Saturday, July 7, 2018

މަނަދޫގެ ތިން މީހަކު ގެއްލި އެކަކު ސަލާމަތްވި ހާދިސާ

ޢަބްދުﷲ ސަޢީދު 


މި ހާދިސާ އެނގޭ މީހުން މިހާރު ވެސް މަނަދޫގައި ތިބެދާނެއެވެ. އެކަމަކު އެ ވާނީ އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދު ބަޔަކަށެވެ. ބަޔަކު ތިއްބަސް މި ހާދިސާގެ ތަފްސީލެއް ނޭނގޭނެއެވެ. އިވިފައި އޮންނާނީ މި ހާދިސާގެ އަޑެވެ. އަޅުގަނޑުގެ ބައްޕައަކީއަކީވެސް 72 އަހަރުގެ ބޭކަލެކެވެ. ބައްޕަ ވެސް އައްސަވާފައިވަނީ މި އަޑެވެ. މި ހާދިސާ ހިނގީ ބައްޕަގެ އުމުރުން އެންމެ 11 އަހަރުގައެވެ. ހާދިސާ ހިނގީ މާލޭގައެވެ. ގެއްލުނީ އެ ދުވަސްވަރު މާލޭގައި މަހަށް ގޮސް އުޅުނު ބައެކެވެ.


ދުވަހަކީ މީލާދީ 1957 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހެވެ. އެއީ ހިޖުރައިން 1376 ވަނަ އަހަރުގެ ޖުމާދަލްއައްވަލް މަހުގެ 29 ވަނަ ދުވަހެވެ. ވެލިދޫގޭ މޫސާދީދީދީގެ "ކުރަނގި" ދޯނިން 9 މީހަކު މަހަށް ދިޔައެވެ. އޭގެތެރޭގައި ހިމެނެނީ މަނަދޫ ހަތަރު މީހުންނާއި ކަނޑޫދޫ ދެ މީހުންނާއި މިލަދޫ މީހަކާއި ފޯކައިދޫ މީހަކާއި ގުޅީ މީހެކެވެ. މި އެންމެންނަކީ ވެސް އާންމުކޮށް މަހަށްގޮސް އުޅޭ ކަނޑުމައްޗަށް ފަރިތަ ބައެކެވެ. ހުރިހާ އެންމެންނަށް ވެސް ރަނގަޅަށް ފަތަން އެނގެއެވެ.

ކުރަނގި ދޯނި މަހުން އަންނަނިކޮށް ވަރުގަދަ ކޮޅިގަނޑެއްގައި ޖެހުނެވެ. އޭރު އެއީ ރިޔާނެގި ދޯނި ދުއްވި ޒަމާނެވެ. ކޮޅިގަނޑާއެކު ފަހަތުން ނެގީ މާ ބޮޑު ރާޅެކެވެ. އެ ރާޅުގައި އެ ދޯނި ފެތުނީއެވެ. ދޯނި ފެތުނީ އެނބޫދޫ ފިނޮޅު ކައިރިން ވާދޫ ކަނޑަށެވެ. އޭރު އެއީ އެ ދުވަހުގެ މެންދުރެއްހާއިރެވެ. އޭރަކީ މުސަލާތު ކުރެވޭ އާލާތްތަކެއް ހުންނަ ޒަމާނެއް ނޫނެވެ. އެއީ ފޯނެއް، ވޯކީޓޯކީއެއް، ރޭޑިއޯ ޓެލެފޯނު ސެޓެއް އޮޑިދޯނި ފަހަރުގައި ބޭނުންކުރި ޒަމާނެއް ނޫނެވެ. ލައިފު ޖެކެޓެއް ވެސް ނުހުރެއެވެ. މިގޮތަށް ކަނޑަށް ފެތޭ އޮޑިދޯނި ފަހަރުގައި ދަތުރުކުރާ މީހުން ސަލާމަތްވުމަށް އާންމުކޮށް ބޭނުންކުރަނީ އެ ދޯންޏެއްގައި ހުންނަ މަޅާއި ކުނބު ފަރުމާނު ފަދަ ތަކެއްޗެކެވެ.

އެ ދުވަހު މަހަށްދިޔަ 9 މީހުންގެ ތެރެއިން މި ހާދިސާގައި ސަލާމަތްވީ އެންމެ 2 މީހުންނެވެ. އޭގެތެރޭގައި ވެސް މަނަދޫ މީހަކު ހިމެނެއެވެ. ސަލާމަތްވި ދެ މީހުންނަކީ މަނަދޫ ޙަސަން މަނިކާއި ކަނޑޫދޫ ކުޑަ ޢަލީއެވެ. މަނަދޫ ޙަސަން މަނިކަކީ އެ ދޯނީގެ ކެޔޮޅެވެ. މި ޙަސަން މަނިކު ނ. ޅޮހިން މީހަކަށް އިން ކަމަށްވެއެވެ. އެ ދެ މީހުން ރައްޓެހިވެގެން އުޅުނުއިރު ކިޔާއުޅުނު މަޝްހޫރު ފަރިއްސެއްވެސް އޮންނަ ކަމަށްވެއެވެ.

ސަލާމަތްވި ދެ މީހުން (މަނަދޫ ޙަސަން މަނިކާއި، ކަނޑޫދޫ ކުޑަ ޢަލީ) ފަތާފައި އައިސް އެރީ ކުޑަ މާލެއަށެވެ. އެ މީހުންނަށް ކުޑަ މާލެއަށް އެރުނީ ހަވީރު ހަތަރެއް ޖަހާ އެހާކަންހާއިރުއެވެ. މިއަދަކު ކުޑަ މާލެއެއް ނެތެވެ. ކުޑަމާލެ މިއޮތީ މާލެ ހިއްކިއިރު މާލޭގެ ދެކުނު ފަރާތުގެ ބަޔަކަށްވެފައެވެ. މި ދޯނި ދަތުރުކުރި 9 މީހުންނަކީ:-
1. މަނަދޫ ޙަސަން މަނިކު (މާފަންނު)
2. ކަނޑޫދޫ ކުޑަ ޢަލީ (މާފަންނު)
3. މަނަދޫ ދޮންކަމަނަ މުޙައްމަދު (މާފަންނު)
4. މަނަދޫ ދޮން ޢަލީބެ ( މާފަންނު)
5. ކަނޑޫދޫ މޫސާ (މާފަންނު)
6. މިލަދޫ މޫސާ (މައްޗަންގޮޅި)
7. ފޯކައިދޫ މޫސާ (މާފަންނު)
8. މަނަދޫ މޫސާ (މާފަންނު)
9. ގުޅީ އިބްރާހީމް ފުޅު އެވެ.

މި މީހުން ހޯދުމުގެ މަސައްކަތް ކުރިއެވެ. އެކަމަކު ގެއްލުނު މީހުންގެ އެއްވެސް ޚަބަރެއް ނުވެއެވެ. ގެއްލުނު މީހުންގެ ތެރޭގައި ހިމެނޭ މަނަދޫ ދޮންކަމަނަ މުޙައްމަދަކީ އަޅުގަނޑުގެ މަންމަގެ ބައްޕަ (މަންމަ ފަރާތު ކާފަ) އާ އެއް ބަނޑުއެއްބަފާ މީހެކެވެ. އަޅުގަނޑުގެ ކާފައަކީ ދޮންކަމަނަ އިބްރާހީމެވެ. ދެން ހުންނަނީ ދޮން ކަމަނަ ސިއްތި އާއި ދޮންކަމަނަ ހުސައިންނެވެ. ސިއްތި ދައިތައާއި ހުސޭނުބޭ އަޅުގަނޑު ވެސް ދުށީމެވެ.

ދޮންކަމަނަ މުޙައްމަދުބޭ ރުގީދައިތައާ ކައިވެނިކުރިއެވެ. އެ ދެ މަފިރިން އޭރު އުޅުނީ މަނަދޫ އުޑުވިލާގެ މިހާރު ހުރި ހިސާބުގައި ހުރި ގެއެއްގައެވެ. މުޙައްމަދުބެއަށް ފިރހެން ކުއްޖަކު ވެސް ލިބުނެވެ. އެ ކުއްޖާ ވެސް ގެއްލުނީ ބޮޑު ވެފައި ހުއްޓާ މޫދަށެވެ. ބުނެވޭގޮތުގައި ބޮޑު ފާނަ ކާލީއެވެ. އޭރު މަނަދޫ ފަޅުތެރެއަށް ބޮޑު ފާނައެއް ވަންނަ ވާހަކަ ކިޔާ އުޅުނެވެ. އަޅުގަނޑުމެން ކުޑައިރު ވެސް މޫދަށް ދާތީ ކުޑަކުދިން ބިރުގަންނުވަން ބޮޑު ފާނައެއްގެ ވާހަކަ ކިޔައެވެ.

މަނަދޫ ދޮން ޢަލީބެގެ ގެ ހުރީ މިހާރުގެ ނ. އަތޮޅު އޮފީސް އެހުރި ކޮށީގެ އިރުމަތީ ކޮޅުގައެވެ. އަތޮޅުގެ ބޮޑުކުރިއިރު ދޮންއަލިބެގެ ވަޅެއް އަތޮޅުގެ ހަރިންމަ ތެރޭގައި ހުއްޓެވެ.  އެވަޅަށް ކިޔަނީ ދޮންއަލިބޭގެ ވަޅެވެ. އެ ވަޅަކީ ގާޖެހި ވަޅެކެވެ.

މި ލިޔުމުގައި މީހުންގެ ނަމާއެކު އެވަނީ އެ މީހުން އޭރު ދިރިއުޅުނު މާލޭގެ އަވަށުގެ ނަމެވެ. މި މީހުން މަހަށް ދުއްވި އޮޑިވެރިޔާ ވެލިދޫގޭ މޫސަައިދީ އޭރު ހުންނެވީ ނ. އަތޮޅު އަތޮޅުވެރިކަމުގައެވެ.  މޫސައިދީއަކީ މީހުންނަށް ވަރަށް ރަނގަޅު ހިންގުންތެރިބޭފުޅެކެވެ. އަޅުގަނޑުގެ ބައްޕަ ޚިތާނުކުރީ މޫސައިދީގެ އަތޮޅުވެރިކަމުގައި މުސްކުޅި އަތޮޅުގޭގައެވެ. މުސްކުޅި އަތޮޅުގެއަކީ މިހާރު އެހުރި އަތޮޅުގެ ރާނަންވެގެން ތަޅާލި އަތޮޅުގެއެއް ނޫނެވެ. މިހާރު މިހިރަ އަތޮޅުގެ ރާނަންވެގެން ތަޅާލި އަތޮޅުގެ އަޅުގަނޑު ވެސް ދުށީމެވެ. 


No comments: