Thursday, March 26, 2020

ކޯވިޑް19: ގަންނަން ލިބުނު ވަގުތު

 


ޢަބްދުﷲ ސަޢީދު

މިއީ ހިތްދަތި ވަގުތެކެވެ. އެކަމަކު މި ވަގުތު ގަންނަން އަޅުގަނޑުމެންނަށް ވަގުތު ލިބިއްޖެއެވެ. މި ވަގުތު ގަންނަން ލިބުނު ރަނުގެ ފުރުސަތުގައި އެތައްކަމެއް ދިވެހި ޤައުމުންކޮށްފިއެވެ. މި ވަގުތަކީ އަންނާނެ ވަގުތެއްކަން އެނގިތިބެއެވެ. ތައްޔާރު ވެވެން އޮތް އެންމެ ރަނގަޅަކަށް ތައްޔާރުވެވިއްޖެއެވެ.

 

ދެން އޮތީ މި ހާލަތާ ކުރިމަތިލުމެވެ. މާތްﷲގެ ވާގިފުޅާއެކު މި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުޅައުމެވެ. މިންވަރުފުޅަށް ރުހުމެވެ. މާޔޫސްވެ ކަންބޮޑުވެ ހާސްވުމުގެ ބަދަލުގައި މާތް ﷲއަށް ވަކީލުކޮށް ސަބަބުތަކުގައި ހިފައިގެން ކުރިއަށް ދިއުމެވެ.

 

ޤައުމެއްގެ ހަޔާތުގައި މިއީ މަދުންނޫނީ ކުރިމަތިލާންނުޖެހޭފަދަ އުނދަގޫ ހާލަތެކެވެ. ދުނިޔޭގެ ޤައުމުތަކުގެ ތެރެއަށް ކޯވިޑު-19ގެ ރާޅު ބިންދާލުމުން ކުރިމަތިވި ހިތްދަތިކަން އެންމެންނަށް ވެސް އެނގެއެވެ. އެ ރާޅު ފައިބައިގެން ދިޔައީ އެތައް ބައެއްގެ ފުރާނަޔާ އެކުގައެވެ. އެ މީހެއް މި މީހެއް ނުބަލައެވެ.

 

ރާއްޖޭގެ މުޖުތަމަޢުގެ ތެރެއަށް މިއަދު އެ ރާޅު ބިންދާލައިފިއެވެ. އެދެނީ އެފަދަ ހިތްދަތި މަންޒަރުތަކެއް މި ޤައުމުން ނުދެއްކެވުމެވެ. ދުނިޔޭގެ ކުރިއަރާފައިވާ މުއްސަނދި ބޮޑެތި ޤައުމުތައް ކުޑަކަކޫ މައްޗަށް ތިރިވެގެން ދިޔައިރު މި ރާއްޖެއަށް ވާނީ ކިހިނެއް ބާވައެވެ. އެހެން ހިތަށް އެރިއަސް އަސަރުކުރާނެއެވެ. މި ބައްޔަށް ދިވެހީންގެ ގިނަ އަދަދެއްގެ ބަޔަކު ފައްސިވެ، މަރުވެގެންދާތަން ދުށުމަކީ ހިތްއެދޭ ގޮތެއް ނޫނެވެ. ދެ ލޮލަށް ކަރުނަ ޖަމާވަނީ އެހެންވެއެވެ. ނަގާފާނެ ރާޅެއްގެ ބޮޑުކަން ތަސައްވުރު ކުރެވޭތީއެވެ. މި ބަލީގެ ނުރައްކާތެރިކަން ވިސްނޭތީއެވެ. އެންމެ މީހެއްގެ ފުރާނަ ވެސް ގެއްލެން ބޭނުން ނުވާތީއެވެ. ހަމައެންމެ މީހަކު ވެސް އެ ހިތްދަތި އަސަރުގަދަ މަރުގެ ވޭނާ ކުރިމަތިލާން ނޭދޭތީއެވެ. ޤައުމާއި ރައްޔިތުންދެކެ ލޯބިވާތީއެވެ.

 

މި ވަގުތަކީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި ކެތްތެރިކަމާއެކު ޢަމަލުކުރަންޖެހޭ ވަގުތެވެ. ތަކުރާރުކޮށް ކަމާބެހޭ ރަސްމީ އިދާރާތަކުން ދެއްވާ ނަސޭހަތްތަކާއި އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރަންޖެހޭ ވަގުތެވެ. ގޭގައި މަޑުކޮށް ދިނުމަށް އެދިކުރަމުންދާ އާދޭސްތަކަށް ބޯ ލަނބަންޖެހޭ ވަގުތެވެ. ގޭގައި ދުޢާކޮށް ދެއްވާށެވެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެއެވެ.

 

ސަރުކާރާއި ދިވެހިރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި މިކުރާ ބުރަ މަސައްކަތަށް ކާމިޔާބާއި ނަޞްރު ދެއްވާށިއެވެ. ޞިއްޙީ ޚިދުމަތްތެރިންނާއި އެހެނިހެން ފަރާތްތަކުން ކުރަމުންދާ އިޚްލާޞްތެރި ޤައުމީ ޚިދުމަތުގައި މާތް ﷲ ބަރަކާތް ލައްވާށި! އާމީން

حسبنا الله ونعم الوكيل

No comments:

ޤައުމީ ޚިދުމަތްތެރިންގެ ތެރެއިން: އައްސައްޔިދު ޢަލީ މޫސާ (މޫނިމާގޭ ސީދީ)

  ޢަބްދުﷲ ސަޢީދު  ގ.އޮސްލޯ، އައްސައްޔިދު ޢަލީ މޫސާ މަޝްހޫރުވެފައިވަނީ "މޫނިމާގޭ ސީދީ"ގެ ނަންފުޅުންނެވެ. މޫނިމާގޭ ސީދީ އަކީ، ކަ...