Monday, November 30, 2009

އައިނުގަނޑަކަށް ގޮރުގޮރެއް ނުހެޑޭނެ

ޙައްވަ މޫސަބެއަކީ ވަރަށް މަޖާ މިޒާޖެއްގެ މީހެކެވެ. ހައްވަ މޫސަބޭގެ ގެއަކީ ހުނވަދުމާގެއެވެ. އެއީ ދޮންސޮރުމެން އިލްޔާސްމެންގެ ބައްޕައެވެ. ހައްވަ މޫސަބެއަކީ އަހަރެމެން ކުޑައިރު ގެއަށް އައިސްއުޅޭ ގޭގައި ކުރަންޖެހޭ ކުދިކުދި ކަންތައްތައް ކޮއްލައިއުޅޭ މީހެކެވެ. އޭރު އެއްދުއްފަރަކީ އަހަރެންގެ ބައްޕައަށް ދެވަނަ ރަށްވެރިއެއްގެ ގޮތުން ލިޔުއްވާފައިވާ ރަށެކެވެ. އަހަރެންނާއި އަހަރެންގެ ކޮއްކޮ އަލީއާއި ތުއްތުބޭގެ އަރީފުއާ ތިންމީހުންނާއި ހައްވަމޫސާބޭ ދިޔައީ އެއްދުއްފަރަށް ދަރުހޮވާށެވެ. ދިޔައީ އަހަރެމެންގޭގައި ގެންގުޅޭ ކުޑަދޯނި "ބޭނގު" ގައެވެ.

މޫސުން ވަރަށް ރީތި ދުވަހެކެވެ. ރިޔަލުދޯނީގައި ދުއްވެލޭވަރަށް ނަލަ ވައެއްވެސް ޖެހެއެވެ. އެއްދުއްފަރަށް ގޮސްފައި މޫސަބޭ ދިޔައީ ވެލާއަރާފައި އޮއްތޯ ބަލާށެވެ. އަހަރެމެން އުޅުނީ ދަރުހޮވާށެވެ. މޫސަބޭ އަންނަންވާއިރަށް ދަރުން ދޯނި ބަރާކޮށްފީމެވެ. މޫސަބޭ އަކީ ވެލާބިސް ގޯންޏެއް ހިފައިގެންނެވެ. ރަށަށް ދިއުމަށްޓަކައި ނައްޓާލައިފީމެވެ. މޫސަބޭ އޭނާގެ ޅައިރުގެ ވާހަކަތައް ކިޔައިދެއެވެ. ވެލާކޮނުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ވަރަށްވުރެ ހުނަރުވެރި މަސައްކަތެކޭ ބުނެއެވެ. އަހަރެމެން ރަށުގައިވެސް ޢަބްދުﷲ ޙުސޭނާއި އިބުރަބޭގެ ތުއްތުބެއާއި މިކަހަލަ މަދު މީހަކަށް ނޫނީ ކޮންމެ ކޮންމެ ވެލާބިސްވަޅެއް ނުހޯދޭނެޔޭވެސް ބުނެއެވެ. މިކަހަލަ އޮލަ ވާހަކަ ތަކެއްގައި ތިއްބާ ރަށާ ހަމައަށް އާދެވިއްޖެއެވެ. މޫސާބޭ ޚިޔާލުކުރީ ކުޑަނެރުނުން ވަންނާށެވެ. ކުޑަނެރަކީ އޭރު ރަށުގައި އޮންނަ ތިންނެރުގެ ތެރެއިން އެންމެ އިރަށް އޮންނަ ނެރެއެވެ. ދެން އޮންނަނީ ބޮޑުނެރާއި ކަނޑިމައެވެ. ކުޑަނެރު އޮންނަނީ ބޯހުރާގެ ހުޅަނގުން ރަށުގެ އިރުމަތީ ކޮޅުގައެވެ.

ކުޑަނެރުން ދޯނި ވަންނަން ދިމާކުރިއިރު ދިޔަވަރު ތިލަ ވާހަކަ އަހަރެން ބުނީމެވެ. ދިޔަވަރު ތިލަވިޔަސް މޫސަބޭ ބުނީ މޫސަބޭމެން އެރެނުން ވަދެ ހަދަނީ އަލަކަށްނޫންކަމަށެވެ. އަރީފު ދިޔަލުގެ ދަށުން ބޯދިއްކޮއްލާފައި ދަށްފަރާތުގައި އައިނުގަނޑެއް އޮތް ވާހަކަ ބުންޏެވެ. އައިނުގަނޑަކަށް ގޮރުގޮރެއް ނުހެޑޭނެޔޭ މޫސާބޭ ބުންޏެވެ. މޫސަބޭ އެހެން ބުނިތާ އިރުކޮޅެއްވެސް ނުވަނީ އައިނުގަނޑަށްގޮސް ދޯނި ބީހި ހިކިއްޖެއެވެ. ފާޑަކަށް ހިނިގަނޑެއް ޖަހާލާފައި ދެން ތިޔަ ތިބެނީ ކީއްވެގެންހޭ ކިޔާ މޫސަބޭ ދޯނިން ބޭރަށް ފައިބައިފިއެވެ. އަހަރެމެން ތިންމީހުންގެ ގާތަށް އަންނަނީ އަމަށަކު ހިންޏެއް ނޫނެވެ. އެކަމަކު މޫސަބޭ ކައިރިއަށް ރުޅިއެއްނާދެއެވެ.

No comments: