Friday, July 7, 2006

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު...

 


ޢަބްދުﷲ ސަޢީދު

ދެވަނަ ބޮޑުހަނގުރާމައަށް ފަހު ދުނިޔެ ދެކޭ އެންމެ ބިރުވެރި އަދި އެންމެ އަސަރުގަދަ މަންޒަރުތައް އެންމެންގެ ކުރިމަތީގައި ތަމްސީލުވަމުން ދަނީއެވެ. ކޯވިޑް-19 އާ ދެކޮޅަށް ދުނިޔެ ކުރަމުންދަނީ ވޭންދެނިވި ހަނގުރާމައެކެވެ. ކޮޅެއްމެދެއް ނުފެނެއެވެ. ހަނގުރާމައިގެ މައިދާން ދޫކޮށް ދެވޭކަށް ވެސް ނެތެވެ. ހަމަލާދެނީ ސީދާ ފުރާނައަށެވެ. ފަނާކޮށް ނެތިކުރަމުންދަނީ އިންސާނީ ނަސްލެވެ. ޤައުމުތަކުގެ ވެރިންނެއް، މޮޅުމީހެއް ދެރަމީހެއް މުއްސަނޖެއް ފަގީރެއް ނުބަލައެވެ. ހަމަލާގެ އަމާޒުފަތްގަނޑަކަށްވަނީއެވެ. ފިލަންދާނެ ތަނެއް ވެސް ނެތެވެ. އެވެސް މަރެވެ. މިވެސް މަރެވެ.

 

1939 އިން 1945 އަށް ކުރި ދެވަނަ ބޮޑު ހަނގުރާމައަކީ އިންސާނުންނާއި އިންސާނުންކުރި ހަނގުރާމައެކެވެ. މިއަދުގެ ތަފާތަކީ މި ހަނގުރާމައިގައި މުޅި އިންސާނިއްޔަތުގެ ދުޝްމިނަކީ އިންސާނާގެ ހަމަލޮލަށް ނުފެންނަވަރުގެ ކުޑަ ވައިރަސް އަކަށް ވީކަމެވެ. މި ހަނގުރާމައިގެ ބިރުވެރިކަމާ ނާމާންކަމަށް މުޅި ދުނިޔެ ގަންބާލައިއެވެ. އާންމު އަސްކަރީ ހަމަލާއަކުން މީހުން މަރުވާ އަދަދަށްވުރެ މާގިނައިން 24 ގަޑިއިރުގެ ތެރޭގައި އެއް ޤައުމަކުން މީހުން މަރުވަމުން އެބަ ދެއެވެ. މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފިއެވެ.

 

އިގުތިސާދުތައް ފުޑެމުން ފައިބަނީއެވެ. ދަތުރުފަތުރުތައް ހުއްޓާލަން މަޖުބޫރުވެއްޖެއެވެ. ޤައުމުތައް ފުރަބަންދުކޮށް ރައްޔިތުން ގެތަކަށް ވައްދަނީއެވެ. އެއްކޮށްފައިހުރި ބަރު ހަތިޔާރުތަކެއްގެ ބޭނުމެއް މި ހަނގުރާމައަކު ނުހިފެއެވެ. ޒަމާނީ ޓެކްނޮލޮޖީ އާއި މުއްސަނދިކަމުގެ ބޭނުމެއްނެތް ކަހަލައެވެ. ރައްޔިތުން މަރުވަމުންދާތަން ބަލަން ތިބުން ނޫންގޮތެއް ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކަށް ވެސް ނެތެވެ. އަސްކަރީ ގޮތުންނާއި މާލީގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ވެރިންގެ ލޮލުން ވެސް ކަރުނަތައް ފައިބަނީއެވެ. ގޮތް ހުސްވެގެންނެވެ.

 

މި ވަގުތު ހަނގުރާމައިގެ ކުރީ ސަފުގައި ތިބީ "ދަހަނާ" އަޅައިގެން ތިބީ ހިތްވަރުގަދަ ޑޮކްޓަރުންނާއި ނަރުހުންނެވެ. ޞިއްޙީ ޚިދުމަތްތެރިންނެވެ. އެ ފަރާތްތަކާއެކު އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަނީ ހިތްވަރުގަދަ ސިފައިންނެވެ. ޤައުމަށް ކޮންމެ ކަމެއް ދިމާވިޔަސް ފަހަތަށް ޖެހިގެން ނުވާނެ ޤައުމީ ދިފާޢީ ބާރުތަކެވެ. ސަލާމަތީ ޚިދުމަތްތަކެވެ.

 

މި ހަނގުރާމައަކީ ދުނިޔޭގެ ބާރުތަކުން އުންމީދު ނުކުރާ ހަނގުރާމައެކެވެ. ބައެއް ޤައުމުތަކަށް މިއީ ތައްޔާރުވެލަން ފުރުސަތު ނުލިބުނު ސަޕްރައިޒް އެޓޭކްތަކެކެވެ.

 

މި ޒަމާނުގައި ހަނގުރާމައިގެ ފަންނު (އާޓް އޮފް ވޯރ) އެ ބޭފުޅެއްގެ ވާހަކަފުޅުތަކަށް ބިނާވެފައިވާ ސުންޒޫ ވިދާޅުވެފައިވެއެވެ.

 

    "އާންމު ގޮތެއްގައި ހަނގުރާމައިގައި އެންމެ މޮޅު އިތުރުވެގެންވަނީ ޤައުމެއް އޮތްގޮތަށް ބަރުބާދުކޮށްލައި، އަތްދަށަށް ގެނައުމެއް ނޫނެވެ. އެ ޤައުމެއް ބަރުބާދުކޮށްލުމަކީ އެއަށްވުރެ ދެރަގޮތެކެވެ."

 

މިއަދު ދުނިޔޭގެ ޤައުމުތަކުން ފެންނަނީ މި މަންޒަރެވެ. މި ހަމަލާތައް ޤައުމުތަކަށް އަމާޒުވަމުން ދަނީ މި އިސްތިރާޖީގެ ދަށުންނޭ ހީވެއެވެ. ބޮޑެތި ޢިމާރާތަކާއި މުއްސަނދިކަން ހުރިތަނެއްގައި ހުރީއެވެ. ޓެކްނޮލޮޖީއާއި މާއްދީ ކުރިއެރުންތަކާ ތަރައްޤީގެ ވިދުންތައް ބަބުޅަބަބުޅާ ހުރީއެވެ. އެކަމަކު ވައިރޯޅިއެއްހެން މި ވަބާ ފެތުރެނީއެވެ. ބަލަބަލާ ތިއްބާ ޝިކާރައަކަށް ވަނީއެވެ. މީހުންތައް މަރުވެ ފުނިޖެހެނީއެވެ.

 

ބައިލޮޖިކަލް ހަތިޔާރާއި ހަމަލާތަކުގެ ވާހަކަ ދުނިޔެއަށް އަލެއް ނޫނެވެ. އެހެން ނަމަވެސް މިފަދަ ގޮތަކަށް ވައިރަހެއްގެ ޝިކާރައަކަށް މުޅި ދުނިޔެ ހަދާލަފާނެކަމަށް ހީކުރެވިފައި ވެސް ނުވަނީއެވެ. ދިފާޢީ ނިޒާމުތައް އެހާ ފަސޭހައިން ފޫއަޅުވާލެވުނީ އެހެންވެއެވެ. މި ދުޝްމިނަކީ ދުޝްމިނެއްކަން ވެސް ނޭނގުނީއެވެ. ދުނިޔޭގެ އަސްކަރިއްޔާތަކުން ހިފައިގެން ތިބީ ވެސް ސުންޒޫގެ އިސްތިރާޖީއެއްގައެވެ. އެކަމަކު އަދި މި ފެންނަނީ މި ހަނގުރާމައިގައި އިންސާނާ ބަލިވެފައިވާތަނެވެ.

 

    "އާންމު ގޮތެއްގައި ހަނގުރާމައިގެ މައިދާނަށް ކުރިން އައިސް ތައްޔާރީތައް ފުރިހަމަކޮށް ދުޝްމިނުންގެ އިންތިޒާރުގައި ތިބޭ ލަޝްކަރުތައް ތިބޭނީ ހަމަޖެހިލައިގެންނެވެ. ހަނގުރާމައިގެ މައިދާނަށް ލަހުން އައިސް އަވަސް އަރުވާލައި ތައްޔާރީތައް ފުރިހަމަނުކޮށް ހަނގުރާމަކުރުމަށް އަވަސްވެގަންނަ ލަޝްކަރުތައް ތިބޭނީ ވަރުބަލިވެފައެވެ."

 

އަލަށް ފެނިގެން މި އުޅޭ ކޮރޯނާ ވައިރަސް އަދިވެސް ވަރުބަލިވެގެން އުޅޭތީއެއް ނުފެނެއެވެ. އިންސާނުން އަސްކަރީ އެންމެމަތީ ހަނގުރާމައިގެ އުކުޅުތައް ދަސްކޮށް ތަމްރީނުވެ، ފަރިތަކޮށް އަދި ރިހާސް ކުރަމުން އައީ އަނެއް އިންސާނާއަކީ ދުޝްމިނެއް ކަމަށް ދެކިގެންނެވެ. އަވަށްޓެރި ޤައުމުތަކާމެދު ޝައްކުގެ ނަޒަރަކުން ދެކެމުންނެވެ. އެކަމަކު މި ވަރުގަދަ ހަމަލާ މުޅި އިންސާނިއްޔަތަށް މިދިނީ އެއީ ދިރޭ އެއްޗެއްތޯ ނުވަތަ ނޫންތޯ ސައިންސްވެރިން ބަހުސްކޮށްކޮށް ތިބި ކުޑަކުޑަ ވައިރަސް އެކެވެ.

 

މި ހަނގުރާމައިގައި އެއްވެސް އިންސާނަކަށް ރައްކާތެރިކަމުގެ ޔަގީންކަމެއް ނެތެވެ. ސަލާމަތެއް ނެތެވެ. މިއީ އާލަމީ ވަބާއެކެވެ. ނިއުކުލިއަރ ބާރަކަށް ވިޔަސް ދުޝްމަނުންނެއް ނުބަލައެވެ. ދުނިޔޭގެ ހަފަރާތަށް ފެތުރި ހުރިހާ ބައްރެއްގައި އެއް ފަހަރާ ހަނގުރާމަކުރުމުގެ ގާބިލުކަން ދުޝްމިނުންނަށް ލިބިގެންވެއެވެ. މި ވަރުގަދަ ބާރާ ދެކޮޅަށް ބޭނުންކުރާނެ ހަތިޔާރެއް ނެތޭ ކިޔާ އަޑު އިވެއެވެ.

 

އެކަމަކު އަޅުގަނޑުމެން މުސްލިމުން ދެކޭގޮތް ތަފާތެވެ. ކޮންމެ ހަނގުރާމައަކުން ވެސް ނަޞްރާއި ކާމިޔާބަށް ވާސިލުވެވޭނެ ހަތިޔާރު މުސްލިމުގެ އަތުގައި އެބަހުއްޓެވެ. ހުރިހާ ޒަމާނަކަށް، ހުރިހާ ހާލަތަކަށް އަދި ހުރިހާ ކަމަކަށް އެއީ އެންމެ އިފެކްޓިވް ހަތިޔާރެވެ. އެއީ ސަބަބުތަކުގައި ހިތްވަރާއި އަޒުމާއެކު ހިފަހައްޓައިގެން، އުންމީދާއި ޔަގީންކަމުގައި ތިބެ މުސްލިމުންކުރާ އިޚްލާޞްތެރި ދުޢާއެވެ. ދެވަނަ ބޮޑުހަނގުރާމައަށްފަހު މުޅި ދުނިޔެއަށް ފެތުރިގެން ހިނގާ މި ހަނގުރާމައިން ނަޞްރާއި ފަތަޙަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭނެއެވެ. ސުންޒޫ ވިދާޅުވެފައިވެއެވެ.

 

    "ތަނެއްދޮރެއް ނުދަންނަ ގަމާރަކަށް ވެސް ހަނގުރާމައިން ކާމިޔާބު ލިބޭނެކަން ޔަޤީންކޮށް ބުނަން އެނގޭ ހާލަތެއްގައި ކާމިޔާބު ލިބޭނެކަމަށް ބުނުމަކީ ހުނަރުވެރިކަމުގެ އެންމެމަތީ ދަރަޖައެއް ނޫނެވެ."

No comments: