮގްރާމުތައް ހިންގާ މިމައްސަލައަށް ވާހަކަ ދައްކުވާފައި ވެއެވެ. ޤާނޫނު އަސާސީގެ ދަށުން އިސްލާމް ދީން ޙިމާޔަތް ކުރުމުގެ އެންމެ އިސްވެރިޔާގެ މަސްއޫލިއްޔަތު އުފުއްލަވައިގެން ހުންނަވައިގެންމެ، މައުމޫނު ޢަބްދުލް ޤައްޔޫމު ހިންގަވަމުން މިގެންދަވާ ޖަރީމާތަކަކީ ދީނަށާއި މިމުސްލިމް މުވާޠިނުންނަށް ދޭނެ އެންމެ ބޮޑުއަނިޔާކަމީ ޝައްކެއް އޮތްކަމެއް ނޫންކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަމެވެ. އައްނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ މިފަދައިންނެވެ. (وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلاَ يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ….) މާނައީ: އޭ ރަސޫލާއެވެ! މުއުމިން އަންހެންތަކުންގެ ގާތުގައި ވިދާޅުވާށެވެ! ތިޔަ ކަނބަލުންވެސް ތިމާމެންގެ ބެލުން ތިރިކުރާހުށިކަމެވެ. އަދި ތިމާމެންގެ ޢައުރަ ރައްކާތެރިކޮށް ސަލާމަތް ކުރާހުށި ކަމެވެ. އަދި ތިމާމެންގެ ޒީނަތުގެ ތެރެއިން ފައުޅުވާ ތަންތަން ނޫނީ (މޫނާއި އަތްތިލަ ފިޔަވައި) އެހެން ތަނެއް ފައުޅުވިޔަ ނުދޭހުށި ކަމެވެ. އަދި ބުރުގާ އެޅުމުގައި ތިމާމެންގެ މޭމައްޗާ ހަމައަށް ތިރިކޮށް އެތަންތަން ނިވާކުރާހުށިކަމެވެ.


އަދި އަލްއަޙްޒާބު ސޫރަތުގެ 59 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ( يَا أَيُّهَا النَّبِيُّ قُلْ ِلأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلاَبِيبِهِنَّ) މާނައީ: އޭ ނަބިއްޔާއެވެ! ކަލޭގެފާނުންގެ އަނބިއަނބި ކަނބަލުންނާއި ދަރިދަރި ކަނބަލުންނާއި މުއުމިން އަންހެން ތަކުންގެ ގާތުގައި ވިދާޅުވާށެވެ! ތިޔަ ކަނބަލުން ތިމާމެންގެ ޖިލްބާބުން ތިމާމެންގެ ހަށިގަނޑު ނިވައިކޮށް ފޮރުވާހުށިކަމެވެ! 


އާދެ، މިޞްރުގެ މަޝްހޫރު ޢިލްމުވެރިޔާ އަދި މިވަގުތު ދުނިޔޭގައި ހުންނެވި އަލްއަޒްހަރުގެ އެންމެ ބޮޑު ފިޤުހު ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު ޑރ. ޔޫސުފުލްޤަރަޟާވީ ވިދާޅުވެފައިވެއެވެ. “އިންސާނާ ޝަހާދަތުގެ ދެކަލިމަ ކިޔައި އެއަށް އިޤްރާރުވެ އިސްލާމްދީނަށް ވަނުމުން އޭނާގެ އެ އިސްލާމްކަމުގެ ސަބަބުން ދީނުގެ އެންމެހައި ޙުކުމްތަކަށް ތަބާވުމަކީ އޭނާގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އެ ޙުކުމްތަކަށް ޢަމަލުކުރުމަކީ އެ ޙުކުމްތަކުގެ ޢަދުލުވެރިކަމާއި އޭގެ މާތްކަން ހިތުގެ އަޑިން ޤަބޫލުކޮށް އީމާންވެ އެއަށް ޢަމަލުކުރުމެވެ. އަދި އެއަށް ބޯލަނބައި ކިޔަމަންގަތުމަކީ ވާޖިބުކަމެއްކަމުގައި ދުށުމެވެ. މިދެންނެވީ ޞަރީޙަކޮށް ޤުރްއާނާއި ސުންނަތުން ސާބިތުވާ ޙުކުމްތަކުގެ ވާހަކައެވެ”.


މިފަދަ އެއްވެސް ޙުކުމެއް ދޫކޮށްލުމަކީ ނުވަތަ ބަލައިނުގަތުމަކީ އެއްގޮތަކަސް ވެސް ހުއްދަވެގެންވާނޭ ކަމެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ މުސްލިމު އިންސާނާގެ މައްޗަށް ވާޖިބުވެގެންވަނީ ހިތުންރުހުމުން އެޙުކުމްތަކަށް ތަބާވުމެވެ. ޙަލާލު ކަންތައްތައް ޙަލާލު ކުރާޙާލުގައެވެ. ޙަރާމްކަންތައްތައް ޙަރާމްކުރާ ޙާލުގައެވެ. ވާޖިބުކުރައްވާފައިވާ ކަމެއް ވާޖިބު ކަމަށް ދެކިހުރެއެވެ. މުސްތަޙައްބުކުރައްވާފައިވާ ކަމެއް މުސްތަޙައްބުކަމަށް ދެކިހުރެއެވެ. އަލްއަޙްޒާބު ސޫރަތުގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلالا مُّبِينًا) މާނައީ: ” ދަންނާށެވެ!އާއި އެކަލާނގެ ރަސޫލާ މުސްލިމުންގެ ކަމަކާމެދު ވަކި ގޮތެއް ނިޔާކުރައްވާފައި ވަނިކޮށް، އެގޮތް ދޫކޮށް ތިމާމެން އަމިއްލައަށް ގޮތެއް ޚިޔާރުކުރުމަކީ މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށް ވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި ދަންނާށެވެ! ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެ މީހެއްކަން ކަށަވަރެވެ.”


އަދި ވެސް އައްނޫރު ސޫރަތުގެ 51 ވަނަ އާޔަތުގައި އެއިލާހު ވަޙީ ކުރައްވާފައި ވެއެވެ. (إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا وَأُولَئِكَ هُمُ الْمُفْلِحُونَ).  މާނައީ: އެބައިމީހުންގެ  މެދުގައި ޙުކުމެއްކުރައްވައި އިންޞާފެއް ކުރެއްވުމަށްޓަކައި ﷲއާއި އެކަލާނގެ ރަސޫލާގެ އެންގެވުމަކަށް އެބައިމީހުންނަށް ގޮވާލެވޭ ހިނދު މުއުމިނުންގެ ބަހެއްކަމުގައި ވާކަން ކަށަވަރީ ތިމަންމެން އަހައިފީމުއޭ އަދި، ތިމަންމެން ކިޔަމަންވެއްޖައީމުއޭ ބުނުމެވެ. ދިންނަވައި ނަޞީބު ލިބޭނޭ މީހުންނަކީ ހަމަ އެބައިމީހުންނެވެ.’ އައްނިސާ ސޫރަތުގެ 65 ވަނަ އާޔަތުގައި އެއިލާހު ވަޙީ ކުރައްވާފައި ވެއެވެ. ( فَلاَ وَرَبِّكَ لاَ يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لاَ يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا).  މާނައީ:ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ގަންދެއްވައި ވަޙީކުރައްވަމެވެ. އެމީހުންގެ މެދުގައި އުފެދޭ ދެކޮޅުވެރިވުންތަކުގައި އެބައިމީހުން ކަލޭގެފާނު ޙުކުމް ވެރިކޮށްފުމަށްފަހު، ދެން އެކަންކަމާމެދު ކަލޭގެފާނު ނިންމަވާ ނިޔާއަކަށް ރުހި، ތިމާމެންގެ ހިތްތަކުގައި ކުޑަވެސް ދަތިކަމަކާއި ހިތްހަމަ ނުޖެހުމެއް ނުބާއްވައި، ފުރިހަމައަށް އެނިޔާއަށް ކިޔަމަން ނުވަނީހެއް އެމީހުން މުސްލިމުންކަމުގައި ނުބެލެވޭނެތެވެ.”


ދީނުގެ ޙުކުމްތަކާމެދު ދަނެގަންނަންޖެހޭ ގޮތް:
މިތަނުގައި އަޅުގަނޑުމެން ދަނެގަތުން މުހިންމު ކަމަކީ، ދީނުގެ ޙުކުމްތަކުގެ ތެރޭގައި ވާޖިބުކަންކަމާއި ޙަރާމްކަންކަމާއި ޢުޤޫބާތްތަކާ މި ނޫންވެސް ޝަރުޢީ އެހެން ޙުކުމްތަކުގެ ތެރޭގައި ޤަޠުޢީ ގޮތުން ޘާބިތުވެފައިވާ ޙުކުމްތައް ވާކަމެވެ. އެޙުކުމްތަކަކީ އެއާމެދު އެއްވެސް ޝައްކެއްނުވާ ޔަޤީނީ ޙުކުމްތަކެވެ. ހަމަކަށަވަރުން އެއީ ﷲގެ ދީނާއި ޝަރީޢަތެވެ. މި ފަދަ ޙުކުމްތަކަށް ދަންނަބޭކަލުން ވިދާޅުވަނީ “ދީނުގެ ޙުކުމްތަކުގެ ތެރެއިން ކަނޑައެޅިގެން އެނގޭ ޙުކުމްތަކެވެ.” މިފަދަ ޙުކުމްތަކުގެ ޢަލާމަތަކީ ޢިލްމުވެރީންނާއި ޢާއްމު މުސްލިމުންނަށް އެޙުކުމްތަށް އެނގުމެވެ. އެޙުކުމްތައް ދެނެގަތުމަށްޓަކައި ނަޒަރީ އިޖުތިހާދެއް ނުވަތަ އިސްތިންބާޠުކުރުމެއް ބޭނުމެއްނުވާނެއެވެ. މިސާލަކަށް ނަމާދާއި ޒަކާތާއި އެނޫންވެސް ދީނުގެ ރުކުންތަކުގެ ފަރުޟުވަންތަކަމުގެ ޙުމުކާއި ނުޙައްޤުން މީހުން ޤަތުލުކުރުމުން އޮންނަ ޤިޞާޞާއި ބެހޭ ޙުކުމާއި ޒިނޭގެ ޙައްދާއި ރިބާގެ ޙުކުމާއި ރާބުއިމުގެ ޙުކުމާއި މިނޫނަސް ބޮޑެތި ފާފަތަކުގެ ޙުކުމްތަކެވެ. އަދި ހަމަ އެހެންމެ ކައިވެންޏާއި ވަރިޔާއި ވާރުތަ މުދަލާއި މިފަދަ ކަންކަމުގެ ޤަޠުޢީ ޙުކުމްތަކެވެ. މިއީ ދީނުގެ ޙުކުމްތަކުގެ ތެރެއިން ކަނޑައެޅިގެން އެނގޭ ޙުކުމްތަކުގެ ބައެއް މިސާލުތަކެވެ. ހަމަ އެހެންމެ ސުއްނަތްތަކުގެ ތެރެއިން ސަލަފުގެ ދަންނަބޭކަލުންގެ މެދުގައި ޚިލާފުވުމެއް ނެތް ސުއްނަތްތަކެވެ. މިސާލަކަށް ވިތުރު ކުރުމާއި ރަވާތިބު ސުއްނަތްފަދަ ސުއްނަތްތަކެވެ. މިފަދަ ޙުކުމަކަށް އިންކާރު ކުރާ މީހާ ނުވަތަ އެޙުކުމެއްގެ ޤަދަރު ކުޑަކޮށްލާމީހާ ނުވަތަ އެޙުކުމަކަށް މަލާމާތްކުރާ މީހާ ހަމަކަށަވަރުން ވެސް ޞަރީޙަ ކާފިރުވުމަކުން ކާފިރު ވެއްޖެއެވެ. އެހެނީ މިފަދަ ޙުކުމްތަކަކީ ޤުރުއާނާއި ޙަދީޘުގެ ނައްޞުން ޞަރީޙަކޮށް ބަޔާންކުރައްވާފައިވާ ޙުކުމްތަކެކެވެ. އަދި އެޙުކުމްތަކާމެދު އުއްމަތުގެ ޖީލަކަށް ފަހު ޖީލެއްވަނީ އިޖުމާޢުވެފައެވެ. އެއިން ޙުކުމެއް ދޮގުކުރުމަކީ ޤުރްއާނާއި ސުންނަތުގެ ނައްޞު ދޮގުކުރުމެކެވެ. އެއީ ކުފުރެކެވެ. އަދި ދީނުގެ ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ޤުރުއާނުން ނުވަތަ ލޮބުވެތި ރަސޫލާ صلى الله عليه وسلمގެ ޙަދީޘުން ސާބިތު ވެއްޖެ ކޮންމެ ކަމަކާ އިންކާރުކޮށްފި މީހަކީ އިސްލާމީ މިއްލަތުން ބޭރުވެފައިވާ ކާފިރެކެވެ. އެހެންކަމުން ދީނުގެ އުޞޫލެއްކަމުގައި ވަނީ مَنْ أَنْكَرَ شَيْئًا مَعْلُومًا مِنَ الدِّينِ بِالضَّرُورَةِ فَهُوَ كَافِرٌ މިއެވެ. މާނައީ: ދީނުގައި ކަނޑައެޅި އެނގިފައި އޮތް ކަމަކާ އިންކާރުކޮށްފި މީހާއީ ކާފިރެކެވެ. މިކަމާމެދު އިތުރު ތަފްޞީލު ދެއްވަމުން ސަޢޫދީ ޢަރަބިޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރސްގެ ފަރާތުން ނެރުނު ފަތުވާގައި މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚު ޢަބްދުއްރައްޒާޤު ޢަފީފީ ވިދާޅުވެފައިވެއެެވެ. ދީނުގައި ކަނޑައެޅިގެން އޮތް ކަމެއް މިސާލަކަށް ވިތުރު ނަމާދު ނުވަތަ ފަރުޟު ނަމާދުގެ ރަވާތިބު ސުއްނަތަކާ މެދުކަމުގައި ވިއަސް އިންކާރުކޮށް އެއާ ދެކޮޅު ހެދުމީ ވެސް ކުފުރު ވުމެކެވެ.

މައުމޫނަށް ގޮވާލާ ގޮވާލުން:
ކަންމިހެން ހުރުމާއެކު އަޅުގަނޑުމެންނަކީ އިސްލާމް ދީން ކިޔަވައިގެން އެދީން ފެތުރުމަށާއި ދީނުގެ ޙައްޤު ބަސް މީސްތަކުންނަށް އަންގައި ދިނުމުގެ މަސްއޫލިއްޔަތު ﷲގެ ޙަޟުރަތުން އުފުލައިގެން ތިބި ބަޔަކު ކަމުގައިވާތީވެ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމުގެ އިސްލާމް ދީނާ ޚިލާފު މިޢަމަލުތަކަށް އިންކާރުކޮށް އޭނާއަށް މިކަންތައްތަކުން އެއްކިބާވެ ޙައްޤުމަގަށް ރުޖޫޢަވުމަށާއި އޭނާގެ ޢަޤީދާ އިޞްލާޙު ކުރުމަށާއި މާތް ﷲ އަށް ބިރުވެތިވެ ތައުބާވުމަށް އެދި އިލްތިމާސްކޮށް ގޮވާލަމެވެ. އަދި ރާއްޖޭގައި ތިއްބެވި ޢިލްމުވެރިންގެ ތެރެއިން އަޅުގަނޑުމެންގެ މިބަޔާނުގައި މިވަގުތަށް ހިމެނިފައިނެތް ބޭފުޅުންނަށް ވެސް އެބޭފުޅުންގެ އިސްތަށިފުޅުގައި މާތް ﷲ އަޅުއްވާފައިއޮތް ޒިއްމާ އަދާކުރެއްވުމަށް އެދޭޙާލު، އެބޭފުޅުންގެ ފަރާތްޕުޅުން ވެސް މައުމޫނުގެ އަރިހަށް ނަޞީޙަތުގެ ބަސްފުޅެއް ލިއުއްވުމަށާއި އޭނާގެ ކިބައިން ޙައްޤުމަގަށް ރުޖޫޢަވެ ވަޑައިގަތުމަށް އެދި ދެންނެވުމަށް ވަޞިއްޔަތްކުރަމެވެ.

ލޮބުވެތި ދިވެހި ރައްޔިތުންނަށް ކުރާ އިލްތިމާސް:
މާތް ﷲގެ ދީން ޙިމާޔަތް ކުރުމުގެ ގޮތުންނާއި ހެއުބަހާއި ޙައްޤުބަސް ބުނުމަކީ އަޅުގަނޑުމެންނަށް ވާޖިބުވެފައިވާ ކަމަކަށް ވީތީވެ، ލޮބުވެތި ދިވެހި އެންމެހައި ރައްޔިތުންނަށް އަޅުގަނޑުމެންގެ ފަރާތުން އިލްތިމާސްކޮށް ދަންނަވަން އޮތް ވާހަކައަކީ އަލްއުސްތާޛު މައުމޫނު އަބްދުލް ޤައްޔޫމުގެ ކިބައިގައި މިދެންނެވި ލާދީނީ ޚިޔާލުތަކާއި އެނޫންވެސް މިފަދަ ދީނާ ޚިލާފު އެތަކެއް ވިސްނުންފުޅުތަކެއް ހުރުމާއެކު އޭނާގެ ވާހަކަ ފުޅުތަކުގައި ވަނީ ހެވާއި ނުބައި، ރަނގަޅާއި ގޯސް، ތެދުމަގާއި ފުރެދުން އޮޅުންބޮޅުންވެ ލާދީނީ އޮއިވަރުން ތަތްތެޅިފައި ކަމަށެވެ. އެހެންކަމުން އޭނާގެ ވާހަކަފުޅުތަކުން ތިޔައިން ބޭފުޅެއްގެ ދީނީ ޝުޢޫރަށް އަތުވެދާނެ ނުރައްކަލެއްގެ ބޮޑުކަމުން އޭނާގެ ވާހަކަފުޅުތަކާއި ލިއުއްވުންތަކުން ދުރުހެލިވެ ތިއްބެވުމަށެވެ. ކަންކަން ހޯއްދެވުމުގައްޔާއި ޙުކުމްތައް ދެނެގަތުމުގައި މާތް ﷲގެ ކީރިތި މޫރިތި ފޮތުންނާއި ލޮބުވެތި ރަސޫލާ صلى الله عليه وسلمގެ ޙަދީޘްފުޅުތަކުގައި ބަޔާންވެގެންވާ ގޮތް ޚިޔާރު ކުރެއްވުމަށެވެ. އެކަންކަމާމެދު ދީނުގެ ބޮޑެތި ދަންނަބޭކަލުން ވިދާޅުވެފައިވަނީ ކީކޭތޯ ބައްލަވައި، އެކިއެކި ޒަމާންތަކުގައި ދީނުގެ ނަމުގައި ދީނުގެ ޢަދުއްވުން ފަތުރަމުން، ޖަހަމުންދާ މަޅިތަކުން ސަލާމަތްވެ ތިއްބެވުމަށެވެ. ދުނިޔެއަކީ ނިމިދާން އޮތް ހުވަފެނީ ދުނިޔެއެއް ކަމާއި ޙަޤީޤީ ދިރިއުޅުމަކީ އުޚުރަވީ ދިރުއުޅުން ކަމުގައި ދެކި، ޝައިޠާނީ ފިތުނަތަކުން ސަލާމަތްވެ ތިއްބެވުމަށެވެ.


ދަންނަ މީހުންނާއި ޢިލްމުވެރިންގެ މައްޗަށް ވާޖިބުވެގެންވަނީގެ އަޅުތަކުންނާ ހަމައަށް ޙައްޤު ބަސް ފޯރުކޮށް ދިނުމެވެ. އަޅުގަނޑުމެން އަދާކުރަމުން މިދަނީ އެވާޖިބެވެ. ޤަބޫލުކުރުމާއި ނުކުރުމަކީ އެބައެއްގެ ކަމެކެވެ. ތެދުމަގު ދައްކަވާނީ މާތް ﷲ ރުހިވޮޑިގެންފި އަޅަކަށެވެ. ތައުފީޤު ދެއްވާނީ ހަމަ އެއިލާހެވެ.


މާތް ﷲ އަޅުގަނޑުމެން ދިވެހި މުސްލިމް ދަރިންނާއި އިސްލާމީ މުޖްތަމަޢު މިފަދަ ޝައިޠާނީ ފިތުނަތަކުން ސަލާމަތް ކުރައްވައި އެއިލާހު ރުހިވޮޑިގަންނަވާ މަގުގައި ފައިތިލަ ސާބިތު ކޮށްގެން ތިބުމުގެ ތައުފީޤު ދެއްވާށިއެވެ! އާމީން.

وَمَا عَلَيْنَا إِلاَّ الْبَلاَغُ
وَالسَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ ،،، 
22
  ރަމަޟާން  1429
22
ސެޕްޓެމްބަރު 2008

އަޅުގަނޑުމެންނީ:
1-
 އައްޝައިޚު އިސްމާޢީލް މުޙައްމަދު
2-
 އައްޝައިޚު އާދަމް ނަސީމު
3-
 އައްޝައިޚު ޙުސައިން ޔޫސުފް
4-
 އައްޝައިޚު އިދްރީީސް ޙުސައިިން
5-
 އައްޝައިޚު އަޙްމަދު ފާރޫޤް މުޙައްމަދު
6-
 ޑރ. ޢަބްދުލް މަޖީދު ޢަބްދުލްބާރީ
7-
 ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން
8-
 އައްޝައިޚު އަބޫބަކުރު އިބްރާހީމް
9-
 އައްޝައިޚު ޙުސައިން ރަޝީދު އަޙްމަދު
10-
 އައްޝައިޚު މުޙައްމަދު ޝަހީމު ޢަލީ ސަޢީދު
11-
 އައްޝައިޚު އިލްޔާސް ޙުސައިން
12-
 އައްޝައިޚު ޝުޢައިބު ޢަބްދުއްރަޙްމާން
13-
 އައްޝައިޚު މުޙައްމަދު ލަޠީފު
14-
 އައްޝައިޚު މުޙައްމަދު ޢިޔާޟު
15-
 އައްޝައިޚު ޙަސަން ލަޠީފު މޫސާ
16-
 އައްޝައިޚު އިބްރާހީމް ރުޝްދީ

17. އައްޝައިޚު ޢިމްރާން ޢަބްދުﷲ
18-
 އައްޝައިޚު ޢަޒަމަތު ޖަމީލު
19-
 އައްޝައިޚު ޢަލީ ރިޟާ
20-
 އައްޝައިޚު ޢަލީ ނަޖީބު
21-
 އައްޝައިޚު މުޙައްމަދު ދީދީ
22-
 އައްޝައިޚު ޢަބްދުﷲ މުޙައްމަދު
23-
 އައްޝައިޚު އާދަމް ޝަމީމު
24-
 އައްޝައިޚު މޫސާ ޞިއްދީޤު
25-
 އައްޝައިޚު މުޙައްމަދު ފާރޫޤު ޢަބްދުﷲ
26-
 އައްޝައިޚު މުޙައްމަދު ރަޝީދު ޔޫސުފު
27-
 އައްޝައިޚު ޢަބްދުﷲ ނަޖީބު
28-
 އައްޝައިޚު އަޙްމަދު ޝަފީޤު
29-
 އައްޝައިޚު އަޙްމަދު މޫސާ
30-
 އައްޝައިޚު ރޫޙުލްއަމީން
31-
 އައްޝައިޚު ޙުސައިން ފަހްމީ
32-
 އައްޝައިޚު ސިރާޖުލްއަމީން
33-
 އައްޝައިޚު ޢަބްދުއްރަޝީދު އަޙްމަދު
34-
 އައްޝައިޚު ޢަބްދުއްޞަމަދު މުޙައްމަދު
35-
 އައްޝައިޚު ރަޒީނު ޙުސްނީ
36-
 އައްޝައިޚު ނަސީމު ފަތުޙީ
37-
 އައްޝައިޚު ނާޞިރު ޒަކަރިއްޔާ
38-
 އައްޝައިޚު ޢަލީ ޒާހިރު
39-
 އައްޝައިޚު އަޙްމަދު ސަމީރު
40-
 އައްޝައިޚު ޢަލީ ޝަރީފް
41-
 އައްޝައިޚު މުޙައްމަދު ނަޝީދު އާދަމް
42-
 އައްޝައިޚު ޢަލީ އިބްރާހީމް
43-
 އައްޝައިޚު މުޙައްމަދު ޢަބްދުﷲ
44-
 އައްޝައިޚު އަޙްމަދު ސަލީމް ޙުސައިން

No comments: