Saturday, April 21, 2018

އެމްއެންޑީއެފް ކޯސްޓްގާޑް



އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތް ރަސްމީގޮތުން ފެށިފައިވަނީ 1980 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ކޯސްޓްގާޑުގެ ޚިދުމަތް ފެށުމުގެކުރިންވެސް ދިވެހިރާއްޖޭގެ މަސްކަނޑުތައް ބެލެހެއްޓުމުގައި ސިފައިން ހަރަކާތްތެރިވެފައިވެއެވެ.


އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ މިޝަންއަކީ، "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާ، އިސްތިޤްލާލް އަދި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކުރުމާ، އަދި ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ ކޮންމެކަމަކުން ޤާނޫނީވެރިކަން ހިމާޔަތްކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ދިވެހި ދައުލަތް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ދިފާޢުކޮށް ބަލަހައްޓާ، ދިވެހި ދައުލަތުގެ ޤައުމީ އިސްތިރާޖީ އިންސްޓޮލޭޝަންތަކާ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ، ކަނޑާއި ވައިގެ ސަރަޙައްދުން ރައްކާތެރިކޮށް ބެލެހެއްޓުން" މިއެވެ. މި މިޝަން ހާސިލް ކުރުމަށްޓަކައި އެހެން އަހަރުތަކެކޭ އެއްފަދައިން ފާއިތުވި އަހަރު (2017 ވަނަ އަހަރު) އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ވަރަށް ބުރަ މަސައްކަތް ތަކެއް ކޮށްފައެވެ. މިގޮތުން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ރާއްޖެއާއި އިންޑިޔާ ގުޅިގެން ހިންގުނު ޖޮއިންޓް މެރިޓައިމް ޕެޓްރޯލް ތަކުގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ޝިޕްތަކާއި އިންޑިއަން ނޭވީގެ ޑޯނިއާ މަތިންދާ ބޯޓާ މަނަވަރުތައް ބޭނުންކޮށްގެ 12 ޕެޓްރޯލް ދަތުރެއް ކުރެވި، ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގެ 589,179  (ފަސްލައްކަ އަށްޑިހަ ނުވަހާސް ސަތޭކަ ހަތްދިހަ ނުވަ) އަކަ ނޯޓިކަލް މޭލު ބަލާފައިވެއެވެ. އަދި މީގެއިތުރުން އެމް.އެން.ޑީ.އެފް ކޯސްޓްގާޑް ސްކޮޑްރަންތަކާއި ކޯސްޓްގާޑް ހެޑްކުއޯޓަރޒް ގުޅިގެން ހިންގުނު ސަރވައިލެންސް ޕެޓްރޯލްތަކުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 108849 (އެއްލައްކަ އަންހާސް އައްސަތޭކަ ސާޅިސްނުވައެއް) އަކަ ނޯޓިކަލް މޭލް ކަނޑުގެ ސަރަހައްދެއް ބަލާފައިވެއެވެ.

ވޭތުވެދިޔަ އަހަރު ރާއްޖޭގެ އެކި ސަރަޙައްދު ތަކުން ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ތަފާތު 394 ހާދިސާއެއްގައި ކޯސްޓްގާޑުން ސީދާ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެތެރޭގައި ފަރަށް އެރުމާއި، އިންޖީނު މައްސަލަ ޖެހުމާއި، އެކްސިޑެންޓްވުމާއި، ދިޔަވެ އަޑިޔަށް ދިއުމާއި، އުޅަނދުފަހަރު ބަންޑުން ޖަހާލުމާއި، ފުރިފަހުން ޚަބަރެއްނުވުމާއި، އަލިފާން ރޯވުމާއި، މީހުން ކަނޑަށް ވެއްޓި ގެއްލުން ފަދަ ހާދިސާތައް ހިމެނެއެވެ. މި ހާދިސާތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ޖުމްލަ 1216 މީހެއްގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ސީދާގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
  
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް ކޯސްޓްގާޑުން ކުރަމުންދާ އެންމެ ޚާއްޞަ މަސައްކަތަކީ މިދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުމެވެ. މިގޮތުން ފާއިތުވި އަހަރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތު 19 ރަށެއްގައި  ނިޔަމިކަމުގެ ކްލާސް 2 ގެ 50 ބެޗް ހިންގައި، ޖުމްލަ 1191 (އެގާރަސަތޭކަ ނުވަދިހަ އެއް) ފަރާތެއް ވަނީ ތަމްރީނުކޮށްފައެވެ. މީގެއިތުރުން ކޯސްޓްގާޑުން ކުރިއަށް ގެންދާ "މެރިޓައިމް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމް" 04 ރިސޯޓެއްގައި ހިންގާ 213 މީހުން ވަނީ ތަމްރީނުކޮށްދީފައެވެ. ދިވެހި ޒުވާނުންނާއި ކިޔަވާކުދިންނަކީ ކަނޑުމަތީގައި ދިމާވާ ކަންކަމާމެދު ހޭލުންތެރި ބަޔަކަށް ހެދުމަށްޓަކައި ހިންގި ޕްރޮގްރާމް 1887 ދަރިވަރުން ފުރިހަމަކޮށްފައިވެއެވެ. އަދި ފިޝަރީޒް މިނިސްޓްރީން  ސްކޫލުތަކުގެ ދަރިވަރުންނަށް ކުރިއަށްގެންދަވާ ފިޝް ކޭމްޕްގައި ޖުމްލަ 40 ދަރިވަރަކަށް ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ވަނީ ދީފައެވެ. މީގެ އިތުރުން ސުކޫލްތަކުގެ ދަރިވަރުންނަށް ރާއްޖޭގައި ހެދޭ ގަސްގަހާގެއްސާއި ބެހޭ މައުލޫމާތު ދިނުމަށްޓަކައި ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި ހިންގާ ރާއްޖޭގައި ހެދޭ ގަސްގަހާގެއްސާބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމުގައި ވޭތުވެދިޔަ އަހަރު 1036 ދަރިވަރަކަށް މަޢުލޫމާތު ދީފައިވެއެވެ.

ބަލި މީހުން އެއްރަށުން އަނެއް ރަށަށް އުފުލުމަށް ކޯސްޓްގާޑުން ވޭތުވެދިޔަ 2017 ވަނަ އަހަރު ހިންގި މެޑިކަލް އިވެކްއޭޝަން އޮޕަރޭޝަން ތަކުގައި ކަނޑާއި ވައިގެމަގުން ޖުމްލަ 3069 (ތިންހާސް ފަސްދޮޅޮސް ނުވަ) ބަލި މީހަކު އުފުލައިދީފައިވެއެވެ. 

އެމްއެންޑީއެފް ކޯސްޓްގާޑުގައި ޚިދުމަތްކުރާ ދިވެހިރާއްޖޭގެ ކަނޑުގެ ސިފައިންނަކީ ހަމައެކަނި ކަނޑުމަތީގައި ހަރަކާތްތެރިވާ ބައެއްނޫނެވެ. ސިފައިންގޭގައި ބާއްވާ ތަފާތު ކުޅިވަރު މުބާރާތްތަކުގައި ވެސް ބައިވެރިވެ ފަޚުރުވެރި ވަނަތަކެއް ވެސް ހޯދަމުން އަންނަ ބައެކެވެ.

ކޯސްޓްގާޑު ސިފައިންގެ އެންމެ މުހިންމު އެއް އަސާސަކީ އަސްކަރީ ގޮތުން ޤާބިލު ހުޝިޔާރު ބަޔަކަށްވުމެވެ. ދިވެހިރާއްޖެއަށް އަތުވެދާނެ ކޮންމެ އުދުވާނަކާ ކުރިމަތިލައި ދުޝްމަނުންނާއި ބަޣާވާތްތެރިން ބަލިކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ އިސްތިޤުލާލު ރައްކާތެރި ކުރުމެވެ. އަދި މިކަމަށްބޭންވާ ޢިލްމާއި ހުނަރު ތަރައްޤީކޮށް، ރާއްޖޭގެ ކަނޑުފަޅުތަކަށާއި މޫސުންތަކަށް ފަރިތަ ބަޔަކަށްވުމެވެ. މިކަމަށްޓަކައި ކޯސްޓްގާޑުން އަންނަނީ ތަފާތު އެކްސަސައިޒްތައް ބާއްވަމުންނެވެ. މިގޮތުން ބޭރުގެ އަސްކަރިއްޔާތަކާ ގުޅިގެން ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތައް ފާހަގަކޮށްލެވެއެވެ. މީގެތެރެއިން އިންޑިއާގެ ނޭވީއާ ގުޅިގެން ކުރިއަށްގެންދާ އެކްސަސައިޒް ދޯސްތީ އަކީ ބޭރުގެ އަސްކަރިއްޔާއަކާ ގުޅިގެން މެދުކެނޑުމެއްނެތި ދިވެހި ސިފައިން ކުރިއަށްގެންދާ އެންމެ ގިނަ ދުވަސްވީ އެކްސަސައިޒެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތަކީ މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ވަރަށް ފަހި ފުރުސަތުތަކެއް އޮތް ދާއިރާއެކެވެ. މިގޮތުން ފާހަގަކޮށްލެވޭ ޚާއްޞަ ދާއިރާތަކުގެ ތެރޭގައި ނެވިގޭޝަން، ކޮމިއުނިކޭޝަން، ގަނަރީ، ޑައިވިންގ، އިންޖިނިއަރިންގ، ސާރޗް އެންޑް ރެސްކިޔު، ކަލްނަރީ، އޯޝަނަ ގްރަފީ، މީޓިއޮރޮލޮޖީ، ބޯޑިންގ އަދި މެޑިކަލް ހިމެނޭ. މި ފަންނީ ދާއިރާތަކުގެ އިތުރުން އެއަރވިންގުގެ ދާއިރާއަކީ ވެސް ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ކުރިއަށް ދެވިދާނެ ތަފާތު ފަންނުތައް ހިމެނޭ ޚާއްޞަ ދާއިރާއެކެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން އަބަދުވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަފާތު އިންސްޓިޓިއުޝަންތަކަށް ސިފައިން ފޮނުވައިގެން ތަފާތު ފަންނުތަކުން މީހުން ތަމްރީނުކޮށް، އިންސާނީ ވަސީލަތް ދަނީ ތަރައްޤީ ކުރަމުންނެވެ. މީގެއިތުރުން ކޯސްޓްގާޑް ޓްރޭނިންގ ސްކޫލުން ވެސް ތަފާތު ޓްރޭނިންގ ޕްރޮގްރާމްތައް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑަށް ފައްތައިގެން ދަނީ ހިންގަމުންނެވެ. މިގޮތުން ކޯސްޓްގާޑު ބޭސިކް ކޯހާއި، ސާރޗް އެންޑް ރެސްކިޔު ކޯހާއި، ބޭރުގެ އަސްކަރިއްޔާތަކަށް ހުޅުވާލައިގެން ބައިނަލް އަޤްވާމީ ފެންވަރުގައި ހިންގާ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ފާހަގަކޮށްލެވެއެވެ.

No comments: