Thursday, April 12, 2012

ސުނާމީގެ އިންޒާރާއެކު އީހާ މަސައްކަތްކުރިގޮތް

 އޭޕްރީލް 11، 2012 ގައި އިންޑޮނޭޝިޔާއަށް 8.9 މެގުނެޓިއުޑްގެ ބާރު މިނުގެގައި ބާރުގަދަ ބިންހެލުމާގުޅިގެން ސުނީގެ އިންޒާރު ދިނެވެ. އެދުވަހު ސުނާމީގެ އިންޒާރު ދިން ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނުނެވެ. އިންޑޮނޭޝިޔާގެ އަޗޭ ކައިރި އަށް އައި ބާރުގަދަ ބިންހެލުމާއެކު ދިވެހިންގެ ހިތްތަކުގައި ބޮޑު ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. ފޯނުތަކުން ވާހަކަ ދެއްކުން މެދުކެނޑުނެވެ. ނެޓްވޯކް ބިޒީވިއެވެ. އެއްފަރާ ގިނަބަޔަކު ފޯނުކުރަން ފެށުމުންނެވެ.
އަޅުގަނޑުހުރީ ކަޅުތުއްކަލާކޮށީގައެވެ. ގޭގައި އަންހެނުންނާ ދެކުދިން ތިބޭނެއެވެ. މަންމަ އާއި ބައްޕަ ވީ ރަށުގައެވެ. އެއްވެސް މީހަކާ ފޯނުން ގުޅޭގޮތެއް ނުވިއެވެ. ސިފައިން އޭރުތިބީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ. ޓީމުތަކަށް މީހުންދިޔައީ ބަހަމުންނެވެ. އެހެން އުޅެނިކޮށް އަޅުގަނޑުގެ ހަނގު ދަރިފުޅު ފޯނު ކުރިއެވެ. ބައްޕަ ކިހިނެއްތޯ އެހިއެވެ. އަވަސް އަވަހަށް އަންހެނުންނަށް ފޯނު ދިނެވެ. އަންހެނުންނަށް ނުގުޅިގެން އުޅޭތީ އީހާ ފޯނު އަތުލައިގެން ތަކުރާރުކޮށް މަސައްކަތްކޮށްގެން ކާމިޔާބު ކުރީއެވެ. އަންހެނުން ކައިރި އަހަރެން ބުނީމެވެ. ފޯނު ނުކުރާށެވެ. ހާސްވެ ކަންބޮޑު ނުވާށެވެ. މިވަގުތު މިއީ ވިސްނުންތެރިކަމާއެކު ކުރަންހުރި ކަންތައްތައް ކުރަންވީ ވަގުތެވެ. އެއްފަހަރާ ގިނަ ބަޔަކު ފޯނުކުރުމުން ފޯނުގެ ޚިދުމަތަށް ބުރޫއަރަނީއެވެ. އަންހެނުންނާ ވާހަކަ ދެއްކުނީ ކުޑަ ވަގުތުކޮޅަކުއެވެ. އީހާ ފޯނު އަތުލައިފިއެވެ. "ބައްޕާ އަޅުގަނޑު ރެޑީ އިނގޭތޯ؟" ފޯނު ކެނޑިއްޖެއެވެ.
އެރޭ ގެއަށް ދެވުނީ ސުނާމީގެ އިންޒާރު ނެގިތާ އިރުގަނޑެއްފަހުންނެވެ. އޭރު ދެކުދިން ތިބީ ނިދާފައެވެ. ހޭލާ އަންހެނުން އިނެވެ. އަޅުގަނޑު ގެއަށް ދިޔަތަނުން އަންހެނުން އިނގިލިން އިޝާރާތްކޮށް ކުޑަ ދަބަހެއް ދެއްކިއެވެ. އެ ދަބަސް ބަލާލީމެވެ. އެއީ އީހާގެ ދަބަހެކެވެ. އެދަބަހުގައި އޭނާގެ ހެދުންކޮޅެއް ހުއްޓެވެ. އަދި ކުޑަ ކޮތަޅަށް އަޅާފައިވާ ދަގަޑު ލާރިކޮޅެއްވެސް ހުއްޓެވެ. އޭނާ ހުރީ ސުނާމީއެއް ކުރިމަތިވެއްޖެނަމަ ގެ ދޫކޮށް ދިއުމަށް ތައްޔާރުވެގެންނެވެ. ފެނުގައި ޖެހި ތެމިދާނެތީ އޭނާ ގެންދަން ނިއްމީ ދަގަނޑު ލާރިއެވެ. ދަބަހަށް އެއްޗެތި އަޅާ އޭނާ ހުރީ އެހެން ރަށަކަށް ދާންޖެހުނަސް ދެވޭގޮތަށް ރެޑީވެގެންނެވެ. އައިޑީކާޑާއެއްޗެތި މަންމަ އަތުގައި ހުރިތޯ އޭނާ ޔަގީންކުރިއެވެ. 
ގްރޭޑް 4 ގައި އުޅޭ މިދަރިފުޅުގެ ފަރާތުން މިފެނުނު ކަންތައްތަކަކީ ރަނގަޅު ފާލެކެވެ. މިއީ އޭނާގެ އަމިއްލަ ޚިޔާލާއި ވިސްނުމެވެ. އޭނާއަށް ލިބިފައިވާ މަޢުލޫމާތުގެ މުއްސަދިކަމެވެ. މިއިން މިދައްކައިދެނީ މިއަދުގެ ކުޑަކުދިންވެސް ބަދަލުވަމުންދާ މާހައުލަށް މަޑުމަޑުން ނަމަވެސް އެވެއަރ ވަމުންދާކަމެވެ. ސުކޫލުތަކުންނާއި މީޑިއާތަކުން އެކުދިންގެ ސިކުޑިތަކަށް ރަނގަޅު ކަންތައްތަކެއް ވަންނަމުންދާކަމެވެ. އެކަމަކު ސުވާލަކީ އަޅުގަނޑުމެންގެ ތެރޭގައި ތިބީ މިކަހަލަ ކިތައް ކުދިން ހެއްޔެވެ؟

No comments: