Wednesday, December 19, 2018

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމުގެ ޚިދުމަތަށް އަވަސް ނަޒަރެއް

ލިޔުނީ: ޢަބްދުﷲ ސަޢީދު 
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް، ސާރވިސް ނަންބަރު 941، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1986 ވަނަ އަހަރު ސެޕްޓެންބަރު މަހުގެ 16 ވަނަ ދުވަހު، ޕްރައިވެޓް ރޭންކުގައެވެ. އެ ދުވަހުން ފެށިގެން 32 އަހަރާއި 02 މަހާއި 27 ދުވަހުގެ ދިގުމުއްދަތެއްގައި ވަނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. ސިފައިންގެ ޔުނިފޯމް އެޅި އެންމެ އިސް ކޮމާންޑަރެއްގެ ގޮތުން، ޗީފް ޑިފެންސް ފޯސްގެ މަޤާމު 2012 ފެބުރުވަރީ 9 އަކުން، 2018 ޑިސެންބަރު 11 ވަނަ ދުވަހަށް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް ވަނީ އަދާކުރައްވާފައިވާފައެވެ.

ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް ވަނީ ރާއްޖެއާއި ރާއްޖެއިންބޭރުން ތަފާތު ގިނަ ކޯސްތައް ފުރިހަމަ ކުރައްވައި، ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ހޯއްދަވާފައެވެ. މިގޮތުން ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކަޑެމީ ސޭންޑްހާސްޓުން ފުރިހަމަކުރެއްވި އޮފިސަރ ކެޑޭޓް ކޯހާއި، އެމެރިކާ އިން ފުރިހަމަކުރެއްވި އިންފެންޓްރީ އޮފިސަރސް އެޑްވާންސް ކޯހާއި، ޕާކިސްތާނުން ފުރިހަމަކުރެއްވި ބޭސިކް ސްޓާފް ކޯހާއި، ކޮމާންޑް އެންޑް ސްޓާފް ކޮލެޖް ކޯހާއި، އެމެރިކާ އިން ފުރިހަމަކުރެއްވި އޭޝިއާ ޕެސިފިކް ސެންޓަރ ފޮރ ސެކިއުރިޓީ ސްޓަޑީޒް އެގްޒެކެޓިވް ކޯހާއި، އިންޑިއާ އިން ފުރިހަމަކުރެއްވި ނޭޝަނަލް ޑިފެންސް ކޮލެޖް ކޯސް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ވަރަށް ގިނަ އަދަދެއްގެ ސެމިނަރ ތަކާއި ކޮންފަރެންސް ތަކުގައި ވެސް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސިފައިންގެ ޚިދުމަތުގައި ހުންނަވައި، ހޯއްދަވާފައިވާ ތަޢުލީމާއި ތަމްރީނުގެ ބޭނުން ހިއްޕަވައިގެން މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް ވަނީ ސިފައިންގެއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ތަފާތު ދާއިރާތަކުން ކުރައްވާފައެވެ. މިގޮތުން ސިފައިންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށް ކުރެއްވި އަގުހުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ކޮމާންޑް އަދި ސްޓާފް މުހިންމު މަޤާމްތަކެއް ވެސް ވަނީ ފުރުއްވާފައެވެ. މިގޮތުން ސިފައިންގެ ތަފާތު ގިނަ ޔުނިޓްތަކެއްގެ ކޮމާންޑަރެއްގެ ގޮތުން، އެ ޔުނިޓްތަކުގެ މިޝަން ހާސިލުކުރެއްވުމަށާއި އެ ޔުނިޓުތަކުގެ ތަރައްޤީއާ ކުރިއެރުމަށް ކުރެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކޮށްލެވެއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް އަދާ ކުރެއްވި މުހިންމު މަޤާމްތަކުގެ ތެރޭގައި ސިފައިންގެ އެކުވެރި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި، ޕްރޮޖެކްޓް ޕްލޭނިންގ އިމްޕްލިމެންޓޭޝަން އެންޑް މެއިންޓަނެންސް ސާރވިސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ސަޕޯޓް ބެޓޭލިއަން 2ގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ރައީސްކަމުގެ މަޤާމާއި، ރީޖަނަލް ހެޑްކްއޯޓަރޒް ލ. ކައްދޫގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ރީޖަނަލް ހެޑްކްއޯޓަރޒް ހދ. ކުޅުދުއްފުށީގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، ރެޕިޑް ރިއެކްޝަން ފޯސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމާއި، އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓްގެ މަޤާމާއި، އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑަރުގެ މަޤާމާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރގެ މަޤާމާއި، އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓްގެ މަޤާމު ހިމެނެއެވެ. މީގެއިތުރުން ސިފައިންގޭގެ ވަރަށް ގިނަ ބޯރޑުތަކާއި ކޮމެޓީތަކުގައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އޭގެތެރެއިން ޚާއްޞަ ގޮތެއްގައި ގިނަ ދުވަސްތަކެއް ވަންދެން އެމްއެންޑީއެފް ލަފާދޭ މަޖިލިސްގެ މެންބަރެއްގެ ގޮތުން ކުރެއްވި މަސައްކަތްތަކާއި، އެ މަޖިލިހުގެ ޗެއަރމަންގެ ހައިސިއްޔަތުން ކުރެއްވި އަގުހުރި މަސައްކަތްތަކާއި، އެމްއެންޑީއެފް ޕްރޮމޯޝަން ބޯޑުގެ ޗެއަރމަންގެ ހައިސިއްޔަތު ކުރެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކުރެވެއެވެ.
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމްގެ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި 1988 ނޮވެންބަރު 03 ގެ ޢުދުވާނީ ޙަމަލާގައި މާލެ ތެރޭގައި ހަރަކާތްތެރިވި ސިފައިންގެ ތެރޭގައި ކުރެއްވި ހިތްވަރުގަދަ މަސައްކަތް ކުރެވެއެވެ. ދުޝްމަނުން ރަހީން ކުރުމުން ވެސް ހިތްވަރާއެކު މަސައްކަތްކުރައްވައި އެ މީހުންގެ އަތްދަށުން ސަލާމަތްވެވަޑައިގެން، އެކި ގޮތްގޮތުން ސިފައިންނަށާއި ޒަޚަމުވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންނަށް އެހީތެރިވެ ވަޑައިގެންނެވުމަށް މާލެ ތެރޭގައި އުޅުއްވިއެވެ. މީގެއިތުރުން 1996 ވަނަ އަހަރު ފުވައްމުލަކުގައި ކަރަންޓުގެ އަގާ ގުޅިގެން ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ކުރި އިޙްތިޖާޖާ ގުޅިގެން ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަންގެ ކޮމާންޑަރެއްގެ ގޮތުން އެރަށަށް ވަޑައިގެން ކުރެއްވި މަސައްކަތް ވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި 2003 ސެޕްޓެންބަރު 19 އަދި 20 ވަނަ ދުވަހުގައި މާފުށީ ޖަލުގައި ހިނގި ހާދިސާއާ ގުޅިގެން ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަނާއި،  2004 ވަނަ އަހަރު ހިނގި އެނަމާ ކާރިސާއާ ގުޅިގެން ސިފައިން ހިންގި އޮޮޕަރޭޝަންގައި ސީދާ އެ ސައިޓުގައި ހުންނަވައިގެން ޢަމަލީގޮތުން ކުރެއްވި މަސައްކަތްތައް ފާހަގަކުރެވެއެވެ. އަދި  2004 ޑިސެންބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއާއި 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ހާދިސާއާ ގުޅިގެން ސިފައިން ހިންގި ޚާއްޞަ އޮޮޕަރޭޝަންގައި މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް ކުރައްވާފައިވާ މަސައްކަތްތަކީ ވަރަށް އިޚްލާޞްތެރިކަމާއެކު އަދާކުރައްވާފައިވާ ޤައުމީ އަގުހުރި ޚިދުމަތްތަކެކެވެ.  
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް މަސައްކަތް ކުރައްވާފައިވާ ރޭންކުތަކުގެ ތެރޭގައި ޕްރައިވެޓް، ލާންސްކޯޕްރަލް، ކޯޕްރަލް، ސާރޖަންޓް، ސްޓާފް ސާރޖަންޓް، ވޮރަންޓް އޮފިސަރ ގްރޭޑް 2، ވޮރަންޓް އޮފިސަރ ގްރޭޑް 1 ހިމެނެއެވެ. އަދި ކަމިޝަންޑް އޮފިސަރެއްގެ ގޮތުގައި ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލް، ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކު ހިމެނޭއިރު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވަނީ މޭޖަރ ޖެނެރަލް ރޭންކުގައެވެ.
އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއިއެކު ކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާންގެ ގޮތުގައި މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމަށް 10 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލި ތަކަކީ ތިނެއް ނޮވެންބަރުގެ މެޑެލި، ހުރަވީ ރިހި މެޑެލި، ސައްތައިގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، 17 ވަނަ ސާކު ސަމިޓް މެޑެލި އަދި ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔެވެ. ލިބިވަޑައިގެންފައިވާ ކުލަ ތަކަކީ ޚާއްޞަ ޚިދުމަތުގެ ކުލަ އެއްވަނަ ފަހަރަށް، ޚާއްޞަ ޚިދުމަތުގެ ކުލަ ދެވަނަ ފަހަރަށް، ހުނަރުވެރިކަމުގެ ކުލަ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ހިތްވަރު ގަދަކަމުގެ ކުލަ، އަޚްލާޤީ ކުލަ 1 ވަނަ ފަހަރަށް، އަޚްލާޤީ ކުލަ 2 ވަނަ ފަހަރަށް އަދި އަޚްލާޤީ ކުލަ 3 ވަނަ ފަހަރަށެވެ.
އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނަވައިގެން މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް ކުރައްވާފައިވާ އަގުހުރި ޚިދުމަތްތައް ވަރަށް ގިނައެވެ. އޭގެތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ސިފައިންގެ ޢުމްރާނީ ތަރައްޤީއަށް ކޮށްދެއްވި އަގުހުރި މަސައްކަތްތަކާއި، ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރެއްވުމަށް ދެއްވި އިސްކަމާއި، އިޖުތިމާޢީ ޚިދުމަތުގެ ގޮތުގައި އެމަނިކުފާނުގެ ޚިޔާލުފުޅާ އެއްގޮތަށް ހިންގެވި ގިނަގުނަ ޕްރޮގްރާމްތަކެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމުގެ ފަރުމާކުރެއްވުމާއި ފަންނުވެރިކަމުގެ ހުނަރުތައް ފެނިގެންދާ އެތައް ބިނާއެއް ހެދިފައިވާއިރު، އެމަނިކުފާނުގެ އިސްނެންގެވުމާއެކު ހާދަރުގެ ނަމުގައި ޤައުމީވަންތަ ދިވެހި ފިލްމެއް ވެސް ފުރަތަމަ ފަހަރަށް ސިފައިން ވަނީ އުފައްދާއެވެ. އަދި އުތުރުތިލަފަޅުން ބައެއް ހިއްކައި، ސިފައިންގެ ރަށެއްގެ ގޮތުގައި ސިފަވަރު ވުޖޫދަށް ގެންނެވުމާއި، ނޮވެންބަރު ތިނެއްގެ ޝަހީދުންގެ ހަނދާނީ ބިނާ ހެއްދެވުމުގެ މޭސްތިރިއަކީ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމެވެ. މީގެއިތުރުން ޢިއްޒުއްދީނު ފާލަމާއި، ރަސްރަނި ބަގީޗާގެ މަސައްކަތާއި، ސިފައިންގެ މަރުކަޒުތަކުގައި މިފަހުން ބިނާކުރެވުނު މިސްކިތްތަކުން ފެނިގެންގޮސްފައިވަނީ އެމަނިކުފާނުގެ ފާޑުވެރިކަމާއި، ފަންނުވެރިކަމެވެ. 
މިފަދަ ރިޕޯޓެއްގައި މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް ކުރައްވާފައިވާ ހުރިހާ ޚިދުމަތްތަކަކަށް ބަލާލުމަކީ ވެވޭނެ ކަމެއްނޫނެވެ. ވުމާއެކު އެކަމަށް މަޢާފަށް އެދެމުން، 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ކޮށްދެއްވާފައިވާ މަތިވެރި ޚިދުމަތްތައް އައްސަރިބަހާއި ސާބަސް ދަންނަވަމެވެ. 

މޭޖަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ޝިޔާމް، ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވަނީ 2018 ޑިސެންބަރު 11 ވަނަ ދުވަހުއެވެ. 

No comments: