Sunday, November 18, 2018

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ



މިނިސްޓަރ އޮފް ޑިފެންސް ކަމުގެ މަޤާމަށް މއ. ކޮމްރެޑްވިލާ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޔަންކުރައްވާފައި ވަނީ 2018 ނޮވެންބަރު 17 ވަނަ ދުވަހުއެވެ. އެކަމަނާއަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ދިފާޢީ ވަޒީރުކަމަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ބޭފުޅާއެވެ.


ދިފާޢީ ވަޒީރު، އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ވަނީ އިނގިރޭސިވިލާތުގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް އެބްރިސްވިތްގައި ބެޗްލަރސް ޑިގްރީ އިން ލޯ (އޮނަރސް) އާއި، މާސްޓަރސް ޑިގްރީ އިން ލޯ (އޮނަރސް) ހާސިލު ކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ދި އޮނަރަބަލް ސޮސައިޓީ އޮފް ގްރޭސް އިން ބެރިސްޓަރ ކަމުގެ ފާސް ވެސް އެކަމަނާ ވަނީ ހާސިލު ކުރައްވާފައެވެ.

ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އަކީ ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ވަކީލާއެވެ. ދިފާޢީ ވަޒީރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އެކަމަނާ ހުންނެވީ މާލޭ މައްޗަންގޯޅި އުތުރުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށެވެ. އެކަމަނާ ހިމެނިވަޑައިގަންނަވަނީ މުޅި ދުނިޔޭގައި ވެސް ޕާލަމަންޓަށް ޖެހިޖެހިގެން 4 ދައުރު އިންތިޚާބުވެވަޑައިގެންނެވި މަދު އަންހެން ބޭފުޅުންގެ ތެރޭގައެވެ. ދިފާޢީ ވަޒީރު މާރިޔާ ވަނީ އިންތިޚާބުކުރެވުނު މެންބަރެއްގެ ހައިސިއްޔަތުން 1998 ގެ ޤާނޫނު އަސާސީ އިސްލާހު ކުރުމަށްޓަކައި އެކުލަވާލެވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި މަސައްކަތްޕުޅު ކުރައްވާފައެވެ. އަދި 2008 ވަނަ އަހަރު ތަޞްދީޤްކުރެވި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތްކުރި ކޮމިޓީގައި ވެސް ޢަމަލީގޮތުން މަސައްކަތްޕުޅު ކުރައްވާފައެވެ.
 
ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ އަކީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ އައްސުލްޠާނު މުޙައްމަދު މުޢިއްޒިއްދީނުގެ އަލްއަމީރާ ޢާއިޝަތު ރަންނަބަނޑޭރި ކިލެގެފާނުގެ އަލްއަމީރު ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނު (ބޮޑުވަޒީރު / ސަރުކާރުގެ އިސްވެރިޔާ)ގެ ދޮށީ ދީދީގެ އަލްއަމީރު ޢަލީ ކުޑަ ރަންނަބަނޑޭރި ކިލެގެފާނު (ރަސްކަމުގެ މަޖިލިސް / ވަލީ ކޮމިޓީގެ ރައީސް 1940ގައި)ގެ އައްނަބީލު އަޙްމަދު ދީދީގެ މާރިޔާ އަޙްމަދު ދީދީއެވެ.

 ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަކީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ޗެއަރޕަރސަންގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި އެންމެ ފުރަތަމަ އަދި ހަމައެކަނި އަންހެން ބޭފުޅާއެވެ. މިގޮތުން އެކަމަނާ ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕާސަންގެ ހައިސިއްޔަތުން އެ ޕާޓީއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި ދިވެހިރާއްޖޭގައި ޑިމޮކްރަސީ ކުރިއެރުވުމަށާއި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެން، އަޑު އުފުއްލަވާފައިވެއެވެ. އެކަމަނާ އަންހެނުންގެ ޙައްޤުގައާއި ދިވެހިރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ވަނީ "އިންޓަރނޭޝަނަލް ވިމެން ފޮރ ކަރޭޖް އެވޯޑް" 2007 ވަނަ އަހަރު އަރުވާފައެވެ.

ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީގެ ފިރިކަލަކީ އަލްފާޟިލް މުޙައްމަދު ޢާމިރެވެ. އެ ދެކަނބަލުންނަށް އަންހެން ބޭފުޅަކާއި ދެ ފިރިހެން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.

No comments: