Monday, March 12, 2012

އޯގަނައިޒޭޝަން ހަރުދަނާކުރުމަށް ފިޔޮލިޒަމް



އޯގަނައިޒޭޝަނެއްގެ ހާލަތު އޮތްގޮތް ނުވަތަ ހާލަތަށް އަންނަމުންދާ އަދި އައިސްފައިވާ ރަނގަޅު، ނުރަނގަޅު ބަދަލުތައް ދިރާސާކުރަމުންނުދާ އޯގަނައިޒޭޝަންތަކުގައި އެކަންތައްތައް އެނގޭނީ ހިނގާ ހާދިސާއަކުން ނުވަތަ ކުރިމަތިވާ މައްސަލައަކުންނެވެ. އެހިސާބުން ގޯސްކޮށްހުރި ކަންތައްތައް ރަނގަޅުކުރަން ފަށާއިރު ދުނިޔޭގެ ތަޖުރިބާކާރުން ޤަބޫލުކުރާ ކޮންމެވެސް ނަޒަރިއްޔާއަކަށް ދިއުން ބުއްދިވެރިއެވެ. އެފަދަ އެއް ނަޒަރިއްޔާއަކީ ފިޔޮލިޒަމެވެ. 

      ފިޔޮލިޒަމް ނިސްބަތްވަނީ ކްލެސިކަލް އޯގަނައިޒޭޝަން ތިޔަރީގެ ބައްޕަކަމަށްވާ ހެންރީ ފިޔޯލަށެވެ. 1841 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ފިޔޯލަކީ އޯގަނައިޒޭޝަނެއް ހިންގުމަށްޓަކައި މެނޭޖްކުރެވޭނެ ގޮތްތަކެއް ހުށަހެޅުއްވި ބޭފުޅެކެވެ. އެއީ އޯގަނައިޒޭޝަނެއްގެ އިސްވެރިންގެ ފުށުގައި ހުންނަންވީ ސިފަތައް ތަހުލީލުކޮށް ތަރުތީބުކުރި ބޭފުޅެއްވެސް މެއެވެ. މެނޭޖްމަންޓަކީ ތަފާތު ހާލަތްތަކުގައި ތަފާތު ގޮތްގޮތަށް ހިންގަންޖެހޭނެ އެއްޗެއްކަން ދެނެގަނެ އުސޫލުތަކަކާއި ޑޮކްޓަރިންތަކެއް ފިޔޯލް އެކުލަވާލެއްވިއެވެ. ފިޔޯލުގެ "ފިޔޮލިޒަމް" ނަޒަރިއްޔާ ބިނާވެފައިވަނީ މެނޭޖްމަންޓްގެ ފަސް އަސާސަކަށާއި ސާދަ ޕްރިންސިޕަލެއްގެ މައްޗަށެވެ.
      ފިޔޯލްގެ ފުރަތަމަ ޕްރިންސިޕަލަކީ އޯގަނައިޒޭޝަނެއްގައި މަސައްކަތްކުރާ ގިނަ މީހުން ކަންތައްތަކަށް ޚާއްޞަކޮށް ފަންނުވެރި ކުރެވުނު ވަރަކަށް ތަނުގެ މަސައްކަތްތައް ފުރިހަމަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުމެވެ. ދެވަނަ ޕްރިންސިޕަލްގައި އޯގަނައިޒޭޝަންގެ ކޮންމެ ވެރިއަކަށްވެސް ފުރިހަމަ އޮތޯރިޓީ އޮންނަންވާނެ ކަމަށް ފިޔޯލް ވިދާޅުވެއެވެ. ތިންވަނަ ޕްރިންސިޕަލަކީ އޯގަނައިޒޭޝަންގެ ހުރިހާ އެންމެންނަކީވެސް ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށްހިތާ އަޚްލާޤާއި ސުލޫކު ރަނގަޅު ބަޔަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުމެވެ. ފިޔޯލްގެ ހަތަރުވަނަ ޕްރިންސިޕަލަކީ ޔުނިޓީ އޮފް ކޮމާންޑެވެ. ހުރިހާ އެންމެންނަށްވެސް ޢަމުރުތައް އަންނަންވާނީ އެއް ދިމާލަކުންނެވެ. ފަސްވަނަ ޕްރިންސިޕަލަކީ އެންމެ އިސްބަސް ބުނެ، މަގުދައްކަން އިސްވެރިއެއްގެ ގޮތުގައި ހުންނަން ޖެހޭނީ އެންމެ ވެރިއެއް ކަމަށްކަށް ވިދާޅުވާ ވިދާޅުވުމެވެ. ވަކިވަކި ފަރުދެއްގެ ބޭނުމެއް އޯގަނައިޒޭޝަންގެ ބޭނުމަށްވުރެ އިސްވެގެން ނުވުމަކީ ހަވަނަ ޕްރިންސިޕަލެވެ. ހަތްވަނަ ޕްރިންސިޕަލަކީ  ކޮންމެ މީހަކަށްވެސް އެކަށީގެންވާ މުސާރައަކާއި ހަމަހަމަ އިނާޔަތްތަކެއް ދެވެންޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުމެވެ. އަށްވަނަ ޕްރިންސިޕަލްގައި ވިދާޅުވަނީ އޯގަނައިޒޭޝަންގެ ކަންތައްތައް ތަންފީޒުކުރަންޖެހޭނީ އެއްދިމާލަކުން ކަމަށެވެ. ނުވަވަނަ ޕްރިންސިޕަލަކީ އޯގަނައިޒޭޝަންގައި  ރަނގަޅު ހައިރާކީއެއް އޮންނަންވާނެއެވެ. ދިހަވަނަ ޕްރިންސިޕަލަކީ އޯގަނައިޒޭޝަންގެ ހުރިހާ ކަމެއްވެސް ހުންނަންވާނީ ވަކި ތަރުތީބަކުންނެވެ. ހުރިހާ ވެރިންވެސް ދަށުގައި މަސައްކަތްކުރާ މީހުންނާމެދު ގާތް ރަހުމަތްތެރިކަމެއް ބާއްވަންޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުމަކީ އެގާރަވަނަ ޕްރިންސިޕަލެވެ. ބާރަނަމަ ޕްރިންސިޕަލަކީ މުވައްޒަފުންނަށް ވަޒީފާގެ ޔަޤީންކަންދީ ވަޒީފާގައި ދެމެހެއްޓުމަށް މަސައްކަތްކުރަން ޖެހޭނެކަމަށް ވިދާޅުވާ ވިދާޅުވުމެވެ. ތޭރަވަނަ ޕްރިންސިޕަކީ ބައެއް ހާލަތްތަކުގައި އެންމެ ހިތްހަމަނުޖެހޭ ގޮތަކަށް ދަށުން މަސައްކަތްކުރާ މީހުންނަށް ކަމެއް ކުރެވުނަސް އިސްނެގުމަށް އޮންނަ ފުރުސަތަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުމެވެ. ފިޔޯލްގެ ސާދަ ވަނަ ޕްރިންސިޕަލަކީ ސްޓާފުންނަކީ އެބައިމީހުން  މަސައްކަތްކުރާ ތަނާމެދު ފަޚުރުވެރިވެ، އެއްބައިވަންތަކަމާއި އެއްބައެއްވަންތަކުގެ ރޫޙާއި ލޯބި އެތަނަކާމެދު އޮންނަ ބަޔަކަށް ވާންވާނެއެވެ.
      ފިޔޯލް ވިދާޅުވާގޮތުގައި އޯގަނައިޒޭޝަނެއް ހިންގުމަށް ފަސްކަމެއް ބޭނުންވެއެވެ. އެއީ ކުރަންހުރި ކަންތައްތައް ދުރާލާ ޕްލޭންކޮށްގެން ކުރުމާއި، ތަނުގެ އޮނިގަނޑު އެކުލަވާލައި މީހުންނާއި ވަސީލަތްތައް ވަކި ނިޒާމެއްގެ ތެރެއިން ހިންގުމާއި، މުވައްޒަފުންނާގުޅޭ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގައި އަމުރުވެރިކަން އަމުރުވެރިކަމާއި ވިލަރެސްކުރުމާއި ހާލަތާއި ވަގުތާގުޅޭގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ.

No comments: