Tuesday, February 7, 2012

މިއަދު އެއްލިގެން މިދިޔައީ އަނެއްކާވެސް މުޅިން އާ ޞަފްޙާއެއް


ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ 2008 ވަނަ އަހަރު އެކުލަވާލެވުނުއިރު ހިމެނުނު ޑިމޮކްރެޓިކް ބޮޑެތި ބަދަލުތަކާއެކު ފުރަތަމަ އެ ޤާނޫނު އަސާސީން ވެރިކަމަށް އައީ އޭރުގެ އިދިކޮޅު ލީޑަރ މުޙައްމަދު ނަޝީދެވެ. 30 އަހަރުގެ ވެރިކަމަކަށްފަހު ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވެރިކަމުން ފައިބައި ވަޑައިގެންނެވިއެވެ. ޑިމޮކްރަސީގެ ރިވެތި ނަމޫނާ ދައްކަވަމުން ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެއްވި އާ ލީޑަރާ ވެރިކަން ހަވާލުކުރެއްވިއެވެ.

މިއަދަކީ ރައްޔިތުންގެ އިހުތިޖާޖްތަކަކަށްފަހު ރައީސް ނަޝީދުގެ ވެރިކަމުން އިސްތިޢުފާ ދެއްވި ދުވަހެވެ. މިއަދު ރާއްޖޭގެ ތާރީޚުގައި އަދި ފެނިފައިނުވާ ހިތާމަވެރި އަދި ހިތްދަތި ކަންތައްތައްކެއް ވޭތުވެދިޔަ 18 ވަރަކަށް ގަޑިއިރުގެ ތެރޭގައިވަނީ ހިނގާގޮސްފައެވެ. ފުލުހުން ސަރުކާރުގެ ޣައިރުޤާނޫނީ އަމުރުތަކަށް ތަބާނުވާނެކަން ހާމަ ކުރުމާއެކު ދެން ފެނިގެންދިޔައީ ސިފައިންނާއި ފުލުހުންގެ ކުރިމަތިލުމެކެވެ. އެހިނދުކޮޅަކީ މުޅި ޤައުމުގެ ލޯ ކަރުނުން ތެންމާލި ހިތްދަތި ވަގުތު ކޮޅެކެވެ. ޢަބްދުﷲ ޤާޟީ ހައްޔަރުކުރި މައްސަލައިގައި ހައިކޯޓާއި ސުޕްރީމް ކޯޓުގެ ޢަމަުރުތަކަށްވެސް ތަބާނުވި ނަމަވެސް ފުލުހުންނާއި އާންމު ރައްޔިތުންނާ ދެކޮޅަށް  ސިފައިން ރަބަރު ވަޒަން ޖެހުމާ ހަމައަށް ދިޔައެވެ. ހިނގާދިޔަ ހިތާމަވެރި ބޮޑެތި ކުރިމަތިލުންތަކުގައި ޤައުމީ ދިފާޢީ ބާރުތަކުގެ ސިފައިންނާއި ފުލުހުންގެ އިތުރުން ދިވެހި އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޒަޚަމްވަމުންދިޔައެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އޭރުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް މުޒާހަރާތަކަށް ބިރުދައްކާ ހުއްޓުވަން ކުރި މަސައްކަތުގައި ލޭ އޮހޮރުވިގެން ދިޔައެވެ. މަންޒަރުތައް ވަގުތުން ބަލަންތިބި ދިވެހި ރައްޔިތުންނަށް އަމިއްލަ ދެ ޓީވީ ޗެނަލް ކަމަށްވާ ވީޓީވީ އާއި ދިޓީވީގެ އިތުރުން  އޮންލައިން ނޫސްތަކުން ވަގުތުން ގެނެސްދެމުންދިޔަ ޚަބަރުތަކާއި މަންޒަރުތަކުން ދިވެހިންގެ ޖޯޝް ފާހަގަކުރެވުނެވެ. މިއީ ޣާޒީ ބަންޑާރައިގެ ޤައުމެވެ. މިއީ ދޮން ބަންޑާރައިންގެ ޤައުމެވެ. އަދި ކީއްހެއްޔެވެ. މިއީ ޝަހީދު ޙުސައިން އާދަމްގެވެސް ޤައުމެވެ. ދިވެހި ރައްޔިތުންގެ ޖޯޝުން އެކަން ސާބިތުކޮށްދީފިއެވެ.

މިއީ މުޅި ޤައުމު ބިނާ ކުރުމުގެ ވަގުތެވެ. މަގުމަތިން ވެރިކަން ބަދަލުކުރުމަކީ ޙަޤީޤަތުގައިވެސް އެކަމާގުޅިގެން އެހެން މީހުންނަށްވެސް އެކަމުގެ ހިތްވަރު ލިބިދޭކަމެއްކަން ތާރީޚު ހެކިދެއެވެ. ހާލަތު މަޖުބޫރުވެެގެން މިގެނެވުނު ބަދަލާމެދު ފުންކޮށް ވިސްނާ ފިކުރުކޮށް، އެއްބައިވަންތަ ސަރުކާރެއް އެކުލަވާލަންވީ ވަގުތަކީ މިއީއެވެ. މިއީ ދިވެހި ޑިމޮކްރަސީގެ ޙައްޤުގައި ބޯންޖެހުނު ހިތި ބޭހެކެވެ. އެކަމަކު އެކަމުގެ ނަތީޖާ ފޮނިވުމަކީ އެންމެހާ ރައްޔިތުންގެ ދުއާއެވެ. މިއީ "ކާމިޔާބުގައި ހިތްތިރިކޮށް، ނާކާމިޔާބުގައި ހިތްވަރުކުރަންވީ ވަގުތެ"ވެ.

މިއަދުގެ ހަމަނުޖެހުންތަކުގައި ގިނަ ބަޔަކުވަނީ ޒަޚަމުވެފައެވެ. އެހެންކަމުން ޒަޚަމުވީ ހުރިހާ ފަރާތްތަކަކަށް އަވަސް ޝިފާއަކަށް އެދެމެވެ. އަދި ރާއްޖޭގެ ޤާނޫނު އަސާސީ ނަގަހައްޓާ ދިމަހައްޓާ ދިވެހިރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކަކަށް އެދެމެވެ.  

No comments: