Tuesday, January 11, 2011

އަޅުގަނޑު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ މަންމަ އާއި ބައްޕައާއެކު



ހދ. ކުޅުދުއްފުށިން: ޢަބްދުﷲ ސަޢީދު-

1988 ނޮވެމްބަރ 3 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހިތްގަދަ އެއް ފަހުލަވާނަކީ ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ. ސިފައިންގެ މައިގޭޓްގެ ހުޅަނގު ފަރާތު ޑިއުޓީގައި ހުރެގެން ރާއްޖޭގެ ޤައުމީ ދިފާޢީ މައިމަރުކަޒު ދިފާޢުކުރުމުގައި ޤުރުބާންވެގެން އޭނާ ދިޔައީ ޤައުމީ ދިފާޢީ ބާރުގެ މައި މަރުކަޒުގެ ފާރު އޭނާގެ ޒުވާން ލެއިން ތެންމާލާފައެވެ. ދިވެހި ބިމުގައި އޭނާގެ ލޭގެ ކޯރު ދެމެމުންދިޔައެވެ. ސިފައިންނަށް ޤައުމުގެ ދިފާޢުގައި ހަތިޔާރާއެކު ކުރީ ސަފަށް ނިކުމެވެންދެން ސިފައިންގެ ހިމާޔަތް ކުރުމުގައި ޙުސައިން އާދަމު ވެފައިވާ ގުރުބާނީގެ އަގު ދުވަހަކުވެސް ދިވެހިންނަކަށް އަދައެއް ނުކުރެވޭނެއެވެ.

 

ޖެނުއަރީ 2011، 11 ވަނަ ދުވަހު ހދ. ކުޅުދުއްފުށީ މާވާގެއަށް އަޅުގަނޑު ދިޔައީމެވެ. އެއީ ޙުސައިން އާދަމުގެ އުފަން ގެއެވެ. އެދުވަހު ޙުސައިން އާދަމުގެ ލޮބުވެތި މަންމަ އާއި ބައްޕަ އާ ބަދަލުކުރީމެވެ. ޤައުމީ އަބުޠާލެއްގެ ޒިކުރާ އާކޮށް އެފަދަ ބަޠަލެއް ދުނިޔެއަށް އައުމަށް މެދުވެރިކުރެއްވި ދެމަފިރިންނަށް ތަޢުރީފުކޮށް ހިތްވަރުދިނީމެވެ. އެއީ ހިތްހެޔޮ ، ހިތްވަރުގަދަ ދެމަފިރިންނެވެ. ސިފައިން ދެކެ އިންތިހާއަށް ލޯބިވާ ގަދަރުކުރާ ދެމަފިރިންނެވެ. ސިފައިންގެ ޔުނީފޯމުގައި ކޮންމެ މީހަކު ފެނުނަސް އެދެމަފިރިން ޤަބޫލުކުރަނީ އެއީ އެމީހުންގެ ދަރިން ކަމަށެވެ.

 

ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ ބައްޕަ އަކީ ވަރަށް ސަމާސާ މިޒާޖެއްގެ ބޭކަލެކެވެ. ހާޒިރު ޖަވާބަށް ކުޅަދާނަ ބޭކަލެކެވެ. އުމުރުން ދުވަސްވެ ގައިބާރު ދެރަވެފައިވީ ނަމަވެސް އެއީ ހުރިހާ އުމުރެއްގެ މީހުންގެ މިތުރެކެވެ. ޙުސައިން އާދަމުގެ މަންމަގެ ފޮޓޯއާއި ވީޑިއޯ ތަކުރާރުކޮށް ވަނީ ފެނިފައެވެ. އެހުރިހާ ފޮޓޯތަކެއްގައި އަދި ވީޑިއޯ ތަކެއްގައި ޙުސައިން އާދަމުގެ މަންމަ ހުންނަނީ ސަގާފީ ލިބާހުގައެވެ. އޭރު އަޅުގަނޑު ހީކުރީ މުނާސަބަތާ ގުޅޭ ގޮތުން އެފަދަ ހެދުން ބޭނުންކުރައްވަނީ ކަމަށެވެ. އެކަމަކު އަޅުގަނޑު ކުއްލިއަކަށް އެގެއަށް ދިޔައިރުވެސް ޙުސައިން އާދަމުގެ މަންމަ ހުރީ އެ ގޮތަށެވެ. ޙުސައިން އާދަމުގެ މަންމައާއި ބައްޕަގެ މޫނުމަތިންވެސް ފެންނަނީ ސާފުކަމެވެ. އެހެންނަމަވެސް ސިފައިންގެ ކެމަފްލާޖް ޔުނީފޯމް ފެންނައިރަށް އެދެމަފިރިންނަށް ބުނަން ނޭނގޭ އަސަރުތަކެއް ކުރެއެވެ. އެކަމަށް އެދެބޭކަލުންގެ ލޯ ހެކިދެއެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ވާހަކަ ދައްކާއިރަށް އެދެމަފިރިންގެ ލޮލަށް ކަރުނަ ޖަމާވާންފަށައެވެ. އެއީ މިއަދު ހަމައެކަނި ހިތާމައިގެ ކަރުނައެއް ނޫނެވެ. އެއީ ޤައުމު ފަޚުރުވެރިވާފަދަ ދަރިއެއްގެ ޤައުމީ ޖިހާދުގެ ޒިކުރާތަކުގެ ސަބަބުން މައިންބަފައިންނަށް ލިބޭ ތަސައްލީގެ އަސަރުވެސްމެއެވެ.

 

ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ ގޭގެ ތެރެއަށް ވަދެ ބަލާލީމެވެ. ރީތިކޮށް ހަދާފައިވާ ބޮޑު ގެއެކެވެ. އެގޭގެ ތެރެއިން ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ އެއްވެސް ހަނދާނެއް ފެންނަގޮތަށް ބަހައްޓާފައެއް ނެތެވެ. ޙުސައިން އާދަމުގެ ބައްޕަ ބުނުއްވި ގޮތުގައި އެގެއަކީ ސިފައިން ކުރި ހަދިޔާއެކެވެ. ގޭތެރެއަށް ވަދެގެން ދިޔައީ އާދަންބެ އާއެކުގައެވެ. ބަދިގެ ތެރޭގައި ޙުސައިން އާދަމުގެ މަންމަ ކެއްކުމުގައި އަވަދިނެތި އުޅެއެވެ. އީޓުޖަހާފައިވާ ދުވަސްވީ މުސްކުޅި ބަދިގެ ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އެދެމަފިރިންނަށް މިއަދު ސިފައިންނަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ އެބަދިގެ ކޮޅަށްޖަހައިދިނުމެވެ.

 

މާލޭގެ މޫނުމަތީގައި ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ހަނދާންތައް އާވާނެ ބޮޑު ޢިމާރާތެއް އެބަހުއްޓެވެ. އެއީ ސިފައިންގެ ކުރިމަތީގައި އެހެރަ ޕޮލިސް ބިލްޑިންގ އެވެ. ކުޅުދުއްފުށްޓަކީ ޝަހީދު ޙުސައިން އާދަމްގެ އުފަންރަށަށްވިޔަސް އެ ބަޠަލުގެ ޒިކުރާ އާވެ އާލާވާނެ އެއްވެސް ބިނާއެއް އަދި ތަނެއްވެސް ކުޅުދުއްފުށީ މާވާގެ ފިޔަވާ ފެންނާކަށް ނެތެވެ.

 

ޝަހީދު ކޯޕްރަލް ޙުސައިން ޢާދަމް އުފަންވީ 1968 ވަނަ އަހަރު ހދ. ކުޅުދުއްފުށީ މާވާގޭގައެވެ. ބައްޕަ އަކީ ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދު އެވެ. މަންމައަކީ ޢާއިޝަތު ޙަސަން އެވެ. ޝަހީދު ޙުސައިން އާދަމް ގެ އާއިލާއަށް ބަލާއިރު އޭނާގެ މައިފުށުގެ މާމައަކީ ކުޅުދުއްފުށީގައި ކުރީގެ މަޝްހޫރު ފޫޅުމައެކެވެ. " ފޫޅު ހައްވަދައިތަ" އަކީ ފޫޅުމާކަން އެތައް ޒަމާނެއްގައި ކުރެއްވި ގިނަ ބަޔަކު އިތުބާރުކުރި ފޫޅުމައެކެވެ. ޝަހީދު ޙުސައިން އާދަމް ސިފައިންގެ ޚިދުމަތާ ގުޅުނީ 9 މެއި 1984 ގައެވެ. 1986 ވަނަ އަހަރު ސިފައިންގޭގައި އެންމެ ފުރަތަމަ ޓާސްކްފޯސް ކޯހުގައި ބައިވެރިވެ އެތަމްރީނު ފުރިހަމަ ކުރިއެވެ. ޑިއުޓީ ސެކްޝަން ގައާއި ޓާސްކްފޯސް ގައި ފޯރިމަރާ މީހެއްގެ ގޮތުގައި މަސައްކަތްކުރިއެވެ. ސިފައިންގެ ޚިދުމަތުގައި 4 އަހަރާއި 5 މަސް ހޭދަކުރިއެވެ. ޝަހީދުވިއިރު އުމުރަކީ 20 އަހަރެވެ. ޝަހީދު ޙުސައިން ޢާދަމްގެ މަތިވެރި ޚިދުމަތް ފާހަގަ ކުރައްވާ ޑިފެންސް މިނިސްޓްރީންނާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން އޭނާގެ މައިންބަފައިންނާއި މެދު ޚާއްޞަ ގޮތަކަށް ބައްލަވައި އެހީތެރިވެ ދެއްވައެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ލޮބުވެތި މަންމަ އާއި ބައްޕައާ ބައްދަލުކޮށް ވާހަކަ ދައްކާލުމަށްފަހު ވަކިވުމަށް ސަލާމްކޮށްލުމަށް އަތްދިއްކޮށްލީމެވެ. ކޮންމެ ސިފައިންގެ މީހެއްގެ ކައިރީގައިވެސް އެދެމަފިރިން ބުނާ ވާހަކަ އަޅުގަނޑުގެ ކައިރީގައިވެސް ތަކުރާރުކުރިއެވެ. "އަދި އަންނަން ވާނެ" އެވެ. އިރާދަ ކުރެއްވިއްޔާ އަދި އަޅުގަނޑު ދާނަމެވެ. ސިފައިންގެ ގިނަ މީހުން ކުޅުދުއްފުށްޓަށް ގޮސްފިނަމަ އެދެމަފިރިންނަށް ޒިއާރަތް ކުރުމަކީ އާދައެކެވެ.

 

 

No comments: