Saturday, April 1, 2023

ހާރުބެރަށްފަހު ސިފައިން ޖެހި ބަޑި



ޢަބްދުﷲ ސަޢީދު

 

ހާރުބެރަށް ކިޔަނީ "ނައްކާރަ"އެވެ. ނައްކާރައަކީ ބަރަކާތްތެރި ރަމަޟާންމަހުގެ ހާރުދަމުގެ ވަގުތުގައި  ނާބުސްޚާނާއިން  ޖަހާ ބެރެކެވެ. އެ ބެރު ޖަހަނީ ރޯދަމަހު ރޭގަނޑު މެންދަމުން އަލިވެ ދޭއް ޖަހާއިރުއެވެ. މި ބެރު ޖަހަނީ ހާރު ވަގުތު ވަދެއްޖެކަން އިޢުލާނުކުރުމަށެވެ.

 

ނާބުސްޚާނު ނުވަތަ ނާބުސްޚާނާއަކީ ދިވެހިރާއްޖޭގައި ރަސްކަން އޮތް ދުވަސްވަރު މާލޭގައި އާދަވެގެން ރަސްމީ ބެރުތައް ޖަހައި އުޅުނުތަނެވެ. އާންމުކޮށް ރައްޔިތުންނަށް އަންގަންޖެހޭ ބައެއް މުހިންމު އެންގުންތައް ރަސްކަމުގެ ގަނޑުވަރުން އިޢުލާންކުރުމަށް އެ ޒަމާނުގައި ވަރަށްގިނަ  ބެރުތައް ނާބުސްޚާނާއިން ޖަހާއުޅުނެވެ. އެ ބެރުތަކުގެ އަޑު ނުވަތަ ބީޓުތަކުން އެއީ ކޮން ކަމަކާ ގުޅިގެން ޖަހާ ބެރެއްކަން  އެޒަމާނުގެ މީހުންނަށް އެނގެއެވެ.

 

ނާބުސްޚާނާ  ހުރީ ހިތްތަން ދޮރޯށީގެ މަތީގައެވެ. އެ ތަން ހަދައިފައި ހުރީ ބޯކު ދޮރުތަކެއް ލައިފައި ހުންނަ ދިގު ކުޅިބަލާ ގެއެއް ހެންނެވެ. ނާބުސްޚާނާ ކިޔަނީ އެ ތާނގެ އިރުމަތީ ބަޔަށެވެ.

 

ހާރުދަން އިޢުލާނުކުރުމަށް ހާރުބެރު ނުވަތަ "ނައްކާރަ" ޖަހަމުންދާތާ އެތައް ޒަމާނެއް ފަހުން މިގޮތަށް ޖަހަމުންދިޔަ ބެރުތައް ސަރުކާރުން ހުއްޓާލެއްވިއިރު ނައްކާރަ ޖެހުން ވެސް ހުއްޓާލެއްވިއެވެ.

 

މި ބަދަލާއެކު ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ ސަރުކާރުން ކަނޑައެޅުއްވީ ސިފައިންގެއިން ބަޑިއެއް ޖަހާގޮތަށެވެ. އެކަމަކު އެ ބަޑި ޖަހާގޮތަށް ނިންމެވީ ހާރުވަގުތު އިޢުލާން ކުރުމަކަށް ނޫނެވެ. ހާރުދަން ނިމުނުކަން ނުވަތަ ހާރު ކެއުމުގެ ވަގުތު ނިމިއްޖެކަން އިޢުލާން ކުރުމަށެވެ.  މި ބަޑި ޖަހާގޮތަށް ނިންމެވީ ސިފައިންގެ ބަޑިޖަހާގެއިންނެވެ.  މި ގޮތަށް 25 އޮކްޓޫބަރު 1961 ގައި ނިންމަވައި ސަރުކާރުން  އިޢުލާން ކުރެއްވީ 5 ފެބުރުވަރީ 1962 ގައެވެ.

 

މި ބަދަލަކީ އޭރުގެ ސަރުކާރުން ދެކެވަޑައިގެންނެވި ގޮތުގައި "މީސްތަކުންނަށް ބޭނުންތެރި މާނައިން ފުރިގެންވާ" ކަމެކެވެ.

No comments: