Monday, December 1, 2025

ދޮންބަންޑާރައިންގެ ޖިހާދުގެ އިސް ހަތަރު ކޮމާންޑަރުން

 



ޢަބްދުﷲ ސަޢީދު
 
އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން) ހޮޅިން (މަލަބާރީން)ގެ އަތް ދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވި ޖިހާދުގައި ދޮންބަންޑާރައިންނާއެކު އިސްކޮށް ހަތަރު ކޮމާންޑަރަކު ހަރަކާތްތެރިވެވަޑައި ގެންނެވިއެވެ. މި ކޮމާންޑަރުންނަށް ދޮންބަންޑާރައިންގެ ޒަމާނުގައި ދެއްވާފައި ނަމަކީ ސަރުދާރުންނެވެ.
ދޮންބަންޑާރައިންގެ ޖިހާދުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައި ދޮންބަންޑާރައިންގެ އަރިހުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ހަތަރު ކޮމާންޑަރުންގެ ނަންފުޅު ދޮންބަންޑާރައިން ހޮޅީން ނުވަތަ މަލަބާރީންގެ ކިބައިން މި ރާއްޖެ ސަލާމަތްކުރެއްވި ދުވަހު ވިދާޅުވި ނަދުރު ލިޔުއްވާފައިވާ ހައިވަކަރު ފިލާފައި ލިޔުއްވާފައިވެއެވެ. އެ ފިލާގައި ދޮންބަންޑާރައިންގެ ނަންފުޅަކަށް އޮތީ "ފާމުލަދޭރި އަޅާގެ ފުތް ޙަސަން އަޅާ" މިގޮތަށެވެ. މާނައަކީ ފާމުލަދޭރި ކިލެގެފާނުގެ ދަރިކަލުން ޙަސަނެވެ. ދެން ތިއްބެވި އަނެއް ތިން ބޭފުޅުންނަކީ ޙަސަން ގަދަހަމާންތި އާއި، ޙަސަން އޮޅިގެނާ އާއި އުމަރު މޭނާ އެވެ. 
 
 
ފިލާފައި ލިޔުއްވާފައި ވަނީ މިއިން ކޮންމެ ބޭފުޅެއްގެ ބައްޕަގެ ނަމާއެކުގައެވެ. އެގޮތަށް ކިޔާނަމަ ހޮޅިންނާ ދެކޮޅަށް ތެދުވެވަޑައިގެން ޖިހާދު ކުރެއްވި އިސް ހަތަރު ކޮމާންޑަރުންނަކީ
1. ހުރާ ފާމުލަދޭރި އަޅާގެ ފުތް ޙަސަން އަޅާ (ދޮންބަންޑާރައިން)
2. މުޙައްމަދު ގަދަހަމާންތި އަޅާގެފުތް ޙުސައިން ގަދަހަމާންތި އަޅާ
3. އޮޅިގެނާ އަޅާގެ ފުތް ޙަސަން އޮޅިގެނާ އަޅާ
4. މުޙައްމަދު މޭނާ އަޅާގެ ފުތް އުމަރު މޭނާ އަޅާ
މައުލޫމާތު:
ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1958- 1966) ދިވެހި ތާރީޚަށް އައު އަލިކަމެއް، ދެވަނަ ޗާޕު، 1990

No comments:

ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު

   ޢަބްދުﷲ ސަޢީދު   ·        19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...