Saturday, March 28, 2020

ޒާހިދާއްތަގެ ތަޖުރިބާ




ޒާހިދާއްތަ އަކީ ދިވެހި ބޭސްވެރިއެކެވެ. ފޫޅުމައެކެވެ. އަޅުގަނޑަށް އެއީ ދިވެހި ބޭހުގެ "ޑޮކްޓަރ" އެކެވެ. އެހެން މީހުންނާ ޒާހިދާއްތަ ތަފާތީ އެކި ބަލިތަކާމެދު ވިސްނާ ފިކުރު ހިންގަވާގޮތެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު އިތުރުވެ ގިނަވަމުންދާ ބަލިތަކާމެދު ގެންގުޅޭ ތަފާތު ވިސްނުންތަކެވެ. ފެނިފައިވާ ތަންތަނާ ކުރެވިފައިވާ ތަޖުރިބާ ތަކުގެ އަލީގައި ހާމަކުރައްވާ ފިކުރުތަކެވެ. މި ޒަމާނުގެ ގޮތަށް ބަލާއިރު އެއީ އިތުރަށް ދިރާސާކުރަން ބޭނުންވާ ފަރާތްތަކަށް ހައިޕޮތެސިސް ތަކެކެވެ. ދިރާސާކުރަން ރަނގަޅު ބުނުންތަކެކެވެ.



އޯޓިޒަމް އިތުރުވާ ސަބަބު

ރާއްޖޭގައި އޯޓިޒަމް ދަނީ އިތުރުވަމުންނެވެ. އެ ބަލި ރާއްޖޭގައި އިތުރުވަމުން ދަނީ މިވެނިއެވެނި ސަބަބަކާ ހުރެޔޭ ބުނެ ހެދިފައިވާ ދިރާސާއެއް އަދި އަޅުގަނޑު ނުދެކެވެ. އެކަމަކު އޯޓިޒަމަކީ ވިރާސީ ގޮތުން ވާރުތަވާ ބައްޔެއްކަން އެނގެއެވެ. ޒާހިދާއްތަ ބުނުއްވަނީ އޯޓިޒަމް ބަލި  ރާއްޖޭގައި އިތުރުވަމުން ދިއުމާ  ދޭތެރެ ދުރުކުރުމަށްދޭ ބޭސްތަކާ ގުޅުމެއްވާކަމަށެވެ. "ދެމަފިރިއަކު ކައިވެނިކޮށް އެވަގުތު ދަރިއަކު ބޭނުންނުވާތީ ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރަންފަށާ. ދަރިއަކު ބޭނުންވެގެން ބޭސް ބޭނުންކުރުން ހުއްޓާލުމަށްފަހު ކުދިން ހޯދުމުން އޯޓިޒަމް ކުދިން ލިބުމުގެ ފުރުސަތު ބޮޑުވޭ. އެއީ ވަރަށް ބާރުގަދަ ބޭހެއް" ޒާހިދާއްތަ ބުނުއްވައެވެ. ޒާހިދާއްތަ ބުނުއްވާ ފަދައިން އެ ބޭހަކީ ތަފާތު ސައިޑްއިފެކްޓްތައް ހުންނަ ބޭހެއްކަމަށް ދިރާސާތަކުން ވެސް ދައްކައެވެ. ދޭތެރެ ދުކުރާ ބޭހާއި އިންޖެކްޝަން ބޭނުންކުރާ މީހުން ދަރިއަކު ހޯދުމާ ދޭތެރޭގައި ރައްކާތެރިކަމަށްޓަކައި އެތަކެތި ބޭނުންނުކޮށް ކުއްޖަކު ހޯދުމާ ދެމެދުގައި އެކަށީގެންވާ ވަގުތެއް ދޫކޮށްލަން ޑޮކްޓަރުން ވެސް ލަފާ ދެއްވައެވެ.

ސިސްޓް އުފެދުން އިތުރުވުން

ސިސްޓް އުފެދުމާ ގުޅިގެން އެ ބަލީގައި ބޭސް ބޭނުންކޮށް އެކަމުގެ ތަކުލީފު އުފުލަންޖެހޭ މީހުން ވަރަށް ގިނައެވެ. ޒާހިދާއްތަ ބުނުއްވާ ގޮތުގައި އެ ބަލި ރާއްޖޭގައި އިތުރުވަނީ އެތެރެ ކަޅުކޮށް ހުންނަ ޒަމާނީ ތެލީގައި ކައްކާކައި ހަދާތީއެވެ. ޒާހިދާއްތަ ބުނުއްވަނީ ޒަމާނީ ތެލިތަވާގައި އެތެރެ ކަޅުކޮށް ހުންނަހެން ގަދާފައި ހުންނަނީ ވަރަށް ބާރުގަދަ ކެމިކަލް ފާޑުގެ އެއްޗެއް ބޭނުންކޮށްގެން ކަމަށެވެ. އެކަމުގެ އަސަރު ކާތަކެއްޗަށް ކުރާނެކަމަށް ޒާހިދާއްތަ ޤަބޫލުކުރައްވައެވެ.ކެމިކަލަކީ ތަފާތު ބަލިތައް އިތުރުވެގެންދާ ސަބަބެކެވެ.

ލޭއަޅާ ބަލި އިތުރުވުން

ލޭއަޅާބަލި ނުވަތަ ތެލިސީމިއާ ބަލި ވެސް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. ޒާހިދާއްތަ ބުނުއްވަނީ ތެލިސީމިއާ ބަލި އިތުރުވަނީ މިޒަމާނުގައި ކުދިން ވިއްސާ ގޮތުން ކަމަށެވެ. މި ޒަމާނުގައި ކުދިން ވިއްސާއިރު ކުއްޖާ ވިހެއުމުން މަސްތުރަ ނުވަނީސް ފޫޅު ކެނޑުމަކީ ޒާހިދާއްތަ ކަންބޮޑުވެލައްވާ ކަމެކެވެ. "ވިހެއުމުން ފޫޅު ނުކަނޑާ މަޑުކޮށްލަން ޖެހޭނެ މަސްތުރަ ވަންދެއް. މަސްތުރަވީމާ ޖެހޭނެ ރަނގަޅަށް މަސް މޮޑެލަން. އެއަށްފަހު ފޫޅުކަނޑަށް ވާނީ." ޒާހިދާއްތަ ބުނުއްވިއެވެ.

ތެލިސީމިއާ ބައްޔަކީ އެ ބަލި ވާރުތަވާގޮތް ޒަމާނީ ހޯދުންތަކުގެ އަލީގައި ދެނެގަނެވިފައިވާ ބައްޔެކެވެ. އެއީ އެ ބަލި ވާރުވާގޮތް ހުންނަ ދެ މީހުންނަށް ލިބޭ ދަރިންގެ ތެރެއިން ފަންސަވީސް އިންސައްތަ ކުދިންނަށް ވާރުތަވާ ބައްޔެކެވެ. މި ޒަމާނުގައި ބަނޑުގައި ދަރިފުޅު ޣަރުބަ ގަތުމުން އެއީ ލޭ އަޅަންޖެހޭ ކުއްޖެއްކަން ނުވަތަ ނޫންކަން ކަށަވަރު ކުރެވެއެވެ.

ޒާހިދާއްތަ މިކަމަށް އިންކާރެއް ނުކުރައްވައެވެ. އެކަމަކު ވާރުތަވާ ސަބަބު (ތެލިސީމިއާ ބަލި ވާރުތަވާގޮތް ހުންނަ މީހުން) އުފަންވުމުގައި ޒާހިދާއްތަ ޤަބޫލުކުރައްވަނީ ވިއްސާގޮތް ދައުރެއް އަދާކުރާ ކަމަށެވެ. ތެލިސީމިއާ ބަލީގެ އިތުރުން ލޭ މަދުވާ ބައްޔަށް ހުށަހެޅިގެން ދިއުމުގައި ވެސް ކުދިން މި ޒަމާނުގައި ވިއްސާގޮތް މުހިންމު ދައުރެއް އަދާކުރާކަމަށް ޒާހިދާއްތަ ބުނުއްވައެވެ.

ޒާހިދާއްތަ ބުނުއްވާ ބުނުއްވުންތަކަކީ ފާއިތުވެދިޔަ ތަނުގައި ކުރެއްވުނު ތަޖުރިބާއާއި ފަރުވާކޮށްދެއްވި ފަރާތްތަކުގެ ވާހަކަތަކާއި މުޖުތަމަޢުން ފެންނަ ޙަޤީޤަތްތަކުގެ މައްޗަށް ބުނުއްވާ ބުނުއްވުން ތަކަކަށް ވެދާނެއެވެ.

ޒާހިދާއްތަ އަކީ ރަހިމުގެ ބަލިތަކާއި ވިހެއުމާ ގުޅިގެން އަންހެންވެރިންނަށް ދިމާވާ މައްސަލަތަކަށް ވެސް ދިވެހި ބޭސްކުރާ ބޭސްވެރިއެކެވެ. އެތައްެެއެތައް ބަޔަކަށް ބޭސްކޮށްދީ ﷲ ގެ ރަޙުމަތްފުޅާއެކު ރަނގަޅުކޮށްދީފައިވާ ކުޅަދާނަ ބޭސްވެރިއެކެވެ.  ހަކީމީ ފަރުވާއަކީ ޒަމާނީ ޑޮކްޓަރީ ބޭސް ފަރުވާއަށް ވުރެ މާ އިތުބާރުހުރި ފަރުވާއެއް ކަމަށް ޒާހިދާއްތަ ބުނުއްވައެވެ. ޒާހިދާއްތަގެ ފޯނު ނަންބަރަކީ  9699289 އެވެ.  ދިވެހި ބޭސް ފަރުވާއެއް ޒާހިދާއްތަ ލައްވައި ކުރުމަށް ބޭނުންނަމަ ގުޅުއްވާށެވެ.

އަޅުގަނޑު އެދެނީ ޒާހިދާއްތައަށް ބާއްޖަވެރި ހަޔާތަކާއި ފުރިހަމަ ޞިއްޙަތެކެވެ. އަދި އިންސާނީ  އަގުހުރި ޚިދުމަތުގައި ކާމިޔާބާއި ކުރިއެރުމެވެ. 



No comments:

ޤައުމީ ޚިދުމަތްތެރިންގެ ތެރެއިން: އައްސައްޔިދު ޢަލީ މޫސާ (މޫނިމާގޭ ސީދީ)

  ޢަބްދުﷲ ސަޢީދު  ގ.އޮސްލޯ، އައްސައްޔިދު ޢަލީ މޫސާ މަޝްހޫރުވެފައިވަނީ "މޫނިމާގޭ ސީދީ"ގެ ނަންފުޅުންނެވެ. މޫނިމާގޭ ސީދީ އަކީ، ކަ...