Monday, July 7, 2008

ޓީވީބެލުމުގެ ފޯރި

 


ޢަބްދުﷲ ސަޢީދު

 

އެއް ފުރައިގެ ހުރިހާ ކުދިން ކުރަނީ އެއް ސުވާލެކެވެ. ބޮޑު ޗުއްޓީގައި ރަށަށް އަންނަ މާލޭ މީހުންނަކީ ކޮބައިތޯއެވެ. އެ ސުވާލުގެ ޖަވާބު އަޅުގަނޑަށް ވެސް މުހިންމެވެ. ފެންނަ ކޮންމެ އެކުވެރިޔަކާ ވެސް އެ ސުވާލު ކުރެވެއެވެ. އެކި ކުދިން އެކި ލިސްޓް ކިޔައެވެ. އެ އަޑުތައް އިވިފައި އޭރު އަޅުގަނޑުމެން ވަނީ އަމަށަކު އުފަލެއް ނޫނެވެ. ޓީވީ ބެލޭނެތީއެވެ.

 

މަނަދޫގޭ މީހުން އާދެޔޯލައެވެ. ދޫރިޔާގޭ މީހުންނާއި ރެސްޓިން ހައުސް ޖަޢުފަރުބެގޭ މީހުން ވެސް އާދެއެވެ. އެނބޫދޫގޭ މީހުންނާއި ބިއުޓީނައިޓް މީހުން ވެސް އާދެއެވެ. އެކަމަކު ބަނަފުސާގެއަށް އަންނަ ސައްތާރު ވަރެއް ނޯވެއެވެ. އިރު އަރަންދެން ވެސް ބައެއް ރޭރޭ ފިލްމަކަށް ފަހު ފިލްމެއް އަޅުވާތީއެވެ.

 

އޭރު ކޮންމެ ބޮޑު ޗުއްޓީއެއްގައި ކަހަލަ ގޮތަކަށް ރަށަށް ޗުއްޓީ ހޭދަކޮށްލަންދާ ޢާއިލާތަކުން އެންމެ އިސްކަން ދެނީ ވެސް ޓީވީ ގެންދާށެވެ. އެއީ އެ ޢާއިލާތަކަށް ރަށުގައި ތިބޭ ގާތްތިމާގެ މީހުންނަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަންތައް ކަހަލައެވެ.

 

ބޮޑު ޗުއްޓީތެރޭގައި އޭރު އެންމެ ފޯރިގަދަ ކުޅިވަރަކީ ވެސް ޓީވީ ބެލުމެވެ. އެއީ 1980ގެ އަހަރުތަކުގެ ފަހުކޮޅެވެ. 1990 ގެ އަހަރުތަކުގެ ކުރީކޮޅެވެ. އޭރު ޓީވީ ބެލުމަށް ހުންނަނީ އަމަށަކު ފޯރިއެއް ނޫނެވެ. ރަށުގެ ކުދިބޮޑު އެންމެން އޮންނަނީ ޓީވީ ދައްކާތަނަށް ޖަމާވެފައެވެ. ގިނަ ކުދިންނާ މީހުން އިށީންދެ ތިބެނީ ބިންމަތީގައެވެ. ދެން ތިބޭ މީހުން ތިބެނީ ކޮޅަށެވެ. ފާރުފާރު މައްޗާއި ގާފުނިތަކާއި ގަސްގަހަށް ވެސް އަރާތިބެއެވެ.

 

ޓީވީ ފުރަތަމަ ރަށަށް ގެންދާން ފެށިއިރު ރަށުގައި ހުންނަ ކަރަންޓަކުން ޓީވީ ދެއްކޭ ވަރެއް ނުވެއެވެ. އެއީ މަކުނު ވާފުރާހެން ގޭތެރޭގައި ރަތާއި ކަޅު ކުލައިގައި ހުންނަ ހިމަ ނަރުން ވައިރުކޮށް އުޅުނު ޒަމާނެއެވެ. ގެއާއި ބަދިގެޔާ ދެމެދުގަޔާއި އެއް ގޭން އަނެއްގެއަށް ވެސް މަގުހުރަސްކޮށް މަތިން ކަރަންޓް ގެންގޮސްފައި އޮތް ޒަމާނެވެ. އަށްވޯޓުގެ ތަންމަތީ ހޮޅިބުރިއާއި ފަސްވޯޓް ބޮކީގެ ޒަމާނެއެވެ. ރޭގަނޑު 11 ޖެހީމާ ކަރަންޓް ކަނޑާލައެވެ. އެ ކަރަންޓަކުން ޓީވީއެއް ނުހިފަހައްޓައެވެ.

 

ޓީވީ ހިފައިގެން ރަށަށް ދާ މީހުންނަށް ޓީވީ ދެއްކުމަށް އުފުލަންޖެހޭ ތަކުލީފު އޭރު ވަރަށް ބޮޑެވެ. ހަމައެކަނި ޓީވީ ގެންދިއުމަކުން ނުފުދެއެވެ. ޓިވީ އާއި ވީސީއާރާއެކު ކުޑަވަރެއްގެ ޖަނަރޭޓަރެއް ވެސް ގެންދަން ޖެހެއެވެ. އެ ވަރަކުން ވެސް ނުފުދެއެވެ. ޖަނަރޭޓަރަށް އަޅާނެ ޕެޓްރޯލް ނުވަތަ ޑީސަލް ވެސް ގެންދަން ޖެހެއެވެ. އެއާއެކު ޓޭޕްގައި ހުންނަ އެންމެ ފަހުގެ މަޝްހޫރު ހިންދީ ފިލްމު ތަކާއި ދިވެހި ފިލްމިތަކެވެ. ބައެއް ފިލްމުތައް ގެންދަނީ ކުއްޔަށެވެ.

 

އާންމުކޮށް ފިލްމު އަޅުވަނީ އިޝާ ނަމާދުން ފައިބައިގެން ކައި ހަދައިގެންނެވެ. ގިނަ ރޭރޭ ޝޯ ފެށެނީ 9 ޖަހާކަންހާއިރުއެވެ. އިޝާ ނަމާދަށް ދާއިރު މިސްކިތް ދޮށުން ފިލްމު އަޅުވާ ގެތައް އެނގޭނެއެވެ. އެންމެ ކައިރިން އެންމެ ފަސޭހައިން ފިލްމު ބެލޭނެ ތިއޭޓަރެއް ނިންމާނީ މިސްކިތު ވަޅުދޮށުގައި ދާނިން ވުލޫކުރަން ތިބޭއިރުއެވެ.

 

ޓީވީ ދައްކާއިރު ޓީވީ ހުންނަނީ އުސް މޭޒެއް މަތީގައިގައެވެ. ބައެއް ފަހަރު ބޮޑު މޭޒެއް މަތީގައި ކުޑަ މޭޒެއް ބަހައްޓާފައި އެ މޭޒުމަތީގައެވެ. ސްވިޗް ޖައްސާތަނުން ހީވަނީ ބޮނޑިބަތް އެއްޗެއް ކެކެން ފަށާހެންނެވެ. އެ ވަގުތު ހުރިހާ ކުދިން ހަޅޭއްލަވައިގަނެއެވެ. ދެން ފެންނާނީ ފިލްމު އަޅުވައިދޭން އުޅޭ މީހާގެ ކުޅަދާނަ ހަރަކާތްތަކެވެ. އެއީ ހާދަމޮޅު މީހެކޭ އޭރު ހިތަށް އަރައެވެ. ގިނަ ފިލްމުތައް ހިނގައިގަންނާނީ ފާޑަކަށް ރޮނގުތަކެއް އަރައިގަންފައެވެ. ހިންދީ ފިލްމުތައް ފެށޭއިރު ފިލްމުގެ ތަރިންގެ ނަންތައް އަރަން ފެށުމުން އިނގިރޭސި ކިޔަން އެނގޭ މީހުން ވައިއަޑުން ކިޔާ އަޑުއިވޭނެއެވެ. ފިލްމު ފެށުމުން މުޅިތަން އޮންނަނީ ހިމޭން ވެފައެވެ. އެހެން ތިއްބާ ސެންސަރުކުރާ ހިސާބެއް އައުމުން ހަޅޭއްލައިގަނެއެވެ. މަންޒަރު މެދުކެނޑިފައި ރޮނގުތަކެއް އަރައިގަތުމުން ބައެއް މީހުން ބުޗާއޭ ކިޔައިގެން ހިތްހަމަ ނުޖެހުން ފާޅުކުރެއެވެ. އެއީ އޭރު ސެންސަރު ބޯޑުގެ ވެރިޔާއަށް ކިޔާ އެއްޗެއް ކަމެއް ނޭނގެއެވެ.

 

އެއީ ޝަހެންޝާހާއި ސަމަންދަރާއި ނަސީބާއި ގަންގާ ޖަމުނާ ސަރަސްވަތީއާއި ހޫންމެރީމާން ބަލާފޫހިނުވި ދުވަސްވަރެވެ. އާމަރު އަކުބަރު އެންތަނީ ހެދިގެން އަތިރީމަތީގައި ބުރުއެޅި ދުވަސް ވަރެވެ. އަމީތާބާއި ދަރޭއާއި ސަތަރޭއާއި އަނިލްކަޕޫރާއި ސަނީއާއި ރޭކާއި ހެމާއާއި މަދޫރީމެންގެ ރަން ޒަމާނެވެ. އަމްރިސްޕޫރީ އާއި އަނޫޕަމް ނުބައިބައިގައި އުޅޭ ގޮތުން އަންނަނީ އަމަށަކު ރުޅިއެއް ނޫނެއެވެ.

 

ރާއްޖޭން ޔޫސޭއާއި ދަރާ ރަޝީދާއި އައްސަދާއި ނިމާލާއި ރަމީޒާއާއި މަރިޔަމް ރަޝީދާމެންގެ ރަން ދުވަސްވަރެވެ. ހާޖަރާއާއި ވަޖީހުގެ ނުބަބައި ދެކެ އިންތިހާއަށް ރުޅިއައި ދުވަސްވަރެވެ. އެއީ "މިހިރަފެންނަ ލަތީފާ....." މަޖަލަށްވެސް ކިޔާ އުޅުނު ދުވަސްވަރެވެ.

 

މާލެއިން ޓީވީ ގެންދާ މީހުން ބައެއް ފަހަރު ރަށުގައި ތިބޭ އެ މީހުންގެ ތިމާގެ ނުވަތަ ރަހުމަތްތެރިންގެ ގޭގޭގައި ޝޯވ ދައްކައިދީއުޅެއެވެ. އެހެންވީމާ ކޮންމެ ރެއަކު ވެސް ޝޯ އޮންނަ ގޭގެ ކުރިން އޮންނަނީ އެނގުން މުހިންމު ވެފައެވެ.

 

ފިލްމު ބަލަން ކިތަންމެ ދާހިތް ވިޔަސް އަޅުގަނޑުގެ ބައްޕަ އެކަމާ ހިތްޕުޅާ ނުވާތީ އެއީ ވަރަށް ބޮޑު މައްސަލައަކަށް އޮންނަނީ ވެފައެވެ. އެއްފުރާ ކުދިން އެއްގެއިން އަނެއްގެއަށް ފިލްމު ބަލަން ދިޔައިރު އަޅުގަނޑަކަށް އެ މިނިވަންކަމެއް ނޯވެއެވެ. އެކަމަކު އެކިއެކި ގޮތްގޮތުން ބައެއް ރޭރޭ ފިލްމު ބަލަން ދެވެއެވެ. އެހީވަނީ މާމައެވެ. ދެވުނަސް ހުންނަނީ ވަރަށް ބިރުންނެވެ. މާމަގެ ހުއްދަ ވެސް އޮންނަނީ 10 ޖަހަން ދެނެވެ. އެހެންވީމާ ގިނަ ފިލްމުތަކުގެ ފަހުބައިގައި ވީގޮތް އޮޅުފިލުވަން ޖެހެނީ ހެނދުނު ރައްޓެހިންގެ ފަރާތުންނެވެ.

 

ކާއްޓަކަށް ފިލްމު ބަލަން ވަދެވޭގޮތަށް ގޭގެ ދޮރު ބަންދުކޮށްގެން ފިލްމު ދައްކަން ފަށައިފިއެވެ. އެއީ މަނަދޫ މީހުންގެ މެދުގައި މަޝްހޫރު "ހިކިސޭޓް"ގެ ޚިޔާލެކެވެ. ގްރީންގޭ ދޮށުގައި ކާށި ފުނިތައް ދިޔައީ ޖެހެމުންނެވެ. ކާއްޓެއް ހިފައިގެން ސިއްރުސިއްރުން ދާންވީއޭ ހިތަށް އަރައެވެ. އެކަމަކު ދާކަށް ނުކެރުނެވެ. އޭރު އަޅުގަނޑުގެ ޝަހިއްތަ އުޅެނީ ޢަބްދުﷲބެއާ އިނދެގެން އެގޭގައެވެ. އެއް ދުވަހަކު ޝަހިއްތަ އައިސް އަޅުގަނޑު ގޮވައިގެން ފިލްމު ބަލަން ގެންދިޔައެވެ. އެއީ ކުޑަކުދީންގެ ޝޯވ އެއް އޮތް ދުވަހެކެވެ. އަޅުގަނޑު ގެންގޮސް ޝަހިއްތަ ބޭންދީ ވަރަށް ކުރީ ބަރިއެއްގައެވެ. އޭރު މުޅިގެ އޮތީ ފުރި ތޮއްޖެހިފައެވެ. އެ ދުވަހު ދެއްކީ މުޙައްމަދު އަމީނުގެ ރީތީގެ މުބާރާތެވެ. ފިލްމަށް ރޮނގުތައް އަރާ ޓޭޕަށް އިރުއިރުކޮޅުން މައްސަލަ ދިމާވަމުންދިޔައެވެ. ފިލްމު ނިމުން އިރު ވެސް އަޅުގަނޑަކަށް އަމީންދީދީ ވަކިކުރާކަށް ނޭނގުނެވެ. އެކަމަކު އެ ފިލްމު ވަރަށް ރީއްޗެވެ. ޚާއްޞަކޮށް އެ ފިލްމުގެ ރާގެވެ. އެއްފުރާ ކުދިން އެރޭ ޢިޝާ ނަމާދު ވަގުތު މިސްކިތް ދޮށުގައި އެ ފިލްމުގެ ވާހަކަ ދެއްކިއިރު އަޅުގަނޑު ބާކީ ނުވީ އެ ދުވަހު އެ ފިލްމު ފެނިފައި އޮތީމައެވެ.

 

އޭރު ޓީވީ ބެލުމަށް ރަށްރަށުގައި އެ އޮންނަނީ އަޖައިބެއް ކަހަލަ ފޯރިއެކެވެ. އެކަމަކު އަޖައިބު ވާނެ ތަނެއް ނެތެވެ. މާލެއަށް ފުރަތަމަ ޓީވީ ގެނެސް އަދި ފިލްމު އަޅުވާ ހަދަން ފެށި ޒަމާނުގައި އެ އޮތް ފޯރި އަދި މާބޮޑެވެ.

 

ފޮޓޯ ކްރެޑިޓް: ޙައްޤުވެރިފަރާތަށް.

No comments: