Saturday, April 1, 2023

ތާނިޔާ

 


ޢަބްދުﷲ ސަޢީދު 

 

 ދިވެހިބަހުގައި "ތާނިޔާ"ގެ ދެ މާނައެއް އޮވެއެވެ. އެއް މާނައަކީ "ދީނަށް ނަސްރު ދެއްވައި ވެރިންނާއި ރައްޔިތުން އެންމެހާ ނުރައްކާތެރި ކަންތައްތަކުން ސަލާމަތް ކުރެއްވުން އެދި ކުރާ އިލްތިމާސެއް" މިއެވެ. ދެވަނަ މާނައަކީ "ތާކުންތާކު ނުޖެހޭ ދިގު ވާހަކަ" އެވެ.

ތާނިޔާއަކީ ކުރީ ޒަމާނުގައި ހުކުރު ނަމާދަށްފަހު، ޛިކުރުތަސްބީޙަ ކިޔާނިމިގެން، ޞަލަވާތް ފާތިޙާ ކިޔެވުމުގެ ކުރިން ކިޔާ ދުޢާއެކެވެ. ނުވަތަ ދަންނަވާ ދެންނެވުމެކެވެ. މި ކިޔާ ދުޢާ ކިޔުމަށް ކިޔަނީ "ތާނިޔާ ކިޔުން" މިހެންނެވެ. ތިރީގައި މިވަނީ އައްސުލްޠާން ޙަސަން ނޫރައްދީނު (2ވަނަ) ގެ ރަސްކަމުގައި ކިޔާފައިވާ ތާނިޔާގެ ނަކަލެކެވެ. ރަދުން ބަދަލުވުމުން ތާނިޔާއިން ރަދުންގެ ނަންފުޅު ބަދަލުކުރެއެވެ. 

 

"އިސްލާމްދީނުގެ ނަޞްރު ގަދަކުރައްވައި، ކާފިރުތަކުންނާއި ދީނުގެ ޢަދުއްވުތަކުން ނިކަމެތި ކުރައްވައި، ރާއްޖެ ތިޔާގިކުރައްވައި، ރާއްޖޭގެ ބަލިމަޑުކަމާއި ތަދުމަޑުކަން ފިއްލަވައި، އަހުރެމެންގެ މައުލާނާ އައްސުލްޠާނު ޙަސަން ނޫރައްދީން މި ރަސްގެފާނާއި، ދިވެހި ދައުލަތް ހިންގުމަށް އިސްވެ ތިބި މީހުނާއި ދައުލަތުގެ ޢުމުރު ދިގު ކުރައްވައި، ނަޞްރުވެރިކުރައްވައި، ޢަދުލުވެރިކުރައްވައި، ނުނިޔަތްލީ މީހަކު ނިކަމެތިކުރައްވައި، އެންމެހައި ބަލާޚަޠާއިން މި ރަސްގެފާނާއި، ދިވެހި ދައުލަތާއި، ރައްޔިތުން ރައްކައުކުރެއްވުމަށް ނިޔަތް ތެދުކުރައްވައިގެން ޞަލަވާތް ކިޔުއްވައި ދުޢާކުރައްވައި، އަލްފާތިޙަ"

ތާނިޔާ ކިޔުން ހުއްޓާލީ 16 ޖުމާދިލްއޫލަ 1386ވީ ހުކުރު ދުވަހުއެވެ. އެއީ މީލާދީން 2 ސެޕްޓެންބަރު 1966 އެވެ. އެއީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރިކިލެގެފާނުގެ ބޮޑު ވަޒީރުކަމުގައެވެ. ރަސްކަމުގައި އިންނެވީ އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލްއެވެ. އުއްތަމަ ފަނޑިޔާރަކީ މުޙައްމަދު ޖަމީލު ދީދީ އެވެ.

ތާނިޔާކިޔުން ހުއްޓާލީ އެއީ ދީނީ ނުވަތަ ޝަރުޢީ ނަޡަރަކުން ބަލާއިރު ކިޔަންޖެހޭ އެއްޗަކަށްނުވެފައި، ދީނީ ގޮތުން ބަލާއިރު ކިޔުމަށްވުރެ ނުކިޔުން ރަނގަޅުވާނެ ކަމަށް ފެނިވަޑައިގަނެގެންނެވެ. ނާޞިރުގެ ބޮޑުވަޒީރުކަމުގައި މި ބާވަތުގެ ވަރަށް ގިނަ ކަންތައްތަކަށް އިސްލާހީ ގިނަ ބަދަލުތަކެއް ގެންނެވިއެވެ. މިގޮތުން ތާނިޔާ ކިޔުމަށް ގެންނެވި ބަދަލާއެކު ތާނިޔާގައި އޮތް ގިނަ ދުޢާތައް ހުކުރު ޚުޠުބާގެ ފަހު ޚުޠުބާގެ ދުޢާތަކުގެ ތެރޭގައި ހިމެނިގެންދިޔައެވެ.

No comments: