Tuesday, April 21, 2009

"މިދަނީ ދަރިވައްޓާލަން"

ޢަބްދުﷲ ސަޢީދު

އަޅުގަނޑުމެންނަކީ ވަރަށް އަވަދިނެތި ވަޒީފާގައި އުޅެންޖެހިފައިވާ ބައެކެވެ. ކިތަންމެ އަވަދިނެތި އުޅެންޖެހުނަސް އާއިލީ ކަންތައްތަކަށް އިސްކަންދީ ކިރިޔާވެސް ކޮށްދެވެން އޮންނަ ކަމެއް އާއިލާއަށްޓަކައި ކޮށްދިނުމަކީ ކުރަންޖެހޭނެ ކަމެކެވެ. އާއިލާއަށް ދެވޭ ސަމާލުކަން ކުޑަވެ، އާއިލާއާއެކު ވަގުތު ހޭދަކުރެވޭ މިންވަރު މަދުވުމަކީ އިޖްތިމާޢީ މައްސަލައް ފެންމަތިވާ ކަމެކެވެ. އާއިލާއަށްޓަކައި ގިނަ ފިރިހެނުން ކޮށްދެވޭ އެންމެ ޚާއްޞަ އެއްކަމަކީ ދަރިފުޅު ސްކޫލަށް ގެންގޮސްދިނުމެވެ. އަދި ސްކޫލުން ގެއަށް ގެނެސްދިނުމެވެ. މިއީ ދަތުރުގެ ދިގުމިނާއި ވަގުތާއި ހާލަތަށްބަލާއިރު ސައިކަލްގައި ނުވަތަ ކާރުގައި އުޅޭ މީހަކަށް މާ އުނދަގޫ އަދި މާގިނަ ވަގުތު ހޭދަވާ ކަމެއްވެސްނޫނެވެ.

ވަޒީފާއި އުޅޭ މީހުން ތަންތަނަށް ދަމުން އޭނާއާއެކު މަސައްކަތްކުރާ މީހާކައިރި، ނުވަތަ ވެރިއަކަށް ހުންނަ މީހަކު ކައިރި އެދާތަނެއްގެ ވާހަކަ ބުނުމަކީ ރީތި އާދައެކެވެ. އެގޮތުން ސްކޫލަށް ދަރިފުޅު ގެންދިއުމަށް ނޫނީ ސްކޫލުން ދަރިފުޅު ގެއަށް ގެނައުމަށްދާ މީހުންވެސް އެވާހަކަ ބުނެއެވެ. އެކަމަކު އެމީހުން ކުރަންދާން ބުނާ ކަމަކާއި ކުރާ ކަމަކާ ދިމާލެއް ނުވެއެވެ. ގިނަ މީހުން ދަރިފުޅު ސްކޫލަށް ލާން ދަމުން ނުވަތަ ސްކޫލުން ގެންނަން ދަމުން ބުނަނީ " މިދަނީ ދަރިވައްޓާލަން" ކަމަށެވެ. އެކަމަކު ބުނެވެނީ ކީކޭބާވައެވެ؟ އެހެން ބުނާ މީހުންނަށް އެބުނެވެނީ ކީކޭކަން އެނގޭބާވައެވެ؟

ދަރިވައްޓާލުމަކީ ދިވެހި ބަހުގައި ބަނޑުގައި އޮންނަ ދަރިފުޅު ކޮންމެވެސް ވަސީލަތެއް ބޭނުން ކޮށްގެން ބަނޑުން ބޭރުކޮށްލުމެވެ. ދަރިވައްޓާލުމަކީ ކޮންކަހަލަ ކަމެއްތޯއާއި އިސްލާމްދީނުގައި ދަރިވައްޓާލުމާމެދު ހުރި ޙުކުމްތަކާއި ދަރިވައްޓާލުން އެއްވެސް ހާލެއްގައި ހުއްދަވޭތޯއާއި ހުއްދަވާނަމަ ހުއްދަވަނީ ކޮންކޮން ހާލަތުތަކެއްގައިތޯ ބަލާލުމަށް އިންޓަރނެޓްގެ އިތުބާރު ހުރި ބައެއް ވެބްސައިޓްތައް ބަލާލީމެވެ. އެގޮތުން އސްލާމްވެބް.ނެޓް ވެބްސައިޓްގައި ހުރި ފަތުވާތައް ބަލާލީމެވެ. ދަރިވައްޓާލުމަކީ ވަރަށް ބޮޑު ފާފައެއްކަމާއި ބަނޑުގައި އޮންނަ ކުއްޖާ ވައްޓާލުމުގައި މަރުވެއްޖެނަމަ އެމީހެއްގެ މައްޗަށް މަރުގެ ދިޔައާއި ކައްފާރާ ވާޖިބު ވާކަން އެނގުނެވެ. ދަރިވައްޓާލީ 40 ދުވަސް ވުމުގެ ކުރިން ކަމަށްވާނަމަ ދަރިވައްޓާލި މީހާގެ މައްޗަށް އުޤޫބާތުގެ ގޮތުގައި އެއްވެސް ކަމެއް ވާޖިބެއް ނުވެއެވެ. އެއީ ކުޑަދަރިފުޅު ދިރޭ ޚަލުޤެއްގެ ގޮތުގައި ބެލެނީ 40 ދުވަސް ފަހުން ކަމަށްވާތީއެވެ. ކުޑަ ދަރިފުޅަށް ރޫޙު ( ފުނާރަ ) އެޅުއްވެނީ 120 ދުވަހުންނެވެ. މުޖައްމަޢުލް ފިޤުހުލް އިސްލާމީ ( ރާބިޠަތުލް ޢާލަމުލް އިސްލާމީގެ ގޮއްޕެއް ) އިން ބޭއްވި 12 ވަނަ ބައްދަލުވުމުގައި ޢިލުމުވެރިން އެއްބަސްވެފައިވަނީ ބަނޑުގައި އޮންނަ ކުއްޖާއަށް 120 ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެނަމަ އެންމެ ހާލަތެއްގައި މެދުގައި ދަރިވެއްޓުން ހުއްދަ ނުވާނެ ކަމަށެވެ. އެއީ ކުއްޖާގެ މައިމީހާގެ ފުރާނައަށް ނުރައްކާވުމެވެ. ޢިލުމުވެރިން ވިދާޅުވެފައިވާ ގޮތުގައި ދަރިވައްޓާލެވެނީވެސް އިތުބާރުހިފޭ ދީނަށް އަމާނާތްތެރި ޑޮކްޓަރުން ދަރިވައްޓާލުމަށް ޟަރޫރީ ބޭނުމެއް އޮތްކަމަށް ބުނުމުންނެވެ. އެއްވެސް ޙައްޤެއްނެތި އެއްވެސް މަރުހަލާއެއްގައި ކުއްޖަކަށް ބަލިވެއިންކަން އެގިހުރެ ދަރިވައްޓާލުން ހަރާމް ކަމަށް ދަރިވެއްޓުނީ މައިމީހާގެ ނުވަތަ އެހެންވެސް މީހެއްގެ ގަސްތަކާނުލައި ކަމަށްވާނަމަ ކުށެއް ނެތެވެ. ރޫޙު އެޅުއްވުމަށްފަހު ( 120 ދުވަސް ދުވަސްވުމަށްފަހު ) ބަނޑުގައިވާ ދަރިވައްޓާލާ މެރުމަކީ ދީނުގައި ބޮޑުވެގެންވާ ޙަރާމްކަމެއްކަމަށް އިސްލާމީ ހުރިހާ ފިޤުހުވެރިން އެއްބަސްވެލައްވާކަންވެސް އަޅުގަނޑު ހޯދި މަޢުލޫމާތުން އެނގުނެވެ.

ދަރިވެއްޓުމަކީ މިހާރު ދުނިޔޭގައި ވަރަށް އާންމު ކަމެކެވެ. ގޯސްކަމެއް ކިތަންމެ ގިނަ ބަޔަކު ކުރިއަސް އެކަން ރަނގަޅު ކަމަކަށް ނުހެދޭނެއެވެ. ދަރިވައްޓާލުމަށް ދުނިޔޭގައި ޚާއްޞަ ކުލިނިކްތައް ހިންގައެވެ. އެކަމަކު މިފަދަ ގިނަ ތަންތަން ހިންގަނީ ސިއްރިޔާތުގައެވެ. އެހެންކަމުން ދަރިވައްޓާލުމަކީ މައިމީހަށް ގިނަ ފަހަރަށް ބޮޑެތި އަނިޔާތައްވާގޮތަށް ޑޮކްޓަރީ ގޮތުން ބަލަންޖެހޭ ކަންތައްތައް ނުބަލާ ކުރެވޭ ވިޔަފާރިއަކަށް އޮންނަނީ ވެފައެވެ. ފިޒީޝިއަންސް ފޯރ ރިޕްރޮޑަކްޓިވް ޗޮއިސް އެންޑް ހެލްތުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ދަރިވެއްޓުމަކީ އާންމު ކަމެކެވެ. ޒުވާން ދުވަސްވަރު ބަލިވެ އިންނަ ގިނަ މީހުންނަކީ ދަރިން ބޭނުންވެގެން ބަލިވެ އިންނަ މީހުންނެއް ނޫނެވެ. އެ މުޖުތަމަޢުތަކުގައި ޒަވާޖީ ހަޔާތުން ގުޅުމަކީ އެހާ މުހިންމުކަމެއް ނޫނެވެ. އެހެންވުމުން ބޭނުމެއްނެތް ދަރިންނަށް ބަލިވެއިނުން އިތުރުވެ، ދަރިވައްޓާލުން އިތުރުވަމުންވަމުންދަނީއެވެ. ދަރިން ނުހޯދާ ތިބެވޭނެ ވަސީލަތްތައް ހޯދިފައިވާއިރުވެސް ދަރިން ހޯދާ ދަރިން މެރުން ވަނީ ތަހުޒީބު ދުނިޔޭގައި އާންމުވެފައެވެ. އެބޯޝަން ހެދުމުގައި އެންމެ ގިނައިން މައިން މަރުވެފައިވަނީ ރަހިމު ހަލާކުވެ، ލޭމަނާ ނުވެގެންނެވެ.

ކޮންމެއަކަސް ދަރިވައްޓާލުމަކީ އާދައިގެ ކަމެއްނޫނެވެ. ސްކޫލަށް ދަރިފުޅު ލާންދާ ކޮންމެ ފަހަރަކުއަދި ސްކޫލުން ދަރިފުޅު ގެންނަންދާ ކޮންމެ ފަހަރަކު " މިދަނީ ދަރިވައްޓާލާ" ށޭ ބުނުމަކީ ހެދޭ ވަރަށް ބޮޑު ދޮގެކެވެ. ދަރިވައްޓާލުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭނަމަ މިހެން ބުނަން ޖެހިލުންވާނެއެވެ. އަދި ދަރިވައްޓާލުމުގެ ފާހިޝް ޢަމަލު ހިންގާ މީހުންނަށް އެ ކުރެވެނީ ކީއްކަން އެނގޭނަމަ އެކަން ކުރަން ބިރުވެތިވާނެއެވެ.



No comments: