Sunday, November 2, 2014

ނޮވެންބަރު ތިނެއްގެ ބާޣީ ލީޑަރ ހާޖަރާގޭ ޢަބްދުﷲ ލުުޠުފީ (ބާބު 1)




1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ޕްލޯޓް ޖަމާޢަތާގުޅިގެން ދިނުމުގައި އިސް މީހެއްގެ ގޮތުގައި ހަރަކާތްތެރިވި ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީގެ ބައްޕައަކީ އައްޑުއަތޮޅު ހިތަދޫ އައްޝައިޚް އިބްރާހީމް ލުޠުފީ (އައްޑޫ ތުއްތީދީ)ގެ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީއެވެ. މަންމައަކީ ހެންވޭރު ހާޖަރާގޭ ޢައިޝަތު ފަރީދާ (ހާޖަރާގޭ ސިއްތި) އެވެ. ލުޠުފީއަކީ މުޙައްމަދު އިބްރާހީމް ލުޠުފީއާއި ހާޖަރާގޭ ސިއްތިގެ ދޮށީ ފިރިހެން ދަރިފުޅެވެ.


ލުޠުފީއަކީ އޭނާގެ ވަރަށް ކުރީންސުރެ ވެސް އެކިއެކި މައްސަލަތަކުގައި ބެދެމުންއައި މީހެކެވެ. ސްކޫލުގެ ދުވަސްވަރު ވެސް އެކިއެކި ކުށްކުށުގައި އޭނާއަށް އަދަބު ލިބިފައިވެއެވެ. އޭނާގެ އަބަދުވެސް މުއްސަދިކަމާއި ތަނަވަސް ދިރިއުޅުމަށް ލޯބިކުރި މީހެކެވެ. ނުފޫޒާއި ބާރުހޯދުމަށް މަސައްކަތްކުރި މީހެކެވެ. އަބަދުވެސް މަތީ މަޤާމުތަކަށް ޝައުޤުވެރިވެއެވެ. އޭނާއަކީ ކަންތައްތައް އަވަހަށް، އަވަސް ކުރުމަަގަކުން ހާސިލުކުރުމުގެ ވިސްނުމާއި ފިކުރު ގެންގުޅުނު މީހެކެވެ.
ލުޠުފީގެ ވިސްނުމާއި ފިކުރު ހުންނަގޮތަކީ އާންމު ދިވެހިންގެ ފިކުރާ ސީދާވާ ގޮތްތަކެއް ނޫނެވެ. އެއްވެސް ނިޒާމެއް ކަމަކު ނުދެއެވެ. އެއްވެސް ކަމެއްގައި ރަނގަޅު ގޮތެއް ނޯވެއެވެ. ކަންތައްތައް ހަވާލުވެ ހިންގަން ތިބޭ މީހުންގެ ތެރޭގައި ރަނގަޅު ހަމަ އެއްވެސް މީހަކު ނުހުރެއެވެ. އެއިން މީހަކަށް ކުރެވޭ ރަނގަޅު އެއްވެސް ކަމެއްވެސް ނޯވެއެވެ. އޭނާގެ ކުރިމަތީގައި ޤާނޫނާއި ޤަވާޢިދަކީ ވެސް އެއަށް ޢަމަލުކުރަން ޖެހޭ އެއްޗަކަށް ނުވެއެވެ. ޤާނޫނުތަކުގައި ވެސް މުޅިންވެސް ހުންނަނީ ދެކޮޅު ދިމާނުވާ އެއަށް ޢަމަލު ކުރެވެންނެތް ޒަމާނަށް ނުފެތޭ ގޮތްތަކާއި ސިފަތަކެވެ.
1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއަކީ ޢަބްދުﷲ ލުޠުފީ ދިވެހިރާއްޖޭގެ ވެރިކަމާ ތޮޅުނު ފުރަތަމަ ފަހަރެއް ނޫނެވެ. 1968 ވަނަ އަހަރު އޭރުގައި އޮތް ސަރުކާރު ބަދަލުކޮށްލުމަށް ރޭވި ރޭވުމެއްގައި ވެސް އޭނާ ބައިވެރިވިއެވެ. އޭރު އޭނާގެ ޢުމުރުން 20 އަހަރު ވެސް ނުފުރެއެވެ. ވަޒީރުލްއަޢުޒަމް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނު އަވަހާރަކޮށްލުމަށް ދެ ފިސްތޯލައާއި ވަޒަން ރާއްޖެއަށް އެތެރެކުރީ އޭނާއެވެ. އަދި ފިސްތޯލައިން އިބްރާހީމް ނާޞިރު އަވަހާރަކޮށްލުމަށް ފިސްތޯލަ ޖަހާ މީހެއްގެ ގޮތުގައި އޭނާވަނީ އެކަމަށް ވެސް އިސްނަގާފައެވެ. އެހެންނަމަވެސް ﷲގެ ހެޔޮ ރަޙުމަތްފުޅުން އެ ބަޣާވާތް ވެސް ފަޅާއަރައި ނާކާމިޔާބުވީއެވެ.
އެ މައްސަލައިގައި ތަޙުޤީޤާއި ޝަރީޢަތުގައި ކުށަށް އިޢުތިރާފުވިއެވެ. އެ މައްސަލައިގައި 39 އެތިފަހަރުން ތަޢުޒީރުކޮށް 6 އަހަރު ދުވަހުގެ ބުރަ މަސައްކަތާއެކު 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޝަރީޢަތުން ޙުކުމް ކުރެއްވިއެވެ. އުމުރުން 19 އަހަރުގައި މި ޙުކުމް ތަންޒީރުކުރަން ލުޠުފީފެށީ 1968 މާރިޗު 23 ވަނަ ދުވަހުއެވެ. ލުޠުފީ ޖަލުން މިނިވަންވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު 1972 އޮގަސްޓް 5 ވަނަ ދުވަހު ދެއްވި މަޢާފެއްގައެވެ. އޭނާ އެ ފަހަރު ޖަލުގައި ހުރީ 4 އަހަރާއި 4 މަހާއި 13 ދުވަހުއެވެ. ލުތުފީއަށް މަޢާފު ދެއްވައި ދޫކޮށްލެއްވިއަސް އޭނާގެ ޢަމަލުތައްހުރީ މުޖުތަމަޢަށް ދޫކޮށްލާފައި ބެހެއްޓޭ ގޮތަކަށް ނޫނެވެ. އޭނާއަކަށް ކުށުގެ ވެރިން ސަލާމަތްވެ އާންމު ދިރިއުޅުމަކަށް ނާދެވުނެވެ. އޭނާގެ ޢަމަލުތައް ހުރިގޮތުން ދޫކޮށްލާފައި ބަހައްޓަން ސަރުކާރަށް ފެނިވަޑައި ނުގަތުމުގެ ސަބަބުން 1975 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އަލުން ޖަލުގައި ހައްޔަރުކުރިއެވެ. އެފަހަރު އަހަރެއްގާ ދުވަހު ޖަލުގައި ބަހައްޓާފައި، 1976 ނޮވެންބަރު 18 ވަނަ ދުވަހު ހއ.އުލިގަމަށް އަރުވާލެއްވިއެވެ. ޖަލުން މިނިވަންކޮށް އަރުވާލުމުން ވެސް އޭނާގެ ޢަމަލުތައް ހުރީ އިސްލާހުވެ، އެނބުރި މުޖުތަމަޢަށް އަންނަ ވިސްނުމެއްގައެއް ނޫނެވެ. އެހެންކަމުން އަނެއްކާވެސް މާލެ ގެންނަވައި ޖަލަށް ބަދަލު ކުރެއްވިއެވެ. 1976 އޮގަސްޓް 6 ވަނަ ދުވަހު ޖަލުން ގޭބަންދަށް ބަދަލު ކޮށްދެއްވިއެވެ. ގޭބަންދުގައި 1978 ޖޫން 17 ވަނަ ދުވަހާ ހަމައަށް ހުއްޓެވެ. 19 އަހަރުގައި ޓެރަރިސްޓް ޢަމަލެއް ހިންގުމުގައި އިސްކޮށް ހަރަކާތެރިވި ޢަބްދުﷲ ލުޠުފީގެ އުމުރުން އޭރު ހުރީ 29 އަހަރު ފުރިފައެވެ. އެހިސާބުން ލުޠުފީ ބަދަލުވެގެންދިޔައީ ވިޔަފާރިވެރިއަކަށެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަފާތު މަސައްކަތްތައްކޮށް، ވިޔަފާރީގެ ރޮނގުން ހިންދެމިލެވޭތޯ އޭނާ މަސައްކަތްކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް އޭނާ އެދޭފަދަ ކުރިއެރުންތަކެއް އޭނާކުރި އެއްވެސް ވިޔަފާރިއެއްގައި ހޯދިފައެއް ނުވެއެވެ. އަވަސް ކުރުމަަގަކުން ބޮޑު މުއްސައްޖަކަށްވުމަށް އޭނާއަށް ދެން ފެންނަންފެށީ ރާއްޖެއާއި ދުނިޔޭގެ ޤާނޫނުތައްވެސް ހުއްދަ ނުކުރާ މަގުތަކެވެ. ވަގުވިޔަފާރިއާއި ސުމަގުލް ކުރާކަމުގެ ތުހުމަތުތައް ބައެއް ޤައުމުތަކުން އޭނާގެ މައްޗަށް ކުރަންފެށިއެވެ. އެކަމުގެ ނަތީޖާއަކަށްވީ ބައެއް ޤައުމުތަކަށް ދަތުރުކުރުން އޭނާއަށް މަނާވެގެން ދިއުމެވެ. އަދި އޭނާގެ ޕާސްޕޯޓް ވެސް ސަރުކާރުން ހިފަހައްޓަން ޖެހޭ ހިސާބަށް ކަންތައްތައް ދިޔައެވެ. ދޭތެރެ ދޭތެރެއިން ބަންދުވެސް ވާންފެށިއެވެ. އެ ދުވަސްވަރު ދިރޭ ކުދިމަސް ރާއްޖެއިން ބޭރުކުރުމުގެ ނަމުގައި މަސައްކަތެއް ފެށިއެވެ. އެ މަސައްކަތުގެ ތެރެއިން އޭނާ ރޭވީ ރާއްޖެއިން ބޭރުކުރުން މަނާ ސައިޒުގެ ދިރޭ ކަހަނބު އެކްސްޕޯޓްކުރުމަށެވެ. މި މަސައްކަތް ފެށުމަށްޓަކައި ކަހަނބު ގަންނާނެ ބޭރުގެ އެޖެންޓަކު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެކަން ފަޅާއަރައި އެކަމުގައި ކުށްވެރިވެ ގޭގައި ބަންދުކުރިއެވެ. 1978 ވަނަ އަހަރުން ބަންދުން ސަލާމަތްވެގެން ވިޔަފާރީގެ ތެރޭގައި  1986 ވަނަ އަހަރާ ހަމައަށް ލުޠުފީ އުޅުނު ގޮތަކީ މިއީއެވެ.

1986 ވަނަ އަހަރުގެ ޢަބްދުﷲ ލުޠުފީ ބަންދުގައި ހުރީ މ. ވިލުދޮޅީގައެވެ. އޭރު އޭނާގެ އުމުރު 38 އަހަރަށް އަޅަނީއެވެ. ކުރަންއުޅުނު ހުރިހާ ވިޔަފާރިއެއް އޮތީ ހުލިވެފައެވެ. އެއްވެސް މަސައްކަތެއްގައި އޭނާ ބޭނުންވި ވަރަކަށް ކުރިއަރައިގެންނެއް ނުދެވުނެވެ. ވިލުދޮޅީގައި ބަންދުގައި ހުރިއިރު އޭނާގެ ވިސްނުން އަނެއްކާވެސް އެހެން ދިމާލަކަށް އެނބުރެންފެށިއެވެ. ވިޔަފާރިން ނުލިބުނު ކުރިއެރުން އެހެން ކުރުމަގަކުން ހޯދޭނެ ގޮތްތަކެއް އޭނާ ހޯދަން ވިސްނަމުން ގެންދިޔައެވެ. އެގޮތުން އޭނާގެ ތަފާތު ރައްޓެހިންނާ ބައްދަލުކޮށް ތަފާތު ވާހަކަތައް ދައްކައި ޚިޔާލު ބަދަލުކޮށް ހަދަންފެށިއެވެ. އޭރު ލުޠުފީއާ ބަދަލުކުރަންދިޔަ މީހުންގެ ތެރޭގައި ސިފައިންގެ މީހެއްގެ ގޮތުގައި އޭރު ހުރި ސ.ހިތަދޫ ޒަމާނީގޭ ކޯޕްރަލް ޢަބްދުﷲ ޝާހިދާއި މއ.ތިނަދޫގޭ ޢުމަރު ޖަމާލާއި މ. ދީފުރަމްއާގޭ ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު ހިމެނެއެވެ. މި މީސްމީހުން ވިލުދޮށީގައި ރާބޮއިހެދިކަމަށް ޝަރީޢަތަށް ސާބިތުވެފައިވެއެވެ. އަދި އޭރު ލުޠުފީގެ ވާހަކަތައް ހުރީ ރާއްޖެއަކީ އުޅެންހެޔޮވާވަރުގެ ތަނެއް ނޫންކަމަށް ބުނެ ދައްކަމުންދިޔަ ވާހަކަތަކުގެ މައްޗަށެވެ. ސަރުކާރެއް ކަމަކު ނުދެއެވެ. ރާއްޖޭގައި ޢަދުލްއިންސާފު އޮތް ކަމަކަށް ނުދެއެކެވެ. ދުލާއި ގަލަމުގެ މިނިވަންކަމެއް ނެެތެވެ. ލާރިހުއްޓަސް އުފާކޮށް މަޖާކޮށް ހަދާލަންދާނެ ތަންތަނެއް ނެތެވެ. ފިލުމުތައް ސެންސަރު ކުރުމަކީ ލުޠުފީ ވަރަށް ރުޅިއަންނަ ކަމެކެވެ. ލުޠުފީގެ މި ވާހަކަތަކަށް އޭނާގެ ރަހުމަތްތެރިންވެސް އެއްބަސްވެއެވެ. މިފަދަ ވާހަކަތަކުގެ ތެރެއިން ލުޠުފީ ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލުމުގެ ވާހަކަތައް އުފަންކުރަން ފެށިއެވެ.
ސަރުކާރު ވައްޓާލުމުގެ ވާހަކަ ލުޠުފީ ދައްކަނީ އަލަކަށް ނޫނެވެ. ކުރު އަވަސް މަގަކުން ވެރިކަން ބަދަލުކޮށްލުމުގެ އެތައް ޕްލޭނެއް އޭނާ ހުށަހަޅަމުން ގެންދިޔައެވެ. ލުޠުފީގެ ވާހަކަތަކުގައި އޭނާގެ ރަޙުމަތްތެރި ބައިވެރިއެވެ. އެ މީހުންނަށް ފެންނަ ގޮތްތަކެއްވެސް ކިޔައެވެ. ރަނގަޅު ފަސް މީހަކު ހަތިޔާރާއެކު ސިފައިންގެއާ ހަމަލާ ދެނިކޮށް ސިފައިންގެ ހިފިދާނެކަމަށް ބުނީ ކޯޕްރަލް ޢަބްދުﷲ ޝާހިދެވެ. މިއީ ލުޠުފީއަށް ލިބުނު ވަރަށް ބޮޑު އުންމީދަކަށް ވިއެވެ. އޭކޭ 47 ގެ ފަސްބަޑި ވަރަށް ފަސޭހައިން ލިބިދާނެ ކަމާއި އޭރުން އެހެންވިއްޔާ ތިޔަކަންތައް ތިޔަ ނިމުނީތާއޭ ޢުމަރު ޖަމާލު ބުންޏެވެ. މި ވާހަކަތަކުން އިތުރަށް ލުޠުފީއަށް ހިތްވަރު ލިބިގެންދިޔައެވެ. ދެން ލުޠުފީ ތަފާތު ސުވާލުތައް އުފައްދައިގެން އޭނާގެ ރޭވުން ފުރިހަމަކުރުމުގެ މަސައްކަތް ފެށިއެވެ. ސިފައިންގެއާބެހޭ ގޮތުން ޢަބްދުﷲ ޝާހިދާ ތަފާތު ސުވާލުތައް ކުރެއެވެ. ލުޠުފީކުރާ ސުވާލުތަކަށް ޝާހިދު އޭނާއަށް އެނގޭވަރަކުން ޖަވާބުދެމުން ގެންދިޔައެވެ.
ކޯޕްރަލް ޢަބްދުﷲ ޝާހިދަކީ 1982 ވަނަ އަހަރު ސައިންސް އެޑިއުކޭޝަން ސެންޓަރުގައި އުޅެނިކޮށް ސިފައިންގެއަށް ވައްދައި ލާންސް ކޯޕްރަލެއްގެ މަޤާމު ދެއްވި މީހެކެވެ. މާގިނަ ދުވަހެއް ނުވެ އޭނާއަށް ކޯޕްރަލްގެ މަޤާމު ދެއްވިއެވެ. އޭރު އޭނާއަކީ ސިފައިންގޭގައި އޮންނަ އަލިފާންނިއްވާ ބައިގެ އިސް މީހެކެވެ. އޭނާވަނީ އަލިފާން ނިއްވުމުގެ ތަމްރީނުތައް ރާއްޖެއިން ބޭރުން ހަދައި، އަލިފާން ނިއްވުމާބެހޭ ބައެއް ޖަލްސާތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައެވެ.
ހަތިޔާރާއެކު ސިފައިންގެއަށް ވަދެގަނެވިދާނެ ތަފާތު ގޮތްތައް ކިޔަމުން ކޯޕްރަލް ޢަބްދުﷲ ޝާހިދު އޭނާއަށް ފެންނަ އެންމެ ރަނގަޅު ގޮތް ބުންޏެވެ. އެގޮތަކީ އަލިފާން ނިއްވަން ބޭނުންކުރާ ލޮރީގައި ދުއްވާފައި އައިސް ސިފައިންގެ ފާރު ނުވަތަ ގޭޓު ވައްޓާލާފައި އެތެރެއަށް ވަދެގަތުމެވެ. އެ ލޮރީގައި އެހާ ބާރު ހުންނާނެކަމުގެ ޔަޤީންކަން ޝާހިދު ދިނެވެ. ލުޠުފީގެ މައްސަލައަކީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުމެވެ. ސްރީލަންކާއަށް ދެވިއްޖެނަމަ ހަތިޔާރު ލިބޭނޭކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޭނާއަށް އޮތެވެ. މި މަޝްވަރާތައް ހިނގަމުން ދަނިކޮށް ލުޠުފީގެ ބަންދުން ދޫކޮށްލެއްވިއެވެ. މިނިވަންވުމާއެކު 1986 އޮކްޓޫބަރު 29 ވަނަ ދުވަހު އަވަސް އަވަހަށް ލުޠުފީ ސްރީލަންކާއަށް ފުރިއެވެ. ދިޔައީ ދަރިފުޅާއި އަންހެނުން ވެސް ގޮވައިގެންނެވެ.
ލުޠުފީ ރާއްޖެއިން ބޭރަށް ގޮސް ފުރަތަމަ އުޅުނީ އަނެއްކާވެސް ވިޔަފާރިއެއް ފެށޭތޯއެވެ. އަސްދޫނި ގެންގުޅުމުގެ މަސައްކަތެއް ކުރެވޭތޯވެސް އުޅުނެވެ. އަދި ހިކިމަސް ތައްޔާރުކުރުމުގެ ވިޔަފާރިއެއްވެސް ކުރެވޭތޯ ބެއްޔެވެ. އެފަދަ ވިޔަފާރިއެއް އަމިއްލައަށް ފަށައިގަންނާނެހާ ތަނަވަސްކަމެއް ނެތެވެ. ލުޠުފީގެ ރަހުމަތްތެރިއެއްކަމަށްވާ ސިއްކަ އަޙްމަދު އިސްމާޢީލު މަނިކަށް މި ވާހަކަތައް ހުށަހެޅުމުން ސްރީލަންކާގެ އެއްލައްކަ ރުފިޔާ ދީފައި އެ ވިޔަފާރީގެ ހިއްސާދާރަކަށް ވިއެވެ. ސިއްކަ އިންވެސްޓްކޮށްދިނުމުން ލުޠުފީ ވިޔަފާރި ހިންގަންފެށިއެވެ. މި މަސައްކަތް ފެށުމުން ސްރީލަންކާގެ މީހުންނާ ރައްޓެރިވެ އެކުވެރިކަމާއި ގާތްކަން އުފެދެން ފެށިއެވެ. އޭގެތެރެއިން އެކަކީ ރުޑޫލާ ކިޔާ ތަމަޅައެކެވެ. އޭނާއާ ލުޠުފީއާ ބައްދަލުވަނީ ބަނބުޅަޕެޓިޔާ ކޯމިލް ކައިރީގައި ހުންނަ ސައި ހޮޓަލަކުންނެވެ. މިގޮތަށް ބައްދަލުވެ ވާހަކަ ދައްކާތާ ދުވަސްކޮޅެއް ފަހުން އެއް ދުވަހަކު ޕްލޯޓް ޖަމާޢަތުގެ ލީޑަރު ލުޠުފީއާ ބައްދަލުކޮށްލަން ބޭނުންވާ ކަމަށް ރުޑުލާ ބުންޏެވެ. އެއީ 1987 ވަނަ އަހަރުގެ ޖޫންމަހުގެ ފަހުކޮޅެވެ. ލުޠުފީ އެކަމަށް އެއްބަސްވިއެވެ.
ލުޠުފީއާއި ޕްލޯޓް ޖަމާޢަތުގެ ލީޑަރުގެ ގޮތުގައި ބައްދަލުކުރީ ވަސަންތީއެވެ. ވަސަންތީ ލުޠުފީއަށް ތަޢާރަފުވީ ޖާނޫގެ ނަމުގައެވެ. އެއީ ޕްލޯޓް ޖަމާޢަތުގެ މައުންޓްލެވެނިޔާގައި ހުންނަ ކޮމާންޑިންގ ޗީފް ކަމަށް ބުންޏެވެ. އޭރު ލުޠުފީއާބެހޭ ހުރިހާ މަޢުލޫމާތެއް ވަސައްތީއަށް އެގެއެވެ. ޕްލޯޓް ޖަމާޢަތުގެ އިސް ލީޑަރ އުމާމަހޭޝްވަރަމް ލުޠުފީއާ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނީ ވަސަންތީއެވެ. ލުޠުފީ އެއްބަސް ވިއެވެ. އެ ދުވަހު ބައްދަލުވުން ނިންމާލީ ދެ ފަރާތުން ފޯނު ނަންބަރު ނެގުމަށްފަހުގައެވެ. އޭގެފަހުން ވަސައްތީއާއި ލުޠުފީ ފޯނުން ގުޅާ ހަދައެވެ. ޕްލޯޓް ޖަމާޢަތުގެ ލީޑަރ އުމާމަހޭޝްމަރަމްއާ ލުޠުފީއާ ފުރަތަމަ ބައްދަލުކުރީ 1987 ވަނަ އަހަރުގެ ފަހުކޮޅު މައުންޓްލެވެނިޔާ ހޮޓަލުގައެވެ. އެ ބައްދަލުވުމުގައި ވަސަންތީ ވެސް ބައިވެރިިވިއެވެ. އެ ދުވަހު މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކީ ރާއްޖެމަގުން ޕްލޯޓް ޖަމާޢަތަށް ބޭނުންވާ ހަތިޔާރު ސްރީލަންކާއަށް އެތެރެކުރެވިދާނެ ގޮތެއް އޮތްތޯއެވެ. އެކަން ފަސޭހައިން ކުރެވޭނެ ގޮތެއް އޮތް ކަމަކަށް ލުޠުފީއަކަށް ނުފެނުނެވެ. ދެވަނަ ފަހަރަށް ލުޠުފީއާ އުމާމަހޭޝްވަރަމް ބައްދަލުވީ 1988 ފެބުރުއަރީ މަހުގައެވެ. ލުޠުފީކައިރި ބުނެގެން މެލޭޝިޔާގެ މުޙައްމަދު ކިޔާ މީހެއްގެ ނަމުގައި ލުޠުފީގެ ގޭގައި އުމާމަހޭޝްވަރަމް ބަހައްޓައިދިނުމަށް ލުޠުފީއާ ދެމީހުން އެއްބަސްވީ މި ބައްދަލުވުމުގައެވެ. ލުޠުފީގެ ވަނަވަރު ކުރިން އެނގުނަސް ޕްލޯޓް ޖަމާޢަތުން ލުޠުފީ މެދުވެރިކޮށް ކުރަންބޭނުންވާ ކަންތައްތައް ކުރުވުމަށް ހުރި ފުރުސަތުތަކާއި ލުޠުފީގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ހުރި ނެތްގޮތާއި އޭނާގެ ގާތްމީހުންނާއި އެކުވެރިން ދެނެގަނެ ހެދުމުގެ މަސައްކަތް މި ދުވަސްކޮޅު ހިނގިއެވެ. އަދި ލުޠުފީއާ ބައްދަލުވެ ސިއްރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މިކަންވީ ރަނުގެ ފުރުސަތަކަށެވެ. ޕްލޯޓް ޖަމާޢަތަށް ދަތިވެފައިވާ ހަތިޔާރުގެ ވާހަކަތަކުން އުމާމަހޭޝްވަރަމް ވާހަކަ ދައްކަމުން ގެންދެއެވެ. އެ ވާހަކަތަކުން ވާހަކަ ފަޅުވަމުންގޮސް އެންމެ ފަހުން ރާއްޖޭގެ ސަރުކާރު ވައްޓާލަން އެއްބަސްވެ ޕްލޭންތައް އެކުލަވާލަން ފެށިއެވެ. ލުޠުފީއާއި އުމާމަހޭޝްވަރަމް އެއްބަސްވީ ލުޠުފީއަށް ރާއްޖޭގެ ވެރިކަން ހޯދައިދިނުމަށެވެ. އޭގެބަދަލެއްގެ ގޮތުގައި ޕްލޯޓްގެ ތްމަރީނުތައް ހެދުމަށް ރާއްޖެއިން ފަޅުރަށެއް ދިނުމަށާއި، ހަތިޔާރު ސްރީލަންކާއަށް އެތެރެކުރުމަށް ލުޠުފީގެ ސަރުކާރުން އެހީތެރިވުމާއި، ޕްލޯޓް ޖަމާޢަތުގެ ޚަޒާނާ މުއްސަދިކުރުމަށް ރާއްޖެއިން ރިސޯޓެއް ޕްލޯޓް ޖަމާޢަތަށް ދިނުމެވެ.
މި އެއްބަސްވުމަށްފަހު ލުޠުފީ ގެންދިޔައީ ރާއްޖޭގެ އޭނާގެ ރަޙުމަތްތެރިންނާ ދުރުދުރުން މިކަމުގައި މަޝްވަރާކޮށް އެމީހުންގެ ރުހުން ހޯދައި އަދި އެމީހުންގެ ޚިޔާލުވެސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އޭރު ޕްލޯޓް ޖަމާޢަތުން ދިޔައީ ރާއްޖެއަށް އައުމަށް ހަތިޔާރާއި މީހުން ހޯދައި ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ތިނެއް ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި ބައިވެރިވި ގިނަ ދިވެހިން އެ މަޅީގައި ލުޠުފީ ޖެއްސީ މި ދުވަސްތަކުގެ ތެރޭގައެވެ. އޭގެތެރޭގައި ސަގަރު އަޙްމަދު ނާޞިރާއި، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި ކަރޯ ޢައްބާސްއާއި، ޕައިލެޓް ނައީމް ހިމެނެއެވެ. އެމީހެއްގެ ދާއިރާއަކުން ތަފާތު ގޮތްގޮތަށް ސުވާލުތައްކޮށް ލުޠުފީ ބޭނުންވާ މަޢުލޫމާތުތައް އެކި ފަހަރުމަތިން ހޯދައި، ސިފައިންގެ ޗާޓު ވެސް ކުރެހިއެވެ. ސިފައިންގެ އެތެރޭގެ ޗާޓު ކުރެހުމުގަޔާއި ހަމަލާ ދޭނެ ގޮތްތައް އެންމެ ގިނައިން އޮޅުންފިލުވާފައިވަނީ ކުރިން ސިފައިންގޭގައި އުޅެފައިވާ ކަރޯ ޢައްބާސް އާއި އޭރުވެސް ސިފައިންގޭގައި އުޅެމުންދިޔަ ޢަބްދުﷲ ޝާހިދުގެ ކިބައިންނެވެ. ލުޠުފީދިން މަޢުލޫމާތު ތަކުގެ އިތުރުން ޕްލޯޓުގެ އިސް ޓީމުތައް ދެފަހަރެއްގެ މަތިން ރާއްޖެއައިސް ސިފައިންގެ އާއި ސިފައިން ބޭނުންކުރާ ހަތިޔާރުތައް ބަލައި ހަމަލާ އެއްކޮށް ރާވައި ނިންމިއެވެ. 1988 އޮކްޓޫބަރު 29 ގައި ރާއްޖެއަންނަން ފެށި ދަތުރުގައި މާލެއަށް ފޯރި 1988 ނޮވެންބަރު ތިންވަނަ ދުވަހުގެ ފަތިހުއެވެ. (ނުނިމޭ)

No comments: